މެޑްރިޑް (ފެބްރުއަރީ 19) - ސްޕެނިޝް ލީގުގައި ރޭ އޮސަސޫނާ އަތުން 3-0 އިން މޮޅުވެ، ރެއާލް މެޑްރިޑުން ލީގުގެ އެއް ވަނައިގައި އޮތް ބާސެލޯނާއާ ފަސް ޕޮއިންޓަށް ގާތަށް ޖެހިލައިފި އެވެ.
ބާސެލޯނާ އެއް ވަނައިގައި އޮތީ، 21 މެޗުން 56 ޕޮއިންޓާ އެކު އެވެ. ރޭ ރެއާލުން ހޯދި މޮޅާ އެކު އެ ޓީމުން ވަނީ 22 މެޗުން 51 ޕޮއިންޓް ހަަމަކޮށްފަ އެވެ.
ރަށުންބޭރުގައި އޮސަސޫނާއާ ދެކޮޅަށް ރެއާލުން ރޭ ކުޅުނު މެޗަށް ނުކުތްއިރު، ރެއާލްގެ ކެޕްޓަން، ކަރީމް ބެންޒެމާ އަނިޔާގެ ސަބަބުން ނުކުޅެ އެވެ. ބެންޒެމާ ނުކުޅުވީ ޗެމްޕިއަންސް ލީގުގައި މި ހަފްތާގައި ލިވަޕޫލާ ކުޅެން ޖެހޭ މެޗަށް އޭނާ ފިޓްކޮށް ބެހެއްޓުމަށެވެ.
ރެއާލުން މި މެޗުގައި ލަނޑެއް ޖަހަން ކުރި މަސައްކަތް ކާމިޔާބުވީ މެޗުގެ 78 ވަނަ މިނިޓްގަ އެވެ. ރެއާލްގެ ވިނީޝިއުސް ޖޫނިއާ ދިން ބޯޅައަކުން، ފެޑެރީކޯ ވަލްވޭޑޭ ވަނީ ހަމަޖެހިލައިފައި ގޯލުގެ ތެރެއަށް ބޯޅަ ފޮނުވާލައިފަ އެވެ. މެޗުގައި ރެއާލުން ދެ ވަނަ ލަނޑު ކާމިޔާބުކުރީ އިތުރު ވަގުތުގަ އެވެ. ޒުވާން ކުޅުންތެރިޔާ، އަލްވާރޯ ރޮޑްރިގޭޒާ ގުޅިގެން ކުރި މި އެޓޭކުގައި ރެއާލްގެ ދެ ވަނަ ލަނޑު ޖެހީ މާކޯ އަސެންސިއޯ އެވެ.
މި މެޗުގައި އޮސަސޫނާ އިން ވަނީ ރެއާލްގެ ވިނީޝިއުސް އަށް އަމާޒުކޮށް ގިނަ ފައުލުތަކެއް ކޮށްފަ އެވެ. އެކަމާ ރެއާލްގެ ކުޅުންތެރިން ވަނީ ވަރަށް ބޮޑަށް ހިތްހަމަނުޖެހުން ފާޅުކޮށްފަ އެވެ.
މެޗަށް ފަހު ރެއާލްގެ ކޯޗު ކާލޯ އަންޗެލޮޓީ ވަނީ ޕްރެޝަރު ދަނޑިވަޅުތަކުގައި ކުޅެން ޖެހުނު ކަމަށް ވިޔަސް ނަތީޖާ ނެރުމުގައި އެ ޓީމުން ދައްކަމުން އަންނަ ސާބިތުކަމަށް ތައުރީފުކޮށްފަ އެވެ.












