މިހާރަކަށް އައިސް މަކަރާއި ހީލަތުން ކަސްޓަމަރުންގެ އިންޓަނެޓް ބޭންކިން ޔޫސާނޭމް އަދި ޕާސްވޯޑް ހޯދައިގެން އިންޓަނެޓު ބޭންކިން އަށް އެކްސެސްވެ، ފިހާރަތަކަށް އެޕް މެދުވެރިކޮށް ކިއު އާރު ޕޭމަންޓްތައް ހަދަމުން އަންނަކަން ފާހަގަކުރެވި އެކަމަށް ސަމާލުވުމަށް ބޭންކް އޮފް މޯލްޑިވްސް (ބީއެމްއެލް) އިން އިލްތިމާސް ކޮށްފި އެވެ.
ބީއެމްއެލް އަދި އެކި މުއައްސަސާތަކުގެ ނަމުގައި ފޮނުވާ ސްކޭމް މެސެޖުތަކުގައި ހުންނަ އެއްވެސް ލިންކެއް ނުހުޅުވުމަށް އެ ބޭންކުގެ ކަސްޓަމަރުންގެ ކިބައިން ވަނީ އެދިފަ އެވެ.
އަދި، އިންޓަނެޓް ބޭންކިން އަށް ލޮގިންވާ ކޮންމެ ފަހަރަކު ބޭންކުން ނޮޓިފިކޭޝަން ކޮންމެފަހަރަކު ވެސް ފޮނުވާނެ ކަމަށާއި ކަސްޓަމަރަށް ނޭގި ލޮގިން ކޮށްފިނަމަ ވަގުތުން އިންޓަނެޓް ބޭންކިންގ ޕާސްވޯޑް ރިސެޓްކުރުމަށް ވެސް ބީއެމްއެލުން އިލްތިމާސް ކުރި އެވެ. އަދި، އެއްވެސް ފަރާތަކާ އިންޓަނެޓް ޔޫސަނޭމް އަދި ޕާސްވޯޑް ހިއްސާ ނުކުރުމަށް ވެސް އެދުނެވެ.
މީގެ ކުރިން ސްކޭމްތަކުގައި އާންމުކޮށް އީމެއިލް ކޮންމްޕްރޮމައިޒްވުމުގެ ނަތީޖާއެއްގެ ގޮތުން އީމެއިލަށް ލިބޭ އޯޓީޕީ، ސްކޭމް ހިންގާ ފަރާތްތަކަށް ލިބި، ކަސްޓަމަރުންގެ އެކައުންޓުން ޓްރާންސެކްޝަންތަކެއް ހެދުމުގެ ފުރުސަތު ހުއްޓުވުމުގެ ގޮތުން ބޭންކުންވަނީ އީމެއިލް މެދުވެރިކޮށް އޯޓީޕީ ފޮނުވުން ހުއްޓާލާފަ އެވެ.
ދުނިޔޭގެ އެހެން ގައުމުތަކާ އެއްގޮތަށް ރާއްޖޭގައި ވެސް މަކަރާއި ހީލަތުން މީހުންގެ އަތުން ފައިސާ ހޯދުމުގައި ދަނީ އެކި އުކުޅުތައް ބޭނުން ކުރަމުންދާ ކަމަށް ބީއެމްއެލުން ބުންޏެވެ.
މަކަރާއި ހީލަތުން ފައިސާ ހޯދަމުންދާ ގޮތްތަކަށް ބަދަލުތައް އަންނަމުންދާއިރު، އެ ބޭންކުން ވެސް ކަސްޓަމަރުންގެ ރައްކާތެރިކަމަށް މަސައްކަތްތައް ކުރަމުންދާ ކަމަށާއި ކަސްޓަމަރުންގެ ކިބައިން އެދެނީ ސްކޭމް ހިންގާ ފަރާތްތަކުން ބޭނުންކުރާ އުކުޅުތައް ދެނެގަނެ، އެއްވެސް ޒާތީ މައުލޫމާތެއް އެހެން ފަރާތަކާ ހިއްސާ ނުކުރުމަށް ކަމަށް ބީއެމްއެލުން ބުންޏެވެ.










