މެޑްރިޑް (ފެބްރުއަރީ 16) - ސްޕެނިޝް ލީގުގައި ރޭ އެލްޗޭ އަތުން 4-0 އިން މޮޅުވެ، ރެއާލް މެޑްރިޑުން ލީގުގެ އެއް ވަނައިގައި އޮތް ބާސެލޯނާއާ ދެމެދު އޮތް ފަރަގު އަށް ޕޮއިންޓަށް ކުޑަކޮށްފި އެވެ.
ބާސެލޯނާ އެއް ވަނައިގައި އޮތީ 21 މެޗުން 56 ޕޮއިންޓް ހޯދައިގެންނެވެ. ދެ ވަނައިގައި އޮތް ރެއާލަށް ވަނީ 21 މެޗުން 48 ޕޮއިންޓް ލިބިފަ އެވެ. ތިން ވަނައިގައި އޮތް ރެއާލް ސޮސިއެޑާޑަށް ވަނީ 21 މެޗުން 42 ޕޮއިންޓް ލިބިފަ އެވެ.
ދާދި ފަހުން، ފަސް ވަނަ ފަހަރަށް ފީފާ ކްލަބް ވޯލްޑް ކަޕްގެ ޗެމްޕިއަންކަން ހޯދި ރެއާލުން ރޭ ސްޕެނިޝް ލީގުގައި އަމިއްލަ ސަޕޯޓަރުން ކުރިމަތީގައި އެލްޗޭއާ ދެކޮޅަށް ކުޅުނު މެޗުގައި ލީޑުނެގީ އަށް ވަނަ މިނިޓްގަ އެވެ. ބޯޅަ ހިފައިގެން ވަދެ، މާކޯ އަސެންސިއޯ ޖެހި ބޯޅަ އަމާޒުވީ ގޯލުގެ ތިރީ ކަނަށެވެ.
ރެއާލުން ލީޑުފުޅާކުރީ 31 ވަނަ މިނިޓްގައި ކަރިމް ބެންޒެމާ ޖެހި ޕެނަލްޓީންނެވެ. މިއީ ބެންޒެމާ ބޮލުން ފޮނުވާލި ބޯޅައެއް އެލްޗޭގެ އެންޒޯ އަތުގައި ޖެހުމުން ދިން ޕެނަލްޓީ އެކެވެ. ފުރަތަމަ ހާފުގެ އިތުރު ވަގުތުގައި ރެއާލަށް ލިބުނު ދެ ވަނަ ޕެނަލްޓީ ވެސް ކާމިޔާބުކޮށް ބެންޒެމާ ވަނީ އެ ޓީމަށް ބޮޑު ލީޑަކާ އެކު ހާފު ނިންމާލަން ފުރުސަތު ފަހިކޮށްދީފަ އެވެ. މި ދެ ގޯލާ އެކު ބެންޒެމާ ވަނީ ލީގުގައި 11 ގޯލު ހަމަކޮށްފަ އެވެ. އެއީީ ލަނޑު ލިސްޓުގެ ކުރީގައި އޮތް ރޮބަޓް ލެވަންޑޯސްކީ އަށް ވުރެ ތިން ގޯލު މަދު އަދަދެކެވެ.
ދެ ވަނަ ހާފުގައި ރެއާލުން ވަނީ އެ ޓީމުން މެޗުގައި ޖެހި ހަތަރު ވަނަ ގޯލު ކާމިޔާބުކޮށްފަ އެވެ. މެޗުގެ 80 ވަނަ މިނިޓްގައި، މި ލަނޑު ޖެހީ އޭރިއާތެރެއިން ގޯލުގެ މަތީ ކަނަށް ބޯޅަ ފޮނުވާލައިގެން، ލޫކަ މޮޑްރިޗް އެެވެ.
މެޗަށް ފަހު ރެއާލްގެ ކޯޗު ކާލޯ އަންޗެލޮޓީ ބުނީ ސީޒަންގެ މުހިންމު ހިސާބެއްގައި ރެއާލުން ނަތީޖާ ނެރުމުގައި ތަފާތު ދައްކަމުން އަންނައިރު، މޮޅަށް ކުޅޭތަން ފެނުމަކީ މީގެ އޭނާ އަށް ލިބޭ އެންމެ ބޮޑު ހިތްހަމަޖެހުން ކަމަށެވެ.












