ގދ. ގައްދޫގައި މިހާރު ކުރިއަށްދާ "ކަޅެގަލެކޮޑާ" މުބާރާތުގެ އޯޕަން ޑިވިޝަންގެ ސެމީ ފައިނަލަށް ނުގޮސް މިދިޔަ އަހަރުގެ ލީގު ޗެމްޕިއަން އަހުމަދު އާގިލް (އައްމަޑޭ) ، ކުރީގެ ޗެމްޕިއަން ހުސައިން އަރީފް (އިބޫ)ގެ އިތުރުން 2021ގެ ގައުމީ ޗެމްޕިއަން ހޫދު އަހުމަދު ކެޓިއިރު، 12 އަހަރުގެ ޔޫސުފް ކަޔާން ހަމްދާން ޒަކީ ސެމީ ފައިނަލުން ޖާގަ ހޯދައިފި އެވެ.
ކަޔާން، 12، ސެމީ ފައިނަލުން ޖާގަ ހޯދީ ކުއާާޓާ ފައިނަލު ހީޓު ތިނެއްގައި ގައުމީ ޓީމުގެ ޖައިލަމް ނިޒާރު ބަލިކޮށްގެންނެވެ. ކަޔާން ދެ ރާޅުން 9.07ގެ ސްކޯ އެއް ހޯދިއިރު، ޖައިލަމް އަށް ލިބުނީ 8.54ގެ ސްކޯ އެކެވެ.
މުބާރާތުގެ ކުއާޓާ ފައިނަލުގައި އެންމެ ފޯރިގަދަކޮށް ދިޔައީ ގައްދޫގެ ދެ ރާޅާ އެޅުންތެރިން ކަމަށްވާ އިސްމާއިލް ރަޝީދު (ސްމައިލީ) އާއި ހޫދު އެޅި ހީޓާއި، ހަސަން ނާސިހު (ޗިކާ) އާއި ހޫދު އެޅި ހީޓެވެ. ކުއާޓާ ފައިނަލު ހީޓު އެކެއްގައި ހޫދުގެ މައްޗަށް މުޅީ މުބާރާތަށް ބަލާއިރު، އެންމެ ފޯމުގައި ހުރި ސްމައިލީ ކުރި ހޯދީ 14.50ގެ ސްކޯއަކުންނެވެ. ހޫދަށް ލިބުނީ 12.33ގެ ސްކޯއެކެވެ.
ދެ ވަނަ ހީޓުގައި އިބޫ ބަލިކޮށް ޗިކާ ވަނީ ސެމީ ފައިނަލުން ޖާގަ ހޯދައިފަ އެވެ. އިބޫގެ މައްޗަށް ޗިކާ ކުރި ހޯދީ 12.83 ގެ ސްކޯ އަކުންނެވެ. ރާއްްޖޭގެ ސާފިން ލެޖެންޑު އިބޫ އަށް ލިބުނީ 11.77ގެ ސްކޯ އެކެވެ. ސެމީ ފައިނަލުގައި ޗިކާ ނިކުންނާނީ ސްމައިލީ އާ ދެކޮޅަށެވެ.
ސެމީ ފައިނަލުން ޖާގަ ހޯދި ކަޔާން ނިކުންނާނީ ކުއާޓާ ފައިނަލް ހީޓު ހަތަރެއް ކާމިޔާބުކުރީ ނަޖާހު މުހައްމަދު (ކަނބޯ)އާ ދެކޮޅަށެވެ. ކަނބޯ ވަނީ މުހައްމަދު ޒަޔާން (ޗޮއްޕު) 12.66ގެ ސްކޯއަކުން ބަލިކޮށް ސެމީ ފައިނަލުން ޖާގަ ހޯދައިފަ އެވެ. މި ހީޓުގައި ޗޮއްޕު އަށް ލިބުނީ 10.83ގެ ސްކޯ އެކެވެ.
މިދިޔަ އަހަރުގެ ގައުމީ ލީގުގެ ޗެމްޕިއަން އަހުމަދު އާގިލް (އައްމަޑޭ) ކެޓީ ގަދަ 16 ގަ އެވެ. ސްމައިލީ، ޗިކާ، މުހައްމަދު އިރުޝާދު (ބިއްލޫ) އާ ވާދަކޮށް އައްމަޑޭ ދިޔައީ ހީޓުގެ ފުލަށެވެ. މި ހީޓުގެ ކުރި ހޯދައި ސްމައިލީ އާއި ޗިކާ ކުއާޓާ އިން ޖާގަ ހޯދި އެވެ.
ރ.ރަސްމާދޫގެ ދެ ބެއިންނާއި ގދ.ގައްދޫގެ ދެ ބެއިން ވާދަކުރި ގަދަ 16ގެ ހީޓު ދޭކުން ކުރި ހޯދީ އިބޫ އާއި ހޫދު އެވެ. މި ހީޓުން ކުއާޓާ އަށް ނުގޮސް ކެޓީ އިބޫގެ ކޮއްކޮ އަބްދުﷲ އަރީފް (ފުކު) އާއި ހޫދުގެ ކޮއްކޮ އަލީ އަހުމަދު އެވެ.
ގަދަ 16 ހީޓު ތިނަކުން ކުރި ހޯދައި ދެ ވަނަ ބުރުން ޖާގަ ހޯދީ ޗޮއްޕު އާއި ޖައިލަމް އެވެ. ހީޓު ހަތަރަކުން ކުރި ހޯދީ ކަނބޯ އާއި ކަޔާން އެވެ.
ކަޅެގަލެކޮޑާ 2023ގައި މިއަހަރު ކުރިއަށްދަނީ ފިރިހެން އޯޕަން ބައިގެ އިތުރުން ޖޫނިއާ ބައެވެ. 18 އަހަރުން ދަށުގެ އެތުލީޓުން ވާދަކުރާ ޖޫނިއާ ބައިގެ ސެމީ ފައިނަލުގައި ވާދަކުރާ ސާފަރުންވެސް މިހާރުވަނީ ފައިނަލްވެފަ އެވެ.
ޖޫނިއާ ބައިގެ ސެމީ ފައިނަލް ހީޓު އެކެއްގައި ޔޫސުފް ކަޔާން ނިކުންނާނީ ކަޔާން އަބްދުﷲ އަރީފްއާ ދެކޮޅަށެވެ. ސެމީގެ ދެވަނަ ހީޓުގައި ޗޮއްޕު ނިކުންނާނީ ޔާސިން އަހުމަދު ނާޝިދުއާ ދެކޮޅަށެވެ.
ޖޫނިއާ އަދި އޯޕަން ބައިގެ ސެމީ ފައިނަލާއި ފައިނަލް ހީޓ ވެސް މިއަދު ކުރިއަށްދާނެކަމަށް މޯލްޑިވްސް ސާފިން އެސޯސިއޭޝަން (އެމްއެސްއޭ) އިން މައުލޫމާތުދެ އެވެ.












