ހިތަށް ކުޅަދާނަ މިންވަރަކަށް!

ހިތަށް ކުޅަދާނަ މިންވަރަކަށް!

މިއަދު ރާއްޖޭގެ މާވިއްކާ ފިހާރަތަކުން ރަތް ފިނިފެންމާ ހުސްވާނެއެވެ. ޗޮކުލެޓު ފިހާރަތަކާއި ސެންޓު ފިހާރަތަކުގެ ދޮށުގައި ކިއުޖެހޭ މީހުން ގިނަވާނެއެވެ. އެކި މަންސަތަކުގައި އިޝްޤީ ލޯބީގެ ޝިޢާރުތައް ފާޅުކުރާ މިންވަރު އިތުރު ވާނެއެވެ. ކައިވެންޏާއި ރައްޓެހިވުމަށް އެދި ހުށަހެޅުންތައް ހުށަހަޅާ މީހުންގެ ޢަދަދުވެސް ނިސްބަތުން އިތުރުވުން އެކަށީގެންވެއެވެ. ޖައްވުގައި ދައުރުވާ ވައިވެސް "އެކި ރާގު އިއްވައިދޭ" ދުވަހަކަށް މިއަދު ވާނެއެވެ. މިއަދު ދުވާރުގެ ގާތަކުގެ ތެރެއިންވެސް ހިފެހެއްޓުމެއް ނެތި ލޯބި ކޯދުލާނެއެވެ.

މިހާހިސާބުން މަޑުޖައްސާލަމާ ހިނގާށެވެ. "ހިފެހެއްޓުމެއް ނެތް" މިއީ ހާދަހާ ނުރައްކާތެރި ޢިބާރާތެކެވެ. އިޝްޤީ ލޯތްބަކީ ޒާތެއްގެ އެއްޗެކެވެ. މިނިވަންކަމާއެކު ކުރެވޭ އިހުސާސެއްކަމަކު، އެ އިހުސާސްގެ މައްޗަށް ބާރުފޯރުވާ ދީނީ އަދި އަޚުލާޤީ މިންގަނޑުތަކަކާއި އިޖުތިމާޢީ އުސޫލުތަކަކާއި ޤާނޫނީ އިންތަކެއް ހިމެނޭ އިހުސާސެކެވެ. ވަކި އިމެއްގެ ތެރޭގައި ގެންގުޅެންޖެހޭ އިހުސާސެކެވެ. ވާހަކަތަކާއި ފިލުމުތަކުގައި އެ ދައްކާފަދަ، ދުނިޔޭގެ ފިކުރާއި، ދިރިއުޅުމުގެ މަޖުބޫރީ އާއި، ތަދުބީރުގެ ޕްލޭންތަކުގެ މައްޗަށް ކޮންމެ ކޮންމެ ފަހަރަކު ގަދަވެވޭ އިހުސާސެއް ނޫނެވެ. މިއަދު ލިޔާ ކާޑުގައި ޢުމުރުދުވަހު ލޯބިދޭން އެ ވާ ވަޢުދުގެ ބުރަދަން ހަނދާންހުންނަނީ ކިތައް ބައިވެރިންބާވައެވެ؟ އެހެން އިންސާނެއްގެ އެންމެ ނާޒުކު އިހުސާސްތަކުގައި ތިމާ ބައިވެރިވާއިރު، މި ނެގެނީ ކިހާވަރެއްގެ ޒިންމާއެއް ކަމާމެދު ފިކުރުކޮށްލަނީ ކިތައް މީހުން ހެއްޔެވެ؟

ހަނދާ ތަރިތައް ގެނެސް އުނގަށް ލައިދޭނަމޭ މިއަދު ބުނެފާނެއެވެ. މާދަމާ ކައިވެނީގެ ޒިންމާ ކޮނޑުއަޅައި، ދެމަފިރިންގެ ވާޖިބު އަދާކުރަންޖެހުމުން، ތަރިރުހަނދު ކީއްކުރަން، ފެނާއި ކަރަންޓު ބިލުގެ މައްސަލަވެސް އޮންނަނީ ވަރިފަށަށް އަރަން ބަހަނާއަކަށް ވެދާ ހިސާބުގައެވެ. މައްސަލައަކީ ކޮބާ ހެއްޔެވެ؟ ކޮންމެ މީހަކުވެސް ބައިވެރިއެއްގެ ކިބައިގައި ހުންނަން އެދޭ ހުރިހާ ސިފަތަކެއް ހެއްޔެވެ. ކޮންމެ ބައިވެރިއަކީ ޚިޔާލީ ފިލްމުތަކާއި ވާހަކަތަކުގެ ޝަޚުޞިއްޔަތުތަކަށް ވުމަށް އެދެވޭ އެދުން ހެއްޔެވެ؟ ގުޅުމުގެ ޅަފަތުގައި ބައިވެރިން އެކަކު އަނެކަކު ރުއްސުމުގެ މަޤްޞަދުގައި ގަސްދުގައި ލޮލުގައި އަޅުވާ އަނދުންހެއްޔެވެ؟ ބައިވެރިޔާ ބޭނުންވާ "ގޮޅިއަށް" ފެތެންވެގެން ތިމާ އަމިއްލައަށް ފިތިގެން ހަދާ މަކަރުހެއްޔެވެ؟ ބައިވެރިޔާ ރުއްސުމަށްޓަކައި، ތިމާގެ ހިތާއި، ސިކުނޑި އާއި ޖީބަށްވެސް ކުޅަދާނަ ނުވާވަރަށް ކުރެވޭ މަސައްކަތްހެއްޔެވެ؟ ހަނދާން ނެތެނީ، އެފަދަ މަސައްކަތުން ކާމިޔާބުކުރާ ގުޅުމެއް ދެމެހެއްޓުމަށްވެސް އެހާ މަސައްކަތްކުރަން ޖެހޭނޭކަމެވެ. ކަމުނުދަނީ "ކާމިޔާބުވީމާ" ފަރުވާކުޑަކޮށްލާ އުޞޫލެވެ. ކޯކުފުޅިއަކުން އެއްތަށި އަޅާއިރު މައްޗަށް އެ އަރާ ފޮނު ފަދަ އެއްޗަކަށް މި މަސައްކަތްތައް ވާކަމެވެ.

އިޚުލާސްތެރިކަމާއެކު ތިމާގެ ހިތުގެ އިހުސާސްތައް ފާޅުކުރަން ޖެހިލުން މިވަނީ ޒަމާނަށް އައި ބަދަލުތަކާހެދި ހެއްޔެވެ؟ ކޮންމެ ކައިވެނި ހަފުލާއެއްގައި ބަޑިބޭހުގެ ކުޅިވަރު ކުޅެންޖެހޭ ޒަމާނުގައި ދިރިއުޅެވޭތީ ހެއްޔެވެ؟ މިއިން ކޮންމެ ބަޑިބޭހެއްގެ އަޑުފައްގަނޑުގައި ފަރުދާވެފައިވަނީ ކިތައް ގެވެށި އަނިޔާ ބާވައެވެ؟ ކައިވެނީގެ ހުދު ހެދުމުގެ ފަސްބައިގައި ވަނީ ކިތައް "ލައްގަނޑު" ބާވައެވެ. ހަފުލާގެ ސުފުރާމަތި ފަޅުފިލުވާލެވުނީ ކިތައް މީހުންގެ ޖީބު ފޫއެޅިގެން ބާވައެވެ؟

ލޯބީގެ ގުޅުމުގެ ބިންގަލަކީ މަލަމަތިން އުފާވެރިކަން ދެއްކުމަށް ދަރަނިވެރިވި ދެ ބައިވެރިންކަމުގައި ނުހަދަމާ ހިނގާށެވެ. އެ ބިންގަލުގެ މައްޗަށް ރާނާ ފާރުތަކަކީ ވާރޭފެން ފޮދަކުން ގިރިގެން ދާފަދައިން ސައިބޯނިން ރާނާ ފާރަކަށް ނުހަދަމާ ހިނގާށެވެ. އެ ފާރު ހިމާޔަތްކުރަން އަޅާ ފުރާޅަކީ ޒިންމާތަކުން ރެކެން ދިއްކުރާ އައްޑަނައަކަށް ނުހަދަމާ ހިނގާށެވެ. މިނިވަން ޚިޔާލުގެ މި ޒަމާނުގައި، އިޝްޤީ ލޯބީގެ އިހުސާސްތަކާމެދު އިޚުލާސްތެރިވަމާ ހިނގާށެވެ. ލޯބީގެ ކޮންމެ ބާވަތެއްގައިވެސް ހައްދުތަކެއް ވަނީ ސަބަބުތަކެއް އޮތީމައެވެ. އިޝްޤީ ލޯބިވެސް ހަމަ އެފަދައެވެ. ހަމަ އަސްލުވެސް، އެދޭނަމަ ލޯބިވާންވީ ހިތަށް ކުޅަދާނަ މިންވަރަކަށެވެ.

ކޮމެންޓް

ފަހުގެ ޚަބަރު

ރަސްކަމުގައި ދެމިހުރުމަށް ކުޅުނު ނުރައްކާތެރި ސިޔާސީ ކުޅިގަނޑު

އިންޑިއާ ކަނޑުތެރޭ ފެތުރިފައިވާ ނާޒުކު މުރަކަ ފަރުތަކުގެ ނަލަ ނަލަ ރަށްތަކެއްގެ މައްޗަށް އެކުލެވިގެންވާ މި ގައުމަކީ އެޒަމާނުގައި މުހިންމު ބޭނުންތައް ހިފޭ ވަރަށް އަގުހުރި ތަކެތި ލިބޭ އުފެއްދުންތެރި ޖަޒީރާތަކެކެވެ.

އަނިޔާގެ ވާހަކަތައް ސިއްރުކުރުމުގެ ސަގާފަތް ހުއްޓާލަން ޖެހޭ

ހުވަދު އަތޮޅުގެ ރަށެއްގައި އަންހެނަކަށް ދިން ލާއިންސާނީ އަނިޔާތަކާ ގުޅިގެން ނުވަ މީހަކު ހައްޔަރުކޮށްފައިވާއިރު، މި ހާދިސާއާ ގުޅިގެން ސޯޝަލް މީޑިއާގައި އަނިޔާ ލިބުނު މީހާ ކުށްވެރިކޮށް ފާޑުކިޔުން ވަނީ އިތުރުވެފައެވެ. ޖިންސީ އަނިޔާގެ ޒިންމާ އަނިޔާ ލިބޭ މީހާގެ ބޮލުގައި އެޅުވުމުގެ މި ނުރައްކާތެރި ސަގާފަތް ހުއްޓާލައި، ކުށް ކުރާ މީހުން ޒިންމާދާރުކުރުވުމަށް އިސްކަންދޭން ޖެހެއެވެ.

މުއިއްޒުގެ ޝަހުސިއްޔަތާއި، ނަފުސިއްޔަތު އަދި ޒާތީ މައްސަލަތައް

މި ލިޔުމުގައި އަލިއަޅުވާލާފައިވަނީ ރައީސް މުއިއްޒުގެ ވެރިކަމުގައި އެމަނިކުފާނުގެ އަނބިކަނބަލުން ސާޖިދާ މުހައްމަދުގެ ނުފޫޒު އިންތިހާއަށް ގަދަވެފައިވާ ކަމަށާއި، މިއީ ގައުމަށް އޮތް ގޮންޖެހުމެއް ކަމަށެވެ. އަދި ރައީސްގެ ކިބައިގައި ހިކުމަތްތެރިކަމާއި ސިޔާސީ ގާބިލުކަން ކުޑަވުމުގެ ސަބަބުން، ފަސްޓް ލޭޑީގެ ދައުރު އޮންނަންޖެހޭ މިންވަރަށް ވުރެ ބޮޑުވެ، ދައުލަތުގެ ކަންކަމުގެ ތެރެއަށް ނުފޫޒު ފޯރުވަމުންދާކަން މި ލިޔުމުގައި ފާހަގަކޮށްފައިވެއެވެ.

ޖަމިއްޔަތުއްސަލަފުގެ ބަޔާން ލަސްވަނީ ކީއްވެތޯ އެވެ؟

ޖަމިއްޔަތުއްސަލަފް ބަދަލުވެފައިވާ މިންވަރަށް ބަލާއިރު، ރަސްމާލެ ޕްރޮޖެކްޓާމެދު އައު ތަނަވަސް ވިސްނުމެއް އޮތުމަކީ އެކަށީގެންވާ ކަމެކެވެ. ނަމަވެސް އެކަން ހާމަކުރުމުގެ ޒިންމާ އަދާކުރުމުގައި ފަހަތަށް ޖެހެނީ ކީއްވެތޯ އެވެ؟

ރަސްމާލެ މަޝްރޫއު: ލީޑަރެއްގެ ނުފޫޒަށްވުރެ ގައުމު ބޮޑު

ރަސްމާލެ މަޝްރޫއަކީ ސިޔާސީ ފިކުރުތަކަށްވުރެ ބޮޑަށް ގައުމީ މަސްލަހަތާ ގުޅިފައިވާ ކަމަކަށްވާއިރު، މިކަމުގައި ސިޔާސީ ލީޑަރުންގެ ނުފޫޒުން އެއްކިބާވެ މިނިވަންކަމާއެކު ވިސްނަންޖެހެއެވެ. ނަމަވެސް މި މަޝްރޫއުގެ އެއްބަސްވުންތައް ސިއްރުކޮށްފައިވުމާއި މައުލޫމާތު ހާމަނުކުރުމުގެ ސަބަބުން، މިއީ ދައުލަތުގެ ހަޒާނާއަށް ބޮޑު ގެއްލުމެއް ލިބިދާނެ "ސްކޭމެއް" ކަމުގެ ކަންބޮޑުވުން ވަނީ އިތުރުވެފައެވެ.

މަޔޮއްޓޭގެ ބާ މިސްކިތް ބިނާކުރީ ދިވެހިންތަ؟

މަޔޮއްޓޭގައި ހުރި ތާރީޚީ ތަންގޯނީ މިސްކިތަކީ ދިވެހިރާއްޖޭގެ ހިރިގަލުގެ ބިނާވެއްޓާއި ގަލުވަޑާމުގެ ފަންނިއްޔާތާ ވަރަށް ބޮޑަށް އެއްގޮތް ސިފަތަކެއް އެކުލެވޭ ބިނާއެކެވެ. މި މިސްކިތް ބިނާކުރުމުގައި ބޭނުންކޮށްފައިވާ އުވަދެވުމާއި ހިރިގާ ކަނޑައިގެން ރޭނުމުގެ އުކުޅުތަކުން، އިންޑިއާ ކަނޑުގެ ގައުމުތަކާއި ދިވެހިރާއްޖެއާ ދެމެދު އޮތް މަސައްކަތްތެރިކަމުގެ ގުޅުން ހާމަވެއެވެ.

ރަސްމާލެ މަޝްރޫއު: ހުވަފެނީ ވާހަކަތަކާއި ޖަވާބު ނުލިބޭ ސުވާލުތައް

މި ލިޔުމަކީ ރަސްމާލެ މަޝްރޫޢާ ގުޅޭގޮތުން ސަރުކާރުން ގެންގުޅޭ ތަސައްވުރަކީ ހަގީގަތާ ދުރު، ހިޔާލީ ވާހަކަތަކެއްގެ ގޮތުގައި ސިފަކޮށް ލިޔެފައިވާ ލިޔުމެކެވެ. މީގެ އިތުރުން، އެ މަޝްރޫއަށް ބޭނުންވާ ބޮޑު ހޭދަ ކުރާނެ ފަރާތަކާއި، ފައިސާ ހޯދާނެ ގޮތަކާ މެދު މި ލިޔުމުގައި ވަނީ ސުވާލު އުފައްދާފަ އެވެ.

Newsletter

Get the latest news delivered straight to your inbox