ހުލާސާކޮށް އިއްޔެ: ކުޑަގިރި ރަސްމީކޮށް ހުޅުވުން

ހުލާސާކޮށް އިއްޔެ: ކުޑަގިރި ރަސްމީކޮށް ހުޅުވުން

މާލޭ ސަރަހައްދުގެ ރައްޔިތުން ދަތުރު ދިޔުމަށް ސަރުކާރުން ހިއްކައި ތަރައްގީކުރި ކުޑަގިރި ޕިކްނިކް އައިލެންޑް ރަސްމީކޮށް ހުޅުވާފައި ވަނީ އިއްޔެ އެވެ.

މާލެއާ 15 ވަރަކަށް މިނެޓު ރާސްތާއެއްގައި އޮތް ބަންގަލް ފަޅުގައި ހެދި 8.5 ހެކްޓަރުގެ ކުޑަގިރި ހުޅުވައި ދެއްވުމަށް ފަހު ވާހަކަ ދައްކަވަމުން ރައީސް ސޯލިހު ވިދާޅުވީ އެ ރަށް ތަރައްގީ ކުރުމުގެ ބޭނުމަކީ މާލޭގައި ދިރިއުޅޭ ރައްޔިތުންނަށް ގެއްލިފައި އޮތް އިހުގައި ދިވެހިންގެ ދަތުރު ދިޔުމުގެ އާދަ އިޔާދަކޮށް، ދުޅަހެޔޮ ބަދަހި މުޖުތަމައުއެއް ބިނާކުރުން ކަމަށެވެ.

"ގައުމެއް ކުރިއަރާނީ އެ ގައުމެއް ނިސްބަތްވާ ރައްޔިތަކީ ޖިސްމާނީ އަދި ނަފުސާނީ ގޮތުން ވެސް ދުޅަހެޔޮ ބަޔަކަށް ވެގެން. ކުޑަގިރި ޕިކްނިކް އައިލެންޑުގެ އެންމެ ބޮޑު ބޭނުމަކީ ދުޅަހެޔޮ ބަދަހި މުޖުތަމައުއަކަށް މަގުފަހިކޮށް ދިނުން. އިޖުތިމާއީ ގުޅުމާއި މުޖުތަމައުގެ ހަމަޖެހުން ދެމެހެއްޓުމަކީ މުހިންމު އެއް އަމާޒު،" އެ މަނިކުފާނު ވިދާޅުވި އެވެ.

ރައީސް ސޯލިހު ވިދާޅުވީ ޖަޒީރާ ރަށްތަކުގެ ހަމަޖެހުމާއި ހަމަހިމޭންކަން ތަޖުރިބާކުރަން އަބަދު ވެސް ދިވެހިން ބޭނުންވާ ކަމަށާއި، ނަމަވެސް މާލޭ ސަރަހައްދުގައި ދިރިއުޅޭ މީހުންނަށް މީގެ 50 އަހަރު ކުރިން ވެސް ދަތުރުދާން އޮތީ ކުޑަބަނޑޮސް ކަމަށެވެ. އެ ރަށް މީގެ ދިހަ ވަރަކަށް އަހަރު ކުރިން އޭރުގެ ސަރުކާރުން އަތުލުމާއެކު، އެ އުފަލުން ވެސް މާލޭ ރައްޔިތުން މަހުރޫމުވެގެން ދިޔަ ކަމަށް އެ މަނިކުފާނު ވިދާޅުވި އެވެ.

ކުޑަބަނޑުހަށް ދަތުރު ދިޔުމުގެ މާޒީ ތަޖުރިބާ އެ މަނިކުފާނު ހިއްސާ ކުރެއްވެވި އެވެ.

"ކުޑަބަނޑުހަށް އޭރު ދަތުރު ދާންޖެހިއްޖިއްޔާ ފުރަތަމަ އަޅުގަނޑުމެން ޖެހޭ އެރޭ ހޭލާ ތިބެން. ހޭލާ ތިބެ އެއްގެޔަކުން ރޮށި، އަނެއްގެޔަކުން ރިހަ. އަނެއް ގެޔަކުން މަސައްކަތް ވިޔަސް ތައްޔާރުކޮށްގެން ހެނދުނު ދޯންޏެއްގައި ފުރައިގެން ކުޑަބަނޑޮހަށް ދާނެ. އެހެން ނަމަވެސް މެންދުރާ ހަމައަށް އަންނައިރުގަ އަޅުގަނޑުމެން ތިބޭނީ ހޭޅިގައި އޮންނަ ކޮންމެވެސް މަގޫ ގަހެއްގެ ދަށަށް ބޯލައިގެން ނިދާފައި. އެއީ ވަރަށް އުފާވެރި ހިތްހަމަ ޖެހޭ ތަޖުރިބާއެއް،" ރައީސް ސޯލިހު ވިދާޅުވި އެވެ.

ޒަމާނީ ވަސީލަތްތަކާ އެކު ކުޑަގިރި ތަރައްގީކުރި ނަމަވެސް، ޒަމާންވީ ދަތުރުދިޔުމުގެ އާދަ ކުޑަގިރިއާ އެކު އިޔާދަކުރުމުގެ ވިސްނުން ގެންގުޅުން ވެސް މުހިންމު ކަމަށް އެ މަނިކުފާނު ވިދާޅުވި އެވެ.

"ކުޑަގިރިއަކީ މާލޭގައި ދިރިއުޅުއްވާ ރައްޔިތުންގެ ރަށެއް،" ގެ ގޮތުގައި ފާހަގަ ކުރެއްވުމަށް ފަހު ރައީސް ސޯލިހު ވިދާޅުވީ އެ ރަށުގެ ސާފުތާހިރު ކަމާއި ހިތްހަމަޖެހުމާއި އުފާވެރިކަން ދެމެހެއްޓޭނީ ދަތުރުދާ މީހުން ފަރުދީ ޒިންމާ އުފުލައިގެން ކަމަށެވެ.

"މިރަށަށް ކުޑަކުދިންނާއި ދުވަސްވީ މީހުންނާއި ނުކުޅެދޭ މީހުންނާއި އާއިލާތައް އަންނާނެ. މަންމަ އާއި ބައްޕަ އާއި ކާފަ އާއި ބޮޑު ބޭބެ އާއި މިހެން ގޮސް މިރަށަށް އާއިލާއެއްގައި ހިމެނޭ ހުރިހާ އެންމެ ކޮންމެ ދުވަހެއް ކަހަލަ ގޮތަކަށް ޗުއްޓީ ހޭދަކޮށްލަން އަންނާނެ. އަޅުގަނޑުގެ އިލްތިމާސްއަކީ މިރަށަށް ދަތުރު އަންނަ ފަރާތްތަކުން އެކަކު އަނެކަކަށް އިހުތިރާމްކޮށް މިރަށަކީ އެންމެނަނަށް ހިތްފަސޭހަކަމާއެކު ހަމަޖެހިގެން ޗުއްޓީ ހޭދަކޮށްލެވޭ ރަށެއްގެ ގޮތުގައި ބެލެހެއްޓުން،" އެ މަނިކުފާނު ވިދާޅުވި އެވެ.

ކުޑަގިރިއަށް މީހުން ޒިޔާރަތް ކުރަން ފެށުމުން ލިބޭ ހިޔާލާއި ކުރެވޭ ތަޖުރިބާތަކާ އެކީގައި ގެންނަންޖެހޭ ބަދަލުތައް ގެންނަމުން ދިޔުން މުހިންމު ކަމަށާއި މިރަށަށް އައިސް އުޅެން ފެށުމުން އަދިވެސް މިއަށް ވުރެ ރަނގަޅަށް ހިދުމަތްތައްތަކަށް ގެންނަން ޖެހޭ ބަދަލުތައް ތަޖުރިބާ ކުރެވޭނެ ކަމަށް ރައީސް ވިދާޅުވި އެވެ.

"ކުޑަގިރި އަކީ ހުރިހާ ރައްޔިތުންނަށް ހިތްހަމަޖެހުމާއެކު ޗުއްޓީ ހޭދަކޮށްލެވޭ ތަނަކަށް ވެގެންދާނެ،" އެމަނިކުފާނު ވިދާޅުވި އެވެ.

މިރަށް މިހާތަނަށް ގެނެވިފައިވަނީ ވަރަށް ގިނަ ބައެއްގެ މަސައްކަތުން ކަމަށާއި އޭގެ ތެރޭގައި ޕްލޭނިން މިނިސްޓްރީ އާއި ސަރުކާރުގެ ހިއްސާވާ ކުންފުނިތަކާއި މަސީ އަދި އަމިއްލަ ބައެއް ފަރާތްތަކުގެ ދީލަތި އެހީއާއެކު ކަމަށް ރައީސް ވިދާޅުވި އެވެ. އަދި, ހާއްސަކޮށް ކޮންމެ ދުވަހަކު މި މަޝްރޫއުގެ މަސައްކަތް ނައިބު ރައީސް ފައިސަލް ނަސީމް ބައްލަވަމުން ގެންދެވިކަން އެ މަނިކުފާނު ފާހަގަ ކުރެއްވެވި އެވެ.

"މިރަށް ހިއްކާ، މިރަށް މިހިސާބަށް ގެނައުމުގައި ކޮންމެ ދުވަހަކު ފައިސަލް ގެންދެވީ އަރުވަމުން. ގެންނަންޖެހޭ ބަދަލުތައް ގެނައުމުގައި އެ މަނިކުފާނު ވަރަށް ބުރަ މަސައްކަތްތަކެއް އެ މަނިކުފާނު [ނައިބު ރައީސް ފައިސަލް] ކުރެއްވި،" ރައީސް ސޯލިހު ވިދާޅުވި އެވެ.

އެ ރަށަށް ދިއުމަށް މާލެ އާއި ހުޅުމާލެއިން ފުރާ ފެރީތައް ބާއްވާފައިވާއިރު، ދެ އަހަރުން ދަށުގެ ކުޑަކުދިންނަކަށް އެއްވެސް އަގެއް ޗާޖެއް ނުކުރާނެ އެވެ. ދިވެހިންގެ އަތުންް ދެކޮޅު ދަތުރަށް ނެގުމަށް ހަމަޖެހިފައިވަނީ ޖުމްލަ 25ރ. އެވެ. އަދި، ދިވެހިންނާ އެކު ގެންދާ އެއް ބިދޭސީއަކަށް ވެސް މި އަގުގައި ދަތުރުކުރެވޭނެ އެވެ.

ވޯކް ޕާމިޓް ހޯލްޑަރުންގެ އަތުން ނެގުމަށް ހަމަޖެހިފައި ވަނީ 75 ރުފިޔާ އެވެ. ފަތުރުވެރިންގެ އަތުން ޗާޖު ކުރުމަށް ނިންމާފައި ވަނީ ބޮލަކަށް 100 ރުފިޔާ އެވެ.

ކެއްކުމާއި ފޯނު ޗާޖުކުރުން ފަދަ ހިދުމަތްތައް ލިބޭގޮތަށް ހުންނަ "ކުޑައަށި"އަށް ޗާޖުކުރާނީ މުޅި ދުވަހު އެއްކޮށް ނަގާނަމަ 500ރ. އެވެ. ހާފް ދުވަހެއް ނަމަ 250ރ. އެވެ. "ބޮޑުއަށި" ނަގާނަމަ ޗާޖުކުރާނީ ދުވާލަކަށް 1،200ރ. އެވެ.

ކުޑަގިރީގެ ފާހާނާ ބަރިތަކާއި، ޗޭންޖިން ރޫމު އަދި މިސްކިތެއްގެ އިތުރުން ބާބަކިއު އޭރިއާއެއް އަދި ކުޑަކުދިން ކުޅިވަރު ކުޅުމަށް ހާއްސަ ސަރަހައްދެއް ގާއިމްކޮށްފައި ވެއެވެ. މި ތަންތަން ބޭނުންކުރުމަށް އެއްވެސް ފީއެއް ނުނަަގާނެ އެވެ.

ބައެއް މުހިންމު ހަބަރުތައް

  • ބޭރުގެ ފަރާތްތަކަށް ދިގު މުއްދަތަކަށް ތިލަފުށިން ބިން ކުއްޔަށް ދޫކުރަން ނިންމާފައިވާތީ ރާއްޖޭގެ ވިޔަފާއިވެރިން ބައްދަލުކޮށް މަޝްވަރާކުރީ އިއްޔެ އެވެ.
  • މާލެ ސިޓީގައި ޑިސެމްބަރު 2020، ގައި ގާއިމުކުރަން ފެށި ފަޔާ ހައިޑްރަންޓު ސިސްޓަމްތައް ނިމި ދެ އަހަރު ވެގެންދިޔައިރު ވެސް އެ ސިސްޓަމް ބޭނުން ކުރެވޭ ހާލަތަށް ގެނެވިފައި ނުވާކަން ހާމަވީ އިއްޔެ އެވެ.
  • ޖުޑީޝަލް ސާވިސް ކޮމިޝަން (ޖޭއެސްސީ) އިން ފަނޑިޔާރުންގެ ސުލޫކީ މައްސަލަތައް ބަލާއިރު، ފަނޑިޔާރުންނަށް "ޖެއްސުންކުރާ" ރާގުގައި ސުވާލުކޮށް ބައެއް މައްސަލަތައް ބަލަމުންދާ ކަމަށް ވިދާޅުވެ ފަނޑިޔާރުންގެ ޖަމިއްޔާގެ ރައީސް ހުސްނުއްސުއޫދު ނުރުހުން ފާޅުކުރެއްވީ އިއްޔެ އެވެ.

ދުވަހުގެ ކޯޓޭޝަން

ޖުޑީޝަލް ސާވިސް ކޮމިޝަނުން ކުރިއަށްގެންދާ ތަހުގީގުތަކާ ގުޅޭގޮތުން ވާހަކަފުޅު ދައްކަވަމުން ސުޕްރީމް ކޯޓުގެ ފަނޑިޔާރު ހުސްނުއް ސުއޫދު ވިދާޅުވީ؛

މިއީ ޖެއްސުމަށް ކުރާ ސުވާލުތަކަށް، އަޅުގަނޑުމެންނަށް ޖެއްސުންކުރުމުގެ ނިޔަތުގައި، މާލާމާތް ކުރާ ރާގަށް، ފުރައްސާރަކުރާ ގޮތަށް ސުވާލުކޮށްގެން ނުވާނެ،

ދުވަހުގެ ފޮޓޯ

ކ. ކުޑަގިރި ހުޅުވުމަށް ބޭއްވި އިވެންޓުތަކުގައި ވޯޓާ ސްޕޯޓްސް ހުނަރުތައް ދައްކާލަނީ. އެ ރަށުގައި މޫދު ކުޅިވަރު ކުޅެވޭނެ ގޮތް ހަދާފައިވާއިރު އެ ހިދުމަތްތަކަށް ޗާޖު ކުރާނެ --- ފޮޓޯ: ރައީސް އޮފީސް
ކ. ކުޑަގިރި ހުޅުވުމަށް ބޭއްވި އިވެންޓުތަކުގައި ވޯޓާ ސްޕޯޓްސް ހުނަރުތައް ދައްކާލަނީ. އެ ރަށުގައި މޫދު ކުޅިވަރު ކުޅެވޭނެ ގޮތް ހަދާފައިވާއިރު އެ ހިދުމަތްތަކަށް ޗާޖު ކުރާނެ --- ފޮޓޯ: ރައީސް އޮފީސް

ކ. ކުޑަގިރި ހުޅުވުމަށް ބޭއްވި އިވެންޓުތަކުގައި ވޯޓާ ސްޕޯޓްސް ހުނަރުތައް ދައްކާލަނީ. އެ ރަށުގައި މޫދު ކުޅިވަރު ކުޅެވޭނެ ގޮތް ހަދާފައިވާއިރު އެ ހިދުމަތްތަކަށް ޗާޖު ކުރާނެ --- ފޮޓޯ: ރައީސް އޮފީސް

ކޮމެންޓް

ފަހުގެ ޚަބަރު

ނަޝީދު ލިޔުއްވި ކުރުވާހަކަ ފޮތް، "80ގެ ކުރީކޮޅު" ނެރެފި

ކުރީގެ ރައީސް މުހައްމަދު ނަޝީދު ލިޔުއްވި ފަސް ކުރުވާހަކައެއްގެ މައްޗަށް އެކުލެވޭ "80ގެ ކުރީކޮޅު" ފޮތް ރަސްމީކޮށް ނެރެފިއެވެ. މި ފޮތަކީ 1990ގެ ކުރީކޮޅު އެމަނިކުފާނު ގޭބަންދުގައި ހުންނެވި ދުވަސްވަރު ލިޔުއްވާފައިވާ ވާހަކަތަކެއްގެ މައްޗަށް ތައްޔާރުކޮށްފައިވާ، 250 ރުފިޔާއަށް ވިއްކާ ފޮތެކެވެ.

އެތެރޭގެ ދަރަނި ސަތޭކަ ބިލިއަން ރުފިޔާއަށް އަރަނީ

މި އަހަރު ނިމޭއިރު ރާއްޖޭގެ އެތެރޭގެ ދަރަނި 101.3 ބިލިއަން ރުފިޔާއަށް އަރާނެ ކަމަށް ފިނޭންސް މިނިސްޓްރީގެ ބަޖެޓު އަންދާޒާތަކުން ދައްކައިފި. މި އަދަދު އިތުރުވެފައި ވަނީ ސަރުކާރުގެ ފައިނޭންސިން ބޭނުންތަކަށް އެތެރޭގެ ބާޒާރަށް ބަރޯސާވާ މިންވަރު އިތުރުވުމާ ގުޅިގެން. މި ސަރުކާރުން ވަނީ އެތެރޭގެ ބާޒާރުން 27.2 ބިލިއަން ރުފިޔާ ނަގާފައި.

ބެންކަށް ގެރެންޓީ ދޭން ޝަފީގު ކައިރީ ނޭދެން: ފައްޔާޒު

ވިޔަފާރިވެރިޔާ މުހައްމަދު ޝަފީގު ބޭންކަށް ގެރެންޓީއެއް ދިނީ ފައްޔާޒް އިސްމާއިލް އެދިގެން ކަމަށް ބުނާ ވާހަކަތައް އޭނާ ދޮގުކުރެއްވި. ފައްޔާޒް ވިދާޅުވީ އެ ގެރެންޓީއަކީ ޝަފީގުގެ ގާތް ބޭފުޅަކު ހިންގި ރިސޯޓް މަޝްރޫއަކަށް ދިން އެއްޗެއް ކަމަށާއި، ޝަފީގު އެފަދަ ވާހަކައެއް ދެއްކެވީ ހަނދާނުން ކައްސާލުމުން ކަމަށް ބެލެވޭ ކަމަށް.

އާންމު އުނދަގޫ ކުރާ މީހާ އެންޑީއޭގެ މަރުކަޒުން ފިލައިފި

މަސްތުގެ ހާލުގައި ހުރެ އާންމުންނަށް އުނދަގޫކުރާތީ ހައްޔަރުކުރި އަހުމަދު ފައިރިޝް، ފަރުވާއަށް ހިންމަފުށީ އެންޑީއޭ މަރުކަޒަށް ބަދަލުކުރުމުން އެތަނުން ވަނީ ފިލާފައެވެ. އޭނާއަކީ މީގެ ކުރިންވެސް މަރުގެ އިންޒާރު ދިން މައްސަލައެއްގައި ހައްޔަރުކޮށްފައިވާ މީހަކަށްވާއިރު، ފުލުހުން މިހާރު ދަނީ އޭނާ ހޯދުމުގެ މަސައްކަތް ކުރަމުންނެވެ.

އެލްޖީއޭގެ ބޯޑުގެ ދެ ގޮނޑި ވެސް ޕީއެންސީއަށް

އެލްޖީއޭގެ ބޯޑަށް ކައުންސިލަރުންނާއި ޑަބްލިއުޑީސީގެ ރައީސުންގެ ތެރެއިން މެންބަރުން ހޮވުމަށް ބޭއްވި އިންތިހާބުގެ ދެ ގޮނޑި ވެސް ސަރުކާރު ހިންގާ ޕީއެންސީން ކާމިޔާބުކޮށްފިއެވެ. މި އިންތިހާބުގައި ކައުންސިލަރުންގެ ފަރާތުން ފ. ނިލަންދޫ ކައުންސިލްގެ ރައީސް އަލީ އަހްމަދު ހޮވުނުއިރު، ޑަބްލިއުޑީސީތަކުގެ ފަރާތުން ހޮވުނީ ށ. ފުނަދޫ ޑަބްލިއުޑީސީގެ ރައީސް މަރްޔަމް ޒީނާއެވެ.

ވޯޓަށް ކައުންސިލަރުން ދާން އޮތް ހދ. ގެ ފެރީތައް ކެންސަލްކޮށްފި

އެލްޖީއޭ ބޯޑު އިންތިހާބުގެ ވޯޓުލުން މިއަދު ކުރިއަށްދަނިކޮށް، ހދ، ށ އަދި ހއ އަތޮޅުގެ އާރްޓީއެލް ފެރީ ދަތުރުތައް ކުއްލި ގޮތަކަށް ވަނީ ކެންސަލްކޮށްފައެވެ. މިއީ ކައުންސިލަރުން ވޯޓުލާން ދިއުމަށް ހުރަސްއަޅައި، ސިޔާސީ މަންފާއެއް ހޯދުމަށް ސަރުކާރުން ކުރި ކަމެއް ކަމަށް ބައެއް ކައުންސިލަރުން ތުހުމަތު ކުރެއެވެ.

އެލްޖީއޭ ބޯޑަށް މެންބަރުން އިންތިހާބުކުރުމުގެ ވޯޓުލުން ކުރިއަށް

ލޯކަލް ގަވަމަންޓް އޮތޯރިޓީ (އެލްޖީއޭ) ގެ ބޯޑަށް ކައުންސިލަރުންނާއި އަންހެނުންގެ ތަރައްގީއަށް މަސައްކަތްކުރާ ކޮމިޓީތަކުގެ ރައީސުން އިންތިހާބު ކުރުމަށް ބާއްވާ ވޯޓުލުން މިއަދު ވަނީ ފަށާފައި. މި އިންތިހާބުގައި ޕީއެންސީ އަދި އެމްޑީޕީގެ ކެންޑިޑޭޓުން ވާދަކުރާއިރު، ޖުމްލަ 807 މީހަކަށް ވޯޓުލުމުގެ ހައްގު ލިބިގެން.

Newsletter

Get the latest news delivered straight to your inbox