ގޫގުލް ސާޗް އިންޖީންއަކީ ލަހުން ޑިވެލޮޕްވާ ސާޗް މޮނޮޕޮލީއެއް ކަމަށް ޗެޓްޖީޕީޓީގެ ފައުންޑާ އަދި އޯޕެން އޭއައިގެ ސީއީއޯ ސޭމް އޯލްޓްމޭން ބުނެފި އެވެ.
ޓެކްނޮލޮޖީ އަދި ވިޔަފާރީގެ ހަބަރުތައް ގެނެސްދޭ ފަރާތެއްކަމަށްވާ "ސްޓްރެޗަރީ" އަށް ދިން އިންޓަވިއުއެއްގައި ސާޗް އިންޖީން "ބިންގް" އާ ބެހޭ ގޮތުން ކުރި ސުވާލަކަށް ޖަވާބުދެމުން ސޭމް ބުނެފައިވަނީ، މައިކްރޯސޮފްޓް އިން ޗެޓް ޖީޕީޓީ ގަނެ، އެކުންފުނީގެ ސާޗް އިންޖީން "ބިންގް" އަށް ޗެޓް ޖީޕީޓީގެ ޓެކްނޮލޮޖީ ތައާރަފުކުރުމަކީ ވަރަށް ރަނގަޅު ކަމެއްގެ ގޮތުގައި ދެކޭ ކަމަށެވެ.
ނަމަވެސް މި ނިންމަމުކީ ދުނިޔޭގެ އެންމެ މަގުބޫލު ސާޗް އިންޖީން ގޫގުލްއަށް "ތްރެޓް" އަކަށް ވާނެ ކަމަށާއި އެކަމަށް އެ ކުންފުނިން ކުރިމަތިލާނެ ގޮތެއް ބުނަން ނޭނގޭ ކަމަށް އޭނާ ބުނެފައިވެ އެވެ.
ގޫގުލްއަށް އަމާޒުކޮށް ސޭމް ބުނެފައިވަނީ އޭނާ އަކީ ބޮޑު އެކަމު ލަހުން ޑިވެލޮޕް ވަމުންދާ ސާޗް ކޮމްޕެނީއެއްގެ ސީއީއޯ ނަމަ ބިންގް ގެ މި ނިންމުމާއި މެދު ކަންބޮޑުވާނެކަމަށާއި އަދި އެއީ އެ ކުންފުންޏަށް އިސްތިހާރު ވިއްކައިން ލިބޭ ފައިދާއަށް ވަރަށް ބޮޑަށް އަސަރު ކުރާނެ ކަމެއް ކަމަށެވެ.
ދުނިޔޭގެ 91% މީހުން ސާޗް ކުރުމަށް ގޫގުލް ބޭނުންކުރާއިރު ބިންގް ބޭނުންކުރަނީ އެންމެ 3% މީހުންނެވެ. ނަމަވެސް ޗެޓްޖީޕީޓީ އަށް ލިބެމުން އަންނަ މަގުބޫލުކަމާއެކު މައިކްރޯސޮފްޓް އިން އެ ޕްލެޓްފޯމް ގަތުމުން، ގޫގުލް އިން ވަނީ މިކަން ވަރަށް ސީރިއަސް ކަމެއްގެ ގޮތުގައި ނަގައިފަ އެވެ.
އެގޮތުން މިކަމުގެ ސަބަބުން ގޫގުލްގެ އެތެރޭފައި "ކޯޑް ރެޑް" އިއުލާންކޮށް މިކަމަށް ކުރިމަތިލެވޭނެ ގޮތްތައް ހޯދުމުގެ މަސައްކަތް ފަށާފައިވާކަމަށް މީޑިއާ ރިޕޯޓްތައް ބުނެ އެވެ.
އޭގެ އިތުރުން ގޫގުލް އިން ވަނީ ދާދި ފަހުން އެކުންފުނީގެ އަމިއްލަ ޗެޓްބޮޓެއް ތައާރަފުކުރާނެކަން ވެސް އިއުލާންކޮށްފަ އެވެ. "ބާޑް" ގެ ނަން ދީފައިވާ ޗެޓް ބޮޓް ކުރިޔަށް އަންނަ ހަފްތާތަކުގެ ތެރޭ އާންމުންނަށް ބޭނުންކުރެވޭނެ ކަމަށް އެކުންފުނިން ބުނެ އެވެ.
ނަމަވެސް "ބާޑް" ގެ ޑެމޯ ވީޑިއޯ އެއްގައި އެ ޗެޓްބޮޓުން ދެއްކި ކުށެއްގެ ސަބަބުން ގޫގުލްގެ ޝެއާ އަށް ވަނީ 8% ވެއްޓުމެއް ލިބިފަ އެވެ.
މިދިޔަ ނޮވެމްބަރު މަހު ޗެޓްޖީޕީޓީ ލޯންޗްކުރުމާއެކު ޗެޓްބޮޓުތަކަށް ލިބޭ ސަމާލުކަން ވަނީ އެތައް އިންސައްތައެއް އިތުރުވެފަ އެވެ. މިކަމުގެ އެންމެ ބޮޑު ހެއްކަކީ މަޝްހޫރި ބޮޑެތި ސޯޝަލް މީޑީއާ ކުންފުނިތައް ފަހަތަށް ޖައްސާލާ، އެންމެ އަވަހަށް 100 މިލިއަން ޔޫސާޒް ހަމަކުރި ޕްލެޓްފޯމްގެ މަގާމުވެސް ޗެޓްޖީޕީޓީ ދެ މަސް ދުވަހުން ހޯދުމެވެ.








