ކްލަބް އީގަލްސް އިން ކުރިން އެ ޓީމަށް ކުޅުނު މިޑްފީލްޑަރު، އިބްރާހިމް މުބީން (މުއްކި) އަލުން ގެނެސްފި އެވެ.
މުއްކި، އެންމެ ފަހުން އީގަލްސް އަށް ކުޅެފައިވަނީ 2018 ވަނަ އަހަރުގެ ސީޒަނުގަ އެވެ. އޭގެ ފަހުން، އޭނާ ފުރަތަމަ ޑިވިޝަނުގައި ނުކުޅެ އެވެ. ތިން ވަނަ ޑިވިޝަނާއި ދެ ވަނަ ޑިވިޝަން އަދި ފުޓްސަލް މުބާރާތްތަކުގައި ކުޅެފައިވެ އެވެ.
އީގަލްސް އިން މުއްކިއާ އެކު ސޮއިކޮށްފައިވަނީ ތިން އަހަރުގެ ކޮންޓްރެކްޓެއްގަ އެވެ.
މުއްކި، އެންމެ ފުރަތަމަ އީގަލްސް ޓީމަށް ކުޅުނީ، 2011 ވަނަ އަހަރު އޭނާގެ އުމުރުން 17 އަހަރުގަ އެވެ. އީގަލްސްގެ ޔޫތު ޓީމުގައި ކުޅުމަށް ފަހު، މުއްކި ވަނީ 2013 އިން ފަށައިގެން އީގަލްސްގެ ސީނިއާ ޓީމަށް ގަވާއިދުން ކުޅެން ފަށައިފަ އެވެ. އީގަލްސްއާ އެކު ޔޫތު ފުޓްބޯޅަ މުބާރާތް ކާމިޔާބުކުރި މުއްކި އަކީ 2016 ވަނަ އަހަރު އީގަލްސް އިން ޕްރެޒިޑެންޓްސް ކަޕް ކާމިޔާބު ކުރި ޓީމުގައި ހިމެނޭ ކުުޅުންތެރިއެކެވެ.

2018 ވަނަ އަހަރުގެ މާލޭ ލީގުގެ މެޗެއްގެ ތެރެއިން އީގަލްސްގެ މުއްކި (ކ) ގްރީން ސްޓްރީޓްސްގެ އަޑޭ ކައިރިން ބޯޅަ ހިފައިގެންދަނީ.
އީގަލްސް އިން 2017 ވަނަ ސީޒަނުގައި މާލޭ ލީގުގައި ކުޅެ، ގަދަ ހަތަރެއްގެ ތެރޭގައި ނުހިމެނޭތީ، އެ ޓީމަށް އެ އަހަރުގެ ދިވެހި ޕްރިމިއާ ލީގުން ފުރުސަތު ލިބިފައިނުވެ އެވެ. އެހެންވެ، އީގަލްސްގެ ފަސް ކުޅުންތެރިއަކު ވަނީ ގދ. ތިނަދޫ ފުޓްބޯޅަ ޓީމަށް، ޕްރިމިއާ ލީގުގައި ކުޅެފަ އެވެ. އޭގެ ތެރޭގައި މުއްކި ވެސް ހިމެނެ އެވެ.
އޭގެ ފަހުން، 2018 ވަނަ އަހަރުގެ ސީޒަނުގައި އީގަލްސް އަށް ކުޅުމަށް ފަހު، ދެން މުއްކި ފުރަތަމަ ޑިވިޝަނުގެ ޓީމަކުން ނުފެނެ އެވެ. އޭނާ އެންމެ ފަހުން ފެނިގެންދިޔައީ، މިދިޔަ އަހަރުގެ ދެ ވަނަ ޑިވިޝަންގެ ޗެމްޕިއަންކަން ހޯދައި، ޕްރިމިއާ ލީގުގެ ކޮލިފިކޭޝަންގެ ގަދަ ދެ ޓީމުގެ ތެރެއިން ފުރަތަމަ ޑިވިޝަނަށް ޕްރޮމޯޓްވި ބުރު ސްޕޯޓްސް ކްލަބުންނެވެ.
މުއްކިގެ އިތުރުން އާ ސީޒަނަށް އީގަލްސް އިން ވަނީ ޔުނައިޓެޑް ވިކްޓަރީ (ޔޫވީ) އަށް ކުޅުނު ލަމާން ޒުހައިރު، އައިހަމް ސައީދު (އައިކޮ) އަދި އަބްދުﷲ އަމިން އަލީގެ ސޮއި ހޯދައިފަ އެވެ. އީގަލްސް އިން ވަނީ އެ ޓީމުގެ ދެ ތަޖުރިބާކާރު މިޑްފީލްޑަރު، އިމްރާން ނަޝީދު (އިންމަ) އާއި އަބްދުﷲ ސަމީހު މޫސާ (ސަމިއްޓެ)ގެ ކޮންޓްރެކްޓް އާ ކޮށްފަ އެވެ.












