އަންނަ ރަމަޟާން މަހު ދުނިޔޭގެ ސަތަހައިން ބޭރުގައި (ޖައްވީ ސްޓޭޝަނުގައި) ހުރެ ރޯދަ ހިފަން ތައްޔާރު ވަމުން އަންނަ ކަމަށް ޔޫއޭއީގެ އެސްޓްރޮނޯޓު، ސުލްތާން އަލް ނެޔާދީ ބުނެފި އެވެ.
މައިކްރޯ ގްރެވިޓީގެ ސަބަބުން އިންސާނުންގެ ހަށިގަނޑަށް އަންނަ ބަދަލުތަކާ ބެހޭ ގޮތުން ދިރާސާ ކުރުމަށް ކުރާ ހަ މަހުގެ ދަތުރުގައި ނެޔާދީ ފުރާނީ މި މަހުގެ 26 ވަނަ ދުވަހު އެވެ.
މި އަހަރުގެ ރަމަޟާން މަސް ފެށޭނީ މާޗު މަހު އެވެ. އެހެންވެ ރަމަޟާން މަހާ ކުރިމަތިލާން ޖެހޭނީ އޭނާ ޖައްވުގައި ހުއްޓަ އެވެ.

"އައިއެސްއެސް (އިންޓަނޭޝަނަލް ސްޕޭސް ސްޓޭޝަން) ދަތުރު ކުރާނެ ވަރަށް ބާރަށް، މާނައަކީ ކޮންމެ 90 މިނެޓަކުން ދުނިޔެ ވަށާ ބުރެއް ޖަހާނެޔޭ،" ޑުބާއީގެ ނޫހަކަށް ދިން އިނޓަވިއުއެއްގައި ނެޔާދީ ބުންޏެވެ.
"ގާތްގަނޑަކަށް [ކޮންމެ 24 ގަޑިއިރަކު] 16 ފަހަރު އިރުއަރާ އޮއްސޭނެ، އެހެންވީމާ ކޮން ގަޑިއަކަށް ބަލާފައިތޯ ރޯދައަށް ހުންނާނީ އަދި ރޯދަ ވީއްލާނީ،" އޭނާ އަމިއްލައަށް ސުވާލު އުފެއްދި އެވެ.
އޭނާ ބުނީ ގަޑިއެއްގެ ގޮތުގައި ބަލާނީ އައިއެސްއެސްގައި ބޭނުން ކުރާ ޖީއެމްޓީ ގަޑި ކަމަށެވެ.
ދަތުރު މަތީގައިވާ މީހާ އާއި ރޯދަ ހިފުމަށް ކެރިކުޅަދާނަވެގެން ނުވާ މީހާއަށް ރޯދަ ދޫކޮށްލުން އިސްލާމީ ޝަރީއަތް މަނައެއް ނުކުރެ އެވެ. އެހެންނަމަވެސް ވަޒަންވެރިވާ ތަނަކަށް ގޮސް ހަމަޖެހުމުން، ދޫކޮށްލި ރޯދަ ގަޟާ ކުރުން ދަތުރުވެރިޔާގެ މައްޗަށް ވާޖިބު ވާނެ އެވެ
ނެޔާދީއަކީ ޔޫއޭއީގެ އަސްކަރިޔާއަށް 20 އަހަރު ހިދުމަތްކޮށްދީފައިވާ މީހެކެވެ. އޭނާއަކީ އެގައުމުން ޖައްވަށް ދާ ދެވަނަ އެސްޓްރޮނޯޓެވެ. ޔޫއޭއީން އެންމެ ފުރަތަމަ ޖައްވީ ސްޓޭޝަނަށް މީހަކު ފޮނުވީ 2019 ވަނަ އަހަރު އެވެ.










