މެޑްރިޑް (ފެބްރުއަރީ 3) - ސްޕެނިޝް ލީގުގައި މިރޭ ވެލެންސިއާ އަތުން 2-0 އިން މޮޅުވެ، އެންމެ ފަހުގެ ޗެމްްޕިއަން ރެއާލް މެޑްރިޑުން ލީގުގެ އެއް ވަނައިގައި އޮތް ބާސެލޯނާއާ ދެމެދު ޕޮއިންޓުގެ ފަރަގު ކުޑަކޮށްފި އެެވެ.
ލީގުގައި ރޭ ރެއާލް ބެޓިސް އަތުން މޮޅުވެ، ބާސެލޯނާ އިން އެއް ވަަނައިގައި އަށް ޕޮއިންޓުގެ ލީޑެއްނެގި އެވެ. އެކަމަކު، މިރޭ، ރެއާލުން މޮޅުވުމާ އެކު ބާސެލޯނާގެ ލީޑު ވަނީ ފަސް ޕޮއިންޓަށް ކުޑަވެފަ އެވެ. ބާސެލޯނާ އަށް 19 މެޗުން 50 ޕޮއިންޓް ލިބިފައިވާއިރު، ދެ ވަނައިގައި އޮތް ރެއާލްގެ އޮތީ 19 މެޗުން 45 ޕޮއިންޓެވެ.
ރެއާލްގެ ދަނޑުގައި ކުޅުނު މެޗު ފަށައިގެން އެ ޓީމުގެ އެޑޮއާޑޯ ކަމަވިންގާ އަށް ލިބުނު ހުސް ފުރުސަތަކުން ޖެހި ބޯޅަ ގޯލުގެ އަރިމަތީ ދާގަނޑަށް އަމާޒުވިއިރު، އޭރިއާތެރެއިން ރެއާލްގެ ވިނީޝިއުސް ޖޫނިއާ ޖެހި ބޯޅަ ވެލެންސިއާގެ ކީޕަރު ޖިއޯޖީ މާމަޑާޝްވިލީ ވަނީ މަތަކޮށްފަ އެވެ.
ފުރަތަމަ ހާފުގެ އިތުރު ވަގުުތުގައި ކޯނަރަކުން ހުރަސްވި ބޯޅައަކުން ރެއާލްގެ އެންޓޯނިއޯ ރޫޑިގާ ބޮލުން އެ ޓީމަށް ގޯލެއް ޖަހައިދިނެވެ. އެކަމަކު، އެ ކޯނަރަށް އެރިއިރު، ރެއާލްގެ ކެޕްޓަން ކަރިމް ބެންޒެމާ ވަނީ ވެލެންސިއާގެ މިޑްފީލްޑަރު، ޔޫނުސް މޫސާ އަށް ފައުލުކޮށްފައި ކަމަށް، ވީޑިއޯ އެސިސްޓަންޓް ރެފްރީ (ވީއޭއާރް)ގެ އެހީގައި ނިންމުމުން އެ ގޯލު ބަލައިނުގަންނަން ނިންމި އެވެ.
ރެއާލްގެ ބްރެޒިލް ޑިފެންޑަރު، އެޑާ މިލިޓާއޯ އަށް ފުރަތަމަ ހާފުގައި ލިބުނު އަނިޔާއެއްގެ ސަބަބުން ބަދަލުކުރި އެވެ.
ދެ ވަނަ ހާފްގެ ކުރީކޮޅުގައި ރެއާލުން ވަނީ ގާތްގާތުގައި ދެ ގޯލު ޖަހައިފަ އެވެ. އެ ގޮތުން މެޗުގެ 52 ވަނަ މިނިޓްގައި ރެއާލުން ލީޑުނެގީ މާކޯ އަސެންސިއޯ އޭރިއާބޭރުން ޖެހި މޮޅު ގޯލަކުންނެވެ. ބެންޒެމާ ދިން ބޯޅަ ކޮންޓްރޯލް ކުރުމަށް ފަހު އަސެންސިއޯ ވަނީ ގޯލުގެ ދުުރު ކަނަށް ފޮނުވާލައިފަ އެވެ.
އޭގެ ދެ މިނިޓް ފަހުން، ބެންޒެމާ ދިން ބޯޅައެއް ހިފައިގެން، އަމިއްލަ ހާފުން ފެށިގެން ވެލެންސިއާގެ އޭރިއާތެރެއަށް ވަދެ، ތިރިތިރިން ގޯލަށް ފޮނުވާލައިގެން ވިނީޝިއުސް، ރެއާލްގެ ދެ ވަނަ ގޯލު ޖެހި އެވެ. މިއީ ރެއާލަށް ކުޅެދިން 200 ވަނަ މެޗުގައި ވިނީޝިއުސް އެ ޓީމަށް ޖަހައިދިން 50 ވަނަ ގޯލެވެ.
ރެއާލަށް ތިން ވަނަ ގޯލެއް ޖަހައިދޭން އޭރިއާތެރެއިން ބެންޒެމާ އަށް ހުސްކޮށް ލިބުނު ފުރުސަތަކުން އޭނާ ޖެހި ބޯޅަ ބްލޮކްވީ އެވެ. އޭގެ ފަހުން، ބެންޒެމާގެ ފަލަމަސްގަނޑަށް ލިބުނު އަނިޔާއަކާ ހެދި ބަދަލުކުރި އެވެ.
ވެލެންސިއާގެ ކޯޗުކަމުން ޖެނާރޯ ގަޓޫސޯ ވަކިވި ފަހުން އެ ޓީމު ކުޅުނު ފުރަތަމަ މެޗު ނިންމާލަން ޖެހުނީ ކުޅުންތެރިއަކު މަދުކޮށެވެ. އެއީ މެޗުގެ 72 ވަނަ މިނިޓްގައި ވެލެންސިއާގެ ގަބްރިއެލް ޕައުލިސްޓާ އަށް ރަތް ކާޑެއް ދެއްކުމުންނެވެ. ކުރިން އާސެނަލަށް ކުޅުނު ބްރެޒިލްގެ ޕައުލިސްޓާ އަށް ރަތް ކާޑު ދެއްކީ ވިނީޝިއުސް އަށް ކުރި ނުރައްކާތެރި ފައުލަކަށެވެ.
ރެއާލުން ތިން ވަނަ ގޯލެއް ޖަހަން ކުރި މަސައްކަތުގައި ފެޑެރީކޯ ވަލްވޭޑޭ އާއި ރޮޑްރީގޯ ޖެހި ބޯޅަތައް ވެލެންސިއާގެ ކީޕަރު މަމާޑާޝްވިލް ވަނީ މަތަކޮށްފަ އެވެ. އަސެންސިއޯ ޖެހި ބޯޅައެއް ވަނީ ގޯލުގެ ދަނޑިކައިރިން ގޮސްފަ އެވެ.
ލީގުގެ 14 ވަނައިގައި އޮތް ވެލެންސިއާ އަށް ވަނީ 19 މެޗުން 20 ޕޮއިންޓް ލިބިފަ އެވެ.












