ރާއްޖޭގެ އެންމެ ބޮޑު ސިޔާސީ ޕާޓީ، އެމްޑީޕީގެ ތެރޭގައި 'ފިކުރެއްގެ ދިރުން' ނަމުގައި ވަކި ސިޔާސީ ހަރަކާތެއް ހިންގަވާނެކަން އެ ޕާޓީގެ ރައީސް މުހައްމަދު ނަޝީދު އިއުލާންކުރައްވައި، އެ ހަރަކާތުން ޕާޓީގެ ރިޔާސީ ކެންޑިޑޭޓައް ތާއީދުކުރާނެ ކަމުގެ ޔަގީންކަން ނެތް ކަމަށް ވިދާޅުވެއްޖެ އެވެ.
ހޮނިހިރު ދުވަހުގެ ރިޔާސީ ޕްރައިމަރީގައި ރައީސް އިބްރާހިމް މުހައްމަދު ސޯލިހާ ވާދަކުރައްވާ ބަލިވެވަޑައިގެންނެވި ފަހުން ފުރަތަމަ ފަހަރަށް އެމަނިކުފާނުގެ ކެމްޕޭން ޓީމުތަކަށް ފޮނުއްވި މެސެޖުގައި ނަޝީދު ވަނީ ބަލި ގަބޫލުކުރައްވާފަ އެވެ.
ނަަމަވެސް ރައީސް ސޯލިހާއެކު ކުރިއަށް ވަޑައިގެން މި އަހަރުގެ ރިޔާސީ އިންތިހާބު ކާމިޔާބު ނުކުރެވޭނެ ކަމަށް ވިދާޅުވެ ނަޝީދު ވަނީ 'ފިކުރެއްގެ ދިރުން' ނަމުގައި އެމްޑީޕީގެ ތެރޭގައި ވަކި ހަރަކާތެއް ކުރިއަށް ގެންދަވާނެކަމުގެ އިޝާރާތެއް ދެއްވައިފަ އެވެ. އަދި އެ ފެކްޝަނުން ތާއީދު ކުރާނެ ރިޔާސީ ކެންޑިޑޭޓެއް ފަހުން އިއުލާނު ކުރާނެ ކަމަށް ނަޝީދު ވިދާޅުވި އެވެ.
އޭގެ އިތުރުން، 'ފިކުރެއްގެ ދިރުން' ނަމުގައި އެމްޑީޕީގެ ގޮފިތައް ހުރިހާ ރަށެއްގައި ވެސް އަލުން ހެދުމަށާއި އެމްޑީޕީއިން ވަކިކުރި ކަމަށް އެމަނިކުފާނު ވިދާޅުވާ 39،000 މެންބަރުން އަލުން ޕާޓީއަށް ވަނުމަށް ވެސް ނަޝީދުގެ މެސެޖުގައި ވަނީ ގޮވާލައްވާފަ އެވެ.
"އެމީހުން [ވަކިކުރި 39،000 މެންބަރުން] އާއެކު އަޅުގަނޑުމެންނަށް ފެންނަ ގޮތެއް ނިންމުމަށް [ފެންނަނީ]. ފިކުރެއްގެ ދިރުންގެ ފަރާތުން ތާއީދު ކުރާ ރިޔާސީ ކެންޑިޑޭޓު ކަނޑައަޅާނީ ފަހުން،" ނަޝީދު ވިދާޅުވި އެވެ.

ނަޝީދު މިހެން ވިދާޅުވެފައިވާއިރު އެމްޑީޕީގެ ރިޔާސީ ޕްރައިމަރީ 61 އިންސައްތަ ވޯޓާއެކު ރައީސް ސޯލިހު ކާމިޔާބުކުރައްވާ ރިޔާސީ ޓިކެޓު ވަނީ ހޯއްދަވާފަ އެވެ. އެހެންކަމުން ނަޝީދުގެ ވަކި ހަރަކާތުން އެމްޑީޕީގެ ކެންޑިޑޭޓަށް ތާއީދުކުރާނެ ކަމުގެ ޔަގީންކަމެއް އަދި ދީފައިނުވާއިރު އެހެން ކެންޑިޑޭޓަކަށް ތާއީދުކުރުމުގެ ފުރުސަތުވެސް އެބައޮތްކަން ނަޝީދުގެ މެސެޖުން ފާހަގަވެ އެވެ.
އެގޮތުން ނަޝީދު ވިދާޅުވެފައިވަނީ 'ފިކުރެއްގެ ދިރުން' އިން ތާއީދުކުރާއިރު، ރިޔާސީ އިންތިހާބުގެ ކުރިން ވެރިކަން ކުރާ ނިޒާމު ބަރުލަމާނީ ނިޒާމަށް ބަދަލު ކުރުމަށް އެއްބަސްވާ ކެންޑިޑޭޓަކަށް ތާއީދުކުރަން ފަސޭހަވާނެ ކަމަށެވެ.
"ފިކުރެއްގެ ދިރުންގެ ފަރާތުން ތާއީދު ކުރާ ރިޔާސީ ކެންޑިޑޭޓު ކަނޑައަޅާނީ ފަހުން. ރިޔާސީ އިންތިހާބުގެ ކުރިއަށް ޕާލަމެންޓަރީ ނިޒާމަށް ބަދަލު ކުރުމަށް އެއްބަސްވާ ކެންޑިޑޭޓަކީ ތާއީދު ކުރަން ފަސޭހަވާނެ ކެންޑިޑޭޓެއް،" ނަޝީދު ވިދާޅުވެފައިވެ އެވެ.
ނަޝީުދު މިފަދައިން ވަކި ހަރަކާތެއް އިއުލާންކުރައްވާ ރިޔާސީ އިންތިހާބުގައި ތާއީދުކުރާނެ ކެންޑިޑޭޓެއް ފަހުން ނިންމަވާނެ ކަމަށް ވިދާޅުވިއިރު، މިފަހުން އެމަނިކުފާނު ވަނީ ވާދަވެރި އިދިކޮޅު ޕާޓީ ކަމަށްވާ ޕީޕީއެމްގެ ސިޔާސަތުތަކަށާއި އެ ޕާޓީގެ ރިޔާސީ ކެންޑިޑޭޓު ކުރީގެ ރައީސް އަބްދުﷲ ޔާމީންއަށް ވެސް ތައުރީފުކުރައްވާފަ އެވެ.













