ރައީސް ސޯލިހާއެކު ކޯލިޝަން ހަދަން ޕާޓީތަކުން އަދި އެއްބަހެއް ނުވޭ

ރައީސް އިބްރާހީމް މުހައްމަދު ސޯލިހް އަދި ސަރުކާރު ކޯލިޝަންގެ ޕާޓީތަކުގެ ލީޑަރުން - ފޮޓޯ: ޕީއެސްއެމް

ރައީސް އިބްރާހީމް މުހައްމަދު ސޯލިހް އަދި ސަރުކާރު ކޯލިޝަންގެ ޕާޓީތަކުގެ ލީޑަރުން - ފޮޓޯ: ޕީއެސްއެމް

ރައީސް އިބްރާހީމް މުހައްމަދު ސޯލިހުގެ މި ރިޔާސީ ދައުރުގެ ނިލަޔަށް އެއްބަސްވެފައިވާ ކޯލިޝަން އިތުރު ފަސް އަހަރަށް ކުރިއަށް ގެންދިއުމާ މެދު މިހާތަނަށް މަޝްވަރާއަކަށް ގޮސްފައިނުވާ ކަމަށް، ސަރުކާރު ކޯލިޝަންގައި ދެން ހިމެނޭ ޕާޓީތަކުން މިއަދު ބުނެފި އެވެ.

އިއްޔެ ބޭއްވި އެމްޑީޕީގެ ރިޔާސީ ޕްރައިމަރީގައި ވޯޓުލީ 40،418 މީހުންގެ ތެރެއިން 61 ޕަސެންޓު މީހުންގެ ތާއީދާއެކު ރައީސް ސޯލިހު އެ އިންތިހާބު ކާމިޔާބު ކުރެއްވިއިރު، ރައީސް ސޯލިހަށް ވަނީ ދެ ވަނަ ދައުރަކަށް ވާދަކުރެއްވުމަށް އެމްޑީޕީގެ ރިޔާސީ ޓިކެޓު ޔަގީން ކުރައްވައިފަ އެވެ.

ޕްރައިމަރީގެ ކެމްޕެއިނުގައި ވެސް ރައީސް ތަކުރާރުކޮށް ފާހަގަ ކުރެއްވި ކަމަކީ، މިހާތަނަށް ރިޔާސީ އިންތިހާބު ކާމިޔާބު ކުރެވިފައިވަނީ ޖުމްހޫރީ ޕާޓީ އާއި މޯލްޑިވްސް ރިފޯމް މޫވްމަންޓާއި އަދާލަތު ޕާޓީއާއެކު ކޯލިޝަން ހަދައިގެން ކަމެވެ. އަދި ރައީސްގެ ވިސްނުންފުޅަކީ މިހާރު ސަރުކާރުގައި އޮތް ކޯލިޝަނާ އެކު ކުރިއަށް އޮތް ރިޔާސީ އިންތިހާބުގައި ވެސް ވާދަކުރުން ކަމެވެ.

އެކަމާ ގުޅޭ ގޮތުން އަދާލަތު ޕާޓީގެ ތަރުޖަމާނު އަލީ ނަޒީރު "އަދަދު" ނޫހާ ވާހަކަ ދައްކަވަމުން ވިދާޅުވީ އެ ޕާޓީ މި ވަގުތަށް އޮތީ ވަރަށް ބޮޑަށް ހުޅުވާލެވިފައި ކަމަށާއި ކޮންމެ ސިޔާސީ ޕާޓީއަކަށް ވެސް ރިޔާސީ އިންތިހާބާ ގުޅޭ ގޮތުން މަޝްވަރާ ކުރުމުގެ ޖާގަ އެ ޕާޓީއާއެކު އެބަ އޮތް ކަމަށެވެ.

"މީގައި ފާހަގަކޮށްލަން ޖެހޭ ރައީސް ސޯލިހު ވަނީ މިދިޔަ ފަސް އަހަރު ކާމިޔާބުކަމާއެކު ކޯލިޝަން ސަރުކާރެއް ހިންގަވާފައި. އަދި ރައީސް ވެސް ތަކުރާރުކޮށް އެބަ ވިދާޅުވޭ، އަދިވެސް ކޯލިޝަނާއެކު ކުރިއަށް ދާން ބޭނުންވާ ކަމަށް، އެ މަޝްވަރާތަކަށް ވެސް މި ޕާޓީ އޮތީ ތައްޔާރަށް،" ނަޒީރު ވިދާޅުވި އެވެ.

ކުރިއަށް އޮތް ރިޔާސީ އިންތިހާބުގައި އެމްޑީޕީއާއެކު އަދާލަތު ޕާޓީން ކޯލިޝަން ހެދުމާ ގުޅޭ ގޮތުން މިހާތަނަށް އެއްވެސް މަޝްވަރާއެއް ކުރެވިފައި ނުވާ ކަން ފާހަގަ ކުރައްވައި ނަޒީރު ވިދާޅުވީ، އެ ޕާޓީން ރިޔާސީ އިންތިހާބާ ގުޅޭ ގޮތުން ގޮތެއް ނިންމާނީ ސިޔާސީ މަސްރަހަށް އަންނަ ބަދަލުތަކަށް ވިސްނުމަށް ފަހު ކަމަށެވެ.

އެމްއާރުއެމްގެ ތަރުޖަމާނު އިސްމާއީލް ނާއިލް ނަޝީދު މި ނޫހާ ވާހަކަ ދައްކަވަމުން ވިދާޅުވީ ރިޔާސީ އިންތިހާބުގައި އެ ޕާޓީން އަމަލުކުރާނެ ގޮތަކާމެދު އާންމު މެންބަރުންގެ ހިޔާލު ހޯދުމުގެ މަސައްކަތް ކުރަމުން އަންނަ ކަމަށެވެ. ޕާޓީގެ އެކްސްކޯއިން ގޮތެއް ނިންމާނީ އެ ހިޔާލުތަކަށް ރިއާޔަތް ކުރުމަށް ފަހު ކަމަށް އޭނާ ވިދާޅުވި އެވެ.

"އާންމު މެންބަރުންގެ ތެރެއިން ބައެއް މެންބަރުންގެ ކަންބޮޑުވުންތައް ވެސް ގިނަ، ބައެއް މެންބަރުން ބޭނުންވޭ [ރައީސް ސޯލިހްއާއެކު] ކުރިއަށް ދާން ވެސް، މީގައި ގިނަ މެންބަރުން ބޭނުންވާ ގޮތެއް ސާފުކޮށް، ޕާޓީގެ އެކްސްކޯއިން ފައިނަލް ޑިޒިޝަނެއް ނަގާނީ،" ނާއިލް ވިދާޅުވި އެވެ.

ރިޔާސީ އިންތިހާބަށް ކުރިމަތިލުމަށް ހުޅުވާލާނީ ވެސް ޖުލައި މަހު ކަން ފާހަގަކުރައްވައި، ނާއިލް ވިދާޅުވީ އަދި ގޮތެއް ނިންމަން ވެސް ވަރަށް އަވަސް ކަމަށެވެ. އަދި ރައީސް ސޯލިހުގެ ހުށަހެޅުމެއް އޮތް ނަމަ، އެ ހުށަހެޅުން ޕާޓީއަށް ލިބުމުން މަޝްވަރާ ކުރާނެ ކަމަށް ވެސް ނާއީލް ވިދާޅުވި އެވެ.

ޖުމްހޫރީ ޕާޓީގެ ތަރުޖަމާނު އަލީ ސޯލިހު "އަދަދު" ނޫހަށް ވިދާޅުވީ އެ ޕާޓީގެ ގައުމީ ޖަލްސާ އަންނަ ފެބްރުއަރީ މަހުގެ ފަހުކޮޅު ބާއްވާނެ ކަމަށާއި ރިޔާސީ އިންތިހާބުގައި އެ ޕާޓީން ކުރިއަށްދާނެ ގޮތް ނިންމުމުގެ ބާރު އޮތީ ގައުމީ ޖަލްސާއިން ކަން އަލީ ސޯލިހު ފާހަގަ ކުރެއްވި އެވެ.

"އަޅުގަނޑުމެންގެ ސްޓޭންޑަކީ ކެންޑިޑޭޓަކު ނެރުން، [އެކަމަކު] އެ ބާރު އޮތީ ގައުމީ ޖަލްސާއިން ނިންމަން، ވާދަކުރާނީ ކިހިނެއްތޯ، ގިނިކަންޏާ ނުކުންނާނީތޯ، އެހެން ބަޔަކާއެކު ކޯލިޝަން ހަދާނެތޯ، އެހެން ޕާޓީއެއްގެ ކެންޑިޑޭޓެއްގެ ފަހަތަށް އަރާނީތޯ ވެސް ނިންމާނީ ކައުންސިލުން،" އަލީ ސޯލިހު ވިދާޅުވި އެވެ.

ޖުމްހޫރީ ޕާޓީން މީގެ ކުރިން ތަކުރާރުކޮށް ބުނަމުން އައީ ވެސް ރިޔާސީ އިންތިހާބުގައި އެ ޕާޓީގެ ކެންޑިޑޭޓަކު ވާދަކުރާނެ ކަމަށެވެ.

ކޯލިޝަން ހަދަން ބޭނުންވަނީ ކީއްވެ؟

ރައީސުލްޖުމްހޫރިއްޔާގެ މަގާމަށް މީހަކު އިންތިހާބު ވެވޭނީ ވޯޓުލާ މީހުންގެ 50 ޕަސެންޓު އަދި އިތުރަށް އެއް ވޯޓު ލިބިގެެނެވެ. އިންތިހާބުގެ ފުރަތަމަ ބުރުގައި، އެ މިންވަރަށް ކެންޑިޑޭޓަކަށް ވޯޓު ނުލިބޭނަމަ އެންމެ ގިނަ ވޯޓު ލިބޭ ދެ ކެންޑިޑޭޓުންނާއެކު ދެވަނަ ބުރެއް ބާއްވަން ޖެހެ އެވެ.

މީގެ ކުރިން 2008 އަދި 2013 ވަނަ އަހަރު، ފުރަތަމަ ބުރުގައި އެއްވެސް ކެންޑިޑޭޓަކަށް އެ ނިސްބަތަށް ވޯޓު ނުލިބުމުން ދެވަނަ ބުރެއް ބޭއްވި އެވެ. އޭރު އިންތިހާބު ކާމިޔާބުކުރީ ފުރަތަމަ ބުރުގައި ދެ ވަނަ އަށް އެންމެ ގިނަ ވޯޓު ލިބުނު ކެންޑިޑޭޓެވެ. އެއީ ފުރަތަމަ ބުރުގައި ނާކާމިޔާބުވި އެހެން ކެންޑިޑޭޓުންގެ ތާއީދާ އެކުގަ އެވެ. އަދި ސަރުކާރު އުފައްދަނީ ވެސް ކޯލިޝަންގެ އެކި ބައިވެރިންނަށް، ވަކި ނިސްބަތަކަށް ސަރުކާރުގެ ހިއްސާ ދެވޭ ގޮތަށް އެއްބަސްވެގެންނެވެ.

ކުރިން، 2018 ވަނަ އަހަރު، އޭރު ތިބި އިދިކޮޅު ލީޑަރުން ޖަލު ބަންދުގައި ނުވަތަ ޖަލު ހުކުމްތަކުގައި ތިބުމުން އިންތިހާބަށް ނުކުތީ ފުރަތަމަ ބުރުގައި ވެސް ސަރުކާރާ ވާދަވެރި ހުރިހާ ޕާޓީތަކެއް ކޯލިޝަން ހަދައިގެންނެވެ.

ރައީސް ސޯލިހުގެ ސަރުކާރު އުފެއްދީ އޭރު ރިޔާސީ އިންތިހާބުގައި ޕާޓީތަކުގެ މެދުގައި އެއްބަސްވެފައިވާ ގޮތަށް ކޮންމެ ޕާޓީއަކަށް ދޭން އޮތް ހިއްސާއަކާ އެއް ވަރަށް ސަރުކާރު ކެބިނެޓާއި ސިޔާސީ ވަޒީފާތައް ލިބިގެންދާ ގޮތަށެވެ. އެކަމަކު ފަހުންފަހުން އޭގެ އިތުރަށް ވެސް މަގާމުތައް އުފައްދާފައިވެ އެވެ.

ކޮމެންޓް

ފަހުގެ ޚަބަރު

ގޮޅިތަކެއް އިމާރާތްކުރަން ޕޮލްކޯއާ ހަވާލުކުރުމުން ގެއްލުންތަކެއް

މާފުށީ ޖަލުގައި ގޮޅިތަކެއް އިމާރާތްކުރުމަށް ޕޮލްކޯއާ ހަވާލުކުރި މަޝްރޫއު، އެ ކުންފުނިން އެހެން ބަޔަކަށް ސަބް-ކޮންޓްރެކްޓް ކުރުމުގެ ސަބަބުން ދައުލަތަށް ބޮޑު މާލީ ގެއްލުމެއް ލިބިފައިވާކަން އޮޑިޓް ރިޕޯޓުން ހާމަވެއްޖެއެވެ. މީގެ އިތުރުން، ނުކުރާ މަސައްކަތްތަކަކަށް 2.9 މިލިއަން ރުފިޔާ ދައްކާފައިވާތީ، މި މައްސަލަ އޭސީސީއަށް ހުށަހެޅުމަށް އޮޑިޓް އޮފީހުން ވަނީ ލަފާދީފައެވެ.

ކުޅުދުއްފުށީގައި 'މަނަސްހަބް' ހުޅުވައިފި

ކުޅުދުއްފުށީ ސިޓީ ކައުންސިލާއި އޮސްޓްރޭލިއާ ހައިކޮމިޝަން ގުޅިގެން، ނަފްސާނީ ދުޅަހެޔޮކަމަށް ހޭލުންތެރިކަން އިތުރުކުރުމަށް "މަނަސްހަބް" ނަމުގައި ހާއްސަ މަރުކަޒެއް އެ ސިޓީގައި ހުޅުވައިފިއެވެ. މި މަރުކަޒުގެ މައިގަނޑު މަގުސަދަކީ ނަފްސާނީ ބަލިތަކަށް ހުރި ނުރަނގަޅު ތަސައްވަރުތައް ނައްތާލައި، އެހީތެރިކަން ބޭނުންވާ ފަރާތްތަކަށް ފަސޭހަކަމާއެކު ފަރުވާ ލިބޭނެ އިންތިޒާމު ހަމަޖައްސައިދިނުމެވެ.

ޔާމީނަށް އަބްދުއްރަހީމްގެ ހޫނު ރައްދެއް

ރަސްމާލެ މަޝްރޫއު ހުއްޓާލުމަށް ކުރީގެ ރައީސް ޔާމީން ގޮވައިލެއްވުމާ ގުޅިގެން، އެއީ ވެރިކަމުގެ ދަހިވެތިކަމުގައި ގައުމަށް ޣައްދާރުވުން ކަމަށް ވިދާޅުވެ މަޖިލީހުގެ ރައީސް އަބްދުއްރަހީމް ވަނީ ވަރަށް ބޮޑަށް ފާޑުވިދާޅުވެފައެވެ. އަދި ޔާމީންގެ ވެރިކަމުގައި ފ. އަތޮޅު މަޝްރޫއަށް އެމްޑީޕީން ހުރަސްއެޅި ގޮތަށް، މިއަދު ޔާމީން ވެސް އަމަލުކުރައްވަނީ ހަމަ އެފަދައިންކަން އަބްދުއްރަހީމް ފާހަގަކުރެއްވިއެވެ.

ހައުސިން ޔުނިޓް ނިމޭއިރު ލިބޭ މީހުން ކަނޑަނޭޅޭތީ ކަންބޮޑުވުން

ލ. ގަމުގައި ތަރައްގީކުރާ 100 ހައުސިން ޔުނިޓްގެ މަސައްކަތް ނިމުމަކާ ގާތްވެފައިވާއިރު، އެ ތަންތަން ލިބޭނެ ފަރާތްތައް ކަނޑައެޅުމުގެ އެއްވެސް މަސައްކަތެއް ކުރިއަށް ނުދާތީ ކައުންސިލުން ވަނީ ކަންބޮޑުވުން ފާޅުކޮށްފައި. ކައުންސިލުން އެދެނީ މިނިސްޓްރީން ނުވަތަ ކައުންސިލް މެދުވެރިކޮށް ނަމަވެސް، ވީހާވެސް އަވަހަށް އެ ތަންތަން ހަވާލުކުރުމުގެ މަރުހަލާ ފެށުމަށް.

ތިނަދޫ ކައުންސިލް ރައީސްގެ މަގާމަށް ކުރިމަތިލުމަށް ހުޅުވާލައިފި

ވ. ތިނަދޫ ކައުންސިލްގެ ރައީސް ޝުޖާއު އަލީ ޕާޓީ ބަދަލުކުރުމާ ގުޅިގެން އޭނާގެ ގޮނޑި ގެއްލިފައިވާތީ، އެ މަގާމަށް މީހަކު އިންތިޚާބު ކުރުމަށް ބާއްވާ ބައި-އިލެކްޝަނަށް ކުރިމަތިލުމުގެ ފުރުސަތު އިލެކްޝަންސް ކޮމިޝަނުން ހުޅުވާލައިފިއެވެ. އޮކްޓޯބަރު 26 އާ ހަމައަށް ކުރިމަތިލުމުގެ ފުރުސަތު އޮތް މި އިންތިޚާބު ބޭއްވުމަށް ހަމަޖެހިފައިވަނީ ނޮވެމްބަރު 28 ގައެވެ.

ރަސްމާލެ މަޝްރޫއު ހުއްޓާލަން ޔާމީން ގޮވައިލައްވައިފި

އެކްސްގައި ޔާމީން ކުރެއްވި ޕޯސްޓެއްގައި ވިދާޅުވީ އީގަލް ހިލްސް ކުންފުނިން ދަނީ، ރައްޔިތުންގެ ތާއީދާއި އިތުބާރު ގެއްލިފައި އޮތް ރާއްޖޭގެ ސަރުކާރުގެ ނާޖާއިޒު ފައިދާ ނަގަމުން ކަމަށް. ސަރުކާރުން ރަސްމާލެ ދޫކޮށްލީ ލޭންޑް އިކުއިޒިޝަން ފީއެއް އަދި ބިމު ކުުއްޔެއް ނުނަގާ ގޮތަށް.

އެމްޓީސީސީއަށް "މެގަ" ޑްރެޖަރު ގަންނަ އަގު ހާމަނުކުރި

އެމްޓީސީސީގެ "މަހާޖައްރާފު" އަށް ނުފޯރާ ފުންމިނުން ވެލިނެގުމަށްޓަކައި 75 މީޓަރު އަޑިން މަސައްކަތްކުރެވޭ އާ ޑްރެޖަރެއް ގަތުމުގެ ޕްރޮކިއުމަންޓް މަސައްކަތް އެ ކުންފުނިން ދަނީ ކުރަމުން. ނަމަވެސް، އެއީ ބޮޑު އެސެޓަކަށްވެފައި ޕްރޮސެސް ކުރިއަށްދާތީ އެ ޑްރެޖަރު ގަންނަ އަގު ހާމަކޮށްފައެއް ނުވޭ.

Newsletter

Get the latest news delivered straight to your inbox