ބާސެލޯނާ (ޖެނުއަރީ 23) - ސްޕެނިޝް ލީގުގައި ރޭ ބާސެލޯނާ އިން 1-0 އިން ގެޓަފޭ ބަލިކުރިއިރު، އެތުލެޓިކް ބިލްބާއޯ ދަނޑުގައި 2-0 އިން މޮޅުވެ، ރެއާލް މެޑްރިޑުން އެ ޓީމުގެ ރަނގަޅު ފޯމުގައި ކުރިއަށް ދިއުމަށް މުހިންމު މޮޅެއް ހޯދައިފި އެވެ.
ބާސެލޯނާ ވަނީ ރޭ ލީގުގެ ކުރީގައި ހަ ޕޮއިންޓަށް ލީޑުފުޅާކޮށްފަ އެވެ. އެކަމަކު، ރެއާލް ކުޅުުނު މެޗުން އެ ޓީމު މޮޅުވުމާ އެކު، ކުރިން ވެސް އޮތް ގޮތަށް ބާސެލޯނާގެ ލީޑު ތިން ޕޮއިންޓަށް ކުޑަވީ އެވެ. ރޭގެ ނަތީޖާތަކަށް ފަހު، ބާސެލޯނާ އެއް ވަނައިގައި އޮތީ 17 މެޗުން 44 ޕޮއިންޓާ އެކު އެވެ. ދެ ވަނައިގައި އޮތް ރެއާލަށް 17 މެޗުން ލިބިފައިވަނީ 41 ޕޮއިންޓެވެ.
ރޭގެ މެޗު ފަށައިގެން ހަ ވަނަ މިނިޓްގައި ބާސެލޯނާގެ އޮސްމާން ޑެމްބެލޭ ފޮނުވާލި ބޯޅަ ގެޓަފޭ ކީޕަރު، ޑޭވިޑް ސޮރީއާ ވަނީ މަތަކޮށްފަ އެވެ.
މެޗުގައި ބާސެލޯނާ އިން ޖެހި ހަމައެކަނި ލަނޑު ކާމިޔާބުކުރީ 35 ވަނަ މިނިޓްގައި ޕެޑްރީ އެވެ. މިއީ ގެޓަފޭ ކުޅުންތެރިއަކު އަތުން، ހާފުގެ މެދެއްހާ ހިސާބުން ގެއްލުނު ބޯޅައެއް ހޯދައި، ބާސެލޯނާގެ ރަފީނިއާ ގޯލު ކުރިމައްޗަށް ހުރަސްކޮށްލި ބޯޅައަކުން ޕެޑްރީ ޖެހި ގޯލެކެވެ.
ފުރަތަަމަ ހާފުގައި ނަތީޖާ ހަމަހަމަކުރަން ގެޓަފޭގެ ބޯހާ މަޔޮރާލް އަށް ރަނުގެ ފުރުސަތެއް ލިބުނެވެ. މެޗުގެ 40 ވަނަ މިނިޓްގައި ޕެޑްރީ ފަހަތަށް، ދިން ބޯޅައެއް ލިބުނީ ބޯހާ އަށެވެ. ބޯހާ މުޅިން ހުސްކޮށް އޭރިއާތެރެއަށް ވަދެ، ޖެހި ބޯޅަ ބާސެލޯނާގެ ކީޕަރު މާކް އަންދްރޭ ޓާ ސްޓެގެން ވަނީ މަތަކޮށްފަ އެވެ.
މެޗުގެ ދެ ވަނަ ހާފުގައި ދެ ޓީމަށް ވެސް ލަނޑު ޖަހަން ރަނގަޅު ފުރުސަތުތަކެއް ލިބުނުއިރު، ބޭނުމެއް ނުކުރެވުނެވެ.

ރޭގެ މެޗުގެ ތެރެއިން ބިލްބާއޯ ކުޅުންތެރިއަކު ކައިރިން ރެއާލްގެ ބެންޒެމާ ބޯޅަ ފޮނުވާލަނީ.
ބިލްބާއޯ ދަނޑުގައި ރޭގެ މެޗު ފަށައިގެން، އެ ޓީމަށް ކުޅޭ ދެބެން ކަމަށްވާ، އިނާކީ ވިލިއަމްސް އާއި ނީކޯ ވިލިއަމްސް އަށް ލިބުނު ފުރުސަތުތަކުގައި ފޮނުވާލި ހަމަލާތައް ދިޔައީ ގޯލާ ސީދާނުވެ އެވެ. އަދި ބިލްބާއޯގެ ކެޕްޓަން، އޮއިއާ ޒަރާގާ، އޭރިއާތެރެއިން ބޮލުން ފޮނުވާލި ބޯޅައެއް ރެއާލްގެ ކީޕަރު ތިބޯ ކޯޓުއާ ވަނީ މަތަކޮށްފަ އެވެ.
ރެއާލުން ތަނަވަސްކުރި ފުރަތަމަ ރަނގަޅު ފުރުސަތުގައި އެ ޓީމުން ލީޑުނެގި އެވެ. މި ލަނޑު ޖެހީ މެޗުގެ 24 ވަނަ މިނިޓްގައި ކަރީމް ބެންޒެމާ އެވެ. މިއީ އޭރިއާތެރެއަށް، ރެއާލްގެ ފެޑެރީކޯ ވަލްވޭޑޭ މަތިން ހުރަސްކޮށްލި ބޯޅައެއް، އެ ޓީމުގެ އަސެންސިއޯ ބޮލުން ޖައްސާލުމުން، ބެންޒެމާ އެއް ފަހަރުން ވޮލީ އަކުން ކާމިޔާބުކުރި ލަނޑެކެވެ.
މެޗުގެ 58 ވަނަ މިނިޓްގައި ރެއާލަށް ލީޑުުފުޅާކޮށްދޭން ނާޗޯ ގޮންޒާލޭޒަށް ލިބުނު ފުރުސަތުން ޖެހި ޝޮޓް، ބިލްބާއޯގެ ކީޕަރު އުނާއީ ސިމޯން ވަނީ މަަތަކޮށްފަ އެވެ. އޭގެ ފަހުން އަސެންސިއޯ ހުސްކޮށް އަރައި ޖެހި ބޯޅަ ދިޔައީ ގޯލު ކުރިމަތިން ހުރަސްވެގެންނެވެ.
ބިލްބާއޯގެ އިނާކީ ވިލިއަމްސް މެޗުގެ 76 ވަނަ މިނިޓްގައި ޖެހި ގޯލެއް ވަނީ ވީޑިއޯ އެސިސްޓަންޓް ރެފްރީ (ވީއޭއާރް) އިން ބެލުމަށް ފަހު، ބަލައިނުގަންނަން ނިންމައިފަ އެވެ.
ރެއާލުން ތިން ޕޮއިންޓް ކަށަވަރުކުރީ މެޗުގެ އިތުރު ވަގުތުގައި ޓޯނީ ކްރޫސް ޖެހި ގޯލުންނެވެ. މިއީ ރޮޑްރީގޯ ދިން ބޯޅައެއް އޭރިއާ ރޮނގުމަތީގައި ހުރެފައި ގޯލުގެ ކައިރީ ކަނަށް އަމާޒުކޮށްލައިގެން ކްރޫސް ޖެހި ގޯލެކެވެ.












