މެޑްރިޑް (ޖެނުއަރީ 22) - ސްޕެނިޝް ކަޕްގައި ވިޔަރެއާލް އަތުން ރެއާލް މެޑްރިޑް މޮޅުވި މެޗަށް ނުގޮސް، ޕެރިހުގައި އޮތް އެންބީއޭ ބާސްކެޓްބޯޅަ މެޗެއް ބަލަން ދިއުމުން ރެއާލްގެ އައުރެލިން ޗުއަމެނީ އަށް ފާޑުކިޔުން އަމާޒުވެފައިވަނިކޮށް، އޭނާ މާފަށް އެދުނީ ރަނގަޅަށް ކަމަށް ރެއާލްގެ ކޯޗު ކާލޯ އަންޗެލޮޓީ ބުނެފި އެވެ.
ކުޑަކަޅުވާ އަށް ލިބުނު އަނިޔާއެއްގެ ސަބަބުން މި ވަގުތު ކުޅުމާ ދުރުގައި ހުރި، ޗުއަމެނީ، 22، ބުރާސްފަތި ދުވަހުގެރޭ ޕެރިހުގައި، ޝިކާގޯ ބުލްސް އާއި ޑެޓްރޮއިޓް ޕިސްޓަންސް، ކުޅުނު އެންބީއޭ މެޗު ބެލުމަށް އެކޯރް އެރީނާ އަށް ދިޔަ އެވެ. އެރެ އަކީ ސްޕެނިޝް ކަޕްގައި ރެއާލް މެޑްރިޑާއި ވިޔަރެއާލް ބައްދަލުކުރި މެޗު ކުޅުނު ރެ އެވެ.
ވިޔަރެއާލް ފުރަތަމަ ހާފުގައި ދެ ގޯލު ޖަހާފައިވަނިކޮށް، ރެއާލުން ވަނީ ފަހަތުން އަރައި އެ މެޗުން މޮޅުވެފަ އެވެ. ރެއާލް ޓީމަށް ހިތްވަރު ދޭން ޗުއަމެނީ ދަނޑަށް ނުގޮސް، ބާސްކެޓް މެޗު ބަލަން ދިއުމުން، ރެއާލްގެ ގިނަ ސަޕޯޓަރުން ވަނީ އެކަމާ މެދު ހިތްހަމަނުޖެހުން ފާޅުކޮށްފަ އެވެ. އަދި ސޯޝަލް މީޑިއާގައި ޗުއަމެނީއާ ދެކޮޅަށް ޝުއޫރު ވެސް ފާޅުކޮށްފައިވެ އެވެ.

އެކޯރް އެރީނާގައި ޝިކާގޯ ބުލްސް އާއި ޑެޓްރޮއިޓް ޕިސްޓަންސް ބައްދަލުކުރި މެޗުގެ ތެރެއިން ޗުއަމެނީ (މ): ރެއާލް މެޑްރިޑްގެ މެޗެއް އޮއްވައި، ބާސްކެޓްގެ އެ މެޗަށް ދިއުމުން ޗުއަމެނީ އަށް ގިނަ ފާޑުކިޔުންތަކެއް އަމާޒުވި.
ސޯޝަލް މީޑިއާ މެސެޖެއް މެދުވެރިކޮށް ޗުއަމެނީ ވަނީ ރެއާލްގެ ސަޕޯޓަރުންނާއި ކުޅުންތެރިން އަދި މެނޭޖްމަންޓްގެ ކިބައިން މާފަށް އެދިފަ އެވެ.
ޗުއަމެނީ ބުނީ ޓީމުގެ މެޗަށް ނުގޮސް، އެހެން ތަނެއްގައި ހުރުމަކީ ހެދުނު ގޯހެއް ކަމަށް ގަބޫލުކުރާ ކަމަށާއި އެ ފަދަ ކަމެއް ތަކުރާރު ނުވާނެ ކަމަށެވެ.
ރެއާލްގެ ކޯޗު އަންޗެލޮޓީ ބުނީ، ޗުއަމެނީ އަށް ފިޔަވަޅެއް އަޅަން ޖެހޭ ފަދަ ހާލަތެއް މިހާރު ނެތް ކަމަށެވެ.
"އޭނަ އެ ވަނީ ރެއާލާ ގުޅުން ހުރި އެންމެންގެ ކިބައިން މާފަށް އެދިފައި. އެއީ އަދި ޒުވާން ކުޅުންތެރިއެއް. ގޯހެއް ހެދުނު ކަމަށް އެއްބަސްވެ، އެ އަށް މާފަށް އެދުނީމަ އެކަން އެެ ނިމުނީ، އަނިޔާއިން ރަނގަޅުވެ، އަންނަ ހަފްތާގައި އޭނާ (ޗުއަމެނީ) ޓީމާ ގުޅޭނެ،" ނޫސްވެރިން ކުރި ސުވާލަކަށް ޖަވާބު ދެމުން އަންޗެލޮޓީ ބުންޏެވެ.
ފްރާންސްގެ މޮނާކޯ ދޫކޮށް، މިދިޔަ އަހަރުގެ ޖޫން މަހު ޗުއަމެނީ ރެއާލަށް ސޮއިކުރީ ޖުމްލަ އެކު 100 މިލިއަން ޑޮލަރުގެ ފީއެއް ދައްކާ ޑީލެއްގެ ދަށުންނެވެ. ރެއާލަށް ބަދަލުވުމަށް ފަހު، ޗުއަމެނީ އަންނަނީ އެ ޓީމުގައި މޮޅު ކުޅުމެއް ދައްކަމުންނެވެ.
ގަތަރުގައި މިދިޔަ އަހަރު ފަހުކޮޅު ބޭއްވި ފީފާ ވޯލްޑް ކަޕްގެ ފައިނަލަށް ދަތުރުކުރި ފްރާންސް ޓީމުގައި ވެސް ޗުއަމެނީ އަކީ މުހިންމު ރޯލެއް ކުޅުނު ކުޅުންތެރިއެކެވެ. ފައިނަލް މެޗުގައި ޕެނަލްޓީ ޖަހައިގެން އާޖެންޓީނާ އަތުން ފްރާންސް ބަލިވިއިރު، ޗުއަމެނީ އަތުން ވަނީ ޕެނަލްޓީ ނާކާމިޔާބުވެފަ އެވެ. އެކަން ހަނދާނުން ފޮހެލަން އުނދަގޫވާނެ ކަމަށް ޗުއަމެނީ ދާދި ފަހުން ދިން އިންޓަވިއުއެއްގައި ވަނީ ބުނެފަ އެވެ.












