މާފަރު އިންޓަނޭޝަނަލް އެއާޕޯޓަށް އަންނަ ބޯޓު ފަހަރަށް، އައިލެންޑް އޭވިއޭޝަން ސާވިސް (އައިއޭއެސް) އިން ޖެޓް ފިއުލް ވިއްކަން ފަށައިފި އެވެ.
ނ. އަތޮޅުގައި އޮންނަ މާފަރު އެއާޕޯޓް ހިންގާ އައިއޭއެސް އިން ބުނީ ރާއްޖެ އިން ބޭރުން އެ އެއާޕޯޓަށް އަންނަ ޖެޓްތަކަށް ބޭނުންވާ ތެޔޮ ދާއިމީކޮށް ފޯރުކޮށްދިނުމަށްޓަކައި ހަދަން ޖެހޭ ސެޓަޕްގެ މަސައްކަތް ވެސް ވަރަށް އަވަހަށް ނިމޭނެ ކަމަށެވެ.
"ޖެޓް ތަކަށް ފިއުލްގެ ޑިމާންޑް އޮތީމަ ވަގުތީ ގޮތުން އެކަން މިވަގުތު މި ފެށީ، ދާއިމީކޮށް ޖެޓް ފިއުލް ވިއްކޭނެ ސެޓަޕް ވެސް މިހާރު އަންނަނީ ހަދަމުން، ވަރަށް އަވަހަށް ނިމޭނެ،" އައިއޭއެސްގެ ޑެޕިއުޓީ މެނޭޖިން ޑައިރެކްޓާ އައިޝަތް ޖެނިފާ ވިދާޅުވި އެވެ.
ޖެނިފާ ވިދާޅުވީ މާފަރު އެއާޕޯޓަށް މި ދުވަސް ވަރު ގިނަ އަދަދަކަށް ޖެޓް އަންނަމުންދާ ކަމަށެވެ.
އެންމެ މަތީ ފަންތީގެ ގިނަ ރިސޯޓްތަކެއް ހިމެނޭ ސަރަހައްދެއްގައި އޮތް މާފަރު އެއާޕޯޓުގައި މިދިޔަ އަހަރު 228 ޖެޓް ބަނދަރުކޮށްފައިވެ އެވެ. މިދިޔަ އަހަރު އިންޓަނޭޝަނަލް ފްލައިޓް ތަކުން އެ އެއާޕޯޓަށް 1،571 ޓޫރިސްޓުން ދަތުރުކޮށްފައިވާއިރު، 1،493 ޓޫރިސްޓުން ފުރާފައިވެ އެވެ.










