ރައީސް އިބްރާހީމް މުހައްމަދު ސޯލިހުގެ ސަރުކާރާ މެދު ހިތްހަމަނުޖެހިފައި ތިބި އެމްޑީޕީގެ ސަޕޯޓަރުން "ހޮރުތަކުން ހިނި ނުކުންނަ މިސާލުން" ނުކުމެ ޖަމާވާން ފަށާފައިވާ ކަމަށް، އެމްޑީޕީގެ ރިޔާސީ ޕްރައިމަރީގައި ވާދަކުރައްވާ ރައްޔިތުންގެ މަޖިލީހުގެ ރައީސް މުހައްމަދު ނަޝީދު ވިދާޅުވެއްޖެ އެވެ.
ރިޔާސީ ޕްރައިމަރީގެ ކެމްޕޭނަށް، ހުވަދު އަތޮޅުގެ ރަށްތަކަށް ރައީސް ނަޝީދު ކުރައްވަމުން ގެންދަވާ ދަތުރުފުޅުގައި ގދ. ތިނަދޫގައި މިރޭ ބޭއްވި ޖަލްސާގައި ވާހަކަ ދައްކަވަމުން އަނެއްކާ ވެސް ތަކުރާރު ކުރެއްވީ ރައީސް ސޯލިހަށް ރިޔާސީ އިންތިހާބު ކާމިޔާބު ނުވާނެ ވާހަކަ އެވެ.
"39،000 މީހުން ވަކިކޮށްފި މި ޕާޓީން، އޭގެ ތެރެއިން ވަރަށް ގިނަ މީހުނަކީ މި ޕާޓީ އުފެއްދުމުގައި ބައިވެރިވި މީހުން. އެ މީހުން ބުނާ ގޮތް ހަދާ މީހުނާއެކު ގާތްގަނޑަކަށް 70،000 އެއްހާ މީހުން އެބަ އުޅޭ، ބާކީ ތިބި 50،000 އެއްހާ މީހުންގެ ބައިކުޅަބައި ސަރުކާރަށް އެބަ ނުރުހޭ،" ރައީސް ސޯލިހަށް އިންތިހާބު ނާކާމިޔާބުވާނެ ކަމަށް ނަޝީދު ޖައްސަވާ ހިސާބު މިރޭ ވެސް ތަކުރާރު ކުރެއްވި އެވެ.
އެމްޑީޕީގެ ރިޔާސީ ޕްރައިމަރީގައި ރައީސް ސޯލިހާ ދެކޮޅަށް ނަޝީދު ނުކުންނެވުމުން، ސަރުކާރާ މެދު ނުރުހެ މާޔޫސްވެފައި ތިބި އެމްޑީޕީގެ މެންބަރުން "މަޑުމަޑުން" ޖަމާވަމުން އަންނަ މަންޒަރު ކޮންމެ ރަށަކުން ވެސް ފެންނަމުން އަންނަ ކަމަށް ނަޝީދު ވިދާޅުވި އެވެ.
"އަޅުގަނޑާއެކު މި ބޮޑު އެމްޑީޕީ އެއްކޮށް ތެދުވާނެ. އަޅުގަނޑަށް އެ މަންޒަރު އެބަ ފެނޭ. މުޅި ރާއްޖޭގެ އެކި ކަންކޮޅުތަކުން ހިނިހޮރުތަކުން ހިނި ނުކުންނަ މިސާލުގައި އެމްޑީޕީ މެންބަރުން ފަތިފައްޗަށް ނުކުމެ ޖަމާވޭ. އަޅުގަނޑަށް އެބަ ކޮންމެ ރަށަކުން މި މަންޒަރު އެބަ ފެނޭ،" ނަޝީދު ވިދާޅުވި އެވެ.

ރައީސް ނަޝީދު ވިދާޅުވީ، މީގެ ކުރިން ވެސް ކޮންމެ އިންތިހާބަކު އެމްޑީޕީގެ މަގުބޫލުކަން އައީ އިތުރުވަމުން ކަމަށެވެ. އެމްޑީޕީގެ ރިޔާސީ ކެންޑިޑޭޓަކަށް ނަޝީދު ނުކުންނަވައި، އެމްޑީޕީގެ ސިޔާސަތުތައް އަލުން ހުށަހަޅަން ފެށުމުން އެމްޑީޕީއަށް އިންތިހާބު ކާމިޔާބު ވާނެ ކަމަށް އެމަނިކުފާނު ވިދާޅުވި އެވެ.
"އަޅުގަނޑުމެންގެ ވާދަވެރިން ވެސް އަޅުގަނޑުމެންގެ ސިޔާސަތުތަކާ މެދު މިހާރު ހިތްހަމަޖެހޭ، އަޅުގަނޑަށް ވަރަށް ބޮޑު އުންމީދެއް އެބަ އޮތް، އަޅުގަނޑާއެކު، އިރާދަކުރެއްވިއްޔާ މި 2023 ވަނަ އަހަރު އޮންނަ ރިޔާސީ އިންތިހާބު އެމްޑީޕީއަށް އެއްބުރުން ކާމިޔާބު ކުރެވޭނެ،" ނަޝީދު ވިދާޅުވި އެވެ.
ރާއްޖޭގައި މިހާތަނަށް ބޭއްވި ތިން ރިޔާސީ އިންތިހާބުގެ ތެރެއިން ދެ ރިޔާސީ އިންތިހާބުގައި ވާދަކުރެއްވި ނަޝީދު އެ ޕާޓީއަށް "އެއްބުރުން" އިންތިހާބު ކާމިޔާބުވާނެ ކަމަށް ވިދާޅުވިއިރު، އެއީ ފެހި ގާނޫނު އަސާސީގެ ދަށުން ރިޔާސީ އިންތިހާބު ބާއްވަން ފެށި ފަހުން އެއްވެސް ޕާޓީއަކަށް ހާސިލްކުރެވިފައިވާ ކަމެއް ނޫނެވެ.
2008 އަދި 2013 ގެ ރިޔާސީ އިންތިހާބު ކާމިޔާބު ކުރީ ކޯލިޝަނެއްގެ ތާއީދު އޮތް ކެންޑިޑޭޓުންނެވެ. އެއީ ފުރަތަމަ ބުރުގައި ދެވަނައަށް އެންމެ ގިނަ ވޯޓު ލިބުނު ކެންޑިޑޭޓެވެ. 2018 ގައި ދެ ކެންޑިޑޭޓުން ވާދަކުރީތީވެ ދެވަނަ ބުރެއް ބާއްވަން ނުޖެހުނެވެ.
ގާނޫނު އަސާސީގައި އޮންނަ ގޮތުން ރިޔާސީ އިންތިހާބު ކާމިޔާބު ކުރެވޭނީ 50 އިންސައްތަ އަދި އިތުރު އެއް ވޯޓު ލިބިގެނެވެ. އެ މިންވަރަށް ފުރަތަމަ ބުރުގައި އެއްވެސް ކެންޑިޑޭޓަކަށް ވޯޓު ނުލިބޭނަމަ، އެންމެ ގިނަ ވޯޓު ލިބުނު ދެ ކެންޑިޑޭޓުންނާއެކު ދެވަނަ ބުރެއް ބާއްވަން ޖެހެ އެވެ.













