މަސްދަރު ހާމަކުރަން ދެން އެންގޭނެ، ހެކީގެ ގާނޫނަށް އަމަލުކުރަން ފަށައިފި

މަސްދަރު ހާމަކުރަން އެންގޭ ގޮތަށް އޮތް މާއްދާއާ ދެކޮޅަށް އިހުތިޖާޖު ކުރަނީ؛ މާއްދާ ހިމެނޭ ހެކީގެ ގާނޫނަށް އަމަލުކުރަން ފަށައިފި - ފޮޓޯ: އަބްދުﷲ އިޔާން / އަދަދު

މަސްދަރު ހާމަކުރަން އެންގޭ ގޮތަށް އޮތް މާއްދާއާ ދެކޮޅަށް އިހުތިޖާޖު ކުރަނީ؛ މާއްދާ ހިމެނޭ ހެކީގެ ގާނޫނަށް އަމަލުކުރަން ފަށައިފި - ފޮޓޯ: އަބްދުﷲ އިޔާން / އަދަދު

ނޫސްވެރިން މައުލޫމާތު ހޯދާ މަސްދަރު, ޝަރީއަތް މެދުވެރިކޮށް ހާމަކުރުވޭ ގޮތަށް ހެއްކާ ބެހޭ ގާނޫނަށް މިއަދުން ފެށިގެން އަމަލުކުރަން ފަށައިފި އެވެ.

ހެއްކާ ބެހޭ ބިލު ރައްޔިތުންގެ މަޖިލީހުން ފާސްކުރީ ޖޫން 30، 2022 ގަ އެވެ. އަދި އެ ބިލު ރައީސް އިބްރާހީމް މުހައްމަދު ސޯލިހް ތަސްދީގު ކުރެއްވީ ޖުލައި 18، 2022 ގަ އެވެ.

އޭގައި، ގާނޫނުއަސާސީން ނޫސްވެރިންނަށް ދީފައިވާ މަސްދަރު ރައްކާތެރިކުރުމުގެ ހައްގު ހަނިވާ ގޮތަށް މާއްދާއެއް އެބަ އޮތެވެ. ބައެއް ހާލަތްތަކުގައި ޝަރުއީ ކޯޓަކަށް ނޫސްވެރިޔާގެ މަސްދަރު ހާމަކުރަން އެންގުމުގެ ބާރު ގާނޫން ވަނީ ލިބިދީފަ އެވެ.

ޓެރަރިޒަމް އަދި ގައުމީ ސަލާމަތާ ގުޅޭ މައްސަލަތަކުގައި މަސްދަރު ހާމަކުރުމަށް ނޫސްވެރިޔާގެ މައްޗަށް ކޯޓަށް އަމުރު ކުރެވިދާނެ އެވެ. ގައުމީ ސަލާމަތަކީ, އެއްވެސް ގާނޫނެއްގައި މާނަކޮށްފައިނުވާ ވަރަށް ފުޅާ ގޮތެއްގައި ދޫކޮށްލާފައިވާ ކަމެއްކަމުން, އެކަމުގެ ކަންބޮޑުވުން ނޫސްވެރިންގެ ވަރަށް ބޮޑަށް އެބަ އޮތެވެ.

ގާނޫނު ތަސްދީގު ކުރާތާ ހަ މަސް ދުވަސް ފަހުން ގާނޫނަށް އަމަލުކުރަން ބަޔާން ކޮށްފައި އޮތް އިރު، މިއަދަަށް ހަ މަސް ފުރޭނެ އެވެ. އެހެންވެ މިއަދު ގާނޫނަށް އަމަލުކުރަން ފަށާތީ ދެން މަސްދަރު ހާމަކުރަން ޝަރީއަތް މެދުވެރިކޮށް ނޫސްވެރިންނަށް އެންގޭނެ އެވެ.

ގާނޫނުގެ މަގުސަދާއި ބައިތައް

ގާނޫނުގެ ބޭނުމެއް ކަމަށް ބުނެފައި އޮތީ 1976 ވަނަ އަހަރުން ފެށިގެން އަމަލުކުރަމުން އަންނަ ހެއްކާބެހޭ ގާނޫނަކީ ޒަމާނާ ނުބައްދަލު ގާނޫނެއް ކަމަށްވާތީ، އޭގެ ބަދަލުގައި ހަރުދަނާ އުސޫލުތަކެއްގެ މައްޗަށް ބިނާކޮށް ހެއްކާބެހޭ ތަފްސީލީ ގާނޫނީ އޮނިގަނޑެއް ތައާރަފްކުރުމެވެ.

ޖުމްލަ 151 މާއްދާ އެކުލެވޭ އެ ބިލުގައި ހެކީގެ ބާވަތްތަކާއި، ހެކި ދަރަޖަކުރެވިގެންވާ ގޮތްތަކާއި، ހެކި ހުށަހެޅުމާއި ބަލައިގަތުން އަދި ހެކިބަސް ނެގުމާއި ހެކި ވަޒަންކުރުމުގެ މިންގަނޑުތައް ވަނީ ކަނޑައަޅައިފަ އެވެ.

މީގެ އިތުރުން މަދަނީ އަދި ޖިނާއީ މައްސަލަތަކުގައި އިސްލާމްދީނުގައި ހައްދު އަދި ގިސާސް ކަނޑައެޅިފައިވާ ކުށްތައް ސާބިތުކުރުމަށް ބޭނުންވާ ބޭނުންވާ ހެކީގެ ނިސްބަތް ކަނޑައެޅުމާއި، ސާބިތުކުރުމުގެ ޒިންމާއާގުޅޭ އުސޫލުތައް ބަޔާންކޮށްފައި ވެ އެވެ.

އަދި ހެކީގެ ގޮތުގައި ހުށަނޭޅޭނެ، އިމްތިޔާޒް ލިބިގެންވާ ކަންކަންފަދަ ހެއްކާބެހޭ އުސޫލުތައް އެ ބިލުގައި ވަނީ ބަޔާންކޮށްފަ އެވެ.

ނޫސްވެރިންގެ ކަންބޮޑުވުމާއި މަޖިލީހަށް ފަހުން ފޮނުވި ބިލު

ނޫސްވެރިންގެ ހުރި ކަންބޮޑުވުންތަކަށް ބެލުމަށް ފަހު އެޓާނީ ޖެނެރަލްގެ އޮފީހުން މަސްދަރު ހާމަކުރަން އޮންނަ މާއްދާއަށް އިސްލާހުތަކެއް ގެެނެސް މަޖިލީހަށް އާ ބިލެއް ފޮނުވި އެވެ.

ނޫސްވެރިން އެދިފައިވާ ބައެއް ބަދަލުތައް ހިމަނައިގެން އެ މާއްދާ އިސްލާހު ކުރަން ހުށަހަޅާފައިވީނަމަވެސް، ބިލު ހުށަހަޅައިފައިވަނީ ނޫސްވެރިންގެ އެންމެ ބޮޑު ކަންބޮޑުވުން ހުރި ގައުމީ ސަލާމަތާ ބެހޭ މާއްދާ ހިމަނައިގެންނެވެ.

ބިލުގައި ހިމެނޭ އެއް ބަދަލަކީ، މަސްދަރު ހާމަކުރުމަށް ލާޒިމުކުރާ ހާލަތްތަކުގެ ތެރޭގައި ހިމެނޭ ގައުމީ ސަލާމަތާ ގުޅުން ހުރި ކުށްތަކާއި ޓެރަރިޒަމްގެ ކުށްތައް އިތުރަށް ސާފުވާނެ ގޮތަށް ގާނޫނުގައި މާނަކޮށްދިނުމެވެ.

ކުރިން ގާނޫނުގައި އޮތީ މަސްދަރު ހާމަކޮށްދިނުމަށް އެދި ދައުލަތުގެ އިތުރަށް ދައުވާ ކުރާ މީހުންނަށް ވެސް ހުށަހެޅޭ ގޮތަށެވެ. ފަހުން ފޮނުވި ބިލުގައި ހިމެނި ބަދަލަކީ، ދައުލަތް ތަމްސީލުކުރާ ޕްރޮސެކިއުޓާ ޖެނެރަލް ހުށަހަޅައިގެން، ހައި ކޯޓުން ކުރާ އަމުރެއްގެ ގޮތުގައި އެކަން ކަނޑައެޅުމަށެވެ.

އެފަދަ އަމުރެއް ހައި ކޯޓުން ނެރުމުގައި ކޯޓުން ރިއާޔަތް ކުރަން ޖެހޭ ކަންކަން ގާނޫނުގައި ކަނޑައެޅުމަށް ހުށަހަޅާ އިސްލާހުތައް ވެސް ހިމަނާފައިވާ ކަމަށް އޭޖީ އޮފީހުން ބުނެފައިވެ އެވެ.

އެންމެ ބޮޑު ކަންބޮޑުވުމެއް އޮތް ގައުމީ ސަލާމަތާ ބެހޭ މައްސަލަތައް އަދިވެސް ބިލުގައި އޮތުމުން ނޫސްވެރިންގެ ޖަމިއްޔާ، މޯލްޑިވްސް ޖާނަލިސްޓް އެސޯސިއޭޝަން (އެމްޖޭއޭ) އިން ވަނީ މީގެ ކުރިން ވެސް ކަންބޮޑުވުން ފާޅުކޮށްފަ އެވެ.

ގައުމީ ސަލާމަތުގެ ކުށް މާނަކުރާ ގާނޫނެއް މިވަގުތު ރާއްޖޭގައި ނެތުމުން، ގައުމީ ސަލާމަތް މާނަކުރުން ނަހަމަ ގޮތުގައި ބޭނުން ކުރުމުގެ ފުރުސަތު އޮތުމުން އެ ނުކުތާ ހިމަނައިގެން ގާނޫނު އިސްލާހު ކުރަން ދެކޮޅު ކަމަށް އެމްޖޭއޭއިން ބުނެފައިވެ އެވެ.

އޭގެ އިތުރުން، މައްސަލަ ކޯޓަށް ހުށަހެޅުމުގެ ކުރިން ވެސް ނޫސްވެރިޔާއަށް މަސްދަރު ހާމަކުރަން އިދާރާތަކަށް މަޖުބޫރު ކުރުވޭ ފަދަ މާއްދާއެއް ހިމަނާފައި ވާތީ އެ މާއްދާ އިސްލާހުކޮށްދިނުމަށް ވެސް އެމްޖޭއޭއިން އެދުނެވެ.

މަޖިލީހަށް ހުށަހަޅާފައިވާ ބިލު ވެސް އަދި ފާހެއް ނުކުރެ އެވެ. ބިލު އޮތީ އިބްތިދާއީ ބަހުސް މަރުހަލާގަ އެވެ. އެ މަރުހަލާ ނިމި ބިލު ތަޅުމަށް ބަލައިގަތުމާ މެދު ގޮތެއް ނިންމަން ޖެެހެ އެވެ. ތަޅުމަށް ބަލައިގަންނަން ފާސްވެއްޖެނަމަ، ދެން ބިލު ދިރާސާކުރަން ކަމާ ގުޅުން ހުރި ކޮމިޓީއަކަށް ފޮނުވާނެ އެވެ.

ކޮމެންޓް

ފަހުގެ ޚަބަރު

ގޮޅިތަކެއް އިމާރާތްކުރަން ޕޮލްކޯއާ ހަވާލުކުރުމުން ގެއްލުންތަކެއް

މާފުށީ ޖަލުގައި ގޮޅިތަކެއް އިމާރާތްކުރުމަށް ޕޮލްކޯއާ ހަވާލުކުރި މަޝްރޫއު، އެ ކުންފުނިން އެހެން ބަޔަކަށް ސަބް-ކޮންޓްރެކްޓް ކުރުމުގެ ސަބަބުން ދައުލަތަށް ބޮޑު މާލީ ގެއްލުމެއް ލިބިފައިވާކަން އޮޑިޓް ރިޕޯޓުން ހާމަވެއްޖެއެވެ. މީގެ އިތުރުން، ނުކުރާ މަސައްކަތްތަކަކަށް 2.9 މިލިއަން ރުފިޔާ ދައްކާފައިވާތީ، މި މައްސަލަ އޭސީސީއަށް ހުށަހެޅުމަށް އޮޑިޓް އޮފީހުން ވަނީ ލަފާދީފައެވެ.

ކުޅުދުއްފުށީގައި 'މަނަސްހަބް' ހުޅުވައިފި

ކުޅުދުއްފުށީ ސިޓީ ކައުންސިލާއި އޮސްޓްރޭލިއާ ހައިކޮމިޝަން ގުޅިގެން، ނަފްސާނީ ދުޅަހެޔޮކަމަށް ހޭލުންތެރިކަން އިތުރުކުރުމަށް "މަނަސްހަބް" ނަމުގައި ހާއްސަ މަރުކަޒެއް އެ ސިޓީގައި ހުޅުވައިފިއެވެ. މި މަރުކަޒުގެ މައިގަނޑު މަގުސަދަކީ ނަފްސާނީ ބަލިތަކަށް ހުރި ނުރަނގަޅު ތަސައްވަރުތައް ނައްތާލައި، އެހީތެރިކަން ބޭނުންވާ ފަރާތްތަކަށް ފަސޭހަކަމާއެކު ފަރުވާ ލިބޭނެ އިންތިޒާމު ހަމަޖައްސައިދިނުމެވެ.

ޔާމީނަށް އަބްދުއްރަހީމްގެ ހޫނު ރައްދެއް

ރަސްމާލެ މަޝްރޫއު ހުއްޓާލުމަށް ކުރީގެ ރައީސް ޔާމީން ގޮވައިލެއްވުމާ ގުޅިގެން، އެއީ ވެރިކަމުގެ ދަހިވެތިކަމުގައި ގައުމަށް ޣައްދާރުވުން ކަމަށް ވިދާޅުވެ މަޖިލީހުގެ ރައީސް އަބްދުއްރަހީމް ވަނީ ވަރަށް ބޮޑަށް ފާޑުވިދާޅުވެފައެވެ. އަދި ޔާމީންގެ ވެރިކަމުގައި ފ. އަތޮޅު މަޝްރޫއަށް އެމްޑީޕީން ހުރަސްއެޅި ގޮތަށް، މިއަދު ޔާމީން ވެސް އަމަލުކުރައްވަނީ ހަމަ އެފަދައިންކަން އަބްދުއްރަހީމް ފާހަގަކުރެއްވިއެވެ.

ހައުސިން ޔުނިޓް ނިމޭއިރު ލިބޭ މީހުން ކަނޑަނޭޅޭތީ ކަންބޮޑުވުން

ލ. ގަމުގައި ތަރައްގީކުރާ 100 ހައުސިން ޔުނިޓްގެ މަސައްކަތް ނިމުމަކާ ގާތްވެފައިވާއިރު، އެ ތަންތަން ލިބޭނެ ފަރާތްތައް ކަނޑައެޅުމުގެ އެއްވެސް މަސައްކަތެއް ކުރިއަށް ނުދާތީ ކައުންސިލުން ވަނީ ކަންބޮޑުވުން ފާޅުކޮށްފައި. ކައުންސިލުން އެދެނީ މިނިސްޓްރީން ނުވަތަ ކައުންސިލް މެދުވެރިކޮށް ނަމަވެސް، ވީހާވެސް އަވަހަށް އެ ތަންތަން ހަވާލުކުރުމުގެ މަރުހަލާ ފެށުމަށް.

ތިނަދޫ ކައުންސިލް ރައީސްގެ މަގާމަށް ކުރިމަތިލުމަށް ހުޅުވާލައިފި

ވ. ތިނަދޫ ކައުންސިލްގެ ރައީސް ޝުޖާއު އަލީ ޕާޓީ ބަދަލުކުރުމާ ގުޅިގެން އޭނާގެ ގޮނޑި ގެއްލިފައިވާތީ، އެ މަގާމަށް މީހަކު އިންތިޚާބު ކުރުމަށް ބާއްވާ ބައި-އިލެކްޝަނަށް ކުރިމަތިލުމުގެ ފުރުސަތު އިލެކްޝަންސް ކޮމިޝަނުން ހުޅުވާލައިފިއެވެ. އޮކްޓޯބަރު 26 އާ ހަމައަށް ކުރިމަތިލުމުގެ ފުރުސަތު އޮތް މި އިންތިޚާބު ބޭއްވުމަށް ހަމަޖެހިފައިވަނީ ނޮވެމްބަރު 28 ގައެވެ.

ރަސްމާލެ މަޝްރޫއު ހުއްޓާލަން ޔާމީން ގޮވައިލައްވައިފި

އެކްސްގައި ޔާމީން ކުރެއްވި ޕޯސްޓެއްގައި ވިދާޅުވީ އީގަލް ހިލްސް ކުންފުނިން ދަނީ، ރައްޔިތުންގެ ތާއީދާއި އިތުބާރު ގެއްލިފައި އޮތް ރާއްޖޭގެ ސަރުކާރުގެ ނާޖާއިޒު ފައިދާ ނަގަމުން ކަމަށް. ސަރުކާރުން ރަސްމާލެ ދޫކޮށްލީ ލޭންޑް އިކުއިޒިޝަން ފީއެއް އަދި ބިމު ކުުއްޔެއް ނުނަގާ ގޮތަށް.

އެމްޓީސީސީއަށް "މެގަ" ޑްރެޖަރު ގަންނަ އަގު ހާމަނުކުރި

އެމްޓީސީސީގެ "މަހާޖައްރާފު" އަށް ނުފޯރާ ފުންމިނުން ވެލިނެގުމަށްޓަކައި 75 މީޓަރު އަޑިން މަސައްކަތްކުރެވޭ އާ ޑްރެޖަރެއް ގަތުމުގެ ޕްރޮކިއުމަންޓް މަސައްކަތް އެ ކުންފުނިން ދަނީ ކުރަމުން. ނަމަވެސް، އެއީ ބޮޑު އެސެޓަކަށްވެފައި ޕްރޮސެސް ކުރިއަށްދާތީ އެ ޑްރެޖަރު ގަންނަ އަގު ހާމަކޮށްފައެއް ނުވޭ.

Newsletter

Get the latest news delivered straight to your inbox