ލަންޑަން (ޖެނުއަރީ 17) - އިނގިރޭސި ޕްރިމިއާ ލީގުގެ އެއް ވަނައިގައި މި ވަގުތު އޮތް އާސެނަލް އަށް އާ ކުޅުންތެރިން ބޭނުންވި ނަމަވެސް އެއްވެސް ކުޅުންތެރިއަކު އަވަސް އަރުވާލައިގެން ގަންނަން ބޭނުން ނުވާ ކަމަށް އެ ޓީމުގެ ކޯޗު މިކޭލް އާޓެޓާ ބުނެފި އެވެ.
އިނގިރޭސި ޕްރިމިއާ ލީގުގައި އާސެނަލުން މިހާތަނަށް 18 މެޗު ކުޅެފައިވާއިރު، އެއް ވަނައިގައި އޮތީ އަށް ޕޮއިންޓުގެ ލީޑަކާ އެކު ގައެވެ. ދެ ވަނަގައި އޮތީ އެންމެ ފަހުގެ ޗެމްޕިއަން، މެންޗެސްޓާ ސިޓީ އެވެ.
ނަވާރަ އަހަރަށް ފަހު ފުރަތަމަ ފަހަރަށް ޕްރިމިއާ ލީގު ކާމިޔާބުކުރުމަށް މަސައްކަތް ކުރަމުން އަންނަ އާސެނަލް ޓީމަށް މި ވަގުތު ދިމާވެފައި އޮތް އެންމެ ބޮޑު މައްސަލައަކީ ޓީމުގެ އެއް ވަނަ ފޯވާޑް ގެބްރިއެލް ޖީސޫސް އަނިޔާގައި ހުރުމެވެ.
ކަކުލުގެ އޮޕަރޭޝަނަކަށް ފަހު އޭނާ އަށް ކުޅުމުގެ ތެރެއަށް އާދެވޭނެ ކަމަށް ބެލެވެނީ ސީޒަންގެ ފަހުކޮޅުގަ އެވެ. މި ވަގުތު ޓީމުގައި ޖެސުސް ކުޅޭ މަގާމަށް ކުޅެން ހުރީ، ޒުވާން ފޯވާޑް، އެޑީ އެންކެޓިއާ އެކަންޏެވެ.
މިހާރު ކުރިއަށްދާ ޓްރާންސްފާގައި އާސެނަލުން ފޯވާޑެއް ގަތުން ގާތެވެ. އެ ޓީމުން އެންމެ ބޮޑަށް ފާރަލަމުންދިޔަ ކުޅުންތެރިޔާ ކަމަށްވާ ޝަކްޓާ ޑޮނެސްކްގެ މިކައިލޯ މުޑްރިކް ފަހު ވަގުތު ސޮއިކުރީ ޗެލްސީ އަށެވެ. އެހެންކަމުން، އެހެން ކުޅުންތެރިއަކު ހޯދަން މިހާރު އެ ކުލަބުން ވަނީ މަސައްކަތް ފަށައިފަ އެވެ.
ޓްރާންސްފާ މާކެޓް ފެށުމުގެ ކުރިން އާސެނަލް އަށް އާ ކުޅުންތެރިން ބޭނުންވާކަން ކޯޗު އާޓެޓާ ފާހަގަކުރި އެވެ. އޭރު އޭނާ ބުނީ ސީޒަންގެ ފަހުކޮޅަށް ދާއިރު އަނިޔާގެ މައްސަލަތަކާއި ފިޓްނަސްގެ މައްސަލަތައް ދިމާވާނެކަމަށާއި، ސްކޮޑު އިތުރަށް ވަރުގަދަ ކުރުން މުހިންމު ކަމަށެވެ.
މިހާރު އާސެނަލް އޮތް ހާލަތަށް ބަލާއިރު ލީގު ތަށި ހޯދުމަށް އާސެނަލް އަށް މަދުވަނީ ޓީމްގައި ފުލްކޮށް ކުޅޭ ކުޅުންތެރިންނަށް ނުކުޅެވޭ ވަގުތު ބެންޗުން އަރައި، ނަތީޖާ ބަދަލުކުރާނެ ވަރުގެ ކުޅުންތެރިން ކަމަށް ތަޖުރިބާކާރުން ގަބޫލުކުރެ އެވެ.
"އަހަރުމެން ކުޅުންތެރިން ހޯދަން އެބަ މަސައްކަތްކުރަން. އެކަމަކު، މިކަމުގައި އަހަރުމެންގެ ވިސްނުން ވަރަށް ސާފު. ރަނގަޅަށް އިވެލުއޭޓް ކޮށްގެން، ބަލައިގެން ޓީމަށް އެންމެ އެކަށީގެންވާ ކުޅުންތެރިން ގެންނާނީ" މުޑްރިކް ޗެލްސީ އަށް ސޮއިކުރުމާ ގުޅޭގޮތުން ނޫސްވެރިން ސުވާލުކުރުމުން އާޓެޓާ ބުންޏެވެ.
އާޓެޓާ ބުނީ އެންމެ މުހިންމު ވަނީ އާސެނަލްގެ ތަސައްވުރާ ގުޅޭ، އޭނާގެ ވިސްނުމުގައި ކުޅޭނެ ކަހަލަ ކުޅުންތެރިން ޓީމަށް ގެނައުމަށް ކަމަށެވެ. އޭރުން އޭގެ ފައިދާ ދިގު މުއްދަތަކަށް ކުރާނެ ކަމަށް އާޓެޓާ ގަބޫލުކުރެ އެވެ.
ފުޓްބޯޅަ ދިރާސާ ކުރާ ފަރާތްތަކުން ގަބޫލުކުރާ ގޮތުގައި އާޓެޓާގެ އެންމެ ބޮޑު ވިސްނުމަކީ ކުޅުންތެރިންނަށް "އެކަށޭނަ އަގު"ގައި ގަތުމެވެ. މާ ބޮޑެތި އަގުގައި ބޮޑު މުސާރައިގައި ކުޅުންތެރިން ހޯދައި ޓީމަށް ގެއްލުންވާން އޭނާ ބޭނުން ނުވާނެ އެވެ. އަދި އާޓެޓާގެ ޓްރާންސްފާ ސްޓްރެޓިޖީ އަށް ބަލާއިރު އޭނާގެ ޕްލޭންތައް ވަރަށް ރަނގަޅުކަންވެސް އެ ފަރާތްތަކުން ގަބޫލުކުރެ އެވެ.
އޭގެ މިސާލެއްގެ ގޮތުގައި އެ ފަރާތްތަކުން ދައްކަނީ މިދިޔަ ޓްރާންސްފާތަކުގައި އާސެނަލުން އެންމެ ބޭނުންވި ކުޅުންތެރިން ނުލިބުނު ނަމަވެސް އޭގެ ބަދަލުގައި ގެނައި ކުޅުންތެރިންގެ ފަރާތުން ޓީމަށް ކުރަމުން އަންނަ ފައިދާ އެވެ.
އެ ގޮތުން، 2021 ވަނަ އަހަރު އެމިލިއާނޯ ބުއެންޑިއާގެ ސޮއި ނުލިބުމުން އެކުލަބުން ގެނައީ މާޓިން އޮޑެގާޑެވެ. އެ އަހަރު ކީޕަރަކަށް ފުރަތަމަ ގެންނަން އުޅުނު ޑޭވިޑް ރާޔާގެ ސޮއި ނުލިބުމުން ގެނައީ ބޯންމައުތަށް ކުޅުނު ކީޕަރު އާރޮން ރަމްސްޑޭލް އެވެ.
އެ ފަހަރުގެ ޓްރާންސްފާގައި ގެނައި ޖާޕާންގެ ޑިފެންޑަރު ޓޮމިޔާސޫ އަކީވެސް އޭރުގެ އެއްވަނަ ހޮވުމެއް ނޫނެވެ. އޭނާ ގެނައި އެމަސަން ރޯޔަލް ނުލިބުމުންނެވެ. އޭގެ ފަހުން، އާސެނަލުން އެންމެ ބޭނުންވި އެއް ފޯވާޑަކީ ޑުސާން ވްލަހޮވިޗް އެވެ.
އެކަމަކު، އޭނާ ޔުވެންޓަސް އަށް ބަދަލުވުމުން މި ސީޒަންގެ ކުރިން އެކުލަބުން ގެނައީ ސިޓީ އަށް ކުޅުނު ޖީސޫސް އެވެ.
މި ކުޅުންތެރިން އާސެނަލްއާ ގުޅި ދައްކަމުން އަންނަ ކުޅުމަށް ބަލާއިރު އާޓެޓާގެ ޓްރާންސްފާ ތަކުގެ ހިކުމަތްތެރިކަން ހާމަވާކަމަށް ފުޓްބޯޅަ ދިރާސާ ކުރާ ފަރާތްތަކުން ހާމަ ކުރެ އެވެ.
މިހާރު ކުރިއަށްދާ ޖެނުއަރީ ޓްރާންސްފާގައި އާސެނަލުން އެންމެ ބޭނުންވި ކުޅުންތެރިޔާ މުޑްރިޗް ނުލިބުނަސް ދެން ގެންނާނެ ކުޅުންތެރިއަކާ މެދު ކުލަބުގެ ސްޕޯޓަރުންގެ ފުރިހަމަ އިތުބާރު އޮންނާނެ ކަމުގެ ފުރުސަތު އާޓެޓާ އަށް ވެސް ބޮޑެވެ.












