މެލްބަން، އޮސްޓްރޭލިއާ (ޑިސެމްބަރު 16) - އަންނަ މަހު އޮންނަ ދުބާއީ އޯޕަން ޓެނިސް މުބާރާތަށް ފަހު ރިޓަޔާކުރާނެ ކަމަށް އިންޑިއާގައި އުފެދުނު އެންމެ މޮޅު ޓެނިސް ކުޅުންތެރިޔާ ސާނިއާ މިރްޒާ ބުނެފި އެވެ.
ސާނިއާ މިރުޒާ އަކީ ދެކުނު އޭޝިއާ ސަރަހައްދުގައި އުފެދުނު އެންމެ މޮޅު ޓެނިސް ކުޅުންތެރިޔާ އެވެ. އޭނާ އަކީ ދުނިޔޭގެ އެންމެ ބޮޑު ޓެނިސް މުބާރާތް ކަމަށްވާ ގްރޭންޑް ސްލޭމް ޓެނިސް މުބާރާތުގެ ތަށި ހޯދި ފުރަތަމަ އިންޑިއާ ކުޅުންތެރިޔާ އެވެ.
މީހާރު ކުރިއަށްދާ އޮސްޓްރޭލިއަން އޯޕަން ޓެނިސް މުބާރާތުގައި ނޫސްވެރިންނާ ވާހަކަދައްކަމުން ސާނިއާ ބުނީ މިހާރު އޭނާ އަށް އެންމެ އެކަށީގެންވާ ވަގުތު ޓެނިހަށް ނުދެވޭ ކަމަށާއި، އުއްމީދުކުރި ވަރަށް ވުރެ ގިނަ ދުވަހު ޓެނިސް ކުޅެވިއްޖެ ކަމަށެވެ.
"އަހަރެންގެ ހަށިގަނޑުގައި ނެތް ހިތްވަރު ލާނެ ވަރުގެ ނަފްސާނީ ވަރުގަދަކަމެއް މިހާރު ނެތް. ދުބާއީ މުބާރާތަކީ އަހަރެންގެ ފަހު މުބާރާތް، އޭގެ ފަހުން ޕްރޮފެޝަނަލްކޮށް ޓެނިސް ކުޅޭތަން ނުފެންނާނެ،" ސާނިއާ، 36، ބުންޏެވެ.

ޓެނިސް އިވެންޓެއްގެ ޕްރެކްޓިހެއްގެ ތެރެއިން ސާނިއާ ބޯޅަ އެއް ފޮނުވާލަން ތައްޔާރުވަނީ.
ސާނިއާ ހުރީ މިދިޔަ އަހަރުގެ ސީޒަނަށް ފަހު ޓެނިސް ކުޅުން ހުއްޓާލަން ތައްޔާރު ވެގެންނެވެ. އެހެން ނަމަވެސް އަތުގެ އުޅަބޮއްޓަށް ލިބުނު އަނިޔާއެއްގެ ސަބަބުން މިދިޔަ އަހަރުގެ ފަހު ގްރޭންޑް ސްލޭމްގައި އޭނާ އަށް ކުޅެވޭ ގޮތް ނުވީ އެވެ. މިހާރު އަނިޔާއިން ރަނގަޅުވެ، ސާނިއާ ވަނީ އޮސްޓްރޭލިއަން އޯޕަންގައި ބައިވެރިވެފަ އެވެ. ކަޒަކިސްތާންގެ އަނާ ޑެނިލީނާއާ އެކު ސާނިއާ ކުޅޭނީ އަންހެން ޑަބަލްސް އިވެންޓުގައި އެކަންޏެވެ.
އުމުރުން އެންމެ ހަ އަހަރުގެ ޓެނިސް ކުޅެން ފެށި ސާނިއާ މިރުޒާ ދުނިޔޭގެ ސަމާލުކަން އެންމެ ފުރަތަމަ ހޯދީ އިންޑިއާގެ ހައިދްރާބާދުގައި 2003 ވަނަ އަހަރު ކުރިއަށްދިޔަ ޑަބްލިއުޓީއޭ ހައިދްރާބާދު އޯޕަން މުބާރާތުންނެވެ. އޭގެ ފަހުން ދުނިޔޭގެ ފެންވަރުގެ އެކި މުބާރާތްތަކުގައި ވާދަކުރަމުން ގޮސް އޭނާ ވަނީ 2005 ވަނަ އަހަރު ހައިދްރާބާދު އޯޕަން ކާމިޔާބުކޮށް ޑަބްލިއުޓީއޭ މުބާރާތެއް ކާމިޔާބުކުރި ފުރަތަމަ އިންޑިއާ ކުޅުންތެރިޔާގެ ޝަރަފް ހޯދައިފަ އެވެ.
އޭގެ ފަހުން، 2007 ވަނަ އަހަރު ދުނިޔޭގެ އަންހެން ރޭންކިންގެ 27 ވަނަ އަށްވެސް ސާނިއާ ޖެހިލި އެވެ. ސާނިއާ އަށް، 2010 އިން ފެށިގެން އަނިޔާގެ މައްސަލަތައް ދިމާވެ، ސިންގަލްސް އިވެންޓުތަކާ ދުރަށް ޖެހިލައި ހާއްސަވީ ޑަބަލްސް އަށެވެ. އެ ގޮތުން ދުނިޔޭގެ ފެންވަރުގެ މަތީ ކާމިޔާބީތައް ޑަބަލްސް އިވެންޓުގައި ހޯދައި ދުނިޔޭގެ ރޭންކިންގެ އެއް ވަނަ އަށް ވެސް އޭނާ ޖެހިލި އެވެ. ސްވިޒަލެންޑްގެ މަޝްހޫރު ކުޅުންތެރިޔާ މާޓިނާ ހިންގިސްއާ އެކު ކުޅެ ޑަބަލްސް ގިނަ އިވެންޓުތަކެއް އޭނާ ހޯދި އެވެ.

ދެކުނު އޭޝިއާގެ އިތުރުން މުޅި އޭޝިއާ އަށް ބެލިޔަސް ސާނިއާ އަކީ ގިނަ ކާމިޔާބީތަކެއް ހޯދާފައިވާ ކުޅުންތެރިއެއް.
ހަ ފަހަރު ޑަބަލްސް ގްރޭންޑް ސްލޭމް ކާމިޔާބުކުރިއިރު ޑަބްލިއުޓީއޭ މުބާރާތްތަކުގެ 43 ޑަބަލްސް ތަށި އޭނާ ހޯދި އެވެ. މިއީ މިހާރު ކުޅެމުން އަންނަ ކުޅުންތެރިންނަށް ބަލާއިރު ރެކޯޑު އަދަދެކެވެ.
ސާނިއާގެ ކެރިއަރުގައި މަޑު ޖެހުމެއް އައީ ޕާކިސްތާންގެ ކްރިކެޓް ތަރި ޝުއެއިބް މަލިކްއާ ކައިވެނިކޮށް ދަރިއެއް ލިބުނު ހިސާބުންނެވެ. އޭގެ ފަހުން އޭނާ މުބާރާތްތަކުގައި ވާދަކުރާ މިންވަރު އަންނަނީ މަދުވަމުންނެވެ.
އާއިލާއާ އެކު ދުބާއީގައި ދިރިއުޅެމުން އަންނަ ސާނިއާގެ އިންޑިއާގެ ޓެލަންގަނާ ސްޓޭޓްގެ ބްރޭންޑް އެމްބެސެޑަރެވެ. ހައިދްރާބާދުގައި އޭނާގެ އަމިއްލަ އެކަޑެމީއެއް ހުރިއިރު، އޭނާ އަކީ އދ. އިން ދެކުނު އޭޝިއާ އަށް ކަނޑައަޅާފައި ހުންނަ ގުޑްވިލް އެމްބެސެޑަރެވެ.












