މޯލްޑިވިއަން ޑިމޮކްރެޓިކް ޕާޓީގެ ޗެއާޕާސަން އަދި މި ސަރުކާރުގެ އިކޮނޮމިކް މިނިސްޓަރު ފައްޔާޒް އިސްމާއިލްގެ އާއިލާ މެމްބަރަކު މަގުމަތީގައި އުޅުއްވަނިކޮށް ބަޔަކު ގޮސް ފުރައްސާރަކޮށްފި އެވެ.
ސޯޝަލް މީޑިއާ ޕްލެޓްފޯމް ޓުވިޓާގައި މިނިސްޓަރު ފައްޔާޒް ލިޔުއްވާފައި ވަނީ އޭނަގެ "އަނބިދަރިންނާ" މަގުމަތިން ދިމާކޮށް، ފުރައްސާރަކޮށްފައިވާ ކަމަށާއި އެކަން ބަލައިނުގަނެވޭނެ ކަމަށެވެ.
"މީޑިއާގައި ވެސް، އެހެން ގޮތަކުން ވެސް އަޅުގަނޑާ ދިމާ ކުރެވިދާނެ. [އެކަމަކު] ސިޔާސީ ހިޔާލު ތަފާތުވުމުން މަގުމަތިން އަނބިދަރިންނާ ދިމާ ކުރުމަކީ ބަލައިގަނެވޭނެ ކަމެއް ނޫން،" ފައްޔާޒް ވިދާޅުވެފައިވެ އެވެ.
އެކަމާ ގުޅިގެން ފައްޔާޒްގެ ބަހެއް ހޯދަން މި ނޫހުން ގުޅުމުން ވިދާޅުވީ މިވަގުތު އެކަމާ ގުޅޭ ގޮތުން އިތުރު ވާހަކައެއް ދައްކަވަން ބޭނުންނުވެވަޑައިނުގަންނަވާ ކަމަށެވެ.
ފައްޔާޒުގެ އާއިލާގެ މެމްބަރަކާ މަގުމަތިން ފުރައްސާރަކޮށްފައި މި ވަނީ ވެރިކަން ހިންގާ މޯލްޑިވިއަން ޑިމޮކްރެޓިކް ޕާޓީގެ ރިޔާސީ ޕްރައިމަރީގެ ކެމްޕެއިން ވަރަށް ފޯރީގައި ކުރިއަށްގެންދާ ދުވަސްވަރެއްގަ އެވެ. ޖެނުއަރީ 28، ގައި ބާއްވާނެ އެ އިންތިހާބުގައި ވާދަ ކުރައްވަނީ ރައީސުލްޖުމްހޫރިއްޔާ އިބްރާހިމް މުހައްމަދު ސޯލިހާއި ރައްޔިތުންގެ މަޖިލީހުގެ ރައީސް މުހައްމަދު ނަޝީދެވެ.

ފައްޔާޒްގެ އާއިލާގެ މެމްބަރަކާ މަގުމަތިން ދިމާކޮށްފައިވާތީ ނަޝީދު ވަނީ އެކަން ކުށްވެރިކޮށްފަ އެވެ. އެމްޑީޕީގެ ސޯޝަލް މީޑިއާ ގްރޫޕަކަށް ރައީސް ނަޝީދު ކުރެއްވި މެސެޖެއްގައި ވިދާޅުވެފައި ވަނީ ވަނީ ފައްޔާޒާއި އޭނާގެ އާއިލާއާ ޒާތީކޮށް ދިމާ ނުކުރެއްވުމަށް އެދިވަޑައިގެންފަ އެވެ.
"އަޅުގަނޑު އެދޭނީ އެއްވެސް ބޭފުޅަކު މިނިސްޓަރު ފަޔާ އަދި ފަޔާގެ ފެމިލީއާ ޒާތީކޮށް ދިމާނުކުރެއްވުމަށް،" ނަޝީދު ފޮނުއްވި މެސެޖުގައި ޖިޔުއްވާފައިވެ އެވެ.
އެމްޑީޕީގެ އެތެރޭގެ އިންތިހާބުގައި ޗެއާޕާސަން ފައްޔާޒް ތާއިދު ކުރައްވަނީ ރައީސް އިބްރާހިމް މުހައްމަދު ސޯލިހަށެވެ. ނަމަވެސް ޗެއާޕާސަންގެ މަގާމުގައި ހުންނަވައިގެން ކެމްޕޭނުގައި އަމަލީގޮތުން ހަރަކާތްތެރިވެވަޑައެއް ނުގަންނަވަ އެވެ.
އެމްޑީޕީގެ ޗެއާޕާސަން ކަމަށް ފައްޔާޒު ވާދަކުރެއްވިއިރު ނަޝީދު ވަނީ އޭނާއަށް ގިނަ ބަހުގެ ހަމަލާތަކެއް ވެސް އަމާޒުކުރައްވާފަ އެވެ.
ޗެއާޕާސަން އިންތިހާބުގެ ކުރިއަށް ނަޝީދު ވަނީ އެކި ފަހަރު މަތިން ފައްޔާޒު ވަޒީރު ކަމުން ވެސް ވަކިކުރައްވަން މަސައްކަތް ކުރައްވައިފަ އެވެ. އެ ކަމަށް ލޮބީކޮށް ބައެއް މެންބަރުންގެ ސޮއި ވެސް ހޯއްދެވި އެވެ. ނަމަވެސް އިތުބާރު ނެތް ކަމުގެ ވޯޓު ނެގޭ ވަރަށް ސޮއި ނުލިބޭތީ އެ ކަން މަޑުޖައްސާލީ އެވެ.
އެމްޑީޕީގެ ރިޔާސީ ޕްރައިމަރީގައި 57،000 އަށް ވުރެ ގިނަ މެމްމަބަރުންނަށް ވޯޓުލެވޭނެ އެވެ. މިއީ ސިޔާސީ ޕާޓީއަކުން މިފަހުން ބާއްވާަ އެންމެ ބޮޑު އަދި އެންމެ މުހިންމު އެއް އިންތިހާބެވެ. އެ އިންތިހާބަށްފަހު، ނަތީޖާ ކޮންމެ ގޮތަކަށް އައި ނަމަވެސް އެމްޑީޕީއާއެކު ހުންނަވާނެ ކަމަށް ރައީސް ސޯލިހު ވަނީ ވިދާޅުވެފަ އެވެ. ނަމަވެސް ނަޝީދު ވިދާޅުވެފައި ވަނީ މި އަހަރުގެ ސެޕްޓެމްބަރު މަހު ބޭއްވުމަށް ހަމަޖެހިފައިވާ ރިޔާސީ އިންތިހާބުގައި ރައީސް ސޯލިހަށް ތާއީދު ކުރެއްވެން ނެތް ކަމަށެވެ.













