އެމެރިކާގެ އުދުހުންތައް ވަގުތީ ގޮތުން މެދުކަނޑާލުމަށް ފަހު، އެއާ ޓްރެފިކް އޮޕަރޭޝަންތައް އަލުން ފަށަމުންދާ ކަމަށް ފެޑެރަލް އޭވިއޭޝަން އެޑްމިނިސްޓްރޭޝަން (އެފްއޭއޭ) އިން ބުނެފި އެވެ.
އުދުހުންތައް ވަގުތީ ގޮތުން މެދުކަނޑާލަން ޖެހުނީ ފްލައިޓް ރޫޓުތަކުގައި ދިމާވެދާނެ ނުރައްކާ ޕައިލެޓުންނަށް އަންގައިދޭ ސިސްޓަމުގައި މައްސަލައެއް ކުރިމަތިވުމުންނެވެ.
އެފްއޭއޭއިން ބުނީ ފްލައިޓްތައް އަލުން ދަތުރު ފެށި ނަމަވެސް، ބެކްލޮގްގެ ސަބަބުން ފްލައިޓް ޑިލޭވުމުގެ މައްސަލަ ދިމާވުން އެކަށީގެންވާ ކަމަށެވެ.

އެކަމުގެ އަސަރު އެމެރިކާގެ ހުރިހާ ހިސާބެއްގެ އެއާޕޯޓްތަކަށް ކުރި އެވެ. ބުދަ ދުވަހުގެ ހަވީރާ ހަމައަށް 6،700 ފްލައިޓް ޑިލޭވި އިރު، 1000 އަށް ވުރެ ގިނަ ފްލައިޓް ކެންސަލްވި އެވެ.
ވައިޓް ހައުސްއިން ބުނީ އެފްއޭއޭގެ ސިސްޓަމަށް ދިމާވި މައްސަލައިގެ ތަފުސީލް ރައީސް ޖޯ ބައިޑެންއަށް އަރުވާފައިވާ ކަމަށާއި "ސައިބާ ހަމަލާއެއްގެ ހެކި" މިހާތަނަށް ނުފެންނަ ކަމަށެވެ. އެކަމުގެ ފުރިހަމަ ތަހުގީގެއް ކުރުމަށް ބައިޑެން ވަނީ އަމުރު ކުރައްވައިފަ އެވެ.










