ވެރިކަމުގެ ދަހިވެތިކަމުގައި މަސައްކަތް ކުރައްވަމުން ގެންދަވަނީ އެމްޑީޕީގެ ރިޔާސީ ޕްރައިމަރީގައި ވާދަކުރައްވާ ރައްޔިތުންގެ މަޖިލީހުގެ ރައީސް މުހައްމަދު ނަޝީދު ކަމަށް، އެ ޕްރައިމަރީގައި ދެން ވާދަކުރައްވާ ރައީސުލްޖުމްހޫރިއްޔާ އިބްރާހީމް މުހައްމަދު ސޯލިހު މިރޭ ވިދާޅުވެއްޖެ އެވެ.
ހުޅުމާލޭގައި މިރޭ ބޭއްވި ކެމްޕޭން ހަރަކާތުގައި ރައީސް ސޯލިހު ރައްދު ދެއްވީ މިއަދު ބ. އަތޮޅުގެ ރަށްރަށަށް ވަޑައިގެން ކެމްޕޭން ކުރައްވަމުން ނަޝީދު ދައްކަވާފައިވާ ވާހަތަކަށެވެ. އެގޮތުން, ގާނޫނު އަސާސީ ބަދަލުކޮށްގެން ތިންވަނަ ދައުރެއް ހޯއްދަވަން ވެސް ރައީސް އުޅުއްވާނެ ކަމަށް ނަޝީދު ވިދާޅުވެފައިވެ އެވެ.
"ވެރިކަން، ވެރިކަން، ނޫން އެއްޗެއް [ނަޝީދަށް] ނެތް، [ވެރިކަމުގެ] ނިޒާމު ބަދަލުކޮށްގެން ވިޔަސް، ގާނޫނު އަސާސީ ބަދަލުކޮށްގެން ވިޔަސް، ވެރިކަމަށް އަންނަން އުޅެނީ ކާކުކަން އެނގޭނެ،" ނަޝީދުގެ ނަން ވިދާޅުނުވެ، ނަމަވެސް ނަޝީދު ދެއްކެވި ވާހަކައަށް އިޝާރަތް ކުރައްވައި ރައީސް ވިދާޅުވި އެވެ.
ގާނޫނު އަސާސީގައި އެކަކަށް އެންމެ ގިނަވެގެން ވެސް ހުރެވޭނީ ރިޔާސީ ދެ ދައުރަކު ކަން ފާހަގަކުރައްވައި، ރައީސް ސޯލިހު ވިދާޅުވީ އެމަނިކުފާނު އެއަށް ވުރެ ދިގު މުއްދަތަކު ވެރިކަމުގައި ހުންނަވަން މަސައްކަތް ނުކުރައްވާނެ ކަމަށެވެ.

މިރޭ ބޭއްވި ކެމްޕޭން ހަރަކާތުގައި ރައީސް ވާހަކަފުޅު ދައްކަވަނީ. ރައީސް ނަޝީދުގެ ވާހަކަތަކަށް ރައްދު ދެެއްވި --- ފޮޓޯ: މުންޝިދު މުހައްމަދު

ރައީސް ތާއީދު ކުރައްވަނީ ރިޔާސީ ނިޒާމަކަށް ކަމަށާއި، ރިޔާސީ އިންތިހާބެއްގައި ދެވަނަ ފަހަރަށް ވާދަކުރައްވަން ނުކުންނެވީ އެ ނިޒާމަށް ތާއީދުކުރައްވާތީ ކަމަށް ވިދާޅުވި އެވެ. ބަރުލަމާނީ ނިޒާމަށް ތާއީދުކުރައްވާނަމަ ރިޔާސީ އިންތިހާބަށް ނުނުކުންނަވާނެ ކަމަށް ވެސް ވިދާޅުވި އެވެ.
"އަޅުގަނޑު ނެތިން ބަރުލަމާނީ ނިޒާމެއްގައި ވެރިކަން ކުރާކަށް ވެސް. އަޅުގަނޑަކީ ރިޔާސީ ނިޒާމަށް ތާއީދުކުރާ މީހެއް، ބަރުލަމާނީ ނިޒާމަށް ތާއީދުކުރާނަމަ ރިޔާސީ އިންތިހާބެއްގައި ވާދަކުރާކަށް ނުހުރީސް،" ބަރުލަމާނީ ނިޒާމެއް ގެނައުމަށް ނަޝީދު ކުރެއްވި މަސައްކަތަށް އިޝާރާތް ކުރައްވައި ރައީސް ވިދާޅުވި އެވެ.
"ވެރިކަމަށް އައީ އެންމެ މީހެއްގެ ތާއީދަކު ނޫން"
ބ. އަތޮޅުގެ ރަށްރަށަށް ވަޑައިގެން ނަޝީދު ދެން ވިދާޅުވި ވާހަކައަކީ ރައީސް ސޯލިހު ވެރިކަމަށް ގެނައުމަށް އެމްޑީޕީގެ ސަޕޯޓަރުން ގާތުގައި އެދުނު މީހަކީ ވެސް އެމަނިކުފާނު ކަމަށާއި، ވެރިކަމުން ބާލަން މަސައްކަތް ކުރައްވަން ވެސް މިހާރު ނުކުމެ ހުންނެވީ އެމަނިކުފާނު ކަމަށެވެ.
"ވެރިކަން ދިނީ ތިމަންނައޭ، ބަދަލުކުރާނީ ވެސް ތިމަންނައޭ. ވަރަށް ފުންކޮށް ވިސްނާލަން ޖެހޭ، ކާކަށްތޯ އެހެން މީހަކަށް ވެރިކަން ދެވޭނީ. އަޅުގަނޑު ހިތުން، ﷲގެ އަޅުންނަށް އޮންނަނީ މަސައްކަތް ކުރުން. ވެރިކަމަކީ އެ ފަރާތުން ދެއްވާ އެއްޗެއް," ނަޝީދުގެ އެ ވާހަކައަށް ވެސް ރައީސް ރައްދު ދެއްވި އެވެ.
ރައީސް ވިދާޅުވީ އެމަނިކުފާނު ރިޔާސީ އިންތިހާބު ކާމިޔާބު ކުރެއްވީ 138،000 އެއްހާ މީހުންގެ ވޯޓުން ކަމަށެވެ. އެއީ އެންމެ މީހެއްގެ ތާއީދަކުން ކުރެވުނު މަސައްކަތެއް ނޫން ކަމަށް ރައީސް ތަކުރާރުކޮށް ފާހަގަ ކުރެއްވި އެވެ.
"އަޅުގަނޑަށް މި މަގާމަށް އާދެވުނީ އެންމެ މީހެއްގެ ތާއީދަކާ އެކުގައެއް ނޫން. އެތައް ހާސް ރައްޔިތުންގެ ތާއީދާއި ވޯޓުން، ވެރިކަމުގައި ދެމި މި ހުރެވުނީ ވެސް އެންމެ މީހެއްގެ ތާއީދަކާ އެކުގައެއް ނޫން. ތި އެންމެހާ މީހުންގެ ތާއީދާއި މަދަދާއި އެއްބާރުލުން ލިބިގެން،" ރައީސް ވިދާޅުވި އެވެ.
ޖެނުއަރީ 28، ގައި ބާއްވާ ރިޔާސީ ޕްރައިމަރީއަކީ ސިޔާސީ ޕާޓީއަކުން ބާއްވާ އެންމެ މުހިންމު އެތެރޭގެ އިންތިހާބެވެ. ރައީސްކަން ކުރިން ކުރެއްވި ބޭފުޅަކާއި މިހާރުގެ ރައީސުލްޖުމްހޫރިއްޔާ ވާދަ ކުރައްވާ އިންތިހާބުގައި އެމްޑީޕީގެ 57،000 އަށް ވުރެ ގިނަ މެމްބަރުންނަށް ވޯޓު ލެވޭނެ އެވެ.
އެ އިންތިހާބުގައި ވާދަކުރައްވާ ނަޝީދަކީ 2008 އަދި 2013 ގެ ރިޔާސީ އިންތިހާބުގައި ވާދަކުރެއްވި އެމްޑީޕީގެ ކެންޑިޑޭޓެވެ.
2018 ވަނަ އަހަރު ވެސް، އެމްޑީޕީގެ ރިޔާސީ ޕްރައިމަރީން އެ ޕާޓީގެ ރިޔާސީ ޓިކެޓު ދިނުމަށް ކަނޑައެޅި ކެންޑިޑޭޓަކީ ވެސް ނަޝީދެވެ. އެކަމަކު ނަޝީދަށް އޭރު އިއްވާފައިވާ ޖަލު ހުކުމުގެ ސަބަބުން ވާދަނުކުރެވޭނެތީ، އެމްޑީޕީގެ ކޮންގްރެސް މެދުވެރިކޮށް ރައީސް ސޯލިހަށް ޓިކެޓު ދިނުމަށް ނިންމީ އެވެ.
ރައީސް ސޯލިހު އޭރުގެ ރިޔާސީ އިންތިހާބަށް ނުކުންނެވީ އޭރު އިދިކޮޅުގައި ތިބި ހުރިހާ ލީޑަރުންނާއި ސިޔާސީ ޕާޓީތަކުގެ ތާއީދާއެކު، ކޯލިޝަންގެ ރިޔާސީ ކެންޑިޑޭޓެއްގެ ގޮތުގަ އެވެ. އޭގެ ތެރޭގައި އެމްޑީޕީގެ އިތުރަށް، ޖުމްހޫރީ ޕާޓީއާއި އަދާލަތު ޕާޓީއާއި ކުރީގެ ރައީސް މައުމޫން އަބްދުލްގައްޔޫމް ހިމެނެ އެވެ.













