ލަންޑަން (ޖެނުއަރީ 10) - މެންޗެސްޓާ ޔުނައިޓެޑާއި އާސެނަލުން ފާރަލަމުން އައި އެތުލެޓިކޯ މެޑްރިޑަށް ކުޅޭ ޕޯޗުގީސް ޕްލޭމޭކަރު، ޔާއޯ ފެލިކްސް، ލޯން ޑީލެއްގެ ދަށުން ޗެލްސީ އަށް ބަދަލުވުމާ ގާތަށް ޖެހިލައިފައިވާ ކަމަށް މީޑިއާތަކުން ރިޕޯޓްކޮށްފި އެވެ.
މި ފަހަރުގެ ވޯލްޑް ކަޕްގައި ޔާއޯ ފެލިކްސްގެ ފަރާތުން ފެނުނު މޮޅު ކުޅުުމުގެ ސަބަބުން އޭނާގެ ސޮއި ހޯދަން ގިނަ ކްލަބްތަކުން ވަނީ ޝައުގުވެރިކަން ފާޅުކޮށްފަ އެވެ.
އެ ގޮތުން އިނގިރޭސި ގަދަ ދެ ބާރު ކަމަށްވާ މެންޗެސްޓާ ޔުނައިޓެޑާއި އާސެނަލުން އައީ ޔާއޯ ފެލިކްސް އަށް ފާރަލަމުންނެވެ. އެތުލެޓިކޯގެ އެންމެ ފުރަތަމަ ވިސްނުމަކީ ވެސް ފެލިކްސް ވިއްކާލުމުގެ ބަދަލުގައި ލޯނެއްގެ ދަށުން އޭނާ ދޫކޮށްލުމަށެވެ.
އެ ގޮތުން، ފެލިކްސް ދޫކޮށްލަން އެތުލެޓިކޯ އިން ލޯން ފީގެ ގޮތުގައި ޑިމާންޑް ކުރަނީ 10-15 މިލިއަން ޑޮލަރެވެ. ރިޕޯޓްތައް ބުނާގޮތުން ޗެލްސީން އޮތީ ފެލިކްސް ގެންނަން 13 މިލިއަން ޑޮލަރުގެ ލޯން ފީއެއް ދެއްކުމަށް ތައްޔާރަށެެވެ. އަދި ލޯނަކަށް ފެލިކްސް، ޗެލްސީ އަށް ކުޅޭ ހަ މަހެއްހާ ދުވަހުގެ މުއްދަތުގައި އޭނާގެ މުސާރައިގެ ޖުމްލަ އަދަދު ދައްކާނީ ވެސް ޗެލްސީންނެވެ.
ޕޯޗުގަލްގެ ބެންފީކާ ދޫކޮށް، 2019 ވަނަ އަހަރު، ޔާއޯ ފެލިކްސް، 23، 142 މިލިއަން ޑޮލަރުގެ ޓްރާންސްފާ ފީ އަކަށް އެތުލެޓިކޯ އަށް ބަދަލުވިއިރު، ފާއިތުވި ދޮޅު އަހަރެއްހާ ދުވަހު ކްލަބް ލެވަލްގައި އޭނާ އަށް އެކަށީގެންވާ ކުރިއެރުމެއް ނުހޯދުނެވެ. އެހެންވެ، ކްލަބް ބަދަލުކުރުމަކީ އެންމެ ރަނގަޅު ގޮތްކަމަށް ފެންނާތީ ފެލިކްސް ވެސް ހުރީ އާ ޗެލެންޖެއް ނަގަން ވިސްނައިގެންނެވެ.
މި ފަހަރުގެ ފިނި މޫސުމުގެ ޓްރާންސްފާ މާކެޓްގައި އެންމެ އެކްޓިވް ކްލަބެއްގެ ގޮތުގައި ފެންނަނީ ޗެލްސީ އެވެ. ޗެލްސީން ވަނީ މި ފަހަރުގެ ޓްރާންސްފާގައި މިހާތަނަށް ތިން ކުޅުންތެރިއަކުގެ ސޮއި ހޯދައިފަ އެވެ.
ޗެލްސީން ގެނައީ، 13 މިލިއަން ޑޮލަރު ދީފައި، ނޯވޭގެ މޯލްޑާ އިން ، އައިވަރީ ކޯސްޓްގެ ފޯވާޑް، ޑޭވިޑް ޑަޓްރޯ ފޮފާނާ އާއި 42 މިލިއަން ޑޮލަރު ދައްކާފައި މޮނާކޯ އިން ގަތް ފްރާންސްގެ ޑިފެންޑަރު، ބެނޮއިޓް ބާޑިއަޝިލް އަދި ބްރެޒިލްގެ ވަސްކޮޑަ ގަމާ އަށް 14 މިލިއަން ޑޮލަރު ދޭ ގޮތަށް އެއްބަސްވި ޑީލެއްގެ ދަށުން ހޯދި ބްރެޒިލްގެ މިޑްފީލްޑަރު އަންދްރޭ ސަންޓޯސް އެވެ.












