އުމުރުން 33 އަހަރުގެ ބޭލް ފުޓްބޯޅައިން ރިޓަޔާކޮށްފި

Jan 9, 2023, 3:47 PM
އުމުރުން 33 އަހަރުގެ ބޭލް ފުޓްބޯޅައިން ރިޓަޔާކޮށްފި

ކާޑިފް، ވޭލްސް (ޖެނުއަރީ 9) - ޓޮޓެންހަމް ހޮޓްސްޕާސް އާއި ރެއާލް މެޑްރިޑަށް ކުޅުނު ވޭލްސްގެ ތަރި ގަރެތު ބޭލް، އުމުރުން 33 އަހަރުގައި ޕްރޮފެޝަނަލް ފުޓްބޯޅައިން ރިޓަޔާކޮށްފި އެވެ.

ރަސްމީކޮށް ފުޓްބޯޅަ ކުޅުން ހުއްޓާލިކަން އިއުލާނުކުރުމަށް ފަހު ބޭލް ބުނީ 17 ސީޒަނުގައި އެންމެ މަތީ ފަންތީގައި ފުޓްބޯޅަ ކުޅެން ލިބުނު ކޮންމެ ފުރުސަތެއްގައި ބޭނުންހިފީ އެންމެ ރަނގަޅަށް ކަމަށެވެ. ކްލަބް ލެވަލްގަޔާއި ގައުމީ ޓީމުގައި ކުޅުނު ކޮންމެ މެޗެއްގައި ވެސް ކުރެވުނު މަސައްކަތާ މެދު ފަހުރުވެރިވާ ކަމަށް ބޭލް ވަނީ ބުނެފަ އެވެ.

"އަހަރެން ސައުތެމްޓަންގައި ކުޅެން ފަށައި، ފުރަތަމަ ބޯޅައިން ފެށިގެން އެލްއޭ އެފްސީގައި ކުޅުނު ފަހު ބޯޅައާ ހަމައަށް ކުރެވުނު ކޮންމެ ކަމަކާ މެދު ފަހުރުވެރިވަން، އެންމެ މަތީ ފަންތީގައި ގައުމީ ޓީމަށް ކުޅެލަން ލިބި. 111 މެޗު ގައުމީ ޖޯޒީގައި ކުޅެލުމަކީ ލިބުނު ފަހުރެއް ކަމުގައި ދެކެން، އަދި ގައުމީ ޓީމުގެ ކެޕްޓަނެއްގެ ގޮތުގައި ކުޅެލަން ލިބުމަކީ ކެރިއަރުގައި އެންމެ ހާއްސަވާނެ ކަންތައް،" ބޭލް ސޯޝަލް މީޑިއާ މެސެޖުގަައި ލިޔެފައިވެ އެވެ.

ބޭލް، ރިޓަޔާކުރިކަން އިއުލާނުކުރަން ސޯޝަލް މީޑިއާގައި އާންމުކުރި ޕޯސްޓް.

ބޭލް ބުނީ ފުޓްބޯޅައިން ރިޓަޔާކުރުމުގައި އެންމެ އުނދަގޫ ނިންމުމަކަށްވީ ގައުމީ ޓީމަށް ކުޅުން ހުއްޓާލުން ކަމަށެވެ. ވޭލްސްގެ ތާރީހުގައި ލިޔެވޭ ފަދަ ގިނަ ކަންތައްތަކެއް ކުރެވުނީތީ އެކަމާ ވަރަށް ބޮޑަށް އުފާކުރާ ކަމަށް ބޭލް ވަނީ ބުނެފަ އެވެ.

ޔޫތު ކެރިއަރު ސައުތެމްޓަނުން ފެށި ބޭލް އެންމެ ފުރަތަމަ ކުޅެން ފެށީ ވާތު ބެކަކަށެވެ. ސައުތެމްޓަނަށް 1998-2007 އަށް ކުޅުމަށް ފަހު ބޭލް، ދެން ބަދަލުވީ ޓޮޓެންހަމް އަށެވެ. ބޭލް، ސައުތެމްޓަން ސީނިއާ ޓީމަށް ކުޅެފައިވަނީ އެއް އަހަރު އެވެ. ބޭލް، 2007، ވަނަ އަހަރު ޓޮޓެންހަމަށް ބަދަލުވީ ހަތް މިލިއަން ޑޮލަރުގެ ފީ އަކަށެވެ. ޓޮޓެންހަމަށް ކުޅެމުން ބޭލް ވަނީ ޕްރިމިއާ ލީގުގެ މޮޅު ކުޅުންތެރިޔާގެ މަގާމު ހޯދައިފަ އެވެ. ބޭލް ޓޮޓެންހަމްގައި ތަފާތު ދައްކަން ފެށީ، އޭނާ އެޓޭކިން ހާފުގައި ބޮޑަށް ބޭނުންކުރަން ފެށި ފަހުންނެވެ.

ކުޅުން ދަށްވެގެން، 2009 ވަނަ އަހަރު، ޓޮޓެންހަމުން ބޭލް، ހަތަރު މިލިއަން ޑޮލަރަށް ފުލަމް އަށް ވިއްކާލަން އުޅުނުއިރު، އެ ޑީލަށް ދެކޮޅު ހެދީ ބޭލް އެވެ. ފަހުން، ޓީމުގެ އިސް ކުޅުންތެރިއަކަށް ވެ ބޭލް ވަނީ އިނގިރޭސި ފުޓްބޯޅައިގައި އިންޑިވިޖުއަލް ގިނަ ކާމިޔާބީތަކެއް ހޯދައިފަ އެވެ.

ރެއާލް މެޑްރިޑާ އެކު ޗެމްޕިއަންސް ލީގު ކާމިޔާބު ކުރުމަށް ފަހު ބޭލް ތަށްޓަށް ބޮސްދެނީ.

ބޭލްގެ ކްލަބް ކެރިއަރުގެ ކާމިޔާބީތައް ގުޅިފައިވަނީ ރެއާލް މެޑްރިޑާ އެކުގަ އެވެ. ރެއާލުން، 2013 ވަނަ އަހަރު ބޭލްގެ ސޮއި ހޯދީ އޭރުގެ ރެކޯޑް ފީއެއް ކަމަށްވާ 105 މިލިއަން ޑޮލަރަށެވެ. ރެއާލްގައި ބޭލް ވަނީ 16 ތަށި ހޯދައިފަ އެވެ. އޭގެ ތެރޭގައި، ފަސް ފަހަރު ޗެމްޕިއަންސް ލީގު ކާމިޔާބު ކުރުމާއި ތިން ފަހަރު، ސްޕެނިޝް ލީގު ހޯދުމާއި ތިން ފަހަރު ކްލަބް ވޯލްޑް ކަޕް ކާމިޔާބު ކުރުން ހިމެނެ އެވެ.

ރެއާލްގައި ބޭލްގެ ހާއްސަ މެޗުތަކަށް ބަލާއިރު، 2018 ވަނަ އަހަރުގެ ޗެމްޕިއަންސް ލީގުގެ ފައިނަލްގައި ބަދަލު ކުޅުންތެރިއެއްގެ ގޮތުގައި ކުޅެން ނުކުމެ، ލިވަޕޫލް ކޮޅަށް ޖެހި ދެ ލަނޑަކީ ހާއްސަ އުސްއައްޔެކެވެ. މީގެ އިތުރުން، 2014 ވަނަ އަހަރުގެ ޗެމްޕިއަންސް ލީގުގެ ފައިނަލްގައި އެތުލެޓިކޯ މެޑްރިޑް ކޮޅަށް އިތުރު ވަގުތުގައި ބޭލް ޖެހި ލަނޑު ވެސް ފާހަގަކޮށްލެވެ އެވެ.

ރެއާލްގެ ކޮންޓްރެކްޓްގައި ހުރެ، ބޭލް، އެއް ސީޒަނުގައި، ޓޮޓެންހަމަށް ލޯން އުސޫލުން ކުޅުނެވެ. ރެއާލްގެ ކޮންޓްރެކްޓް ހަމަކޮށް، މިދިޔަ އަހަރުގެ ޖޫން މަހު ވަނީ އެމެރިކާ ލީގުގެ އެލްއޭ އެފްސީ އަށް ބަދަލުވެފަ އެވެ. އެ ޓީމާ އެކު، ބޭލް ވަނީ އެމްއެލްއެސް ކަޕާއި ސަޕޯޓާސް ޝީލްޑް ކާމިޔާބުކޮށްފަ އެެވެ.

ވޭލްސް އިން 64 އަހަރަށް ފަހު، ފީފާ ވޯލްޑް ކަޕެއްގައި ކުޅުނު ޓީމުގެ ކެޕްޓަންކަން ކުރި ބޭލް އަކީ 2016 ވަނަ އަހަރުގެ ޔޫރޯގެ ސެމީ އަށް ވޭލްސް ދަތުރުކުރިއިރު، ޓީމުގެ ތަރި އެވެ. ކެރިއަރު ނިންމާލިއިރު، ބޭލް އަކީ ވޭލްސް އަށް އެންމެ ގިނަ މެޗު ކުޅެދިން ކުޅުންތެރިޔާ އެވެ.

ކޮމެންޓް

ފަހުގެ ޚަބަރު

އާސެނަލްގައި 10 އަހަރު ހަމަވާ ގޮތަށް އާޓެޓާ ކޮންޓްރެކްޓް އާކޮށްފި

އާސެނަލްގެ ކޯޗުކަމުގައި 10 އަހަރު ހަމަވާ ގޮތަށް، މިކޭލް އާޓެޓާ އެ ކްލަބާއެކު ހަދާފައިވާ އެއްބަސްވުން އާކޮށްފި. މި އާ ކޮންޓްރެކްޓާއެކު އޭނާގެ މުސާރަ އަހަރަކު 15 މިލިއަން ޑޮލަރަށް ބޮޑުވެފައިވާއިރު، އޭނާގެ އިރުޝާދުގެ ދަށުން އާސެނަލުން އަންނަނީ ބޮޑެތި ކުރިއެރުންތަކެއް ހޯދަމުން.

އޭޝިއަން ގޭމްސްގައި ރިހާން ގައުމީ ރެކޯޑެއް އާ ކޮށްފި

ޖަޕާނުގައި ކުރިއަށްދާ 20 ވަނަ އޭޝިއަން ގޭމްސްގައި، ރާއްޖޭގެ ފިރިހެނުންގެ 400 މީޓަރު އިންޑިވިޖުއަލް މެޑްލޭ އިވެންޓުގެ ގައުމީ ރެކޯޑް މުހައްމަދު ރިހާން ޝިހާމް އާކޮށްފި. ރިހާން މި ރެކޯޑް އާކުރީ 05:06.92 އިން ރޭސް ނިންމައިގެން ކަމަށްވާއިރު، މިއީ އޭނާ ކުރިން ހަދާފައިވާ ރެކޯޑަށްވުރެ ކުރިއެރުމެއް.

ސުޒެއިރުގެ މައްސަލަ ބަލަމުން ދަނިކޮށް ނިއު އިން ފުލުހަށް

ނިއު ރޭޑިއަންޓާއި މާޒިޔާ ބައްދަލުކުރި މެޗުގައި ހިނގި ހަމަނުޖެހުމުގައި، ނިއުގެ އެސިސްޓަންޓް ކޯޗަށް ހަމަލާދިން ކަމަށް ބުނާ މާޒިޔާގެ އެސިސްޓަންޓް ކޯޗު ސުޒޭރުގެ މައްސަލަ އެފްއޭއެމް އިން ބަލަން ފަށައިފި. އެފްއޭއެމް އިން މި މައްސަލަ ބަލަމުންދަނިކޮށް، ނިއު ރޭޑިއަންޓުން ވަނީ މި މައްސަލަ ފުލުހަށް ވެސް ހުށަހަޅާފައި

ނެދަލެންޑްސް އަށް ކުޅުން ކުރިއަށްގެންދަން ވެން ޑައިކް ނިންމައިފި

ނެދަލެންޑްސްގެ ގައުމީ ޓީމުން ރިޓަޔާކުރަން އުޅުނު ޑިފެންޑަރު ވާޖިލް ވެން ޑައިކް، އެ ޓީމުގެ އާ ކޯޗު ޒަވީއާ މަޝްވަރާކުރުމަށްފަހު 2028 ވަނަ އަހަރުގެ ޔޫރޯގެ ނިޔަލަށް ކުޅުން ކުރިއަށްގެންދަން ނިންމައިފި. ޒަވީގެ ޕްލޭންތަކާ މެދު ހިތްހަމަޖެހިގެން ވެން ޑައިކް މިގޮތަށް ނިންމިއިރު، އޭނާ ދެން އެންމެ އަވަހަށް ކުޅޭނީ ކުރިއަށް އޮތް ނޭޝަންސް ލީގުގެ މެޗުތަކުން

ޕްރެޝަރު ބޮޑުވަމުންދާތީ އިންފަންޓީނޯގެ ރާގު ބަދަލުވެއްޖެ

ފީފާގެ ރައީސް ޖިއާނީ އިންފަންޓީނޯ ހަތަރުވަނަ ދައުރަކަށް ކުރިމަތިލައްވަން ނިންމަވާފައިވާއިރު، އިތުބާރު ހޯއްދެވުމުގެ ގޮތުން ފީފާގެ އިދާރީ އޮނިގަނޑު އިސްލާހުކޮށް ބޭރުގެ ފަރާތްތަކުން ރިވިއުކުރުމަށް މަރުހަބާ ކިޔާނެކަމަށް އޭނާ ވަނީ ވިދާޅުވެފައި

ކެރިއަރުގެ ފަހުކޮޅުގައި ސާއިދު ފަސް ވަނަ އޭޝިއަން ގޭމްސް އަށް

ރާއްޖޭގެ އެންމެ ބާރު ދުވުންތެރިޔާ ހަސަން ސާއިދު، އޭނާގެ ކެރިއަރުގެ ފަސްވަނަ އޭޝިއަން ގޭމްސްގައި ވާދަކުރަމުންދާއިރު، މިއީ އޭނާގެ ކެރިއަރުގެ ފަހުކޮޅު. 2010 ވަނަ އަހަރުން ފެށިގެން މެދުކެނޑުމެއްނެތި އޭޝިއަން ގޭމްސްގައި ރާއްޖެ ތަމްސީލުކުރަމުންދާ ސާއިދު ބުނިގޮތުގައި، ގައުމީ ޒިންމާ އެންމެ މަތީ ފަންތީގައި އަދާކުރުމަކީ އޭނާއަށް ލިބޭ ބޮޑު ފަހުރު

ޝަކާ ފޭކު ކޮވިޑް ސެޓިފިކެޓެއް ހުށަހެޅި މައްސަލައެއް ބަލަނީ

ސްވިޒަލެންޑްގެ ގައުމީ ޓީމުގެ ކެޕްޓަން ގްރޭނިޓް ޝަކާ، ކޮވިޑް ވެކްސިން ޖެހިކަމުގެ ފޭކް ސެޓްފިކެޓެއް ހުށަހެޅި މައްސަލައެއް އެ ގައުމުގެ ޕްރޮސެކިއުޓަރުން ތަހުގީގު ކުރަން ފަށައިފި. މި މައްސަލައާ ގުޅިގެން ޝަކާ ވަނީ ގައުމީ ޓީމުގެ ކުރިއަށް ހުރި މެޗުތަކުގައި ބައިވެރިނުވާން ނިންމާފައި

Newsletter

Get the latest news delivered straight to your inbox