ލަންޑަން (ޖެނުއަރީ 8) - ލޯން އުސޫލެއްގެ ދަށުން މި ވަގުތު ތުރުކީގެ ބެސިކްޓާސް އަށް ކުޅެމުން އަންނަ ނެދަލެންޑްސްގެ ފޯވާޑް ވައުޓް ވެގްހޯސްޓް، އިނގިރޭސި ކްލަބް، މެންޗެސްޓާ ޔުނައިޓެޑަށް ސޮއިކުރުމާ ގާތަށް ޖެހިފައިވާ ކަމަށް މީޑިއާ ރިޕޯޓްތައް ބުނެފި އެވެ.
މިހާރު ކުރިއަށްދާ ޖެނުއަރީ ޓްރާންސްފާގައި ޔުނައިޓެޑުން މި ވަގުތު އެންމެ ބޮޑަށް މަސައްކަތްކުރަމުން އަންނަނީ ފޯވާޑެއް ހޯދުމަށެވެ. ފޯވާޑެއް ހޯދުމުގެ މަސައްކަތުގައި އަވަސް އަރުވާލައިގެން ގޮތެއް ނިންމަން ބޭނުން ނުވާކަމަށް ދާދި ފަހުން ޔުނައިޓެޑްގެ ކޯޗު އެރިކް ޓެން ހާގް ވެސް ވަނީ ބުނެފަ އެވެ.
އިނގިރޭސި މީޑިއާ ރިޕޯޓްތައް ބުނާ ގޮތުން ޔުނައިޓެޑުން ވަނީ ލޯނު އުސޫލެއްގެ ދަށުން 30 އަހަރުގެ ފޯވާޑް، ވެގްހޯސްޓް ގެނައުމަށް އަނގަަބަހުން އެއްބަސްވުމަކަށް އަތުވެފަ އެވެ.
މި ވަގުތު ބެސިކްޓާސް އަށް ވެސް ވެގޯސްޓް ކުޅެނީ ލޯން އުސޫލުންނެވެ. ވެގްހޯސްޓްގެ ބެލެނިވެރި ކުލަބަކީ އިނގިރޭސި ކުލަބު ބާންލީ އެވެ. މެންޗެސްޓާގެ ސިޓީ އަށް ކުރިން ގިނަ ކާމިޔާބީތަކެއް ހޯދައިދިން ކެޕްޓަން، ވިންސެންޓް ކޮމްޕެނީގެ ކޯޗުކަމުގައި އިނގިރޭސި ދެ ވަނަ ޑިވިޝަނުގައި ކުޅެމުން އަންނަ ބާންލީ އިން ވެގްހޯސްޓް ދޫކޮށްލީ، މިދިޔަ ސީޒަނަށް ފަހު، އެ ޓީމުން ބޮޑު މުސާރަ ލިބޭ ކުޅުންތެރިން ލޯން އުސޫލުން އެހެން ޓީމުތަކަށް ދޫކުރުމުގެ ތެރެެއިންނެވެ.
ރިޕޯޓްތައް ބުނާގޮތުން ބާންލީ އިން އޮތީ ޔުނައިޓެޑަށް ވެގްހޯސްޓް ވިއްކާލަން ތައްޔާރަށެވެ. މައިގަނޑު ސަބަބަކީ މިހާރު ބެސިކްޓާސް އިން ދޭ ލޯން ފީ އަށް ވުރެ ބޮޑު އަގެއްގައި ޔުނައިޓެޑުން ވެގްހޯސްޓް ގެންދަން ބޭނުންވާތީ އެވެ.
ވެގްހޯސްޓް، ބެސިކްޓާސް ދޫކޮށްލަން އުޅޭ ކަހަލަ އިޝާރާތެއް ވެސް ވަނީ ދީފަ އެވެ. އެ ގޮތުން، ރޭ ތުރުކީ ލީގުގައި ބެސިކްޓާސް ކުޅުނު މެޗުގެ ތެރެއިން ދެ ވަނަ ގޯލު ޖެހުމަށްފަހު ވެގްހޯސްޓް އުފާފާޅުކުރުމުގެ ތެރޭގައި ވަނީ އަތުގެ އިޝާރާތުން ސަޕޯޓަރުންނަށް އަލްވަދާއު ކިޔައިފަ އެވެ.
މީޑިއާތަކުން ރިޕޯޓްކުރާ ގޮތުގައި ވެގްހޯސްޓް ހުރީ ޔުނައިޓެޑާ ގުޅެން ނިންމައިގެންނެވެ.
ބެސިކްޓާސްގައި މި ސީޒަންގައި ރަނގަޅު ކުޅުމެއް ދައްކަމުން އަންނަ ވެގްހޯސްޓް ވަނީ މިދިޔަ މަހު ގަތަރުގައި ނިމުނު ފީފާ ވޯލްޑް ކަޕްގައި ނެދަލެންޑްސް ޓީމުގައި ރަނގަޅު ކުޅުމެއް ދައްކައިފަ އެވެ. ހާއްސަ ގޮތެއްގައި ކުއާޓާ ފައިނަލުގައި ބެންޗުން އަރައި، ނެދަލެންޑްސް އިން 2-2 އިން އާޖެންޓީނާއާ އެއްވަރުކުރި ދެ ގޯލު ވެސް ޖެހީ ވެގްހޯސްޓް އެވެ.












