މިދިޔަ އަލަށް ބޭއްވި ގައުމީ ސާފް ލީގުގެ ވަރަށް ކާމިޔާބު ކަމަށާއި، މިދިޔަ އަހަރަށް ވުރެ މިއަހަރުގެ ލީގު މާ ފޯރިގަދަ ވާނެކަމަށް ގަބޫލުކުރެވޭކަމަށް މޯލްޑިވްސް ސާފިން އެސޯސިއޭޝަން (އެމްއެސްއޭ) އިން ހާމަކޮށްފި އެވެ.
އެމްއެސްއޭ އިން މިދިޔަ އަހަރު ގައުމީ ސާފް ލީގު ބޭއްވި މުޅިން އަލަށެވެ. މިދިޔަ އަހަރު ފަސް ސަރަހައްދެއްގައި ކުރިއަށްދިޔަ ފަސް މުބާރާތުން އެންމެ ރަނގަޅު ނަތީޖާ ހޯދައިގެން ލީގުގެ ޗެމްޕިއަންކަން ހޯދީ ކ.ތުލުސްދޫގެ އަހުމަދު އާގިލް (އައްމަޑޭ) އެވެ. ދެވަނަ ހޯދީ ގދ.ގައްދޫގެ ނަޖާހު މުހައްމަދު (ކަނބޯ) އެވެ. ތިންވަަނަ ހޯދީ ގައްދޫގެ ޖައިލަމް ނިޒާރު އެވެ.
މި އަހަރު ވެސް ގައުމީ ލީގު ކުރިއަށް ގެންދިޔުމަށް ހަމަޖެހިފައިވަނީ މިދިޔަ އަހަރުވެސް ބޭއްވި ރަށްތަކުގަ އެވެ. މިގޮތުން އަހަރުގެ ފުރަތަމަ މުބާރާތަކީ ފެބްރުއަރީ މަހުގެ 14-18 އަށް ގައްދޫގައި ކުރިއަށްގެންދާ "ކަޅެގަލެކޮޑާ" މުބާރާތެވެ. މި މުބާރާތް މިދިޔަ އަހަރު ކާމިޔާބުކުރީ އިސްމާއިލް ރަޝީދު (ސްމައިލީ) އެވެ.
ދެ ވަނަ މުބާރާތަކީ މ. މުލީގައި ބާއްވާ މުލީކޮޅު ރާޅުގަނޑު މުބާރާތެވެ. މެއި މަހުގެ 2-6 އަށް އޮންނަ މުބާރާތުގެ މިދިޔަ އަހަރުގެ ޗެމްޕިއަނަކީ އައްމަޑޭ އެވެ.
ތިން ވަނަ މުބާރާތާއި ހަަތަރު ވަނަ މުބާރާތް އޮންނާނީ ގާތް ގާތުގަ އެވެ. އެ ގޮތުން ޖުލައި 4-8 އަށް ކ.ހިންމަފުށީގައި ގާމާދޫކޮޅު މުބާރާތް އޮންނައިރު ޖުލައި 31 އިން އޮގަސްޓް 5 އަށް ރ. ކިނޮޅަހުގައި ހުރާކޮޅު ރާޅުގަނޑު މުބާރާތް އޮންނާނެ އެވެ. މިދިޔަ އަހަރު ހިންމަފުށި މުބާރާތް ކާމިޔާބުކުރީ ރާއްޖޭގެ ސާފިންގެ އެންމެ ކާމިޔާބު އެއް ރާޅާ އެޅުންތެރިޔާ ހުސެއިން އަރީފް (އިބޫ) އެވެ. ހުރާކޮޅު ރާޅުގަނޑު މުބާރާތް ކާމިޔާބުކުރީ އައްމަޑޭ އެވެ.
އަަހަރުގެ ފަހު މުބާރާތަކީ މާލޭގައި އޮންނަ ރަންނަމާރި ޗެލެންޖެވެ. ގައުމީ ސާފިން މުބާރާތުގެ ގޮތުގައި ކުރިއަށްދާ މި މުބާރާތް އޮންނާނީ އޮކްޓޫބަރު މަހުގެ 27 އިން ނޮވެމްބަރު މަހުގެ 25 އަށެވެ. މި މުބާރާތް މިދިޔަ އަހަރު ކާމިޔާބުކުރީ މުހައްމަދު އިރުޝާދު (ބިއްލޫ) އެވެ.
އެމްއެސްއޭ އިން މިދިޔަ އަހަރުގެ ގައުމީ ލީގު ނިންމާލުމަށް ފަހު އެ އެސޯސިއޭޝަނުން ވަނީ މި އަހަރުގެ ލީގު އިތުރަށް ފޯރިގަދަކޮށް ބޭއްވުމަށް މަސައްކަތް ކުރާނެކަން ހާމަކޮށްފަ އެވެ.
މިދިޔަ އަހަރު ލީގު ފެށުނުއިރު ބައިވެރިވި އެތުލީޓުންނަށް ވުރެ ގިނަ އެތުލީޓުން ފަހު މުބާރާތުގައި ފެނުނެވެ. އޭގެ ތެރޭގައި ފަހު މުބާރާތްތަކުގައި ސާފިން ލީގުގައި ވާދަކުރި ކުރީގެ ރާޅާ އެޅުންތެރިން ފާހަގަކޮށްލެވެ އެވެ. މިއީ މުބާރާތުގެ ފޯރި މިއަހަރު ގަދަވާނެކަމެއްގެ ގޮތުގައި އެސޯސިއޭޝަނުން ފާހަގަކުރެ އެވެ.
މިދިޔަ އަހަރުގެ ގައުމީ ލީގުގެ ކޮންމެ އިވެންޓަކާ އެކު ގައުމީ ރޭންކިން އަށް ބަދަލުތައް އަންނަމުންދިޔައިރު ގައުމީ ޓީމުގެ ފަހު ޖާގަތައް ކަށަވަރުވީ ވެސް ރަންނަމާރި ޗެލެންޖާ އެކުގަ އެވެ. މި ގޮތުން މިދިޔަ އަހަރުގެ ގަދަ ހަތަރަކުން ޖާގަ ހޯދައި ގައުމީ ޓީމުން ޖާގަ ހޯދި ހަތަރު އެތުލީޓުންނަކީ އައްމަޑޭ، ކަނބޯ، ޖައިލަމްގެ އިތުރުން ހޫދު އަހުމަދު އެވެ.












