ވެރިކަން ކުރާ މައި ޕާޓީ، އެމްޑީޕީގެ ރިޔާސީ ކެންޑިޑޭޓަކަށް ހޮވަންވާނީ އެ ޕާޓީއަށް ރިޔާސީ އިންތިހާބު ކާމިޔާބުކޮށްދެވޭނެ ކެންޑިޑޭޓެއް ކަމަށް ރައީސް އިބްރާހިމް މުހައްމަދު ސޯލިހު މިރޭ ވިދާޅުވެއްޖެ އެވެ.
މިމަހުގެ 28 ވަނަ ދުވަހު އެމްޑީޕީގެ ރިޔާސީ ޕްރައިމަރީގައި ރައީސް ސޯލިހު ވާދަކުރައްވާއިރު، އެމަނިކުފާނާ ދެކޮޅަށް ނުކުމެވަޑައިގެން ހުންނެވީ ޕާޓީގެ ރައީސް އަދި ކުރީގެ ރައީސް މުހައްމަދު ނަޝީދެވެ.
"އެމްޑީޕީ ކުރިއަށް" ނަމުގައި ރައީސް ސޯލިހުގެ ކެމްޕޭނު ލޯންޗުކުރަން މިރޭ އެ ޕާޓީގެ މައި ޖަގަހައިގައި ބޭއްވި ޖަލްސާގައި ވާހަކަ ދައްކަވަމުން އެމަނިކުފާނު ވިދާޅުވީ މަޖިލީހުގެ ފަސް ދައުރާއި 2018ގެ ރިޔާސީ އިންތިހާބާއެކު ހަ އިންތިހާބު ކާމިޔާބުކޮށްފައިވާ ކަމަށެވެ.
"އިންތިހާބު ކާމިޔާބުކުރާނެ ފޯމިއުލާ އަޅުގަނޑަށް އެނގޭ. ވޯޓު ހޯދާނެ ގޮތް އަޅުގަނޑަށް ވަރަށް ސާފު. އެއްވެސް ޝައްކެއް ނުކުރަން ބޮޑުތަނުން ރިޔާސީ އިންތިހާބު ކާމިޔާބު ކުރާނަން. ޕްރައިމަރީވެސް ބޮޑުތަނުން ކާމިޔާބު ކުރާނަން،" ރައީސް ވިދާޅުވި އެވެ.
އޭގެ އަނެއް ފަރާތުން، ރައީސް މިރޭ ވަނީ ނަޝީދު ކުރިމަތިލެއްވި އިންތިހާބުތަކުން ނުކުތް ނަތީޖާ އެވެ. އެގޮތުން، އެމަނިކުފާނު ވިދާޅުވީ 2008 ވަނަ އަހަރުގެ ރިޔާސީ އިންތިހާބުގެ ފުރަތަމަ ބުރުން އެމްޑީޕީއަށް ލިބުނީ އެންމެ 25 ޕަސަންޓު ކަމަށެވެ. އެ އިންތިހާބު ކާމިޔާބުކުރެވުނީ ތަފާތު ފިކުރެއްގެ އެހެން ޕާޓީތަކާއެކު ކޯލިޝަން ހަދައިގެންކަން ރައީސް ފާހަގަކުރެއްވި އެވެ.

"ދެން ކިހިނެއްތޯވީ؟ ދެ މަސް ނުވެ ކޯލިޝަނު ރޫޅާލީ. ވީ ވައުދު އޮތީ އޮތްތަނެއްގަ. އޭގެ ފަހުން ހުރަހަކަށް ފަހު ހުރަހެއް ކުރިމަތިވެގެން އައިސް ދައުރު ފުރިހަމަނުކޮށް އަޅުގަނޑުމެން އަނެއްކާވެސް މަގު މައްޗަށް ނުކުންނަން،" 2012 ވަނަ އަހަރު ރިޔާސީ ދައުރު ފުރިހަމަނުކޮށް ނަޝީދު އިސްތިއުފާ ދެއްވިކަން ފާހަގަކުރައްވަމުން ރައީސް ވިދާޅުވި އެވެ.
އޭގެ ފަހުން 2013 ވަނަ އަހަރުގެ ރިޔާސީ އިންތިހާބު އެމްޑީޕީއަށް ނާކާމިޔާބުވީ ކޯލިޝަނު ހަދާނެ ބަޔަކު ނުލިބިގެން ކަމަށް ވެސް އެމަނިކުފާނު ވިދާޅުވި އެވެ.
"އަޅުގަނޑުމެން ރައްޔިތުންނަށްވާ ވައުދުތައް ފުއްދަން ހުރެވެންޖެހޭނެ. އެ ވިސްނުން ހުންނަންޖެހޭނެ،" ނަޝީދުގެ ސިޔާސީ މާޒީއަށް އިޝާރާތް ކުރައްވަމުން ރައީސް އިތުރަށް ވިދާޅުވި އެވެ.
"ފާޑުކިޔަސް ވަރިހަމަ، ރައްޔިތުންނަށް އޮޅުވާނުލައްވާ"
"ފިކުރެއްގެ ދިރުން"ގެ ނަމުގައި ނަޝީދު ކެމްޕޭނު ފައްޓަވައިގެން ކުރިއަށްދާއިރު، އެމަނިކުފާނު ވަނީ ސަރުކާރަށާއި ރައީސް ސޯލިހަށް ގިނަ ފާޑުކިޔުންތައް އަމާޒު ކުރައްވައިފަ އެވެ.
މިގޮތުން، އެމްޑީޕީގެ ސިޔާސަތުތަކާއި މެނިފެސްޓޯގައި ހިމެނި ވައުދުތައް ތަންފީޒު ނުކުރެވޭ ކަމަށާއި އެއިން އެއްވެސް ކަމަކަށް ރައީސް ސޯލިހު "ރިއެކްޓު" ނުކުރެއްވި ކަމަށް ނަޝީދު ތުހުމަތު ކުރެއްވި އެވެ.
ރައީސް މިރޭ ވަނީ "ރިއެކްޓު" ނުކުރެއްވި ކަމަށް ނަޝީދު ވިދާޅުވި ވާހަކައަށް ވަރުގަދަ ރައްދުތަކެއް ދެއްވައިފަ އެވެ.
ރައީސް ސޯލިހު ވިދާޅުވި ގޮތުގައި، އެމަނިކުފާނު އެއްވެސް މީހެއްގެ އަޅަކަށް ނުވާނެ އެވެ. އަދި ކަންކަމުގައި ގޮތް ނިންމާނީ އެންމެންގެ އަޑުއަހައިގެން، އެމްޑީޕީގެ އިތުރުން ރާއްޖޭގެ ހުރިހާ ރައްޔިތުންނަށް ފައިދާވާ ގޮތަށް ކަމަށް އެމަނިކުފާނު ވިދާޅުވި އެވެ.
"މަޝްވަރާ ދެއްވަންވީ. ވާހަކަތައް ދައްކަވަންވީ. އެކަމަކު އަޅުގަނޑު ކަންތައްތައް ނިންމަމުން ގެންދަނީ ކެބިނެޓާއި، މަޖިލީހާއި ޕާޓީ އާއި އެންމެންގެ އަޑުއަހައިގެން ހުރިހާ ރައްޔިތުންނަށް ފައިދާވާ ގޮތަށް،" ރައީސް ވިދާޅުވި އެވެ.
ކެމްޕޭނުގެ ތެރެއިން ނަޝީދު އަމާޒުކުރެއްވި އެހެން ބައެއް ތުހުމަތުތަކަށް ވެސް ރައީސް މިރޭ ރައްދު ދެއްވި އެވެ.
މިގޮތުން، ތަރައްގީގެ މަޝްރޫއުތަކާއި ހާއްސަކޮށް އިގުތިސޯދީ ހާލަތާ ގުޅޭގޮތުން ނަޝީދު ދެއްކެވި ބައެއް ވާހަކަތަަކަށް "ރިއެކްޓު" ނުކުރިޔަސް، "ރެސްޕޮންޑު" ކޮށް އޭގެ ހަގީގަތް ހާމަކޮށްދޭންޖެހޭ ކަމަށް ރައީސް ވިދާޅުވި އެވެ.
"ފާޑުކިޔަސް ވަރިހަމަ. ކިތަންމެ ވަރަކަށް ވެސް ފާޑުކިޔަންވީ. އެކަމަކު ރައްޔިތުންނަށް އޮޅުވާނުލައްވަން އަޅުގަނޑު އެދެން،" އެމަނިކުފާނު އިތުރަށް ވިދާޅުވި އެވެ.
މިރޭގެ ޖަލްސާގައި އެމްޑީޕީއަށް ނިސްބަތްވާ ގިނަ ވަޒީރުންނާއި، މަޖިލީހުގެ ގިނަ މެމްބަރުންނާއި ޕާޓީގެ އިސްވެރިން ވެސް ބައިވެރިވެވަޑައިގެންނެވި އެވެ.













