ދިވެހި ރާއްޖޭގެ ގައުމީ އެއާލައިން، މޯލްޑިވިއަނުގެ ފުލީޓުގައި ބޭނުން ކުރުމަށް މުޅިން އަލަށް އޭޓީއާރު މަރުކާގެ އަމިއްލަ ދެ ބޯޓު ރާއްޖެ ގެނެސްފި އެވެ.
މިއަދު ހަވީރު ވެލާނާ އިންޓަނޭޝަނަލް އެއާޕޯޓަށް ޖެއްސި ދެ ބޯޓާ އެކު އެ އެއާލައިނުން ހިދުމަތް ދިނުމުގައި ބޭނުން ކުރަމުން އަންނަ ބޯޓުތަކުގެ އަދަދު ވަނީ 14 އަށް އަރާފަ އެވެ. މިއީ އަައިލެންޑު އޭވިއޭޝަނުގެ ތާރީހުގައި ވެސް މުޅިން އާ ބޯޓުތަކެއް ގަތް ފުރަތަމަ ފަހަރު ކަމަށް އެ ކުންފުނިން ބުނެ އެވެ.
އެކުންފުނިން އަލަށް ގެނެސްފައިވަނީ 72-600 އޭޓީއާރުގެ ބޯޓަކާއި 42-600 އޭޓީއާރުގެ އެއް ބޯޓެވެ.

މޯލްޑިވިއަނުން މިއަދު އަލަށް ގެނައި އޭޓީއާރު މަރުކާގެ ދެބޯޓު ޓެކްސީވޭ އިން ވަންނަނީ -- ފޮޓޯ: އިޔާން / އަދަދު
އެ ދެ ބޯޓު ރާއްޖެއަށް ގެނައުން ފާހަގަ ކުރުމަށް ވެލާނާ އިންޓަނޭޝަނަލް އެއާޕޯޓުގައި ބޭއްވި ރަސްމިއްޔާތަށް ފަހު މީޑިއާޔާތަކަށް މައުލޫމާތު ދެއްވަމުން މޯލްޑިވިއަންގެ ޑެޕިއުޓީ މެނޭޖިން ޑިރެކްޓަރު، އައިޝަތު ޖެނިފާ ވިދާޅުވީ އަލަށް ގެނައި މި ދެ ބޯޓަކީ މުޅިން އާ ދެ ބޯޓަށް ވުމާއެކު ދިމާވާ އެކި ކަހަލަ ޓެކްނިކަލް މައްސަލަތައް މަދުވާނެ ކަމަށާއި ފުލައިޓުތައް ޑިލޭވުމުގެ މައްސަލައަށް ކޮންމެވެސް ވަރެއްގެ ހައްލެއް ލިބިގެންދާނެ ކަމަށެވެ.
"ކުރީގެ އެއާކުރާފްޓު ތަކަކީ 20 އަހަރަށް ވުރެވެސް ގިނަ ދުވަސްވެފައި ހުރި އެއާކުރާފްޓުތަކެއް، އަޅުގަނޑުމެންގެ ބޯޓުތަކުގެ މެއިންޓެނެންސް މައްސަލަތައް، ޓެކްނިކަލް މައްސަލަތައް ދިމާވެގެން ހަމަ ފުދޭވަރަކަށް ޝެޑިއުލް އަށް ވެސް ބުރޫ އަރާ،" އަލަށް ގެނައި ބޯޓުތަކާ އެކު އެކުންފުނިން ދޭ ހިދުމަތް އިތުރަށް ފުރިހަމަވެގެން ދާނެކަން ފާހަގަކުރައްވަމުން ޖެނިފާ ވިދާޅުވި އެވެ.
އޭގެއިތުރުން އަލަށް ގެނައި އޭޓީއާރު ދެ ބޯޓަކީ އެތެރޭގެ އުދުހުންތަކުގައި އެ ކުންފުނިން މިހާރު ބޭނުން ކުރަމުން އަންނަ ޑޭޝް-8 މަރުކާގެ ބޯޓުތަކަށް ވުރެ ޖާގައިގެ ގޮތުން ތަނަވަސް ބޯޓުތަކެއް ކަމުން ކޮންމެ ދަތުރެއްގައި އުފުލޭ ފަސިންޖަރުންގެ އަދަދު އިތުރުވެގެންދާނެ ކަން ވެސް އޭނާ ފާހަގަ ކުރެއްވި އެވެ.
"ހަތްދިހަ ގޮނޑި މިހާރު މި ގެނައި ބޯޓުތަކުގައި ހުންނާނެ، އެހެންވީމާ އަޅުގަނޑުމެންނަށް މީހުން ދެވޭ ޖާގައިގެ އަދަދު ވެސް އިތުރު ވެގެންދާނެ، އެންމެ ބޮޑުކަމަށް އަޅުގަނޑުމެންގެ ރިލަޔަބިލިޓީ %100 އިތުރުވެގެންދާނެ،"

މޯލްޑިވިއަނުން މިއަދު ގެނައި އޭޓީއާރު ފުލައިޓެއްގެ ސީޓުތައް -- ފޮޓޯ: އިޔާން / އަދަދު
މޯލްޑިވިއަންއަކީ ރާއްޖޭގެ އެތެރޭގެ އުދުހުންތަކުގައި ބޭނުން ކުރުމަށް އެންމެ ގިނަ މަތިންދާ ބޯޓު ގެންގުޅޭ ކުންފުންޏެވެ. އެހެންނަމަވެސް އެ ކުންފުނިން މިހާރު ބޭނުން ކުރަމުން އަންނަ ޑޭޝް-8 ގެ މަތިންދާ ބޯޓުތައް ބާވުމާއި އެ މަރުކާގެ ބޯޓު އުފެއްދުން ވެސް މިހާރު ހުއްޓާލާފައި ވާތީ އެ ކުންފުނިން ވަނީ އޭޓީއާރު މަރުކާގެ ބޯޓުތަކަށް އެ ކުންފުނީގެ ފުލީޓު އެއްކޮށް ބަދަލު ކުރުމަށް އަމާޒު ހިފާފަ އެވެ.
މޯލްޑިވިއަނުން މުޅިން އަލަށް އޭޓީއާރުގެ ދެ މަތިންދާބޯޓު މިއަދު ގެނެސްފައިވާއިރު، މިމަހުގެ ތެރޭގައި އަދި 72-600 އޭޓީއާރުގެ އިތުރު ބޯޓެއް އެ ކުންފުނީގެ ފުލީޓަށް އިތުރު ކުރާނެކަމަށް އެ ކުންފުނިން ބުނެ އެވެ.
އޭޓީއާރުގެ މަތިންދާބޯޓުތަކަކީ މޯލްޑިވިއަނުން މިހާރު ބޭނުން ކުރަމުން އަންނަ ޑޭޝް-8 މަރުކާގެ ބޯޓުތަކަށް ވުރެ ތެލާއި މެއިންޓެނެންސް ހަރަދު ކުޑަ ބޯޓުތަކެކެވެ. އެގޮތުން އޭޓީއާރު ބޯޓުތައް ބޭނުން ކުރަން ފެށުމުން ގާތްގަނޑަކަށް ދިހަ ޕަސެންޓު ތެޔޮ ހަރަދު ކުޑަވާނެ ކަމަށް މީގެ ކުރިން އެ ކުންފުނިން ބުނެފައިވެ އެވެ.
އޭޓީއާރުގެ މަތިންދާ ބޯޓަކީ މި ވަގުތު މާކެޓުގައި ހުރި އެ ކެޓަގަރީގެ ބޯޓުތަކަށް ވުރެ ތެޔޮ އަންދާ މިންވަރު 40 ޕަސެންޓް ކުޑަ ބޯޓުތަކަކެވެ. ކައިރި މުސްތަގުބަލުގައި އެ ކުންފުނީގެ ފުލީޓު އެއްކޮށް އޭޓީއާރަށް ބަދަލުކޮށް ޑޭޝް-8 މަރުކާގެ ބޯޓުތައް އެއްކޮށް ދޫކޮށްލާނެ ކަމަށް އެ ކުންފުނިން ބުނެ އެވެ.











