އެމެރިކާގެ ސެކެޓްރީ އޮފް ސްޓޭޓް އެންޓޮނީ ބްލިންކެން، ޗައިނާގެ އާ ފޮރިން މިނިސްޓަރު ގިން ގާންގްއަށް ފޯނުން ގުޅުއްވައި މަޝްވަރާ ކުރައްވައިފި އެވެ.
ޗައިނާއިން އެމެރިކާއަށް ކަނޑައަޅާފައި ހުންނަ ސަފީރުކަން ކުރިން ކުރެއްވި ގިން، އެ ގައުމުގެ އާ ފޮރިން މިނިސްޓަރުކަމުގެ މަގާމަށް އައްޔަނުކުރެއްވީ މިދިޔަ ހަފުތާގަަ އެވެ.
ބްލިންކެން ކުރެއްވި ޓްވީޓެއްގައި ވިދާޅުވީ އާދީއްތަ ދުވަހު ފޯނުން ގުޅުއްވައި މަޝްވަރާ ކުރެއްވީ އެމެރިކާ އާއި ޗައިނާގެ ގުޅުމާ ބެހޭ ގޮތުން ކަމަށާއި ދެ ގައުމުގެ މެދުގައި މަޝްވަރާ ކުރެވޭނެ މަގު އަބަދުވެސް ހުޅުވާފައި ބޭއްވޭނެ ގޮތްތަކާ ބެހޭ ގޮތުން ކަމަށެވެ.

އުމުރުން 56 އަހަރުގެ ގިން ފޮރިން މިނިސްޓަރުގެ މަގާމައަށް އައްޔަނު ކުރެއްވި އިރު، އެމަނިކުފާނަކީ ރައީސް ޝީ ޖިންޕިންގެ ވަރަށް އަރިސް ބޭފުޅެކެވެ.
އޭގެ ކުރިން ފޮރިން މިނިސްޓަރުކަމުގައި ހުންނެވި ވާންގް ޔީ 10 އަހަރު އެ މަގާމުގައި ހުންނެވި އެވެ. ޕްރޮމޯޝަނަކާ އެކު ވާންގްއަކީ މިހާރު ޗައިނާގެ ވެރިކަން ކުރާ ކޮމިއުނިސްޓް ޕާޓީގެ އެންމެ މުހިއްމު ޕޮލިޓްބިޔުރޯގެ މެމްބަރެކެވެ.
މިދިޔަ އޮކްޓޯބަރު މަހު ޕޮލިޓްބިޔުރޯގެ މެމްބަރުކަން ލިބިވަޑައިގެންނެވި އިރު، ޗައިނާގެ ހާރިޖީ ސިޔާސަތު ބިނާކުރުމުގައި އެމަނިކުފާނު ބޮޑު ދައުރެއް އަދާކުރައްވާނެ ކަމަށް ބެލެވެ އެވެ.










