މެޑްރިޑް (ޑިސެމްބަރު 31) - ސްޕެނިޝް ލީގުގައި ރޭ ކަރީމް ބެންޒެމާގެ ދެ ގޯލުން 2-0 އިން ރެއާލް ވަލޮޑޮލިޑް ބަލިކޮށް އެންމެ ފަހުގެ ޗެމްޕިއަން، ރެއާލް މެޑްރިޑް ލީގުގެ އެއް ވަނަ އަށް ޖެހިލައިފި އެވެ.
ރެއާލް އެއް ވަނަ އަށް އެރީ 15 މެޗުން 38 ޕޮއިންޓް ހޯދައިގެންނެވެ. ދެ ވަނައިގައި އޮތް ބާސެލޯނާ އަށް 14 މެޗުން ވަނީ 37 ޕޮއިންޓް ލިބިފަ އެވެ. ބާސެލޯނާ އިން މިއަދު އެސްޕަންޔޯލާ ކުޅޭ މެޗުން މޮޅުވެގެން އަލުން އެއް ވަނަ އަށް އެރޭނެ އެވެ.
ރޭގެ މެޗުގެ 10 ވަނަ މިނިޓްގައި ރެއާލްގެ މާކޯ އަސެންސިއޯ ޖެހި ބޯޅައެއް ވަލޮޑޮލިޑްގެ ކީޕަރު ޖޯޑީ މަސިޕް ވަނީ މަތަކޮށްފަ އެވެ. މެޗުގެ 16 ވަނަ މިނިޓްގައި ރެއާލްގެ ވިނީޝިއުސް ޖޫނިއާ ޖެހި ބޯޅައެއް ކީޕަރު މަސިޕް އަތުގައި ޖެހިފައި ނުކުތް ވަގުތު ބެންޒެމާ ފޮނުވާލި ރީބައުންސް ބޯޅަ ދިޔައީ ހުރަސްދަނޑިމަތިންނެވެ.
ވަލޮޑޮލިޑުން މެޗުގެ 68 ވަނަ މިނިޓްގައި ލީޑުނެގުމާ ގާތަށް ޖެހިލި އެވެ. ކޯނަރަކުން ހުރަސްވި ބޯޅައަކުން ސާޖިއޯ ލެއޯން ބޮލުން ޖެހި ބޯޅަ ރެއާލްގެ ކީޕަރު ތިބޯ ކޯޓުއާ ވަނީ މަތަކޮށްފަ އެވެ.
ރެއާލުން ލީޑުނެގީ ޕެނަލްޓީ އަކުން 83 ވަނަ މިނިޓްގައި ބެންޒެމާ ޖެހި ގޯލުންނެވެ. މި ޕެނަލްޓީ ދިނީ ކޯނަރެއްގައި ރެއާލްގެ އެންޓޯނިއޯ ރޫޑިގާ ބޮލުން ޖެހި ބޯޅައެއް ވަލޮޑޮލިޑްގެ ޖަވީ ސަންޗޭޒް އަތުގައި ޖެހުމުން، ވީޑިއޯ އެސިސްޓަންޓް ރެފްރީ (ވީއޭއާރް) އިން ބެލުމަށް ފަހު އެވެ. ޕެނަލްޓީގެ ކުރިން މެޗުގެ ރެފްރީ ވަނީ ހިނގާދިޔަ ކަމަކަށް ވަލޮޑޮލިޑްގެ ލެއޯން އަށް ރަތް ކާޑު ދައްކައިފަ އެވެ.
ވަލޮޑޮލިޑްގެ ކުޅުންތެރިއަކު މަދުވުމުގެ ފައިދާނަގައި މެޗުގެ 89 ވަނަ މިނިޓްގައި ރެއާލުން ދެ ވަނަ ގޯލެއް ޖެހި އެވެ. މި ލަނޑު ޖެހީ ވެސް ބެންޒެމާ އެވެ. އަރިމަތިން ރެއާލްގެ އެޑޮއާޑޯ ކަމަވިންގާ ހިފައިގެން އައި ބޯޅަ އޭރިއާތެރޭގައި ހުރި ބެންޒެމާ އަށް ދިނުމުން އޭނާ ވަނީ ކޮންޓްރޯލް ކުރުމަށް ފަހު ގޯލުގެ ކައިރީ ކަނަށް ފޮނުވާލައިފަ އެވެ.
މިއީ އޮކްޓޫބަރު 19 ވަނަ ދުވަހުގެ ފަހުން ބެންޒެމާ ރަސްމީ މެޗެއްގައި ކުޅުނު ފުރަތަމަ ފަހަރެވެ. ގަތަރުގައި ކުރިއަށްދިޔަ ފީފާ ވޯލްޑް ކަޕްގެ ފްރާންސްގެ ސްކޮޑުގައި ހިމެނުނު ނަމަވެސް އަނިޔާގެ ސަބަބުން ބެންޒެމާ މެޗެއް ނުކުޅެ އެވެ. ބެންޒެމާ ވަނީ ވޯލްޑް ކަޕަށް ފަހު ފްރާންސް ގައުމީ ޓީމުން ރިޓަޔާކޮށްފަ އެވެ.
ސްޕެނިޝް ލީގުގައި ރޭ ސެވިއްޔާ އިން ވަނީ 1-1 އިން ސެލްޓަ ވިގޯއާ އެއްވަރުކޮށްފަ އެވެ. ރެލިގޭޝަން ޒޯނުގައި އޮތް ސެވިއްޔާ އަށް، 15 މެޗުން 12 ޕޮއިންޓް ލިބިފައިވާއިރު، އެ ޓީމު އޮތީ ލީގުގެ 18 ވަނައިގަ އެވެ.












