ހާޒިނުވެ އެންމެ ދުވަހެއް ވެސް ދޫނުކޮށްލާ އަދި އެއްފަހަރު ވެސް އޮފީހަށް ގަޑިނުޖެހި ދައުލަތުގެ މީޑިއާއަށް 37 އަހަރު ހިދުމަތް ކުރެއްވުމަށްފަހު އެތަނުގެ ސީނިއާ ޓެކްނިކަލް އިކުއިޕްމަންޓް ޑިސްޕެޗް އޮފިސާ ހަރިއްޔާ އަލީ މިއަދު ރިޓަޔާ ކުރައްވައިފި އެވެ.
ހަރިއްޔާ ރިޓަޔާ ކުރެއްވުމުން އޭނާގެ ހިދުމަތުގެ އަގު ވަޒަން އަދާކުރުމުގެ ގޮތުން މިއަދު ޓީވީއެމްގައި ވަނީ ހަފްލާއެއް ބާއްވައިފަ އެވެ. ދައުލަތަށް ހިދުމަތް ކުރުމުގެ އިނާމު 2021 ވަނަ އަހަރު ލިބިވަޑައިގެންފައި ހުރި ހަރިއްޔާ ޕީއެސްއެމުން ރިޓަޔާ ކުރެއްވި އިރު ޖުމްލަ 39 އަހަރު ސަރުކާރުގެ ވަޒީފާގައި އުޅުއްވި އެވެ.
"އޮފީހަށް ވަރަށް ތެދުވެރިކަމާއި ފަރުވާތެރިކަމާއެކު މަސައްކަތް ކުރެވޭތޯ މަސައްކަތް ކުރަން. އޮފީސް މުވައްޒަފުންގެ ފަރާތުން ބޭއްވި ގާތްކަމާއި އޯގާތެރިކަމަށްޓަކައި ޝުކުރުއަދާކުރަން،" މިއަދު ހަފްލާގައި ވާހަކަ ދައްކަވަމުން ހަރިއްޔާ ވިދާޅުވި އެވެ.

ހަރިއްޔާ ރިޓަޔާ ކުރުމުގެ ހަފްލާގެ ތެރެއިން: އެންމެ ދުވަހަކު ވެސް އޮފީހަށް ގަޑިއެއް ނުޖެހޭ -- ފޮޓޯ: ޕީއެސްއެމް
ސަރުކާރުގެ ޓީވީ ސްޓޭޝަނުގެ ވަޒީފާއަށް ހަރިއްޔާ ވަނީ 1985 ވަނަ އަހަރެވެ. އޭގެ ކުރިން ދެ އަހަރު މަޖީދިއްޔާ ސްކޫލުގެ ޓައިޕިސްޓަކަށް މަސައްކަތް ކުރެއްވި އެވެ. ޓީވީގައި ކުރެއްވި މަސައްކަތްތަކުގެ ތެރޭގައި ސްޓޮކް ބެލެހެއްޓެވުމާއި ޓީވީ ރަޖިސްޓަރީ ކުރުމާއި ދުވަހުން ދުވަހަށް ލިޔަންޖެހޭ ޔައުމިއްޔާ ލިޔުމާއި އިކުއިޕްމަންޓް ދޫކޮށް ބަލައިގަތުމުގެ މަސައްކަތް ހިމެނެ އެވެ.

އޭގެ އިތުރުން، ޓީވީން ދޫކޮށްގެން، ރައްޔިތުންގެ މަޖިލީހުގައި 2004 ވަނަ އަހަރުން ފެށިގެން ކުޑަ ދުވަސްކޮޅަކު މަސައްކަތް ކުރެއްވި އެވެ. އޭނާ ކުރެއްވީ ޔައުމިއްޔާ ލިޔެ، މެމްބަރުންނާ ހަވާލު ކުރުމުގެ މަސައްކަތެވެ. އަދި 2020 ވަނަ އަހަރު ސަރުކާރުން އުފެއްދި ފްލެޓުތަކުގެ މައްސަލަ ބަލާ ކޮމެޓީގައި ވެސް މަސައްކަތް ކުރެއްވި އެވެ.
"ހަރިއްޔާ އަޅުގަނޑާއެކު މަސައްކަތް ކުރެއްވި އިރު ދެއްވި ނަސޭހަތެއް އަބަދުވެސް ހަނދާންހުރޭ. އަދި އަބަދުވެސް ހަނދާނުގައި ބަހައްޓަން ބޭނުންވާ މުހިއްމު ނަސޭހަތެއް އޮވޭ. އޮފީހުގައި މަސައްކަތް ކުރުމުގެ ތެރޭގައި އެއްދުވަހު ގޮވާ ގާތަށް ގެނެސް، މިހަރު ތިއުޅެވެނީ އެންމެ ރަނގަޅަށް ނޫންކަމަށާއި ކުރިއެކޭ އެއްގޮތަށް ނަމާދު ގަޑިއަށް ކުރުމަށް ނަސޭހަތްތެރިވި،" ޕީއެސްއެމްގައި ޑިރެކްޓަރެއްގެ ވަޒީފާ އަދާކުރައްވާ އިބްރާހިމް ރަޝީދު ހަރިއްޔާއާ ގުޅޭ ގޮތުން މިއަދުގެ ހަފްލާގައި ވާހަކަ ދައްކަވަމުން ވިދާޅުވި އެވެ.









