ޕަބްލިކް ސާވިސް މީޑިއާ (ޕީއެސްއެމް)ގެ މެނޭޖިން ޑިރެކްޓަރުގެ މަގާމުގައި ކުރިން ހުންނެވި އަލީ ޚާލިދު އަލުން އެ މަގާމަށް އައްޔަނު ކުރުމަށް ނިންމައި ޑެޕިއުޓީ މެނޭޖިން ޑިރެކްޓަރުގެ މަގާމުގައި މީގެކުރިން ހުންނެވި މުހައްމަދު ޝަމީމް ރައީސުލްޖުމްހޫރިއްޔާގެ އޮފީހުގެ އަންޑަ ސެކްރެޓަރީއެއްގެ މަގާމަށް އައްޔަނުކޮށްފި އެވެ.
އަލީ ޚާލިދުގެ ދައުރު ހަމަވީ ޑިސެމްބަރު 24، 2022 ގަ އެވެ. އެއަށްފަހު އޭނާގެ ދައުރު އިތުރުކޮށްފައެއް ނުވެ އެވެ.
އެހެން ނަމަވެސް، އޭނާ އަލުން އެ މަގާމަށް އައްޔަނު ކުރުމަށް ނިންމާފައިވާ ކަމަށް ރައީސް އޮފީހުގެ ތަރުޖަމާނު މިއުވާން މުހައްމަދު ވަނީ "އަދަދު" އަށް ކަށަވަރުކޮށް ދެއްވާފަ އެވެ.
އެ މަގާމަށް މީހުން އައްޔަން ކުރެވެންދެން ޕީއެސްއެމް ހިންގުމުގެ ޒިންމާ ހަވާލުކޮށްފައި ވަނީ ކުންފުނީގެ ޕްރޮކިއުމަންޓް ޑިރެކްޓަރު މުހައްމަދު ސައީދުއާ އެވެ.
ޕީއެސްއެމްގެ ކުރީގެ ޑީއެމްޑީ ޝަމީމް ރައީސް އޮފީހަށް އައްޔަނުކޮށްފައި ވަނީ ކޮން ދުވަހެއްގައި ކަމެއް އެނގިފައެއް ނުވެ އެވެ. އަދި، މަސައްކަތް ކުރައްވަނީ ރައީސް އޮފީހުގެ ކޮން ޑިޕާޓްމެންޓެއްގައިކަން އެނގިފައެއް ނުވެ އެވެ.

ޕީއެސްއެމްގެ ޑީއެމްޑީގެ މަގާމުގައި ހުރި ޝަމީމުގެ ދައުރު ހަމަވީ ޑިސެމްބަރު 26، 2022 ގަ އެވެ. އޭނާގެ ދައުރު އާ ނުކުރުމަށް ޕްރައިވަޓައިޒޭޝަން އެންޑް ކޯޕަރަޓައިޒޭޝަން ބޯޑު (ޕީސީބީ) އިން އޮތީ ނިންމާފަ އެވެ.








