އުތުރު އެމެރިކާއަށް ކުރިމަތިވެފައިވާ ފިނީގެ ތޫފާނުގައި ނިއު ޔޯކް ސްޓޭޓުން 28 މީހުން މަރުވެއްޖެ އެވެ. އޭގެ ތެރެއިން ގިނަ މީހުން މަަރުވީ ބަފަލޯ ސިޓީއިންނެވެ.
ނިއު ޔޯކް ސްޓޭޓުގެ އޮފިޝަލަކު ބުނީ ބައެއް މީހުން ކާރުތަކުގައި ތާށިވެފައި ތިބޭތާ ދެ ދުވަސް ވެއްޖެ ކަމަށެވެ. މިއީ ފަހުގެ ތާރީހުގައި އެ ސަރަހައްދަށް ކުރިމަތިވި އެންމެ ބޮޑު ފިނީގެ ތޫފާނެވެ.
މީޓިއޮރޮލޮޖިސްޓުން ބުނީ އެ ސްޓޭޓުގެ ބައެއް ހިސާބުތަކަށް އިތުރު ނުވަ އިންޗީގެ ސްނޯ އަންގާރަ ދުވަހު އެކަނިވެސް ފައިބާނެ ކަމަށެވެ.
ކެނެޑާއިން ފެށިގެން ގޮސް މެކްސިކޯއާ ހަމައަށް ތޫފާނުގެ އަސަރު ކުރަމުންދާ އިރު، މިހާތަނަށް ޖުމްލަ 56 މީހުން މަރުވެފައިވެ އެވެ.
ނިއު ޔޯކް ސްޓޭޓަށް އެހީ ފޯރުކޮށްދިނުމަށް ރައީސް ޖޯ ބައިޑެން އަންގާރަ ދުވަހު ހާއްސަ ގަރާރެއް ނެރުއްވި އެވެ. އަވައްޓެރި ނިއު ޖާޒީއިން ވެސް ވަނީ ނިއު ޔޯކަށް އެހީވުމަށް އެމެޖެންސީ ހިދުމަތްތައް ފޮނުވައިފަ އެވެ.
ވައިގެ އުޅަނދުތައް ޓްރެކް ކުރާ ފްލައިޓް އެވެއާ ޑޮޓް ކޮމްއިން ބުނީ ހޯމަ ދުވަހު އެކަނިވެސް އެމެރިކާގައި 4،000 ފްލައިޓް ކެންސަލް ކުރަން ޖެހުނު ކަމަށެވެ.
ކުރިއަށް އޮތް ދުވަސްތަކުގައި ތޫފާނުގެ އަސަރު ކުޑަވާނެ ކަމަށް ލަފާކުރެވުނު ނަމަވެސް، އިދާރާތަކުން ނަސޭހަތްތެރި ވަނީ ގެތަކުން ނުނިކުމެ ތިބުމަށެވެ.
މި ތޫފާނުގައި އެންމެ ބޮޑަށް ފިނިވަމުން ދަނީ އެމެރިކާގެ ހުޅަނގު މޮންޓާނާ ސްޓޭޓަށޭވެ. އެ ތަނުގެ ފިނިހޫނުމިން -45 ޑިގްރީ ސެލްސިއަސްއަށް ވެއްޓުނެވެ.
ކެނެޑާގައި އެންމެ ބޮޑަށް އަސަރު ކުރަނީ މެދުތެރޭގައި އޮންނަ އޮންޓާރިއޯ ޕްރޮވިންސާއި އިރުއުތުރުގައި އޮންނަ ކިޔުބެކް ޕްރޮވިންސަށެވެ.










