އާ ރަންވޭ ބޭނުންކުރަން ފެށި ފަހުން އެންމެ ގިނަ ރަންވޭ މޫވްމަންޓު ރެކޯޑް ކުރެވިފައި ވަނީ މިދިޔަ ހަފްތާގެ ބުރާސްފަތި ދުވަހު ކަމަށް މޯލްޑިވްސް އެއާޕޯޓްސް ކޮމްޕެނީ ލިމިޓެޑް (އެމްއޭސީއެލް)އިން ހާމަކޮށްފި އެވެ.
އެމްއޭސީއެލް އިން ބުނީ އެ ދުވަހު ޖުމްލަ 228 ރަންވޭ މޫވްމަންޓު ރެކޯޑު ކޮށްފައިވާ ކަމަށާއި، އެގޮތުން 104 އިންޓަނޭޝަނަލް އަދި 104 ޑޮމެސްޓިކް މޫވްްމަންޓު ރެކޯޑްކޮށްފައިވާ ކަމަށެވެ. އޭގެ ތެރޭގައި 20 ޖެނެރަލް އޭވިއޭޝަން ހިމެނެ އެވެ.
ވެލާނާ އިންޓަނޭޝަނަލް އެއާޕޯޓް (ވީއައިއޭ)ގެ އާ ރަންވޭ ހުޅުވާ ރަސްމީކޮށް ބޭނުންކުރަން ފަށާފައި ވަނީ މިދިޔަ އޮކްޓޯބަރު މަހުގެ ހަ ވަނަ ދުވަހު އެވެ. އެ ރަންވޭއަކީ ގަޑިއިރަކު 21 މަތިންދާބޯޓު އޮޕަރޭޓްކުރެވޭ ގޮތަށް ތަރައްގީކޮށްފައިވާ ރަންވޭއެކެވެ.
ދިގުމިނުގައި 3,400 މީޓަރު، ފުޅާމިނުގައި 60 މީޓަރުގެ އާ ރަންވޭ ތަރައްގީ ކުރުމުގެ މަސައްކަތް ފެށީ ޗައިނާގެ އެގްޒިމް ބޭންކުގެ 373 މިލިއަން ޑޮލަރުގެ ލޯނުން 2017 ވަނަ އަހަރު އެވެ. އާ ރަންވޭ ހެދީ ޗައިނާގެ، ބެއިޖިން އާބަން ކޮންސްޓްރަކްޝަން ގްރޫޕް (ބީޔޫސީޖީ) އިންނެވެ.
ވީއައިއޭ ބަދަލުކޮށްލަން ހިންގާ އެއް ބިލިއަން ޑޮލަރުގެ ބިޔަ މަޝްރޫއުގެ ދަށުން އާ ރަންވޭގެ އިތުރުން އާ ޕަސެންޖާ ޓާމިނަލަކާއި އާ ކާގޯ ޓާމިނަލެއް އަޅާނެ އެވެ. އަދި ތެޔޮ ރައްކާކުރާ ބިޔަ ފާމެއް ވަނީ ހަދައިފަ އެވެ.











