އަންނަ އަހަރު ރާއްޖޭން ބައިނަލްއަގުވާމީ ފަސް ގޭމްސްއެއްގައި ވާދަކުރާގޮތަށް ހަމަޖެހިފައިވާ ކަމަށް މޯލްޑިވްސް އޮލިމްޕިކް ކޮމިޓީ (އެމްއޯސީ) އިން ބުނެފި އެވެ.
އެ ގޮތުން، ރާއްޖޭން ވާދަކުރާގޮތަށް ހަމަޖެހިފައިވަނީ ކޮމަންވެލްތު ޔޫތު ގޭމްސް، އެނޮކް ވޯލްޑް ބީޗް ގޭމްސް، އިންޑިއަން އޯޝަން އައިލެންޑް ގޭމްސް (އައިއޯއައިޖީ)، އޭޝިއަން ގޭމްސް އަދި އޭޝިއަން އިންޑޯ އެންޑް މާޝަލް އާޓްސް ގޭމްސް އެވެ.
މީގެ ތެރެއިން އައިއޯއައިޖީ އަކީ ރާއްޖޭން 2019 ވަނަ އަހަރު ބިޑްކޮށްގެން، އަންނަ އަހަރު ރާއްޖޭގައި ހޯސްޓްކުރަން ނިންމި ގޭމްސް އެކެވެ. އެކަމަކު، ކޮވިޑް-19ގެ އިގުތިސާދީ ލޮޅުމުގެ ތެރެއިން ރާއްޖޭން ވަނީ އައިއޯއައިޖީ ހޯސްޓް ކުރުމުގެ ފުރުސަތު ދޫކޮށްލައިފަ އެވެ. އެ ފުރުސަތުގެ ބޭނުންހިފައި، އަންނަ އަހަރުގެ 25 އޮގަސްޓުން ސެޕްޓެމްބަރު ތިނަކަށް އައިއޯއައިޖީ ހޯސްޓްކުރާނީ މަޑަގަސްކަރާ އިންނެވެ.
ޗައިނާގައި ކޮވިޑް-19ގެ ހާލަތު އެއްކޮށް ރަނގަޅުނުވާތީ، މި އަހަރު ބާއްވަން އޮތް އޭޝިއަން ގޭމްސް އަންނަ އަހަރަށް ފަސްކުރިއިރު، އެ މުބާރާތް މިހާރު ޝެޑިއުލްކޮށްފައި އޮތީ، 23 ސެޕްޓެމްބަރުން 10 އޮކްޓޫބަރަށް ޗައިނާގެ ހަންޒޫގަ އެވެ.
އަންނަ އަހަރު އެންމެ ފުރަތަމަ އޮތީ ޓްރިންޑާޑް އެންޑް ޓޮބޭގޯގައި ބާއްވާ ކޮމަންވެލްތު ޔޫތު ގޭމްސް އެވެ. ސާދަ އަހަރާއި 18 އަހަރާ ދެމެދުގެ އެތުލީޓުންނަށް އޮންނަ މި މުބާރާތް ޝެޑިއުލްކޮށްފައި އޮތީ އޮގަސްޓް 4-11 އަށެވެ. ރާއްޖޭން މެދުކެނޑުމަކަށް ފަހު، ކޮމަންވެލްތު ގޭމްސްގައި ބައިވެރިވީ، މި އަހަރު ބާމިންހަމްގައި ކުރިއަށްދިޔަ ގޭމްސްގަ އެވެ. އޭގެ ކުރިން 2018 ވަނަ އަހަރު، އޮސްޓްރޭލިއާގެ ގޯލްޑް ކޯސްޓްގައި ބޭއްވި ކޮމަންވެލްތު ގޭމްސްގައި ރާއްޖެ ނުފެނުނީ، އޭރު ރާއްޖެ ކޮމަންވެލްތުން ވަކިވެފައި އޮތުމުންނެވެ.
އަންނަ އަހަރު ކޮމަންވެލްތު ޔޫތު ގޭމްސް ކުރިއަށްދާ ދުވަސްވަރުގައި ރާއްޖޭން އިންޑޮނީޝިއާގެ ބާލީގައި ކުރިއަށްދާ އެނޮކް ވޯލްޑް ބީޗް ގޭމްސްގައި ވެސް ބައިވެރިވާނެ އެވެ. އެ މުބާރާތް އޮތީ އޮގަސްޓް 5-12 އަށެވެ. މިއީ ވޯލްޑް ބީޗް ގޭމްސް ބާއްވާ ދެ ވަނަ ފަހަރެވެ. އެންމެ ފުރަތަމަ ބޭއްވީ 2019 ވަނަ އަހަރު ގަތަރުގަ އެވެ. މި ފަހަރު މުބާރާތް އޮތީ ބާލީގަ އެވެ.
އަންނަ އަހަރު ރާއްޖޭން ބައިވެރިވާނެ އެންމެ ފަހު ގޭމްސް އަކީ އޭޝިއަން އިންޑޯ އެންޑް މާޝަލް އާޓްސް ގޭމްސް އެވެ. ތައިލެންޑްގެ ޗޮމްބޫރީ އާއި ބެންކޮކްގައި މި މުބާރާތް ކުރިއަށްދާނީ ނޮވެމްބަރު 17-26 އަށެވެ.
އަންނަ އަހަރު ޕާކިސްތާންގައި ބާއްވަން ނިންމި، ސައުތު އޭޝިއަން ގޭމްސް ވަނީ 2024 އަށް ފަސްކޮށްފަ އެވެ.
ރާއްޖޭން މި އަހަރު ވެސް ފަސް ގޭމްސްގައި ވާދަކުރަން ޝެޑިއުލްކުރި އެވެ. އެ ގޭމްސްތަކަކީ ރަޝިއާގައި ބާއްވަން ނިންމި ޗިލްޑްރެން އޮފް އޭޝިއަން ގޭމްސް، އިންގްލެންޑްގައި ހޯސްޓްކުރި ކޮމަންވެލްތު ގޭމްސް، ތުރުކީގައި ބޭއްވި އިސްލާމިކް ސޮލިޑާރިޓީ ގޭމްސް، ޗައިނާގައި ކުރިއަށްގެންދަން ނިންމި އޭޝިއަން ގޭމްސް އަދި އޭޝިއަން ޔޫތު ގޭމްސް އެވެ. މީގެ ތެރެއިން ރާއްޖޭން ވާދަކުރީ ބާމިންހަމްގައި ކުރިއަށްދިޔަ ކޮމަންވެލްތު ގޭމްސް އާއި ތުރުކީގެ ކޮންޏާގައި ބޭއްވި އިސްލާމިކް ސޮލިޑާރިޓީ ގޭމްސްގަ އެވެ.












