މެޑްރިޑް (ޑިސެމްބަރު 23) - މި ވަގުތު ކްލަބެއްގެ ކޮންޓްރެކްޓްގައި ނެތް ޕޯޗުގީސް ތަރި ކްރިސްޓިއާނޯ ރޮނާލްޑޯ، ސައުދީ އަރަބިއްޔާގެ އަލް ނަސްރް އަށް ބަދަލުވާން އުޅޭ ޑީލް އޮތީ 2030ގެ ނިޔަލަށް ދިގުދެމިގެންދާ ގޮތަށް ކަމަށް ސްޕެއިނުގެ ނޫސްތަކުން ރިޕޯޓްކޮށްފި އެވެ.
މިދިޔަ މަހު 22 ވަނަ ދުވަހު މެންޗެސްޓާ ޔުނައިޓެޑުން ރޮނާލްޑޯއާ އެކު ހަދާފައިވާ އެއްބަސްވުން ވަނީ އުވާލައިފަ އެވެ. ރޮނާލްޑޯ، 37، ގެ ސޮއި ހޯދަން އެންމެ ބޮޑަށް މަސައްކަތް ކުރަމުން އަންނަނީ ސައުދީ އަރަބިއްޔާގެ އަލް ނަސްރު އިންނެވެ.
ސްޕެއިންގެ މާކާ އިން ރިޕޯޓްކުރާގޮތުގައި ރޮނާލްޑޯ ހޯދަން ނަސްރު އިން ކުރާ މަސައްކަތުގައި ސައުދީ އަރަބިއްޔާގެ ފުޓްބޯޅަ ފެޑެރޭޝަނުގެ ބައިވެރިވުމެއް ވެސް އެބައޮތެވެ. އެއީ މިހާރު އޮތް ގޮތުން ރޮނާލްޑޯ، އަލް ނަަސްރު އަށް ބަދަލުވާނީ ދެ އަހަރުގެ ކޮންޓްރެކްޓެއްގައި 2024 ވަނަ އަހަރާ ހަމައަށެވެ. އެއީ އަހަރަކު އިސްތިހާރާ އެކު، 200 މިލިއަން ޑޮލަރާ ގާތްކުރާ އަދަދެއްގެ މުސާރައެއް ލިބޭ ގޮތަށެވެ.
އަލް ނަސްރު އަށް ދެ އަހަރު ކުޅުމަށް ފަހު، ދެން ރޮނާލްޑޯ އަށް ދޭން މަޝްވަރާ ކުރަމުން އަންނަނީ 2030 ވަނަ އަހަރަށް ސައުދީ އަރަބިއްޔާ އިން ކަނޑައަޅާފައިވާ ވިޝަން 2030 ޕްރޮޖެކްޓްގެ ތެރެއިން ވޯލްޑް ކަޕް ހޯސްޓް ކުރުމުގެ ފުރުސަތު އެ ގައުމަށް ލިބިއްޖެނަމަ، އެމްބަސަޑަރެއްގެ ގޮތުގައި ރޮނާލްޑޯ ހަމަޖެއްސުމަށެވެ.
ސައުދީ އަރަބިއްޔާ އިން 2030 ވަނަ އަހަރުގެ ވޯލްޑް ކަޕް ހޯސްޓް ކުރަން ބިޑްކޮށްފައިވަނީ މިސްރާއި ގްރީސްއާ ގުޅިގެން ޖޮއިންޓް ބިޑެކެވެ.
މުސްތަގުބަލާ ގުޅޭގޮތުން ވަރަށް އަވަހަށް ގޮތެއް ނިންމާނެ ކަމަށް ރޮނާލްޑޯ ވަނީ ބުނެފަ އެވެ.
ޗެމްޕިއަންސް ލީގުގައި ކުޅޭ ކޮންމެ ޓީމަކަށް ވެސް ރޮނާލްޑޯ ގެންދިއުމުގެ ފުރުސަތު އޮތް
މި ސީޒަން ފެށުމުގެ ކުރިން ވެސް ރޮނާލްޑޯ ވަނީ ޔުނައިޓެޑް ދޫކޮށް، ޗެމްޕިއަންސް ލީގުގައި ކުޅޭ ކްލަބަކަށް ބަދަލުވާން މަސައްކަތް ކޮށްފަ އެވެ. އެކަމަކު، އޭރު އެކަން ކާމިޔާބެއްނުވި އެވެ.
ޔުނައިޓެޑުން، މި ފަހުން، ރޮނާލްޑޯ ދޫކޮށްލަން ނިންމި އެންމެ ބޮޑު ސަބަބަކީ މަޝްހޫރު ޓީވީ ހޯސްޓް ޕިއާސް މޯގަން އަށް ދިން އިންޓަވިއުއެއްގައި މެންޗެސްޓާ ޔުނައިޓެޑާއި އެ ކްލަބްގެ ވެރިންނަށް ވަރަށް ފާޅުކަން ބޮޑު ގޮތެއްގައި ރޮނާލްޑޯ ފާޑުކިޔާފައިވާތީ އެވެ.
ދާދި ފަހުން ޖަރުމަނުގެ އައިންޓްރަކް ފްރޭންކްފާޓްގެ ސީއީއޯ އެކްސެލް ހެލްމަން ވިދާޅުވީ، އެ ކްލަބަށް ވެސް ރޮނާލްޑޯގެ ސޮއި ހޯދުމުގެ ފުރުސަތު ލިބިގެންދިޔަ ކަމަށާއި އެއީ ހަމައެކަނި އެ ޓީމަށް އޮތް ފުރުސަތެއް ނޫން ކަމަށެވެ.
"ތެދު ވާހަަކައެއް އެއީ، ކްރިސްޓިއާނޯ (ރޮނާލްޑޯ) އަހަރެމެންނަށް ވެސް އޮފާކުރި. އަހަންނަށް ގަބޫލުކުރެވޭ ގޮތުގައި އޭނަ ޗެމްޕިއަންސް ލީގުގައި ކުޅޭ ކޮންމެ ޓީމަކަށް ވެސް އޮފާކުރި، އެކަމަކު، މުސާރަ އާއި އެ ހުރިހާ ކަމަކަށް ބަލާފައި އެއީ ކޮންމެ ކޮންމެ ޓީމަކަށް ކުރެވޭނެ ކަމެއް ނޫން،" ހެލްމަން ވިދާޅުވި އެވެ.
ކުރިން ރެއާލް މެޑްރިޑާއި ޔުވެންޓަސް އަށް ވެސް ކުޅެ، ގިނަ ކާމިޔާބީތަކެއް ހޯދި ރޮނާލްޑޯ އަށް އިނގިރޭސި ޕްރިމިއާ ލީގުގެ ޗެލްސީ އާއި އެމެރިކާ ލީގު، މޭޖާ ލީގު ސޮކާ (އެމްއެލްއެސް)ގައި ޑޭވިޑް ބެކަމް ހިންގާ ކްލަބް، އިންޓަ މިއާމީ އިން ވެސް ފާރަލަ އެވެ.
ރޮނާލްޑޯ، ވޯލްޑް ކަޕަށް ފަހު ޓްރެެއިނިން ކުރިއަށް ގެންދިޔައީ ރެއާލް މެޑްރިޑްގެ ޓްރެއިނިން ސެންޓަރުގަ އެވެ. ފުޓްބޯޅަ ކެރިއަރުގައި ރޮނާލްޑޯ ކުޅުނު ކްލަބްތަކުގެ ތެރެއިން އޭނާ ދިރިއުޅުމަށް ގަނެފައިވާ އެންމެ އަގުބޮޑު ލަގްޒަރީ ވިލާ ހުންނަނީ މެޑްރިޑްގަ އެވެ.












