ގަދަހިފުމަށް ގޮސްގެން އެމްޑީޕީ މިފަހަރަކު ސަލާމަތެއް ނުވާނެ!

ގަދަހިފުމަށް ގޮސްގެން އެމްޑީޕީ މިފަހަރަކު ސަލާމަތެއް ނުވާނެ!

'މިއޮޑިއެއް ނުފެތޭނެ!'

ކުރީގެ ރައީސް މުހައްމަދު ނަޝީދު، 2013 ވަނަ އަހަރުގެ ރިޔާސީ އިންތިހާބުގެ ކެމްޕެއިން ތެރޭގައި އަޑަށް ބާރުލައްވައި ވިދާޅުވި އެ އިބާރާތަކީ އެ އިންތިހާބުގެ ނާކާމިޔާބީއަށް ފަހު ވެސް ޕާޓީ ދެމި އޮތް އަސާސެވެ. ދެހާސް އަށާރަ ވަނަ އަހަރު އަލުން އެމްޑީޕީއަށް ވެރިކަމަށް އާދެވުނީވެސް އެ ގަބޫލުކުރުމުގެ މަތީގަ އެވެ. ދެހާސް ބާރަވަނަ އަހަރުގެ ކުރީކޮޅު ވެރިކަން ފުރޮޅުމުން، އެމްޑީޕީގެ އާންމު މެންބަރުން ނުކުމެ ކުރަމުން ގެންދިޔަ އިހުތިޖާޖުތައް ދުށް ބަޔަކު އެއީ ހަމަ ތެދެކޭ ހިތާނެ އެވެ. އޭރު ފެންނަމުންދިޔަ މަންޒަރުތަކަށް ބަލާއިރު އެމްޑީޕީ އަކީ ރާއްޖޭގެ ސިޔާސީ މައިދާނުގައި ފެތިދާނެ އޮޑިއެއްކަމަށް މީހަކު ނުދެކޭނެ އެވެ.

މިއަދުގެ މަންޒަރު ތަފާތެވެ. ދެ މިތުރުން ހަތުރުންނަށްވެ، ހީނަރުވި ގުޅުމުގެ އަސަރު ކުރަމުން އެދަނީ މުޅި ޕާޓީއަށެވެ. ފާއިތުވެދިޔަ ހަތަރު އަހަރާ ބައިގެ ތެރޭގައި ހިނގައިދިޔަހައި ކަމެއް މި ހިނގައިދިޔައީ އަޅުގަނޑުމެން އެންމެންގެ ލޯ ކުރިމަތީގަ އެވެ. ކޮންމެވެސް ރަސްމިއްޔާތެއްގައި ބައްދަލުވެ ދެ ބޭފުޅުން އެއްބޭފުޅަކު އަނެއް ބޭފުޅަކު ގަޔާ ކައިރިކުރައްވައި ބައްދާލައްވަނީ އާންމު މެންބަރުންނަށް ހަގީގަތް އޮޅުވާލާނަމޭ ހިތްތަވައި އެވެ. އެހެން ނަމަވެސް މި ކުޑަކުޑަ ރާއްޖޭގައި އެންމެނަށް އެންމެން އެނގެ އެވެ. ކުރާ ކަންކަމާއި ދައްކާ ވާހަކަތަކަކީ ސިއްރެއް ނޫނެވެ. އަމުދުން ދެ ބޭފުޅުންގެ މޫނުމަތިންމެ ފާޅުވާ ކާމިޔާބީގެ އަސަރާއި، މަލާމާތުގެ ހިނިތުންވުމާއި، ނާކާމިޔާބުގެ ލަދަކީ... ނާ! ފޮރުވޭނޭ ކަންކަމެއް ނޫނެވެ.

ދެ ބޭފުޅުން 'ރުޅިވިތާ' މާގިނަ ދުވަހެއް ނުވެ އެމްޑީޕީގެ އެތެރޭގެ އިންތިހާބުތައް ފެށިއްޖެ އެވެ. އެންމެ ފުރަތަމަ ގައުމީ މަޖިލީހުގެ އިންތިހާބެވެ. އާންމު މެންބަރުންގެ ކުރިމަތީގައި ދެބޭފުޅުންމެ އިސްކުރެއްވީ ސިޔާސީ މުނާފިގުކަމެވެ. އެތެރޭގެ އިންތިހާބެއްކަމަށްވާތީ ދެ ބޭފުޅުންވެސް އެކަމާ ބެހިވަޑައިނުގަންނަވާ ކަމަށް ހެއްދެވިގެން ތިއްބެވީ އެވެ. އެ ގޮތަށް ތިއްބަވައިގެން ދެ ބޭފުޅުން ދެކޮޅުން ދެ ޓީމު ނެރުއްވައިގެން، ގަދަޔަށް ކެމްޕޭނު ކުރެއްވި އެވެ. ބަލިވީ ޕާޓީގެ ރައީސް ނަޝީދު ނެރުއްވި ޓީމެވެ. ރައީސް ސޯލިހުއަށް ލިބިވަޑައިގެންނެވި ކާމިޔާބީގެ އުފާ ފާހަގަ ކުރެއްވީ ސިއްރިއްޔާތުގަ އެވެ. ރައީސް ނަޝީދުގެ ނާކާމިޔާބީގެ ކަންބޮޑުވުމާއި ހިތާމަވެސް ކުރެއްވީ ސިއްރިއްޔާތުގަ އެވެ.

ދެން އައީ ޗެއާޕާސަންއެއް ހޮވަން ބޭއްވި އިންތިހާބެވެ. ކުރީ އިންތިހާބަށްވުރެ ބޮޑަށް ދެ ބޭފުޅުންވެސް ފަޅި ނަންގަވައިގެން ކެމްޕޭނަށް ނުކުންނެވި އެވެ. ދޮރުން ދޮރަށް ޓީމުތައް ފޮނުއްވިއިރު ބައެއް ގޭގެއަށް ސީދާ އެ ބޭފުޅުންވެސް ނުވަގުތުގައި ވަލު ދޮރާށިން ވަދެވަޑައިގެން ތާއީދަށް އެދިވަޑައިގެންނެވި އެވެ. ހޫނުގަދަ ބަހުގެ ހަމަލާތަކާއި، ތުހުމަތުތަކަށް ފަހު އެ އިންތިހާބުވެސް ނިމުނީ ރައީސުލްޖުމްހޫރިއްޔާގެ ކެންޑިޑޭޓު އިންތިހާބު ކާމިޔާބު ކުރައްވައިގެންނެވެ. ބަލިވި ފަޅިން ދެއްކީ އިންތިހާބަށް ނުފޫޒު ފޯރުވައި، ވަޒީފާގެ ބިރު ދެއްކި ކަމުގެ ތުހުމަތެވެ.

ޗެއާޕާސަން ހޮވި އިންތިހާބު ނިމުނުއިރު ޕާޓީގައި އެކަކު އަނެކަކާ މޫނު ކެނޑިފައިތިބި ކިތަންމެ ބަޔަކު އެބަތިއްބެވެ. އެއްކޮށް ބޮއި އުޅުނު ކޮފީތައް ހުއްޓި، މަގެއްގެ މަތިން ފެނުނީމާ ހަމައެކަނި ނިތް އަރުވައިލާފާ ބަޗާ ވަރަށް ގުޅުން ހީނަރުވެއްޖެ އެވެ. އިންތިހާބުގެ ދުވަސްވަރު އެއްބަޔަކު އަނެއްބަޔަކާ ދިމާއަށް ގޮވިފައިހުރީކީ ލޯ ދިމާކޮށްލާން ކެރޭވަރުގެ އެއްޗިއްސެއް ނޫނެވެ.

އެންމެ ފަހުން ބޭއްވުނު އިންތިހާބުގައި ޕާޓީގެ އެކި ގުނަންތަކުގައި ލީ ޒަހަމުތައް ފަސޭހަ ނުވެ އުޅެނިކޮށް އަނެއް އިންތިހާބު ބޯމަތިވީ އެވެ. މިފަހަރު ވާދަކުރައްވަނީ ސީދާ ދެ ރައީސުންނެވެ. މިއީ ޕާޓީގެ އާންމު މެންބަރުންނާއި މުޅި ގައުމު އިންތިޒާރުކޮށްގެން އޮތް ގަދަހިފުމެވެ.

އިއްޔެ، ރައީސް ނަޝީދު ޓުވީޓު ކުރެއްވި ސިޓީގެ ފުރަތަމަ ދެ ޖުމުލައިން މި އިންތިހާބު ދާނޭ ގޮތް ވަރަށް ބޮޑަށް ސާފުވެ އެވެ. ފުރަތަމަ ޖުމުލައިގެ ނިމޭތަނުގައި އޮތީ 'ޕްރައިމެރީގައި އަޅުގަނޑު ވާދަ ކުރަމެވެ.' މިހެންނެވެ. ދެވަނަ ޕެރެގްރާފުގެ ދެވަނަ ޖުމުލައިގައި އޮތީ 'ޕްރައިމެރީއަކީ މިނިވަން އަދި އިންސާފުވެރި އިންތިހާބަކަށް ވާނޭކަމަށް އަޅުގަނޑު ގަބޫލެއް ނުކުރަމެވެ.' މިހެންނެވެ. ދެން މި އިންތިހާބު ދާނޭ ގޮތް ވިސްނަވާށެވެ. ކުރިމަތިލައްވާ އެއް ކެންޑިޑޭޓަކު އެ ކުރިމަތިލެއްވީ ވެސް އިންތިހާބު އިންސާފުވެރި ނުވާނޭކަމުގެ ތުހުމަތާއެކު އެވެ.

މިއީ އަދި ފެށުމެވެ. ރައީސް ނަޝީދުގެ ޓީމުންނާއި، ސީދާ ރައީސް ނަޝީދު ވެސް ރައީސް ސޯލިހާއި އެމަނިކުފާނުގެ ޓީމުގެ މެންބަރުންނާއި ސަރުކާރަށް އެތައް ތުހުމަތެއް ކުރާނެ އެވެ. ވަގަށް ގޮވާނެ އެވެ. ރައްޔިތުންނާއި ގައުމަށް ގަސްތުގައި ގެއްލުންދޭ ކަމުގެ ތުހުމަތު ކުރާނެ އެވެ. އަނެއްކާވެސް ފޮޓޯތަކެއްގެ ވާހަކަވެސް ވިދާޅުވެދާނެ އެވެ.

އަނެއްކޮޅުން ރައީސް ސޯލިހުގެ ޓީމުން ރައީސް ނަޝީދާއި އެމަނިކުފާނުގެ ޓީމަށް ނިކަން ހުތު އެއްޗެހި ގޮވާނެ އެވެ. ވެރިކަން ހަވާލުކުރީމާ އެކަން ނުކުރެވި އިސްތިއުފާ ދެއްވި ވާހަކަ އެވެ. ފަޅުރަށްތައް ވިއްކާލި ވާހަކަ އެވެ. އަހުލާގީ އަދި ދީނުގެ އިން ފަހަނައަޅައި ދާކަމުގެ ތުހުމަތާއި، ދެންވެސް އާންމުކޮށް އެ ކޮށްއުޅޭ ތުހުމަތުތަކެވެ. މިހުރިހާކަމެއްގެ މެދުގައި ރައީސް ސޯލިހު ހުންނަވާނީ ހަނެވެ. އެމަނިކުފާނުގެ ފަރާތްޕުޅުން ތުހުމަތުކޮށް، ވަގު ބަދުނާމު އަޅުވައި ހައްދަވާނީ އަރިހުގައި ތިއްބެވި ބޭފުޅުންނެވެ.

އިންތިހާބަށް އަދި ދޮޅުމަހެއްހައި ދުވަސް އޮތްއިރު ފެންނާނޭ ކަމަށް ގަބޫލުކުރެވެނީ ހުތުރު ކެމްޕޭނެކެވެ. އެއްތަށިން ކައިގެން އުމުރުގެ ފުރަތަމަ ފަންސާސް ހޭދަކުރި ބަޔަކު ހަތުރުންނަށް ވާއިރު، އެކަކު އަނެކަކަށް ގޮވާލެވޭނޭ ލައްކަ އައިބެއް ފާހަގަވެފައި ހުންނާނެ އެވެ. އެ ފޯރީގައި ދެ ބޭފުޅުންގެ އާއިލާ އެކަމާ ބެހި، ޕާޓީގެ އާންމު މެންބަރުންނަށް އެކަމުގެ ތެރޭގައި މެކެވި، ކިލާވެގެން ދާނީ އެންމެން އެކުގަ އެވެ.

މި އިންތިހާބު ވާދަވެރިވާނެ އެވެ. ފޯރި ގަދަވާނެ އެވެ. ކާމިޔާބު ކުރައްވާނީ ކޮން ބޭފުޅެއްކަން ލަފާކޮށްލަންވެސް ނޭނގެ އެވެ. އެހެންނަމަވެސް ބަލި ވާނީ އެމްޑީޕީ ކަން އެއީ ކަށަވަރު ކަމެކެވެ. އިންތިހާބު ނިމި ކޮންމެވެސް އެއްބޭފުޅަކަށް އިންތިހާބު ކާމިޔާބުވުމުން، ނާކާމިޔާބީގައި ހިތްތިރިކުރައްވައި، ފަނޑު ހިނިތުންވުމަކާއެކު ނަންގަވާ ފޮޓޯއަކީ ޕާޓީ ބަލި އެނދުން ނަގައި ކޮޅަށް ޖެހޭނޭ ވަރުގެ ޝިފާ އަކަށް މިފަހަރު ވެދާނޭ ކަމަށް އެއްވެސް ބޭފުޅަކު ހިތްތަވައިގެން ނުވާނެ އެވެ.

ކޮމެންޓް

ފަހުގެ ޚަބަރު

ތުއްތު ކުދިންނާއި އަހުލާގު

ތުއްތު ކުދިންގެ އަޚްލާގު ބިނާކުރުމުގައި މައިންބަފައިންނާއި މުދައްރިސުންގެ ދައުރު ބޮޑުއިރު، ކުދިންނަށް އަންނަ ބަދަލުތައް ދެނެގަތުމަށް މި ދެފަރާތުގެ ގުޅުން ބަދަހިކުރުން މުހިންމެވެ. ކުދިންނަށް ފެންނަ ނުރަނގަޅު މަންޒަރުތަކާއި ބަސްމޮށުންތެރިކަމުގެ ސަބަބުން ތަރުބިއްޔަތު ކުރުމަށް ގޮންޖެހުންތައް ކުރިމަތިވާތީ، އެކަންކަމުން ކުދިން ދުރުކުރުމަކީ ބޮޑު ޒިންމާއެކެވެ. އަދި ކުދިންގެ އަޚްލާގު ރަނގަޅުކުރުމަށް ކަނޑައެޅިފައިވާ ފަސް މަރުހަލާގެ މައްޗަށް ބިނާކޮށް ސްކޫލްތަކުންނާއި ކަމާބެހޭ ފަރާތްތަކުން އިތުރަށް ސަމާލުކަން ދޭންޖެހެއެވެ.

މާލެއިން ވޮޝިންޓަނަށް؛ 'ވިޔާނުދާ' ނޫސްވެރިންގެ އަސަރާއި ނަތީޖާ

އެމެރިކާގެ ރައީސް ޓްރަމްޕް ވަކި ނޫސްވެރިންތަކެއް ވައިޓް ހައުސްއަށް ވަނުން މަނާކުރުމުން، އެކަށީގެންވާ އިޖުރާއާތެއް ނެތި އެފަދަ ނިންމުންތައް ނުނިންމޭނެ ކަމަށް އެ ގައުމުގެ ކޯޓުން ވަނީ ކަނޑައަޅާފައެވެ. ހަމައެފަދައިން، ރާއްޖޭގެ ރައީސް އޮފީހުން ވެސް "އަދަދު" ނޫހުގެ ނޫސްވެރިން ބައްދަލުވުންތަކަށް ވަނުން މަނާކޮށްފައިވަނީ، ރައީސް މުއިއްޒާ ކުރިމަތިކުރި އުނދަގޫ ސުވާލަކާ ގުޅިގެން އެއްވެސް ލިޔުމެއް ނުވަތަ ޖަވާބެއް ދިނުމަކާ ނުލައެވެ.

ދިވެހިރާއްޖޭގައި އޮތީ އިސްލާމީ ޓޫރިޒަމެއް؛ ސަބަބުތައް މިއޮތީ!

ދިވެހި ޓޫރިޒަމް ދާއިރާ އިޝްތިހާރު ކުރަން ތިބި މީހުން އެއީ ލާދީނީ ކާފަރު ޓޫރިޒަމެއްކަމަށް ސިފަކުރަމުންދާނަމަ، ދިވެހިރާއްޖެއަށް ޒިޔާރަތްކުރާ މުސްލިމުންނަށް އެދެވެނީ ކޮން ކަހަލަ މެސެޖެއްހެއްޔެވެ؟ އެމީހުންނަށް އެކަންޏެއް ނޫނެވެ. ދީނީ ހަރުކަށި ވިސްނުމުގެ އަހުލުވެރިންނަށް ވެސް އެދެވެނީ ކޮން ކަހަލަ ދައުވަތެއްހެއްޔެވެ؟

ރަދުން ކޮންޓްރޯލް ކުރެއްވި ސިއްރުވެރި ބޮޓޭނިކަލް ވިޔަފާރި

ތާވައްކާށި ނުވަތަ ކަނޑުކާށީގެ ވިޔަފާރިއަކީ ތާރީޚީގޮތުން ދިވެހި ރަދުންގެ ފުރިހަމަ ކޮންޓްރޯލްގެ ދަށުން ހިންގި ސިއްރުވެރި މޮނޮޕޮލީއެކެވެ. ސީޝެލްސްގެ ރަށްތަކުން އޮޔާލައިގެން ރާއްޖެއަށް ލައްވާ މި ކާށިތަކަކީ ހަމައެކަނި ރަދުންނަށް ޚާއްޞަ އެއްޗެއްގެ ގޮތުގައި އޭރު އޮތީ ކަނޑައަޅާފައެވެ. މި ކާށީގެ ސައިންޓިފިކް ނަން ރާއްޖެއަށް ނިސްބަތްވަނީ، އެ ދުވަސްވަރު ދިވެހިރާއްޖެ މެދުވެރިކޮށް މި ތަކެތި ދުނިޔޭގެ ބާޒާރަށް ތައާރަފުވެފައިވާތީއެވެ.

ރިސޯޓުތަކުގެ ކުލީގެ މުއްދަތު ދިގުވުމާއި ގައުމުގެ މުސްތަގުބަލު

ދިވެހިރާއްޖޭގެ ރިސޯޓުތަކުން އިންވެސްޓަރުންނަށް ބޮޑު ފައިދާއެއް ލިބުނު ނަމަވެސް، ރަށްތައް ކުއްޔަށްދޭ މުއްދަތު 99 އަހަރަށް އިތުރުކޮށްފައިވަނީ ގައުމީ މަސްލަހަތަށްވުރެ ބޮޑަށް ސަރުކާރުތަކުގެ ވަގުތީ މާލީ ބޭނުންތައް ފުއްދުމަށެވެ. މިގޮތަށް މުއްދަތު އިތުރުކުރުމާއި ޖޫރިމަނާތައް މާފުކުރުމުގެ ސަބަބުން، ދައުލަތަށް ލިބެންޖެހޭ ދެމެހެއްޓެނިވި އިގުތިސާދީ މަންފާ ނުލިބި ގައުމުގެ މާލިއްޔާއަށް ބޮޑެތި ގެއްލުންތަކެއް ދަނީ ކުރިމަތިވަމުންނެވެ.

ޒުވާނުންނާއި ޒަމާނީ މަސައްކަތުގެ މާހައުލު

ދިވެހި ޒުވާނުން މަސައްކަތްތަކާ ދުރުވަނީ ކަންނެތްކަމުން ކަމަށް ބުނާ ބުނުމަކީ ހަގީގީ ދިރާސާއެއްގެ މައްޗަށް ބިނާވެފައިވާ ވާހަކައެއް ނޫނެވެ. ޒުވާނުން ވަޒީފާއަށް ނުކުތުމަށް އޮތް އެންމެ ބޮޑު ހުރަހަކީ ދިރިއުޅުމުގެ ހަރަދުތަކާ ނުބައްދަލު ދަށް އުޖޫރައާއި، މަސައްކަތުގެ މާހައުލުގައި ހައްގުވާ ރައްކާތެރިކަމާއި އިނާޔަތްތައް ނެތުމެވެ. އެހެންކަމުން، ވަޒީފާގެ ބާޒާރުން ދިވެހިން އެކަހެރިވާ ސަބަބުތައް ދެނެގަތުމަށް އިލްމީ ދިރާސާތަކެއް ކުރުން މުހިންމެވެ.

އެގާރަސަތޭކަ ނަވާރަ މީހުންގެ އެއްބަސްވުމާ ދެކޮޅު، 1120 ވަނަ މީހާ

2028 ވަނަ އަހަރުގެ ރިޔާސީ އިންތިޚާބުގައި ޕީއެންސީގެ ފަރާތުން ވާދަކުރައްވާނެ ކެންޑިޑޭޓަކަށް ރައީސް ޑރ. މުއިއްޒު ކަނޑައެޅުމަށް، އެ ޕާޓީގެ ކޮންގްރެސްގެ 1،119 މަންދޫބުން އިއްތިފާގުން ވަނީ ނިންމާފައެވެ. އެއްވެސް މީހެއްގެ އިއުތިރާޒެއް ނެތި މި ނިންމުން ނިންމި ނަމަވެސް، މިއީ ސިޔާސީ ގޮތުން ފުންކޮށް ވިސްނާލަންޖެހޭ ފަދަ ތަފާތު ނަތީޖާއެކެވެ.

Newsletter

Get the latest news delivered straight to your inbox