ދިވެހިރާއްޖޭގައި އޮތް އެންމެ ބޮޑު ކުންފުނި، އެސްޓީއޯއަށް 58 އަހަރު ފުރުމާ ގުޅިގެން އަގުހުރި އިނާމުތަކެއް ލިބޭ ދެ ޕްރޮމޯޝަނެއް އެ ކުންފުނިން މިއަދު ފަށައިފި އެވެ.
އެސްޓީއޯގެ އަހަރީ ދުވަހާ ގުޅިގެން ސޯޝަލް މީޑިއާގައި އެއް ހަފްތާގެ މުއްދަތަކަށް ކުރިއަށް ގެންދާ ޕްރޮމޯޝަނަކާއި އެސްޓީއޯ ޕީޕަލްސް ޗޮއިސް އަދި އެސްޓީއޯގެ ރީޖަނަލް ފިހާރަތަކުން މިއަދު ކުރިއަށް ގެންދާ އެއް ދުވަހުގެ ސޭލް އެއް ކުރިއަށް ގެންދަން އެ ކުންފުނިން ވަނީ ނިންމައިފަ އެވެ.
އަށުވަންނައިގެ ނަމުގައި ސޯޝަލް މީޑިއާގައި ކުރިއަށް ގެންދާ ޕްރޮމޯޝަނަކީ 'ސޯސަލް' އާ ގުޅިގެން ކުރިއަށް ގެންދާ ޕްރޮމޯޝަނެކެވެ. އެގޮތުން، އެ ޕްރޮމޯޝަނުގެ މުއްދަތުގައި ސޯޝަލް މީޑިއާގައި ކޮންމެ ދުވަހަކުވެސް ސުވާލެއް އާންމު ކުރާނެ އެވެ. އެ ސުވާލުތަކަށް ރަނގަޅު ޖަވާބުދޭ ފަރާތްތަކުގެ ތެރެއިން 58 ފަރާތަކަށް އަގުހުރި ގިފްޓު ހެމްޕާއެއް ލިބޭނެ އެވެ.
އޭގެއިތުރުން، އެސްޓީއޯގެ ފިހާރަތަކުގައި މިހާރު ކުރިއަށްދާ ސޭލް އިން ކުރާ ކޮންމެ ވިޔަފާރިއަކަށް ކޫޕަނެއް ލިބޭނެ އެވެ. އަދި ގުރުއަތުން ހޮވޭ ނަސީބުވެރި 58 ފަރާތަކަށް އަގުހުރި ގިފްޓު ހެމްޕަރު ލިބޭނެ އެވެ. މިދިޔަ އަހަރުގެ އަހަރީ ދުވަހާ ގުޅުވައިގެން އެ ކުންފުނިން ކުރިއަށް ގެންދިޔަ އެއްދުވަހުގެ ސޭލްއަށް ވެސް އާންމުންގެ ބޮޑު ތަރުހީބެއް ލިބުނު ކަމަށް އެ ކުންފުނިން ބުނެ އެވެ.
1964 ވަނަ އަހަރު އަތިރީމާފަންނު ޓުރޭޑިން އެކައުންޓުގެ ނަމުގައި ފެށިގެން އައި ވިޔަފާރިއަކީ ދިވެހިންގެ އާންމު ދިރިއުޅުމުގެ ހާލަތު ރަނގަޅުވެ، ދިވެހިންގެ އަތް މައްޗަށް ދިވެހި ވިޔަފާރި ފުރޮޅާލުމަށް ލިބިގެންދިޔަ އެންމެ ބޮޑު ބާރެވެ.
މިއަދު އެ ކުންފުންޏަށް 58 އަހަރު ފުރުން ފާހަގަ ކުރަމުން ދާއިރު، އެ ކުންފުނީގެ ވިޔަފާރި ވަނީ އިންތިހާއަށް ފުޅާކޮށްފަ އެވެ. އަދި އެ ކުންފުނިން ދަނީ ހެޔޮ އަގުގައި ރައްޔިތުންނަށް މުދާ ފޯރުކޮށްދެމުންނެވެ.











