ލޯކަލް އޮތޯރިޓީ ކޮމްޕެނީ ރެގިއުލޭޝަންގެ ދަށުން ކުންފުނި ރަޖިސްޓްރީ ކުރި ފުރަތަމަ ކައުންސިލަކަށް އއ. ތޮއްޑޫ ކައުންސިލް ވެއްޖެ އެވެ.
އެ ކައުންސިލުން އުފެއްދި ލޯކަލް އޮތޯރިޓީ ކުންފުނި ރަޖިސްޓްރީ ކުރުން އިއުލާނުކުރުމަށް މިއަދު އިކޮނިމިކް މިނިސްޓްރީގައި ވަނީ ހާއްސަ ބައްދަލުވުމެއް ބާއްވާފަ އެވެ. އެ ބައްދަލުވުުމުގައި އިކޮނޮމިކް މިނިސްޓަރު ފައްޔާޒު އިސްމާއިލްގެ އިތުރުން ތޮއްޑޫ ކައުންސިލްގެ ރައީސް އަހުމަދު ކަރަމްގެ އަދި ކައުންސިލްގެ މެންބަރުން ބައިވެރިވެވަޑައިގަތެވެ.
އިކޮނޮމިކް މިނިސްޓްރީއިން މިރޭ ކުރި ޓުވީޓެއްގައި ބުނެފައިވަނީ އެއީ ތޮއްޑޫގެ މުޖުތަމައުގެ ކުރިއެރުމަށް ކައުންސިލުން ނިންމި މުހިންމު ނިންމުމެއް ކަމަށެވެ.
އެ ބައްދަަލުވުމުގައި ވާހަކަ ދައްކަވަމުން މިނިސްޓަރު ފައްޔާޒު ވަނީ ކައުންސިލްތައް ބާރުވެރި ކުރުވުމަށް ލޯކަލް އޮތޯރިޓީ ކުންފުނިތަކުން އަދާކުރެވޭނެ މުހިންމު ރޯލު ފާހަގަކުރައްވާފަ އެވެ. އަދި ދެމެހެއްޓެނިވި ގޮތެއްގައި މުޖުތަމައަށް އެކަމުގެ ސަބަބުން ގިނަ ފައިދާތަކެއް ކުރާނެ ކަމަށް ވެސް މިނިސްޓަރު ވިދާޅުވި އެވެ.
އިދާރީ ދާއިރާތައް ލާމަރުކަޒީ އުސޫލުން ހިންގުމުގެ ގާނޫނުގެ ދަށުން އިކޮނޮމިކް މިނިސްޓްރީން ވަނީ "ކައުންސިލްތަކުން ލޯކަލް އޮތޯރިޓީ ކުންފުނި އުފެއްދުމާއި އަމިއްލަ ފަރާތްތަކާ އެކު ވިޔަފާރިކުރުމާ ބެހޭ ގަވައިދު" އޭޕްރީލް، 2021، ގައި ގެޒެޓުކޮށްފަ އެވެ.

އެ ގަވާއިދާއެކު ކުންފުނި ހަދައިގެން ކައުންސިލްތަކުން ވިޔަފާރިކުރެވޭނެ ފުރުސަތު ވަނީ ކައުންސިލްތަކަށް ފަހިވެގެން ގޮސްފަ އެވެ.












