ވެރިކަން ހިންގާ މޯލްޑިވިއަން ޑިމޮކްރެޓިކް ޕާޓީގެ މެމްބަރުންގެ ދަފްތަރު އޮތީ ރަނގަޅަށް ކަމަށާއި އޭގެ ސައްހަކަމާމެދު އެ ޕާޓީގެ ރައީސް މުހައްމަދު ނަޝީދު ސުވާލު އުފެއްދެވީތީ ހިތާމަ ކުރާ ކަމަށް އެ ޕާޓީގެ ސެކެޓްރިއޭޓުން މިރޭ ބުނެފި އެވެ.
ވަކި މީހެއްގެ ނަން ނުޖައި އެމްޑީޕީގެ ސެކެޓްރިއޭޓުން ނެރުނު އެ ބަޔާނުގައި ބުނެފައި އޮތީ އެ ޕާޓީގެ ދަފުތަރު އޮތީ ޕާޓީގެ އަސާސީ ގަވާއިދާއި ގައުމީ މަޖިލީހުގެ ނިންމުންތަކާ އެއްގޮތްވާ ގޮތަށް ކަމަށެވެ. އަދި ޕާޓީގެ ދަފްތަރުން މެމްބަަރުން މަދުވީ، ގަވާއިދުތަކާއި އުސޫލުތަކާ އެއްގޮތަށް ފެއްތުމުން ކަމަށް ވެސް އެ ބަޔާނުގައި ބުނެފައިވެ އެވެ.
"ޕާޓީގެ އަސާސީ ގަވާއިދާއި ގާނޫނީ ނިޒާމުގެ ތެރޭގައި ސިޔާސީ ޕާޓީތަކުގެ ގާނޫނުގައި ބުނާ ހަމަތަކާއި އުސޫލްތަކާ އެއްގޮތަށް ޕާޓީ ހިންގުމާއި މެމްބަޝިޕް ކަންތައް ބެލެހެއްޓުމަކީ މި ޕާޓީން އިސްކަންދޭ ކަމެއް. އެމްޑީޕީއަކީ އަބަދުވެސް މި ޕާޓީގެ އެތެރޭގެ އިންތިހާބުތައް އާއްމު މެމްބަރުންގެ ނުހަނު ބޮޑު ބައިވެރިވުމާ އެކު ކުރިއަށް ގެންދާ ޕާޓީއެެއް" އެމްޑީޕީގެ ބަޔާނުގައި ބުނެފައިވެ އެވެ.
އަންނަ ޖެނުއަރީ މަހު ބާއްވާ އެމްޑީޕީގެ ރިޔާސީ ޕްރައިމަރީގައި ވާދަ ކުރައްވާނެކަން އިއުލާނު ކުރައްވާފައިވާ ނަޝީދު ޕާޓީގެ ދަފްތަރާމެދު ސުވާލު އުފެއްދެވީ ޕާޓީގެ ޗެއާޕާސަން ފައްޔާޒް އިސްމާއިލަށް އިއްޔެ ފޮނުއްވި ސިޓީއެއްގަ އެވެ. ނަޝީދު ވިދާޅުވީ ދަފްތަރުގައި މައްސަލަތައް ހުއްޓާ ބާއްވާ އިންތިހާބެއް މިނިވަން އަދި އިންސާފުވެރި ނުވާނެ ކަމަށެވެ.
އެމްޑީޕީގެ ދަފްތަރުގައި 90،000 އަށް ވުރެ ގިނަ މެމްބަރުން ތިބި ކަމަށް އެ ޕާޓީން މީގެ ކުރިން ދިޔައީ ބުނަމުންނެވެ. ނަމަވެސް އިލެކްޝަންސް ކޮމިޝަނުގައި އޮންނަ އެ ޕާޓީގެ ދަފްތަރުގައި މެމްބަރުންގެ އަދަދު މާބޮޑަށް ވެސް ދަށެވެ.

މިރޭ ނެރުނު ބަޔާނުގައި އެމްޑީޕީއިން އިތުރަށް ބުނެފައި ވަނީ ޕާޓީގެ ދަފްތަރު ކުރިން އޮތީ އިންތިހާބެއް ގަޑުބަޑުކޮށްލެވިދާނެ ފަދަ ގޮތަކަށް ކަމަށެވެ. ޕާޓީގެ ދަފްތަރު އިސްލާހުކޮށް ހަމަތަކެއްގެ ތެރެއަށް ފެއްތީ އެހެންވެ ކަމަށް އެމްޑީޕީން ބުނެ އެވެ.
"ޕާޓީން ބަލަހައްޓަމުންދިޔަ ދަފްތަރު އޮތީ އެހެން ސިޔާސީ ޕާޓީތަކަށް ނިސްބަތްވާ މެމްބަރުންނާއި އެ ޕާޓީތަކުގެ މަގާމުތަކުގައި ތިބޭ ފަރާތްތަކުން އެމްޑީޕީގެ އެތެރޭގެ އިންތިހާބުތަކުގައި ވާދަކުރުމަށާއި ވޯޓުގަޑުބަޑުކޮށްލުމުގެ ފުރުސަތު ލިބިގެންދާ ގޮތަށް،" އެ ބަޔާނުގައިވެ އެވެ.
އެ ޕާޓީގެ ރައީސް އަދި ރައްޔިތުންގެ މަޖިލީހުގެ ރައީސް ނަޝީދަށް ރައްދު ދެމުން އެ ބަޔާނުގައި ބުނެފައި އޮތީ ޕާޓީގެ ދަފްތަރާމެދު އެމަނިކުފާނު ސުވާލު އުފެއްދެވުމުން "ހިތާމަކުރާ" ކަމަށެވެ.
"އެމްޑީޕީގެ އަސާސީ ގަވާއިދާއި ގައުމީ މަޖިލީހުގެ ނިންމުމާ އެއްގޮތްވާގޮތުގެ މަތިން, ދަފްތަރު ސައްހަކޮށް, ބެލެހެއްޓެމުން ދަނިކޮށް އެ ދަފްތަރާ މެދު ސުވާލު އުފެދޭ ގޮތަށް ޕާޓީގެ ރައީސް, ރައީސް މުހައްމަދު ނަޝީދު ވިދާޅުވެފައިވާތީ ހިތާމަކުރަން،" އެ ބަޔާނުގައިވެ އެވެ.
ޖެނުއަރީ 28، ވަނަ ދުވަހު އޮންނަ އެމްޑީޕީގެ ރިޔާސީ ޕްރައިމަރީގައި ނަޝީދު ވާދަކުރައްވާކަން އިއްޔެ ވަނީ އިއުލާނުކުރައްވާފަ އެވެ. ނަޝީދުގެ އިތުރުން ރައީސް ސޯލިހު ވެސް ޕްރައިމަރީގައި ވާދަކުރައްވާނެކަން މީގެ ކުރިން ވަނީ ހާމަކުރައްވާފަ އެވެ. ނަމަވެސް ރައީސް ސޯލިހު މިހާތަނަށް އެކަން ރަސްމީކޮށް އިއުލާންކުރައްވާފައެއް ނުވެ އެވެ.
އެމްޑީޕީގެ ޕްރައިމަރީގައި ވާދަ ކުރައްވާނެ ކަމަށް ރައީސް ސޯލިހު އިއުލާނު ކުރެއްވީ ޖޫން 8، ގަ އެވެ. އޭގެ ފަހުން ނަޝީދު ވެސް އިންތިހާބުގައި ވާދަ ކުރައްވާނެކަމުގެ އެކި އިޝާރާތް ވަނީ ދެއްވައިފަ އެވެ. އެގޮތުން އެމަނިކުފާނު އެމްޑީޕީގެ ރިޔާސީ ޕްރައިމަރީގައި ވާދަ ކުރައްވާނެ ކަމަށް ރައްޔިތުންގެ މަޖިލީހުގެ ނައިބު ރައީސް އީވާ އަބްދުﷲ ވެސް ވިދާޅުވި އެވެ.
ނަމަވެސް ފަހުން ނަޝީދު ވިދާޅުވެފައި ވަނީ ޕްރައިމަރީއެއްގެ ކުރިން ވާހަކަ ދައްކަންޖެހޭނީ ދައުލަތް ހިންގުމުގެ ނިޒާމު ބަދަލު ކުރުމަށް ކަމަށެވެ. އަންނަ އަަހަރު ބޭއްވުމަށް ހަމަޖެހިފައިވާ ރިޔާސީ އިންތިހާބުގެ ކުރިން ބަރުލަމާނީ ނިޒާމަކަށް ގައުމު ބަދަލު ކުރުމަށް ވެސް ނަޝީދު ހުށަހެޅުއްވި އެވެ.













