އެމްޑީޕީގެ މެންބަރުންގެ ތެރެއިން 40،000 މެންބަރުންނަށް އެންގުމަކާ ނުލާ ޕާޓީގެ ދަފްތަރުން ވަކިކޮށްފައިވާ ކަމަށް ވިދާޅުވެ، އެ ޕާޓިން އިއުލާނުކޮށްފައިވާ ރިޔާސީ ޕްރައިމަރީގެ ސައްހަ ކަމާމެދު އެ ޕާޓީގެ ރައީސް މުހައްމަދު ނަޝީދު ސުވާލު އުފައްދަވައިފި އެވެ.
އެމްޑީޕީގެ ޗެއާޕާސަން ފައްޔާޒު އިސްމާއިލަށް ފޮނުއްވި އާންމު ސިޓީއެއްގައި ނަޝީދު ވިދާޅުވީ، ޕާޓީގެ ދަފްތަރުގެ މައްސަލަތަކެއް ހުއްޓައި ބާއްވާ އިންތިހާބު "މިނިވަން އަދި އިންސާފުވެރި" އިންތިހާބަކަށް ވާނެ ކަމަށް ގަބޫލުނުކުރައްވާ ކަމަށެވެ.
"މި ޕާޓީއަށް ހިތުން ރުހުމުން ގުޅިފައިވާ މެންބަރުންގެ ތެރެއިން 40 ޕަސެންޓު މެންބަރުންގެ ހައްގާއި ބައިވެރިވުން ގެއްލުވާލާ ބާއްވާ އިންތިހާބަކީ 2023 ގެ ރިޔާސީ އިންތިހާބުގައި މި ޕާޓީއަށް އިންތިހާއަށް ނޭދެވޭ އަސަރުކުރާނެ ކަމެއް،" ނަޝީދު ވިދާޅުވެފައިވެ އެވެ.
ނަޝީދުގެ ސިޓީގައި އެމަނިކުފާނު އެދިވަޑައިގެންފައި ވަނީ ޕާޓީގެ ދަފްތަރުގައި ހުރި މައްސަލަތައް އިންތިހާބުގެ ކުރިން ހައްލުކޮށްދެއްވުމަށެވެ.
އިލެކްޝަންސް ކޮމިޝަން ގެ ދަފުތަރު ދައްކާގޮތުން އެމްޑީޕީގެ ދަފުތަރުގައި 58،000 މެމްބަރުން އެބަ ތިއްބެވެ.

ޖެނުއަރީ 28، ވަނަ ދުވަހު އޮންނަ އެމްޑީޕީގެ ރިޔާސީ ޕްރައިމަރީގައި ނަޝީދު ވާދަކުރައްވާކަން އިއްޔެ ވަނީ އިއުލާނުކުރައްވާފަ އެވެ. ނަޝީދުގެ އިތުރުން ރައީސް ސޯލިހު ވެސް ޕްރައިމަރީގައި ވާދަކުރައްވާނެކަން މީގެ ކުރިން ވަނީ ހާމަކުރައްވާފަ އެވެ. ނަމަވެސް ރައީސް ސޯލިހު މިހާތަނަށް އެކަން ރަސްމީކޮށް އިއުލާންކުރައްވާފައެއް ނުވެ އެވެ.
އެމްޑީޕީގެ ޕްރައިމަރީގައި ވާދަ ކުރައްވާނެ ކަމަށް ރައީސް ސޯލިހު އިއުލާނު ކުރެއްވީ ޖޫން 8، ގަ އެވެ. އޭގެ ފަހުން ނަޝީދު ވެސް އިންތިހާބުގައި ވާދަ ކުރައްވާނެކަމުގެ އެކި އިޝާރާތް ވަނީ ދެއްވައިފަ އެވެ. އެގޮތުން އެމަނިކުފާނު އެމްޑީޕީގެ ރިޔާސީ ޕްރައިމަރީގައި ވާދަ ކުރައްވާނެ ކަމަށް ރައްޔިތުންގެ މަޖިލީހުގެ ނައިބު ރައީސް އީވާ އަބްދުﷲ ވެސް ވިދާޅުވި އެވެ.
ނަމަވެސް ފަހުން ނަޝީދު ވިދާޅުވެފައި ވަނީ ޕްރައިމަރީއެއްގެ ކުރިން ވާހަކަ ދައްކަންޖެހޭނީ ދައުލަތް ހިންގުމުގެ ނިޒާމު ބަދަލު ކުރުމަށް ކަމަށެވެ. އަންނަ އަަހަރު ބޭއްވުމަށް ހަމަޖެހިފައިވާ ރިޔާސީ އިންތިހާބުގެ ކުރިން ބަރުލަމާނީ ނިޒާމަކަށް ގައުމު ބަދަލު ކުރުމަށް ވެސް ނަޝީދު ހުށަހެޅުއްވި އެވެ.













