ދޯހާ، ގަތަރު (ޑިސެމްބަރު 18) - ވޯލްޑް ކަޕް ފުޓްބޯޅަ މުބާރާތުގެ ފައިނަލް މެޗަށް ފްރާންސްގެ ގައުމީ ޓީމާ ގުޅުމުގެ "ޝައުގުވެރިކަމެއް ނެތް" ކަމަށް އަނިޔާގެ ސަބަބުން މި ފަހަރު ޓީމާ ވަކިވި، ފޯވާޑް ކަރީމް ބެންޒެމާ ބުނެފި އެވެ.
ފީފާ ވޯލްޑް ކަޕްގެ ފައިނަލުގައި ފްރާންސާއި އާޖެންޓީނާ ވާދަކުރާ މެޗު ކުޅޭނީ މިރެ އެވެ. މި މެޗަށް ނުކުންނައިރު ފްރާންސް ޓީމު އޮތީ އުނދަގޫ ހާލަތެއްގަ އެވެ. އެ ގޮތުން ޓީމްގެ ބައެއް ކުޅުންތެރިންނަށް ހުމުގެ އަސަރުކޮށް މިދިޔަ މެޗުގައި ވެސް ދެ ކުޅުންތެރިއަކަށް ނުކުޅެވުނެވެ. ރައްކާތެރިކަމުގެ ފިޔަވަޅެއްގެ ގޮތުން ކުޅުންތެރިން ކޮޓަރިން ނުކުތުން މިވަގުތަށް އޮތީ މަނާ ކޮށްފަ އެވެ. އުނދަގޫ ހާލަތެއްގައި ފްރާންސް ޓީމް އޮތުމާ އެކު މި ވަގުތު އެންމެ ބޮޑަށް އަޑުގަދަވެފައިވަނީ ފޯވާޑް ބެންޒެމާ ޓީމާ ގުޅެން އުޅޭ ވާހަކަތަކެވެ.
ދުނިޔޭގެ އެންމެ މޮޅު ފުޓްބޯޅަ ކުޅުންތެރިޔާ އަށް ދޭ ބެލޮންޑިއޯ އެވޯޑް މި ފަހަރު ހޯދި، ބެންޒެމާ، 34، އަށް މި ފަހަރުގެ ވޯލްޑް ކަޕް ނުކުޅެވޭނެކަން ޔަގީންވީ، ވޯލްޑް ކަޕް ފެށި ދުވަަހު ލިބުނު އަނިޔާގެ ތަފްސީލް ރިޕޯޓްތަކުންނެވެ. އަނިޔާގައި ހުރުމުން ބެންޒެމާ ވަނީ މުބާރާތް ފެށުމުގެ ޓީމާ ވަކިވެފަ އެވެ.
އަނިޔާވި ނަމަވެސް ކޯޗު ޑިޑިއޭ ޑެޝޯމްޕްސް ވަނީ ބެންޒެމާ، ފްރާންސްގެ 26 ކުޅުންތެރިންގެ ސްކޮޑުން ހިމަނަން ނިންމި ނިންމުން ދަމަހައްޓައިފަ އެވެ. އަނެއްކޮޅުން، މިހާރު ބެންޒެމާ ވަނީ އަނިޔާއިން އެއްކޮށް ރަނގަޅުވެ ރެއާލް މެޑްރިޑް އެންމެ ފަހުން ކުޅުނު އެކުވެރިކަމުގެ މެޗުގަ ވެސް ކުޅެފަ އެވެ.
މި ވަގުތު ބެންޒެމާ ފިޓްކޮށް ހުރުމާއި ފްރާންސް ޓީމްގެ މި ވަގުތު އޮތް ހާލަތަށް ބަލާއިރު ބެންޒެމާ ޓީމާ ގުޅުމަކީ މެޗުގައި ކޯޗަށް އޮތް ފުރުސަތުތައް ގިނަވާނެކަމެއްގެ ގޮތުގައި ބުނެ، ގިނަ ބަޔަކު އަންނަނީ ޝުއޫރު ފާޅުކުރަމުންނެވެ. އެކަމާ ބެހޭގޮތުން ޑެޝޯމްޕްސް ސުވާލުކުރުމުން އޭނާވަނީ ބެންޒެމާއާ ގުޅޭގޮތުން ސީދާ ޖަވާބެއް ދޭން ދެކޮޅު ހަދައިފަ އެވެ.
އިންސްޓަގްރާމްގައި ޖެހި ޕޯސްޓެއްގައި ބެންޒެމާ ވަނީ އެންމެ ފަހުން މި ވާހަކަތަކަށް ނިމުން ގެނެސްފަ އެވެ. ބެންޒެމާ ބުނީ ފައިނަލް މެޗަށް އެނބުރި ޓީމާ ގުޅުމުގެ ޝައުގުވެރިކަމެއް ނެތް ކަމަށެވެ.
ބެންޒެމާގެ މި ޖަވާބާ އެކު ކޯޗު ޑެޝޯމްޕްސްއާ ބެންޒެމާ އާއި ދެމެދު ގުޅުން ރަނގަޅު ނޫން ކަމަށް މީޑީއާތަކުން އަންނަނީ ހަބަރު ފަތުރަމުންނެވެ. ބެންޒެމާ އަކީ މީގެ ކުރިން ކޯޗު ޑިޝޯމްޕްސްއާ މައްސަލަ ޖެހި ގައުމީ ޓީމުން ފަސް އަހަރު ބާކީވެފައި ހުރި ކުޅުންތެރިއެކެވެ.
ރިޕޯޓްތައް ބުނާގޮތުން ޑެޝޯމްޕްސް އަލުން ބެންޒެމާ ޓީމަށް ނުގެންނަން ބޭނުންވާ ސަބަބަކީ އަނިޔާގައި ހުރި ނަމަވެސް ޓީމާ އެކު ގަތަރުގައި ހުރެ، ރިކަވަރީ ގެންދަން ބެންޒެމާ ބޭނުންނުވުމުންނެވެ. ފްރާންސްގެ ބައެއް ނޫސްތަކުން ރިޕޯޓްކުރާ ގޮތުގައި ބެންޒެމާ، ގަތަރުގައި މަޑުކުރިނަމަ، އޭނާ އަށް ނޮކައުޓް ބުރުގެ ހުރިހާ މެޗެއްގައި ކުޅުމުގެ ފުރުސަތު އޮތެވެ.
ފައިނަލު މެޗުގައި ކުޅުންތެރިއެއްގެ ގޮތުގައި ބެންޒެމާ ފެނުމުގެ ފުރުސަތު ނެތް ނަމަވެސް މެހުމާނެއްގެ ގޮތުގައި ގަތަރަށް ދިޔުމަށް އޭނާއަށް ވަނީ ދައުވަތު ލިބިފަ އެވެ. މި ގޮތުން ފްރާންސްގެ ރައީސް އެމަނުއެލް މެކްރޯން ވަނީ ގައުމީ އަނިޔާގެ ސަބަބުން ގައުމީ ޓީމަށް ނުކުޅެވުނު ކުޅުންތެރިން ފައިނަލް މެޗު ބެލުމަށް ގަތަރަށް އައުމަށް ދައުވަތު ދީފަ އެވެ.
އެ ގޮތުން 2018ގެ ތަށި ހޯދި ޓީމްގައި ހިމެނުނު އެންގޯލޯ ކާންޓޭ އާއި ޕައުލް ޕޮގްބާގެ އިތުރުން މިފަހަރު އަނިޔާގެ ސަބަބުން ޓީމަށް ނުކުޅެވުނު ކްރިސްޓޮފާ އެންކޫކޫއަށް ވެސް ރައީސް މެކްރޯންގެ ދައުވަތު ވަނީ ލިބިފަ އެވެ.
ފްރާންސްގެ ގައުމީ ޓީމުގެ އަމާޒަކީ 60 އަހަރުގެ ތެރޭގައި ވޯލްޑް ކަޕްގެ ތަށި ދިފާއުކުރާ ފުރަތަމަ ގައުމުގެ ޝަރަފް ހޯދުމުވެ. އަނެއްކޮޅުން ދުނިޔޭގެ އެންމެ މޮޅު ކުޅުންތެރިޔާގެ މަގާމް ހޯދާފައިވާ ލިއޮނަލް މެސީއާ އެކު އާޖެންޓީނާ އިން އޮތީ 36 އަހަރު ފަހުން ވޯލްޑް ކަޕްގެ ތަށި ގައުމަށް ގެންދިޔުމުގެ އަޒުމުގަ އެވެ.
އާޖެންޓީނާ އާއި ފްރާންސް ކުޅޭ ފައިނަލް މެޗު ފަށާނީ ރާއްޖެ ގަޑިން މިރޭ 20:00 ގަ އެވެ.












