ހަމައެކަނި މި އަހަރަށް ބެލި ނަމަވެސް އައްޑޫގައި ކައުންޓާ ޓެރަރިޒަމްގެ ތިން އޮޕަރޭޝަނެއް ކުރިއަށް ގެންގޮސް, 23 މީހަކު ހައްޔަރުކުރި އެވެ. ރާއްޖޭގައި މިހާތަނަށް ދޭން އުޅުނު ކަމަށް ބުނާ އެންމެ ނުރައްކާތެރި ޓެރަރިސްޓު ހަމަލާވެސް ހުއްޓުވާލީ އައްޑޫއިންނެވެ.
ރާއްޖޭގައި ހަރުކަށި ފިކުރު ފެތުރި، ދިވެހި ފަސްގަނޑުގައި ގިނަ ހަމަލާތަކެއްް ދޭން ރާވަމުންދާ ކަމުގެ އަޑު މި ފަހުން އަބަދުވެސް އިވެ އެވެ. މި އަޑުތަކަށް އެއް ބަޔަކު ބީރު ކަންފަތެއް ދޭއިރު އަނެއް ބަޔަކު އަންނަނީ މަލާމާތުގެ ރާގުން އެ ވާހަކަތަކަށް ހަޖޫ ޖަހަމުންނެވެ. ނަމަވެސް މި ހުރިހާ ވާހަކައެއްގެ ހުރި ހައްސާސް ކަމާއި ރާއްޖޭގައި އޮތް ޓެރަރިޒަމްގެ ބިރުވެރިކަން ފެނިގެންދިޔައީ މެއި 6، 2021 ގައި ރައްޔިތުންގެ މަޖިލީހުގެ ރައީސް މުހައްމަދު ނަޝީދު އަވަހާރަކޮށްލަން ދިން ބޮމުގެ ހަމަލާއާ އެކު އެވެ. ގައުމުގެ ކުރީގެ ރައީސް އަދި ގާނޫނު ހަދާ މަޖިލީހުގެ ރައީސްގެ ފުރާނަ އެދުވަހު ސަލާމަތްވީ ކިރިޔާ އެވެ.

ސީރިޔާއަށް ހަނގުރާމައަށް ގޮސް އުޅުނު ދިވެހި ބައެއް
އެ ހަމަލާއަށްފަހުވެސް ސިފައިންނާއި ފުލުހުން އައްޑޫގައި އޮޕަރޭޝަނެއް ކުރިއަށް ގެންގޮސް ހަ މީހަކު ހައްޔަރުކުރި އެވެ. އައްޑޫގެ ހާލަތާއި ޓެރަރިޒަމާ ދެކޮޅަށް ފުލުހުން ކުރަމުންދާ މަސައްކަތްތަކުގެ ތަފުސީލު ދެއްވަމުން ކޮމިޝަނާ އޮފް ޕޮލިސް މުހައްމަދު ހަމީދު "އަދަދު" އަށް ވިދާޅުވީ ރާއްޖޭގެ އެހެން ސަރަހައްދުތަކާ އަޅާ ބަލާއިރު އައްޑޫގައި ހަރުކަށި ފިކުރުގެ މީހުން ހަރަކާތްތެރިވާ މިންވަރު އިތުރުކަމަށެވެ.
"އައްޑޫގައި މި އޮޕަރޭޝަންތައް ހިންގަންޖެހޭ ސަބަބަކީވެސް އެ ސިޓީގެ [ޓެރަރިޒަމްގެ ނުރައްކަލުގެ] ކަންކަން ކައިރިން ބަލަންޖެހޭތީ،" ހަމީދު ވިދާޅުވި އެވެ.
އައްޑޫގައި ހަރުކަށި ފިކުރު ފެތުރޭތާ ގިނަ އަހަރުތަކެއް
އައްޑޫގައި ހަރުކަށި ފިކުރުގެ އަޑުތައް ގަދަވާންފެށިތާ އަހަރުތަކެއް ވެއްޖެކަން އެއީ ހަގީގަތެކެވެ. މިކަން ހާމަވަނީ 2019 ވަނަ އަހަރު, އައްޑޫ ސިޓީގައި އޭރު އޮތް ކައުންސިލުން އެ ސިޓީގައި ހަރުކަށި ފިކުރު ފެތުރެމުންދާ މިންވަރާމެދު ކަންބޮޑުވެ އެކަން ޑިފެންސް މިނިސްޓްރީއަށް ހުށަހަޅާފައިވުމުންނެވެ. ޑިފެންސް މިނިސްޓަރު މާރިޔާ ދީދީ އާ ބައްދަލުކޮށް ކައުންސިލުން އޭރު ދެކެވުނު ވާހަކަތަކުގެ ތެރޭގައި ޓެރަރިސްޓު ޖަމާއަތެއް ކަމަށްވާ އިސްލާމިކް ސްޓޭޓް (އައިއެސް) ޖަމާއަތާއި ގުޅުމަށް ރާއްޖެއިން ބޭރަށް މީހުން ފޮނުވުމުގައި ވެސް އައްޑޫގައި މީހުން ހަރަކާތްތެރިވާކަން ފާހަގަކުރި އެވެ.

2019 ވަނަ އަހަރު ޖޫން މަހު އައިއެސް ޖަމާއަތަށް ތާއީދުކޮށް އައްޑޫގެ ފާރެއްގައި ލިޔުނު ލިޔުމެއް -- ފޮޓޯ: ޓުވިޓާ
ރާއްޖޭގައި ހަރުކަށި ފިކުރު ފެތުރޭ މިންވަރު ދެނެގަނެ ރައްޔިތުންގެ ސަލާމަތް ކަށަވަރުކުރުމަށް ވޭތުވެދިޔަ ސަރުކާރުތަކުންވެސް ގިނަ މަސައްކަތްތަކެއް ވަނީ ކޮށްފަ އެވެ. ރައީސް ޔާމީންގެ ސަރުކާރުގައި ކުރެވުނު މަސައްކަތްތަކުންވެސް އައްޑޫގައި ހަރުކަށި ފިކުރު ފެތުރިފައިވާ މިންވަރު ވަނީ ފާހަގަވެފަ އެވެ. އެ ސަރުކާރުގައި މި މަސައްކަތްތަކުގައި އިސްކޮށް އުޅުއްވި އޮފިޝަލަކު "އަދަދު" އަށް މައުލޫމާތު ދިން ގޮތުގައި އެ ދައުރުގައި ރާއްޖޭގައި ހަރުކަށި ފިކުުރު ފެތުރިފައިވާ މިންވަރު ހޯދުމަށް ދިރާސާއެއް ކުރެވުނެވެ. އެއީ 2017 ވަނަ އަހަރު އެވެ.
"އެ ރިސާޗުން ވަރަށް ސާފުކޮށް ދެއްކި މުޅި ރާއްޖޭގައިވެސް އެންމެ ނުރައްކާތެރި މިންވަރަކަށް ހަރުކަށި ފިކުރު ފެތުރިފައި އޮތީ ހަމަ އަައްޑޫގައި ކަން" އެ އޮފިޝަލު ވިދާޅުވި އެވެ. މިކަމާއި ގުޅިގެން އޭރުވެސް ސަލާމަތީ ބާރުތަކުން ގިނަ މަސައްކަތްތަކެއް ކުރިކަންވެސް އޭނާގެ ވާހަކައިގައި ފާހަގަ ކުރެއްވި އެވެ.
ހަރުކަށި ފިކުރާއި ހިޖުރަކުރުން
ރާއްޖޭގައި ދީނީ ހަރުކަށި ފިކުރު ފެތުރި ފަހުގެ ތާރީހުގައި ރަށްރަށުގައި ހިނގައިދިޔަ ހަމަނުޖެހުންތަކާއި ދޭން އުޅުނު ހަމަލާތަކާއި ގުޅިގެން ހައްޔަރުކުރި މީހުންނަށް ބަލާއިރު ކޮންމެ ރަށަކުންވެސް އެ ރަށަކަށް ނިސްބަތްނުވާ މީހުން ގިނަކަން ފާހަގަކުރެވެ އެވެ. އެގޮތުން އޮކްޓޫބަރު، 2007 ގައި އދ. ހިމަންދޫގައި ހިނގި ހަމަނުޖެހުމާއި ތ. ތިމަރަފުށީގައި 2021 ވަނަ އަހަރު ދޭން އުޅުނު ޓެރަރިސްޓު ހަމަލާއާ ގުޅިގެން ހައްޔަރުކުރެވުނު މީހުންގެ ތެރޭގައި ވެސް ރަށުން ބޭރު މީހުން ގިނަ އެވެ.
ތަޖުރިބާކާރުން ބުނާ ގޮތުގައި ރާއްޖޭގައި ހަރަކާތްތެރިވާ ހަރުކަށި ފިކުރުގެ މީހުން އަންނަނީ އެމީހުންގެ ބޭނުންތަކާއި ރައްކާތެރިކަމަށް އެންމެ އެކަށޭނެ ގޮތްތައް ބަލައިގެން އެއް ސަރަހައްދުން އަނެއް ސަރަހައްދަށް ހިޖުރަ ކުރަމުންނެވެ. ހިމަންދޫ އަދި ތިމަރަފުށިން ފެނުނު މި މަންޒަރު މިހާރު އައްޑޫއިން ވެސް ދަނީ ފެންނަމުންނެވެ. މި ރިޕޯޓަށް މައުލޫމާތު ދެއްވަމުން ކޮމިޝަނާ ހަމީދު ވެސް ވަނީ މިކަން ފާހަގަކޮށްފަ އެވެ.
"އެ [ހިޖުރަކުރުމުގެ] ޕެޓާން އައްޑޫގައިވެސް ފާހަގަކުރެވޭ ކަމެއް އެއީ. އެހެން ރަށްރަށުން މީހުން އައިސް މިކަމުގެ ތެރޭގައި ޝާމިލްވެގެން އުޅޭކަން ފާހަގަވޭ،" ހަމީދު ވިދާޅުވި އެވެ.
ހަރުކަށި ފިކުރުގެ މީހުން ހިޖުރަކުރުމާއި ބެހޭގޮތުން "އަދަދު" އިން ސުވާލުކުރުމުން އައްޑޫ ސިޓީގެ މިހާރުގެ މޭޔަރު އަލީ ނިޒާރު ވިދާޅުވީ އައްޑޫ ފަދަ ބިން ބޮޑު އަދި އާބާދީ ބޮޑު ސިޓީއެއްގައި އެކަން ފާހަގަވުން ކުޑަ ކަމަށެވެ.
ނިޒާރުގެ ވާހަކައިން ފާހަގަވަނީ ކުރިން ބުނެވުނު ފަދައިން މިފަދަ ސިއްރު ހަރަކާތްތަކެއް ހިންގުމަށް ބޭނުންވާ ފަރާތްތަކަށް އައްޑޫ ކަމުދާނެ އެއް ސަބަބެވެ. ބިން ބޮޑުވުމާއި، އާބާދީ ބޮޑުވުމުގެ ސަބަބުން މީހުންގެ ތެރެއަށް މަސްހުނި ނުވެވެސް ހަރުކަށި ފިކުރުގެ މީހުންނަށް ހަރަކާތްތެރިވާނެ ޖާގަ ލިބިގެންދާނެ އެވެ.
ބޮމުގެ އޮޕަރޭޝަނާއި ތަހުގީގަށް ބޭރުގެ އެހީ
މިދިޔަ ނޮވެމްބަރު 11، ގައި މާލެ، އައްޑޫ އަދި ކ. ގުރައިދޫގައި ފުލުހުންނާއި ސިފައިން ގުޅިގެން ކައުންޓާ ޓެރަރިޒަމްގެ ބޮޑު އޮޕަރޭޝަނެއް ފެށި އެވެ. ފުލުހުން ފަހުން މައުލޫމާތު ދިން ގޮތުގައި މިއީ މިހާތަނަށް ރާއްޖޭގައި ދޭން އުޅުނު އެންމެ ނުރައްކާތެރި ޓެރަރިސްޓު ހަމަލާ ހުއްޓުވުމަށް ކުރިއަށް ގެންދިޔަ އޮޕަރޭޝަނެވެ.
އެ ތިން ސަރަހައްދުން 14 މީހަކު ހައްޔަރުކޮށް ގިނަ އަދަދެއްގެ ތަކެތި އަތުލި އެވެ. ގުރައިދޫއިން ހައްޔަރުކުރީ ވެސް އައްޑޫއަށް ނިސްބަތްވާ ދެ މީހެކެވެ. މިއާއެކު ފުލުހުންގެ ޑޯގް ސްކޮޑާއެކު އައްޑޫގެ ގިނަ ސަރަހައްދުތަކެއް ބަލާ ފާސްކޮށް ބާރުގަދަ ގޮވާތަކެތި ހެދުމަށް ބޭނުންކުރާ ކެމިކަލްތަކެއް ވެސް ހޯދި ކަމަށް ފުލުހުން ވަނީ ބުނެފަ އެވެ.
ނޮވެމްބަރު 14، ގައި ބޭއްވި ނޫސްވެރިންގެ ބައްދަލުވުމެއްގައި އިންސްޕެކްޓާ އޮފް ޕޮލިސް އުސްވަތު އަހުމަދު ވިދާޅުވީ ހައްޔަރުކުރެވުނު ފަރާތްތަކުން ދިޔައީ ގޮވާތަކެތި ބޭނުންކޮށްގެން ދިވެހިރާއްޖޭގެ ތަންތަނަށް ހަމަލާދީ ގިނަ ބައެއްގެ ފުރާނައަށް ނުރައްކާވާ ފަދަ ހަމަލާއެއް ދިނުމަށް ތައްޔާރުވަމުން ކަމަށެވެ. މިއީ މިހާތަނަށް ރާއްޖޭގައި ދޭން އުޅުނު އެންމެ ނުރައްކާތެރި ހަމަލާކަންވެސް ފުލުހުން ފާހަގަކުރި އެވެ.
ކޮމިޝަނާ ހަމީދު ވިދާޅުވި ގޮތުން މި ހަމަލާ ދޭން އުޅޭކަން ސަލާމަތީ ބާރުތަކަށް ފުރަތަމަ އެނގުނީ މި އަހަރުގެ ޖޫން މަހުގެ ތެރޭގަ އެވެ. އެއަށްފަހު ތުހުމަތުކުރެވޭ މީހުންގެ ހަރަކާތްތައް މޮނީޓާކޮށް، ހަމަލާ ހުއްޓުވުމުގެ މަސައްކަތް އެހިސާބުން ފެށުނު ކަމަށްވެސް ވިދާޅުވި އެވެ. ނަމަވެސް މިއީ ހިނގަމުންދާ ތަހުގީގެއް ކަމުން މި ހަމަލާގެ އިތުރު ތަފުސީލެއް ނުދެއްވި އެވެ.
"ފޮރެންސިކް ތަހުލީލުތައް މިހާރުވެސް ކުރެވެމުންދަނީ، އަދި މި ތަހުގީގަށް އެހެން ބައެއް ގައުމުތަކުގެ ސަލާމަތީ ބާރުތަކުން ވެސް އެހީތެރިކަން އެބަ ދެއްވާ،" ހަމީދު ވިދާޅުވި އެވެ.
ފުލުހުންގެ ކައުންޓާ ޓެރަރިޒަމް ޑިޕާޓްމަންޓާ ހަވާލާދީ އެ އިދާރާގެ މީޑިއާ ޑިޕާޓްމަންޓުން "އަދަދު" އަށް ދިން މައުލޫމާތު ތަކަށް ބަލާއިރު މިހާރު ރާއްޖޭގައި ހަރުކަށި ފިކުރުގެ 25 ޖަމާއަތެއް އެބަ ހަރަކާތްތެރިވެ އެވެ.
އެކި ފަހަރު މަތިން ތަފާތު ހަމަލާތައް ދިނުމަށް އެ ޖަމާއަތްތަކުން ވަނީ މަސައްކަތް ކޮށްފަ އެވެ. ވަކިވަކި މީހުންނާއި އާންމު ގިނަ ބަޔަކަށް އަމާޒުކޮށް ހަމަލާތަކެއް ދޭން ކެނޑިނޭޅި މަސައްކަތް ކުރަމުންދާކަން މިހާރު ވަނީ އިހުސާސްވާން ފަށާފަ އެވެ. މި ޖަމާއަތްތަކުގެ ތެރެއިންވެސް އެންމެ ގިނަ އަދަދެއްގެ ބަޔަކު އެންމެ 'އެކްޓިވް' ކޮށް ހަރަކާތްތެރިވާ ސަރަހައްދަކީ އައްޑޫ އެވެ. ހަމަ ގައިމުވެސް ވޭތުވެދިޔަ އަހަރުތަކަށް ބަލާ ނަމަ އައްޑޫ މިވަނީ ރާއްޖޭގައި ހަރުކަށި ފިކުރާއި ޓެރަރިޒަމްގެ މައި ހަބަކަށް ވެފަ އެވެ.












