ދޯހާ، ގަތަރު (ޑިސެމްބަރު 13) - ފީފާ ވޯލްޑް ކަޕް ފުޓްބޯޅަ މުބާރާތުގައި ކުއާޓާ ފައިނަލުގައި އާޖެންޓީނާ އިން ނެދަލެންޑްސް ކަޓުވާލައި، ސެމީ ފައިނަލަށް ދަތުރުކުރި މެޗުގެ ރެފްރީ، ސްޕެއިންގެ އެންޓޯނިއޯ މަޓޭއު ލަހޯޒް އަށް ގިނަ ފާޑުކިޔުންތަކެއް އަމާޒުވިއިރު، އޭނާ އަށް މި މުބާރާތުގައި ކުރިއަށް ހުރި މެޗުތަކުން ފުރުސަތު ނުދޭން ފީފާއިން ނިންމާފައިވާ ކަމަށް ރިޕޯޓްތައް ބުނެފި އެވެ.
ކުއާޓާ ފައިނަލް މެޗުގެ ފުރިހަމަ ވަގުތާއި އިތުރު ވަގުތުގެ ދެ ހާފުގެ ކުޅުން ނިމުނުއިރު، 2-2 އިން އެއްވަރުވެ، ޕެނަލްޓީ ޖަހައިގެން، އާޖެންޓީނާ އިން ނެދަލެންޑްސް ކަޓުވާލި މެޗުގައި ޖުމްލަ އެކު، ސްޕެއިންގެ ރެފްރީ، ލަހޯޒް ވަނީ 18 ކާޑު ދައްކައިފަ އެވެ.
އޭގެ ތެރޭގައި ނެދަލެންޑްސްގެ ޑެންޒެލް ޑަމްފްރީސް އަށް ދެއްކި ދެ ރީނދޫ ކާޑު ވެސް ހިމެނެ އެވެ. އަދި ބެންޗުގައި އިން ދެ ކުޅުންތެރިއަކަށް ދެއްކި، ކާޑާއި ހަމަނުޖެހުންތަކެއް ހިނގި ވަގުތުތަކެއްގަައި ދެއްކި ކާޑުތަކެއް ވެސް ހިމެނެ އެވެ.
"ރެފްރީއާ ބެހޭ ގޮތުން ވާހަކަ ދައްކަން ހަގީގަތުގައި ބޭނުމެއް ނޫން. އެއީ އެކަން ކުރާތަނުން ވަރަށް އަވަހަށް ފިޔަވަޅު އެބައަޅާ، އެކަމަކު، މި މެޗު ބެލި އެންމެނަށް ވެސް އެނގޭނެ ކަންތައްތައް ހިނގާދިޔަ ގޮތް،" މެސީ ބުންޏެވެ.

ރެފްރީ ލަހޯޒް (ވ): ނެދަލެންޑްސް އާއި އާޖެންޓީނާ ކުޅުންތެރިންނާ ވާހަކަ ދައްކަނީ.
"ފީފާ އިން މި މެޗުގައި ހިނގާދިޔަ ކަންތައްތައް ރިވިއުކޮށް ބަލަން އެބަޖެހޭ. އެއީ މި ކަހަލަ ވަރުގަދަ ގިނަ ކަންތައްތަކެއް ހިނގާ މެޗެއް މި ވަރުގެ ރެފްރީއެއްގެ އަތްމައްޗަށް ދިނުމުގެ ގެއްލުން ދެ ޓީމަށް ވެސް އެބައޮތް. މި ލެވަލްގެ މެޗެއް އިންސާފު ކުރެވޭނެ ރެފްރީއެއް ނޫން ފެނުނީ،"
މި ފަހަރުގެ ވޯލްޑް ކަޕްގައި ދެން އޮތީ ސެމީ ފައިނަލް ދެ މެޗާއި ތިން ވަނަ ހޮވާ މެޗުގެ އިތުރުން ފައިނަލް މެޗެވެ. މި ހަތަރު މެޗުގައި އިންސާފުކުރާނެ ރެފްރީންގެ ޓީމުތައް ކަނޑައެޅިއިރު، ލާހޯޒަށް ފުރުސަތެއް ނުދޭން ނިންމާފައިވާ ކަމަށް މީޑިއާތަކުން ވަނީ ރިޕޯޓްކޮށްފަ އެވެ.
ސްޕެއިނުގެ ވެލެންސިއާ އަށް އުފަން ލަހޯޒް، 45، 2008 ވަނަ އަހަރުން ފެށިގެން ސްޕެނިޝް ލަލީގާގައި ރެފްރީކަން ކުރަން ފެށިއިރު، އޭނާ އިންޓަނޭޝަނަލް މެޗުތަކުގައި ރެފްރީކަން ކުރަން ފެށީ 2011 ވަނަ އަހަރުން ފެށިގެންނެވެ. ލަހޯޒް ވަނީ 2014 އާއި 2018 ވަނަ އަހަރުގެ ވޯލްޑް ކަޕްގެ މެޗުތަކުގައި ރެފްރީކަން ކޮށްފަ އެވެ. އަދި އެންމެ ފަހުން ބޭއްވި ދެ ޔޫރޯ ފުޓްބޯޅަ މުބާރާތުގައި ވެސް ލަހޯޒް ވަނީ މަސައްކަތްކޮށްފަ އެވެ.
ލަހޯޒް ރެފްރީކަން ކުރި ކްލަބް ފުޓްބޯޅައިގެ ވަރުގަދަ މެޗުތަކަށް ބަލާއިރު، 2021 ވަނަ އަހަރު ޗެމްޕިއަންސް ލީގުގެ ފައިނަލުގައި މެންޗެސްޓާ ސިޓީ އާއި ޗެލްސީ ބައްދަލުކުރި މެޗު ހިމެނެ އެެ.












