Advertisement

މޮޅުވިޔަސް މެސީގެ ނުރުހުން ރެފްރީ އަށް: "ފީފާ އިން މިކަން ބަލަންޖެހޭ!"

10 ޑިސެންބަރު 2022 - 07:11 0


މޮޅުވިޔަސް މެސީގެ ނުރުހުން ރެފްރީ އަށް: "ފީފާ އިން މިކަން ބަލަންޖެހޭ!"

10 ޑިސެންބަރު 2022 - 07:11 0

ދޯހާ، ގަތަރު (ޑިސެމްބަރު 10) - ފީފާ ވޯލްޑް ކަޕް ފުޓްބޯޅަ މުބާރާތުގައި ރޭގެ މެޗުގެ ފުރިހަމަ ވަގުތާއި އިތުރު ވަގުތުގެ ދެ ހާފުގެ ކުޅުން ނިމުނުއިރު، 2-2 އިން އެއްވަރުވެ، ޕެނަލްޓީ ޖަހައިގެން، އާޖެންޓީނާ އިން ނެދަލެންޑްސް ކަޓުވާލައި، ސެމީ ފައިނަލަށް ދަތުރުކުރި މެޗުގެ ރެފްރީ، ސްޕެއިންގެ އެންޓޯނިއޯ މަޓޭއު ލަހޯޒް އަށް، އާޖެންޓީނާގެ ކެޕްޓަން ލިއޮނަލް މެސީ ފާޑުކިޔައިފި އެވެ.

އާޖެންޓީނާ އިން ދެ ގޯލުގެ ލީޑެއްގައި އޮއްވައި، ނެދަލެންޑްސް އިން އެއްވަރުކުރީ މެޗުގެ އިތުރު ވަގުތުގެ ވެސް ފަހު މިނިޓްގަ އެވެ. މި މެޗުގެ ރެފްރީ ލަހޯޒް ވަނީ ޖުމްލަ 18 ރީނދޫ ކާޑު ދައްކައިފަ އެވެ. މީގެ ތެރެއިން ބައެއް ކުޅުންތެރިންނާއި މެޗު އޮފިޝަލުންނަށް ބެންޗުގައި އިންދައި ވެސް ވަނީ ކާޑު ދައްކައިފަ އެވެ. ރޭގެ މެޗުގެ ތެރެއިން ގިނަ ކުޅުންތެރިން ވަނީ ރެފްރީ ލަހޯޒް އަށް ވަރަށް ބޮޑަށް ނުރުހުން ފާޅުކޮށްފަ އެވެ.

މެޗަށް ފަހު މެސީ ވެސް ވަނީ ރެފްރީގެ ފަރާތުން ފެނުނު ކަންކަމަށް ފާޑުކިޔައިފަ އެވެ.

"އެ މީހުން (ނެދަލެންޑްސް) ދެ ވަނަ ގޯލު ޖެހީމަ އަހަރެން ވަރަށް ރުޅިގަަދަވި، އަހަރެން ރެފްރީއާ ބެހޭ ގޮތުން ވާހަކަ ދައްކަން ހަގީގަތުގައި ބޭނުމެއް ނޫން. އެއީ އެކަން ކުރާތަނުން ވަރަށް އަވަހަށް ފިޔަވަޅު އެބައަޅާ، އެކަމަކު، މި މެޗު ބެލި އެންމެނަށް ވެސް އެނގޭނެ ކަންތައްތައް ހިނގާދިޔަ ގޮތް،" ރެފްރީގެ ނިންމުންތަކާ މެދު ކަންބޮޑުވުން ހުރިކަން ފާހަގަކޮށް މެސީ ބުންޏެވެ.

"ފީފާ އިން މި މެޗުގައި ހިނގާދިޔަ ކަންތައްތައް ރިވިއުކޮށް ބަލަން އެބަޖެހޭ. އެއީ މި ކަހަލަ ވަރުގަދަ ގިނަ ކަންތައްތަކެއް ހިނގާ މެޗެއް މި ވަރުގެ ރެފްރީއެއްގެ އަތްމައްޗަށް ދިނުމުގެ ގެއްލުން ދެ ޓީމަށް ވެސް އެބައޮތް. މި ލެވަލްގެ މެޗެއް އިންސާފު ކުރެވޭނެ ރެފްރީއެއް ނޫން ފެނުނީ،"

މެސީ ބުނީ ޖުމްލަކޮށް ރެފްރީގެ ލަހޯޒްގެ ހަރަކާތްތައް ފެނިފައިހުރީ އާޖެންޓީނާއާ ދެކޮޅަށް ކަމަށް އޭނާ އަށް ފާހަގަކުރެވުނު ކަމަށެެވެ.

ރޭގެ މެޗު އިތުރު ވަގުތުގެ ދެ ހާފަށް ގެންގޮސް، ޕެނަލްޓީން ނަތީޖާ ނެރެން ބޭނުންނުވި ކަމަށާއި އެކަމަކު، ވޯލްޑް ކަޕެއްގެ ކުއާޓާ ފައިނަލުގައި މެޗެއް ބަދަލުވާނެ ހުރިހާ ހާލަތެއް ރޭގެ ކުއާޓާ ފައިނަލް މެޗުގައި ފެނިގެންދިޔަކަން މެސީ ވަނީ ފާހަގަކޮށްފަ އެވެ.

އާޖެންޓީނާ ރޭގެ މެޗުން މޮޅުކޮށްދޭން ކީޕަރު އެމިލިއާނޯ މާޓީނޭޒް، ޕެނަލްޓީގައި އިސް ރޯލެއް ކުޅުނުކަން ފާހަގަކޮށް، މެސީ ވަނީ މާޓީނޭޒަށް ތައުރީފުކޮށްފަ އެވެ.

ސެމީ ފައިނަލުގައި އަންނަ އަންގާރަ ދުވަހުގެރޭ އާޖެންޓީނާ އިން ކުޅޭނީ ކްރޮއޭޝިއާއާ އެވެ. ކްރޮއޭޝިއާ ސެމީން ފުރުސަތު ހޯދީ ކުއާޓާގައި ރޭ ޕެނަލްޓީ ޖަހައިގެން ބްރެޒިލް ބަލިކުރުމަށް ފަހު އެވެ.