ގައުމީ ޓީމުގެ އެސިސްޓަންޓް ކޯޗަކަށް މި އަހަރު މަސައްކަތް ކުރި ޕޯޗުގަލްގެ ސިމާއޯ ކޮސްޓާ އަށް ދޭން ޖެހޭ ފައިސާ ދައްކަން ފުޓްބޯލް އެސޯސިއޭޝަން އޮފް މޯލްޑިވްސް (އެފްއޭއެމް) އަށް ދުނިޔޭގެ މައި ފުޓްބޯޅަ އިދާރާ، ފީފާ އިން އަންގައިފި އެވެ.
ގައުމީ ޓީމުގެ ހެޑް ކޯޗުގެ މަގާމާ މިދިޔަ އަހަރުގެ އޮކްޓޫބަރު މަހު ހަވާލުވި، އިޓަލީގެ ފްރެންޗެސްކޯ މޮރިއޭރޯގެ އެސިސްޓެންޓް ކޯޗެއްގެ ގޮތުގައި ސިމާއޯ ހަމަޖެއްސީ މިދިޔަ ޑިސެމްބަރު މަހު އެވެ. ސިމާއޯ އަށް މި އަހަރު ޖެނުއަރީ މަހުން ފެށިގެން ނުލިބި ހުރި މުސާރަ އަށް ވާ ފައިސާ ހޯދަން ފީފާ އަށް މައްސަލަ ހުށަހެޅީ މިދިޔަ ސެޕްޓެމްބަރު މަހު އެވެ.
ސިމާއޯ އަށް ދޭން ޖެހޭ މުސާރަ އަށް ވާ 35،000 ޑޮލަރު (539،000 ރުފިޔާ)، ފީފާގެ އެންގުމާ އެއްގޮތަށް ދައްކާނެ ކަމަށް އެފްއޭއެމުން ވަނީ ބުނެފަ އެވެ.
ގައުމީ ޓީމުގެ އެސިސްޓަންޓް ކޯޗުގެ މަގާމުން ވަކިވުމަށް ފަހު ސިމާއޯ ވަނީ އޭނާގެ ސޯޝަލް މީޑިއާގައި ރާއްޖޭގެ ފުޓްބޯޅައިގައި ހުރި މައްސަލަތައް ކަމަށް ބުނެ، ގިނަ ވާހަކަތަކެއް ޕޯސްޓްކޮށްފަ އެވެ. އެ ޕޯސްޓްތަކުގައި ރާއްޖޭގެ ފުޓްބޯލް އެސޯސިއޭޝަންގެ އިދާރީ ހިންގުމާއި އެހެނިހެން ކަންކަމަށް ވެސް ފާޑުކިޔައިފައިވެ އެވެ. އެކަމަކު، ފަހުން އޭނާ ވަނީ ސޯޝަލް މީޑިއާގައި ޕޯސްޓް ކުރި ހުރިހާ އެއްޗެއް ޑިލީޓްކޮށްލައިފަ އެވެ.
ގައުމީ އަންހެން ފުޓްބޯޅަ ޓީމުގެ ކޯޗަކަށް ހުރި ސާބިއާގެ ޑޭބޯ ބާބާ އާއި ގައުމީ ޓީމުގެ ހެޑް ކޯޗަކަށް ކުރިން ހުރި މާޓިން ކޫޕްމަން އަދި އޭނާގެ އެސިސްޓަންޓް ކޯޗަކަށް ހުރި ރެނޭ ހިޑިންކް އަށް ދޭން ޖެހޭ މުސާރަ ދޭން ވެސް ފީފާ އިން އެފްއޭއެމަށް ވަނީ އަންގައިފަ އެވެ.
އެގޮތުން އެފްއޭއެމުން ވަނީ އަންހެން ޓީމުގެ ކޯޗަކަށް ހުރި ބާބާ އަށް ދޭން ޖެހޭ 39،919.34 ޑޮލަރު (615،556 ރުފިޔާ) ދައްކައިފަ އެވެ. އެކަމަކު، ރެނޭ އަށް ދޭން ޖެހޭ ފައިސާގެ ޖުމްލަ އަދަދު 2.9 މިލިއަން ރުފިޔާ (187,375 ޑޮލަރު) އަށް އަރަ އެވެ. ކޫޕްމަން އަށް ދޭން ޖެހޭ ފައިސާގެ އަދަދުތަކެއް މީޑިއާގައި ހާމަކޮށްފައެއް ނުވެ އެވެ.











