ހޮޅިދަނޑި ރޭހާއި ވަގުފުލުހާއި އެލޯވަޅިން

ގައު އަތުރައިގެން މަގުތައް ހެދުމުގެ ކުރިން މާލޭގެ މަގެއްގައި އުފެދިފައިވާ ފެންގަނޑަށް ނޭރި ހުރަސްކުރުމަށްޓަކައި ކުޑަ އަންހެން ކުއްޖަކު ފާރުގައި އެލިގަނެގެން އަންނައިރު، އަނެއް ކުއްޖާ ފެންގަނޑުތެރޭގައި. -- ސޯޝަލް މީޑިއާ

ގައު އަތުރައިގެން މަގުތައް ހެދުމުގެ ކުރިން މާލޭގެ މަގެއްގައި އުފެދިފައިވާ ފެންގަނޑަށް ނޭރި ހުރަސްކުރުމަށްޓަކައި ކުޑަ އަންހެން ކުއްޖަކު ފާރުގައި އެލިގަނެގެން އަންނައިރު، އަނެއް ކުއްޖާ ފެންގަނޑުތެރޭގައި. -- ސޯޝަލް މީޑިއާ

އަހަރެމެން ކުޑައިރު އަހަރެންނާ ކޮއްކޮއާ ކުޅެ އުޅުނު ކުޅިވަރެއް ކިޔައިދޭނަމެވެ. އެ ކުޅިވަރުގައި އަހަރެމެން ދެމީހުންނާއެކު ބައިވެރިވާނޭ ގޭގައި ގެންގުޅުނު ކުޑަ ގާދޫންޏެކެވެ. ގާދޫންޏަކީ ކަނޑުމަތީ ދޫންޏެކެވެ. މީގެ ދެވައްތަރެއް ހުރެއެވެ. މިތަނުން ގޭގައި ގެންގުޅުނީ ކޮންމެވެސް މީހަކު ހިފައިގެން ގެނައި އައިންމަތީ ގާދޫންޏެކެވެ. ހުދުކުލައާއި އަޅިކުލައާއި ކަޅުކުލައިގެ ރީތި ފިޔަތަކަކާއި ރީނދޫ ތުނބެއް ލާފައި ހުންނަ ކުޑަ ދޫންޏެކެވެ. އެސޮރަށް މީހަކު ގޯނާއެއް ކޮށްފިނަމަ، ކުޑަކުޑަ ފުރޭތައެއްހެން ކުރު އަވަސް ފިޔަވަޅުތަކެއްގައި ގޮސް އެމީހެއްގެ ފައިގައި ކޮށައިގަންނާނީ ލޭދައްކާލާހާ ބާރަށެވެ. ކުޑަމިނުން ތެޔޮހަން ދުއްވާލާނެއެވެ.

އަހަރެމެން ގޭގައި ގާދޫނީގެ މަޤާމަކީ އުނދޯލީގެ ތަންދޮށެވެ. މީހަކު އުނދޯލީގައި އިށީނދެ، މާ ބާރަށް ހެއްލާލައިފިއްޔާ މި ސޮރަށް ވަރަށް އުނދަގޫވެއެވެ. އެމީހަކު ނުވެސް ވިސްނާ ހުއްޓައި ގޮސް އޭނާގެ ކުޑަހުޅުގައި ނުވަތަ ކުޑަކަޅުވައިގައި ކޮށައިގަންނާނީ ސިއްސައިގެންދާހާ ބާރަށެވެ. މަށާ ކޮއްކޮއާ ކުޅޭ ކުޅިވަރަކީ، ދުވެފައިގޮސް އުނދޯއްޔަށް އަރައި، ވީހާ ބާރަކަށް ހެއްލާލުމަށްފަހު އެސޮރަށް ހަމަލާ ނުދެވެނީސް އުނދޯލި މައްޗަށް ފައިނަގާ އިށީނުމެވެ. ފައި ނެގުމުގެ ކުރިން އެ ސޮރަށް ހަމަލާ ދެވިއްޖެނަމަ އެ ސޮރު މޮޅުވީއެވެ. އަހަރެމެންނަށް ކުރި ލިބެނީ އެ ސޮރުގެ ހަމަލާއެއް ނާރާ ކުޅެ ނިންމާލެވިއްޖެއްޔާއެވެ.

މި ދައްކަނީ މާ ދުރު މާޒީއެއްގެ ވާހަކައެއް ނޫނެވެ. ނަވާރަސަތޭކަ ނުވަދިހައިގެ އަހަރުތަކުގެ ވާހަކައެވެ. އެވެސް މާލެއެވެ. އެހެންނަމަވެސް މިއަދުގެ މާލެއާ ހާސްބައި ތަފާތު ވެއްޓެކެވެ. ދިރިއުޅުމުގެ ވައްޓަފާޅިވެސް އެހާ ތަފާތެވެ. އަހަރެމެން ކުޑައިރު ހަފުތާ ބަންދަކީ ބުރާސްފައްޗާއި ހުކުރެވެ. އޭރުގެ ކުޑަކުދިންގެ "ސްކްރީން ޓައިމް" ވަރަށް މަދުވާނެއެވެ. ހަފުތާ ބަންދު ނޫން ދުވަސްދުވަހު ކާޓޫނު ބަލާލަން ލިބޭ ހަމައެކަނި ފުރުޞަތަކީ ހަވީރު ފަހަކާއި މަޣްރިބް ނަމާދު ބަންގިއާ ދެމެދުގެ ވަގުތުކޮޅެވެ. ޓީވީއެމް އިން އެ ދުވަސްވަރެއްގައި އެ ދައްކާ ކާޓޫނުތައް ބަލާބަލާގޮސް އޭގެ ޑަޔަލޮގުވެސް އަހަރެމެން ހިތުދަސްވާނެއެވެ. ކޮންމެ ބުރާސްފަތި ދުވަހެއްގެ ހަވީރަކީ ކޮންމެވެސް ފިލްމެއް އެއްކޮށް ދައްކާ ދުވަހެވެ. އެ ދުވަހު ހަވީރު ހަތަރެއް ޖަހަން ވާއިރަށް އަހަރެމެން ތިބޭނީ ސައިބޮއި، ފެންވަރާ، ފުނާއަޅައި، ހަވީރުލާ ހެދުން ލައިގެން ޓީވީ ކައިރީގައެވެ. ޕޯސްއެއް ނުކުރެވޭނެއެވެ. ފާޚާނާ ކުރަންވެސް ދުރަށް ދާނީ އެ ފިލްމު ނިމުނީމައެވެ.

އޭރު އެވަރުންވެސް ފުދެއެވެ. ކުޅޭނެ އެތައް ކުޅިވަރެއް އޮވެއެވެ. އުޑުމަތި ރީތި ދުވަހެއްނަމަ އާދައަކަށް ވެފައި އޮންނަނީ "ގޯޅިގަނޑު ކުދިން"ނާއެކު ދޮރޯށި ދޮށުގައި ކުޅުމެވެ. އެންމެ ފޯރީގައި ކުޅޭ އެއް ކުޅިވަރަކީ ގޯޅީގެ ކަނަކަށްވާ ގޮތަށް ހުންނަ ހޮޅިދަނޑިއަކަށް އެރުމެވެ. މިއީ ރޭހެކެވެ. އެންމެ ކުޑަ ވަގުތުކޮޅަކުން އެންމެ އުހަށް އެރޭ ކުއްޖެއް ހޯދާނެއެވެ. ހުރިހާ ކުދިންނަށް އެ ކުޅިވަރު ކުޅޭކަށް ނުކެރޭނެއެވެ. ހުއްދައެއްވެސް ނޯންނާނެއެވެ. އަދި އަމުދުން އެ ހޮޅިދަނޑިއަކީ ކީއްކުރަން އެތާ ބަހައްޓާފައި ހުރި އެއްޗެއް ކަމެއްވެސް އަދިވެސް އަހަރެންނަކަށް ނޭނގެއެވެ. އެނގޭކަމަކީ އޭރު އެންމެ ކޫލް ވާނީ، އެންމެ ހަލުވިކޮށް އެންމެ މައްޗަށް އެރޭ ކުއްޖާކަމެވެ. އަހަރެމެންގެ ކުދި ކުދި އަތްތަކުން ހޮޅިދަނޑީގައި ބަގުޑި ބައްދާފައި ފުންމައިގެން އަރައި ފައި ވިއްދަނީ ފާރުގައެވެ. ދެން އެގޮތަށް، ދެ އަތް ޅާނބަކަށް ހަދައިގެން ގޭގޭ ފުރާޅު ފެންނަހާ މައްޗަށް ބައެއް ކުދިން އަރާ ހަނދާންވެއެވެ. ފައިބަނީ ދަނޑީގައި އެލިގެން ސޮއްސައިލައިގެންނެވެ. މިހެން ވެއްޓި އިނދަޖެހި، އަތްފައި މަށައިގެންވެސް ދެއެވެ. އެހެނަސް އޭރު، ކުޅުކޮޅެއް ނޫނީ ހިރަފުސްކޮޅެއްވެސް ބޭހަކަށް ފުދެއެވެ.

ވިއްސާރަ މޫސުމުގައި އޮންނާނީ ވާރެޔާ ތެމުމެވެ. ކަރުދާހުން ދޯނި ހަދައިގެން ޗަކަ ފެންގަނޑުގައި ދުއްވުމެވެ. ކިލާފަނި ހޯދައިގެން ފުޅިފުޅިއަށް އެޅުމެވެ. ވާރެއަށް ބޮއް ނިކުމޭތޯ ބެލުމެވެ. އޭރު އަދި ބިރާއި، ފަކުރާ އިހުސާސްކުރެވޭވަރަށް ވުރެ އަހަރެމެން މާ ކުއްޖެވެ. އެ ހުރިހާ އިހުސާސެއް ފާޅުވާން ފެށީ ފުރާވަރުގެ ބަދަލުތަކާ އެކުގައެވެ. އޭގެ ކުރިން، ޗަކަ ވެލިގަނޑުން ބޯހިއްލާލާ ކިލާފަނީގެ އެއްކޮޅުގައި ހިފަހައްޓައިގެން އަނެއް ކޮޅު އެލުވައިގެން، އެ ސޮރު ސަލާމަތްވާން އެ ނަށާ ނެށުން ބަލަން ހުރުން އެއީ މަޖާ ކުޅިވަރެކެވެ.

މާ ބޯކޮށް ވާރޭވެހި ވިދައި ގުގުރަންޏާ ވާރެޔާ ތެމެން ނިކުތުމުގެ ހުއްދައެއް ނޯވެއެވެ. އެހާ ހިސާބުން އޮންނާނީ މަންމަމެން ހުނިރޮއްޓާއި ކުޅިރިހާކުރާ ހެދީމާ، އެ ކައިގެން، މޭޒުދޮށުގައި ކުޅޭ ކުޅިވަރު ކުޅެން ތިބުމެވެ. ސްކްރެބަލް އާއި މޮނޮޕޮލީއެއް ނޫނެވެ. އެލޯވަޅިން މިލޯވަޅިންނާއި ވަގުފުލުހެވެ. އެކި ކަންކޮޅުގައި އަދި އެކި އާއިލާތަކުގައިވެސް މި ކުޅިވަރުތައް ކުޅޭގޮތުގައި ތަފާތުތައް ހުރެއެވެ. އެހެން ނަމަވެސް މަސްދަރު އެކައްޗެކެވެ. ކުޅޭގޮތް ކިޔައިދެން ހެއްޔެވެ؟

ވަގުފުލުސް އެ ކުޅިވަރު މިހާރު ބޯޑްގޭމެއް ގޮތަށް ލިބެން ހުރެއެވެ. އޭރު އަހަރެމެން ބޭނުން ކުރާނީ ފަންސުރަކާއި ބާ ކަރުދާސްކޮޅުތަކެކެވެ. މަދުވެގެން ފަސް ކުދިން، ގިނަވެގެން ކިތައްމެ ގިނަ ކުދިންނަކަށްވެސް ކުޅެވިދާނެއެވެ. ކަރުދާސްކޮޅުތަކުގައި ކޮންމެހެން ހިމަނާންޖެހޭ ފަސް ނަމެއް އޮންނާނެއެވެ. އެއީ ރަސްގެފާނު، ފަނޑިޔާރު، ފުލުސް، ދޭވާނީ، އަދި ވަގެވެ. އިތުރުވާ ކޮންމެ ކުއްޖަކަށް ރަށު ރައްޔިތުންގެ ކޮންމެވެސް މީހެއްގެ ނަން ޖެހިދާނެއެވެ. މިސާލަކަށް، ރާނީ، މުދިންބެ، ބޭކެނބި ފަދަ ނަންނަން ލިޔެވިދާނެއެވެ. ދެން އެ ހުރިހާ ކަރުދާސްކޮޅުތައް ފަތްޖެހުމަށްފަހު އަތްގޮއްޓަށްލާ ތަޅުވާލާފައި މޭޒުމައްޗަށް އޮއްސާލުމުން ކޮންމެ ކުއްޖެއްވެސް އެއް ކަރުދާސްކޮޅު ނަގާނީއެވެ. ފަނޑިޔާރު ހަރު އަޑުން "ފުލުސް ނިކުމެ ވަގު ހޯދާ"ށޭ އަންގަން ޖެހޭނެއެވެ. އެހިސާބުން ފުލުސް ލިބުނު ކުއްޖާ އެހެންކުދިންގެ ހަރާކާތުން ވަގު ދެނެގަންނާނީއެވެ. މޮޅު ވާނީ ވަގު ހޯދިއްޖެ ނަމައެވެ. ނުބައި މީހަކަށް ވަގު ތުހުމަތު ކުރެވޭ ކޮންމެ ފަހަރަކު ފުލުހަށް އަދަބު ލިބޭނެއެވެ. މި ކުޅިވަރުގެ ފޯރީގައި އެތައް އިރެއްވަންދެންވެސް އަހަރެމެން އޭރު ތިބެދާނެއެވެ.

ކޮންމެއަކަސް މާ ގިނަ ކުދިންތަކެއް އެއްތަންވެ ކުޅެން އުޅޭއިރު، އެއްކުއްޖަކު އަނެއްކުއްޖަކާ ތޮޅެ، ކޫސަނިވާން ފެށީމާ މަންމަމެން ފައްޓަނީ އޭރު އަހަރެމެން ކުޅޭ އެންމެ ދިގު ކުޅިވަރެވެ. އެލޯވަޅިން މި ލޯވަޅިންނެވެ. މި ކުޅިވަރު ކުޅެން އަހަރެމެން ގަޑި ދެގަޑިއިރުވަންދެންވެސް މަޑުން ތިބެދާނެއެވެ. މިއީވެސް އެކި ގޭގޭގައްޔާއި ހިސާބުތަކުގައި އެކި ގޮތްގޮތަށް ކުޅޭ ކުޅިވަރެކެވެ. އަހަރެން ހަނދާންހުންނަ ގޮތަށް ކިޔައިދޭނަމެވެ. އެންމެ ފުރަތަމަ ހުރިހާ ކުދިން ބޮޑު މޭޒެއް ކައިރީގައި ނުވަތަ ތަޅުންގަނޑުމަތީ ވައް ބުރަކަށް އިށީންނާނީއެވެ. ކުޅިވަރުގައި ނަގައިކިޔާނީ މަންމަ ނުވަތަ އެންމެ ދޮށީ ކުއްޖާއެވެ. ކޮންމެ ކުއްޖެއްވެސް އެކުއްޖާގެ ދެ އަތްތިލަ، ހުދުހަން ފެންނަ ގޮތަށް ބާއްވާނެއެވެ. ދެން ނަގާކިޔާ ކުއްޖާ ފައްޓާނީ ބަންޖެކެވެ. ބަނދި ކިޔަމުންދާއިރު، ކޮންމެ ކުއްޖެއްގެ އަތްތިލައިގައި އޭނާގެ ޝަހާދަށް އިނގިލި ޖައްސާނެއެވެ. މިބަނދިވެސް އެކި މީހުން ކިޔާގޮތް ތަފާތެވެ. އެ ބަނދީގައި އެކިޔަނީ ކޮން ބަނދިވަރެއްކަން އޭރަކު ކުޑަކޮށްވެސް ނޭނގެއެވެ. މިހާރު ބުނެވެނީ އެއީ ދިވެހި މަސައްކަތްތެރިކަމާ ގުޅުންހުރި ބަންޖެއްކަމުގައެވެ. އަހަރެމެން ކިޔައިއުޅުނު ގޮތަށް ލިޔެލާނަމެވެ.

"އެ ލޯ ވަޅިން މި ލޯ ވަޅިން

ރަން ގޯތީ ރަން ދެ ވަޅިން

ކިލާކަތީ ކުނބޯ ވަޅިން

އުކުރުވެޔޭ ގަބުޅިވެރޭ

ސާންސާން ތިންތިލޯ

ބިހޯ ބިހޯ ނާގުނބޯ

ފަންޏަގިރީ ހަބީބޯ

އެއަތް ނަގަން، މި އަތް ނަގަން، ޕާސް ކަމަށް ޕިސް!"

މި ބަނދި ކިޔާ ނިމޭއިރު ޖެހޭ ކުއްޖާގެ އަތް ފުރަތަމަ ޖަހާނީ ބަންޑުންނެވެ. ދެވަނަ ފަހަރަށް އެއަތަށް "ޕިސް" ކިޔައިފިއްޔާ މުއްކަވާލާނީއެވެ. ތިން ވަނަ ފަހަރަށް ޕިސް ކިޔައިފިއްޔާ މުއްކަވާފައި އޮތް އަތް އުއްޑުން ޖަހާނީއެވެ. ހަތަރު ވަނަ ފަހަރު އަތް ފުރަގަހަށްލާ ފޮރުވާނީއެވެ. ދެން ފައްޓަނީ ކުޅިވަރުގެ ދެވަނަ ބަޔެވެ. ނަގާކިޔާ ކުއްޖާ ކޮންމެ ކުއްޖަކާ ސުވާލުތަކެއް ކުރާނެއެވެ. އެ ސުވާލަށް ކަނޑައެޅިފައި ހުންނަ ޖަވާބުތަކެއް އެކުދިން ދޭނެއެވެ.

ނަގާކިޔާ ކުއްޖާ: ކޮބާ އެއްކަލަ ކަލަ؟

ކުއްޖާ 2: ކޮން ކަލަކަލަ

ނަގާކިޔާ ކުއްޖާ: (އޭރު ބޭނުންކުރި، އެހެންނަމަވެސް މިހާރު ހުތުރު އެއްޗެއްކަން އެނގޭ އެއްޗެއް)

ކުއްޖާ 2: އަދި ދޮނެއް ނުވޭ

ނަގާކިޔާ ކުއްޖާ ބުނަން އޭރު ކިޔައިދޭ ދެވަނަ ޖުމުލަ ނުލިޔެ ދޫކޮށްލާފައި އެވަނީ، ފަހުން އެނގުނު ގޮތުގައި އެއީ ހުތުރު އެއްޗަކަށް ވާތީއެވެ. ކޮންމެއަކަސް އެންމެ ފަހު ކުއްޖާ ނޫން ކޮންމެ ކުއްޖެއްވެސް ބުނާނީ އެ ބުނާ އެއްޗެއް ދޮން ނުވާ ވާހަކައެވެ. އެންމެ ފަހު ކުއްޖާއާ ޖެހުމުން، "އާނ ދޮންވެއްޖެޔޭ" ބުނުމުން ދެން އެ ކުޅިވަރުގެ އަނެއް ބައި ފަށަން ވީ އެވެ.

ނަގާކިޔާ ކުއްޖާ "ނޮޅާ! ނޮޅާ!" އޭ ކިޔާފައި އަތް ދަމާ ދެ އަތުން ދެ އަތުގައި ތެޔޮ ކާއްތާހެން އަތް ކާއްތާނެއެވެ. އެހިސާބުން އެހެން ކުދިންވެސް އަޑުދަށުން އެހެން ކިޔައި އެ ހަރަކާތް ގެންނާނެއެވެ. ނަގާކިޔަން ހުންނަ ކުއްޖާ ދެން "މޮޑޭ! މޮޑޭ!" މިހެން ކިޔަމުން އަތުން ފުށްގަނޑެއް މޮޑޭ ކަހަލަ ހަރަކާތެއް ގެންނާނެއެވެ. އެހިސާބުން އެވީ ދެންތިބި ކުދިންވެސް މޮޑެންފަށާށެވެ. މޮޑެ ނިމުމުން ނަގާކިޔާ ކުއްޖާ، ދެން ތިބި ކުދިންގެ ތެރެއިން އެއްކުއްޖެއްގާތު "މި ސުވާ ކާލައިގެން މި ސުވާ ހިފައިގެން ގޮސް ނާ މީހުން އައިތޯ ބަލާ!"ށޭ ބުނާނެއެވެ. އެ ހިސާބުން އެކުއްޖާ ތެދުވެ އެކަތިކޮޅި ކާކަމަށް ހަދާފައި އަނެކަތިކޮޅު ހިފާކަމަށް ހަދައިގެން ގޮސް ކޮޅުކޮޅު ބަލާލާފައި އައިސް އަދި ނާދެއޭ ބުނާނެއެވެ. އެންމެ ފަހު ކުއްޖާއާ ޖެހެންދެން ކޮންމެ ކުއްޖެއްވެސް ބުނާނީ މިހެންނެވެ. ފަހު ކުއްޖާއާ ޖެހުމުން ދެކޮޅު ހޯދާ ބަލާލާފައި ސިހޭ ގޮތް ހަދާފައި އެނބުރި އަންނާނީ ދުވަމުން ދުވަމުން ދެލޯ މުދުނަށް ލައިގެންނެވެ. އައިސް ނާ މީހުން އެބަ އާދެއޭ ބުނުމާއެކު އަވަސް ކޮށް އެ މޮޑުނު ޚިޔާލީ އެއްޗެއް ކައި ހުސްކޮށްލަންވީއެވެ.

ދެން އެވީ މާމަ މާމާ ބަދިގެ ވެއްޓެނީ ކުޅޭށެވެ. މާމަ އަކީ ކޮންމެވެސް އެއްކުއްޖެއްގެ ބޮޑުވައި އިނގިއްޔެވެ. ބަދިގޭ ފުރާޅަކީ ދެންތިބި ކުދިންގެ ހުޅުވިފައިވާ އަތްތިލަތަކެވެ. ހުރިހާ ކުދިންގެ އަތްތިލައިން "މާމަ"ގެ މަތީގައި ފުރާޅެއް ހަދާލާފައި ހުރިހާ ކުދިން ގޮވާލާނެއެވެ.

"މާމަ މާމާ ބަދިގެ ވެއްޓެނީ"

އެހިނދުން މާމަ މުސްކުޅި އަޑެއް ނެރެގެން ޖަވާބު ދޭނެއެވެ.

"މި ނިކުންނަނީ މި ރިހަކޮޅު ކައްކާލާފަ"

އަނެއްކާވެސް އެކުދިން ގޮވާލާނެއެވެ.

"މާމަ މާމާ ބަދިގެ ވެއްޓެނީ"

އަނެއްކާވެސް މާމަ ބަހަނާއެއް ދައްކާނެއެވެ. ކޮންމެ ފަހަރަކުވެސް މާމަ އަށް އިންޒާރު ދޭ އިރު އަތްތަކުގެ ފުރާޅު ދާނީ ތިރިވަމުންނެވެ. މިހެން ގޮސް މާމަ ބަހަނާ ދައްކަދައްކާ ހުއްޓައި ބަދިގެ ވެއްޓޭނީއެވެ. ދެން މާމަ ނިޔާވީތީ ހުރިހާ ކުދިން ރޮއި، މާމަ ނިޔާވިތަނުގައި ރުކެއް ޖަހާނީއެވެ.

"ބަރާބަރޭ" ބުނަން އަތްތިލައިން ދައްކާ އިޝާރާތައް އަތަށް ހަދާގޮތް ހަދާފައި އެއްކުއްޖަކު އޭނާގެ އަތް ތަޅުންގަނޑުގައި ބަހައްޓާނީއެވެ. އެއީ ރުކެވެ. ދެން ހުރިހާ ކުދިން ފެންދީ ފެންދީ ރުއް ހައްދާނީއެވެ. ރުއް ދިގުކުރަން ދެން ހުރި ކުއްޖާ ހިފާނީ ފުރަތަމަ ކުއްޖާގެ ބޮޑުވައި އިނގިލީގައެވެ. ދެން މިގޮތަށް މަތިމައްޗަށް ވާހެން ނަގާކިޔާ ކުއްޖާ ނޫން ކޮންމެ ކުއްޖެއްގެ ދެ އަތް ހިމަނައިގެން ދިގު ރުކެއް ހަދާނީއެވެ. ދެން އަނެއްކާވެސް އޮންނާނީ ސުވާލާއި ޖަވާބު ބުރެކެވެ.

ނަގާކިޔާ ކުއްޖާ: މީ ކާކު ރުކެއް

ކުއްޖާ: މަގޭ ރުކެއް

ނަގާކިޔާ ކުއްޖާ: އޮޑިބަންނަން ދޭނަން؟

ކުއްޖާ: ނުދޭނަން

ނަގާކިޔާ ކުއްޖާ: ކާށި ބިންނަން ދޭނަން؟

ކުއްޖާ: ނުދޭނަން

ނަގާކިޔާ ކުއްޖާ: ދިނަސް ނުދިނަސް ކަނޑާ ކަނޑާ ބަންގަޅިޔާ!

ދެން މިހެން ގޮސް އޮޑިބަންނާށާއި ކާށި ބިންނަން ހުއްދަ ދޭނީ އެންމެ ފަހު ކުއްޖާ އެކަންޏެވެ. ކުޅިވަރު މިހާ ހިސާބަށް ދާއިރު ކުދިން ދެން ތިބޭނީ ފޫހިވާންވެސް ފަށާފައެވެ. އަހަރެން ހަނދާންވާ ގޮތުން ދެން ނިންމާލަނީއެވެ. އެހެންނަމަވެސް މި ނޫން ގޮތްގޮތަށްވެސް މި ކުޅިވަރު ކުޅޭކަމަށް މީހުން ބުނެއުޅެއެވެ.

މިހާރު ކިޔާމީހުންވެސް ފޫހިވެދާނެދޯއެވެ. އެހެންނަމަވެސް ކިޔުންތެރިންގެ ތެރޭގައިވެސް އަހަރެމެންގެ ޒަމާނުގެ މީހަކު ހުރި ނަމަ، އެ ހަނދާންތައް އާވީސްކަން ގައިމެވެ. މި ނޫނަސް އެތައް ކުޅިވަރެއް އަހަރެމެން ކުޅެ އުޅެމެވެ. އެކަމަކު އެ ވާހަކަތައް އެހެން ފަހަރަކުންދޯއެވެ. މިއަދަށް، ހޮޅިދަނޑި ރޭހާއި، ވަގުފުލުހާއި، އެލޯވަޅިން މިލޯވަޅިން ކުޅެގެން ފުއްދާލާނީއެވެ.

ކޮމެންޓް

ފަހުގެ ޚަބަރު

ސިޓީބިޓީ: ކަނޑު ކޮމިޝަނަކީ މުއިއްޒުގެ އަނިޔާވެރިކަމުގެ ފެށުމެއް

ރާއްޖޭގެ ކަނޑުން ގެއްލުނު ބައި ހޯދުމަށް ރައީސް މުއިއްޒު އުފެއްދެވި "ކަނޑު ކޮމިޝަނަކީ" ސިޔާސީ ވާދަވެރިންނަށް ބިރުދެއްކުމަށާއި ރަސްމާލެ މަޝްރޫއުގެ މައްސަލަތަކުން ރައްޔިތުންގެ ސަމާލުކަން އަނބުރާލުމަށް ކުރި ކަމެއްގެ ގޮތުގައި މި ލިޔުމުގައި ސިފަކޮށްފައިވެއެވެ. އަދި މިއީ ދައުލަތުގެ މުއައްސަސާތައް ބަލިކަށިކޮށް، ބަޖެޓުން ބޮޑެތި އިސްރާފުތަކެއް ހިނގާނެ، ނަތީޖާއެއް ނުނެރެވޭނެ ސިޔާސީ އުކުޅެއް ކަމަށްވެސް ބަޔާންކޮށްފައިވެއެވެ.

ރަސްމާލެ މަޝްރޫއު: ބިމުގެ އަގާ ގުޅޭ ބަހުސް

ރަސްމާލެ މަޝްރޫއަށް ހިއްކާފައިވާ ބިމުގެ އަގު ކަނޑައެޅުމުގައި، ހަމައެކަނި ހިއްކުމަށް ހިނގި ހަރަދަށް ބެލުމުގެ ބަދަލުގައި މުސްތަގުބަލުގައި އެ ބިމުން ލިބޭނެ އިގުތިސާދީ މަންފާއާއި ބާޒާރުގެ އަގަށް ރިއާޔަތްކުރަންޖެހެއެވެ. މީގެ އިތުރުން، މި މަޝްރޫއަށް ދައުލަތުގެ ކުންފުނިތަކުން ކޮށްފައިވާ އިންވެސްޓްމަންޓްތަކާއި މާލީ އިލްތިޒާމްތަކަށް ޒިންމާވާނެ ގޮތަކާމެދު ވަނީ ސުވާލު އުފެދިފައެވެ.

ކޮލަމް: ރައީސް މުއިއްޒު ހުވަޔާ ހިލާފުވެވަޑައިގެންފި

ރައީސް މުއިއްޒު ވެރިކަމާ ހަވާލުވެވަޑައިގަތުމަށް ކުރެއްވި ހުވަޔާ ޚިލާފުވެ، ގައުމުގެ މިސްރާބު ހަލާކުގެ ތެރެއަށް އުކާލާފައިވާ ކަމަށް މި ލިޔުމުގައި ތުހުމަތުކޮށްފައިވެއެވެ. ވަކިން ހާއްސަކޮށް، ސަމޯއާ އެގްރީމެންޓުގައި ސޮއިކުރުމާއި ޒަޔަނިސްޓުންނަށް ފުރުސަތު ދިނުން ފަދަ ކަންކަމަކީ އިސްލާމްދީނަށް ހުރުމަތްތެރިކޮށް ހިތުމުގެ ހުވަޔާ ކަނޑައެޅިގެން ޚިލާފު އަމަލުތަކެއްގެ ގޮތުގައި ފާހަގަކޮށްފައިވެއެވެ.

ވިކެމުންދާ ގޮފަޅުން ގިނަވެއްޖެނަމަ، ދީނެއް ގައުމެއް ނުއޮންނާނެ!

ދިވެހިރާއްޖޭގެ ނާޒުކު ކުޑަކުޑަ އެހެނަސް އަގުހުރި ބިމުގެ ފައްސަތޭކަ ހެކްޓަރު ޔަހޫދީންގެ މިތުރަކަށް ދިނުމަށްވުރެ ވަކީން ބޮޑީ ކޮން ޚިޔާނާތެއްތޯ އެވެ؟ އަދި އެޔަށްވުރެ ދަށު ދަރަޖައިގެ އެހެން އަމަލަކީ ވެސް ކޮބާތޯ އެވެ؟ ޒަޔަނިސްޓުންނާ އެޔަށްވުރެ ކައިރިއަށް އެޅޭނެ އެހެން ފިޔަވަޅަކީ ވެސް ފަހެ ކޮބާތޯ އެވ

ރަސްމާލެ މައްސަލަ؛ ގައުމީ ސަލާމަތަށް ނުރައްކަލަކަށް

ރަސްމާލެ މަޝްރޫއާ ދެކޮޅަށް ޓެރަރިޒަމްގެ އަމަލެއް ހިންގަން ގޮވާލި މީހަކު ހައްޔަރުކުރުމާ ގުޅިގެން، މި މަޝްރޫއާ މެދު އޮތް ހިތްހަމަނުޖެހުންތައް އަނިޔާވެރި އަމަލުތަކަކަށް ބަދަލުވުމުގެ ބިރު ވަނީ ބޮޑުވެފައެވެ. ސަރުކާރުގެ ނިންމުންތަކާ މެދު އޮތް ސިޔާސީ ހިޔާލުތަފާތުވުންތައް، ގައުމީ ސަލާމަތަށް ނުރައްކާވާ ފަދަ ހަރުކަށި ފިކުރުގެ އަމަލުތަކަށް މަގުފަހިވެދާނެތީ އެކަމަށް ސަމާލުވާން ޖެހެއެވެ.

ރަސްކަމުގައި ދެމިހުރުމަށް ކުޅުނު ނުރައްކާތެރި ސިޔާސީ ކުޅިގަނޑު

އިންޑިއާ ކަނޑުތެރޭ ފެތުރިފައިވާ ނާޒުކު މުރަކަ ފަރުތަކުގެ ނަލަ ނަލަ ރަށްތަކެއްގެ މައްޗަށް އެކުލެވިގެންވާ މި ގައުމަކީ އެޒަމާނުގައި މުހިންމު ބޭނުންތައް ހިފޭ ވަރަށް އަގުހުރި ތަކެތި ލިބޭ އުފެއްދުންތެރި ޖަޒީރާތަކެކެވެ.

އަނިޔާގެ ވާހަކަތައް ސިއްރުކުރުމުގެ ސަގާފަތް ހުއްޓާލަން ޖެހޭ

ހުވަދު އަތޮޅުގެ ރަށެއްގައި އަންހެނަކަށް ދިން ލާއިންސާނީ އަނިޔާތަކާ ގުޅިގެން ނުވަ މީހަކު ހައްޔަރުކޮށްފައިވާއިރު، މި ހާދިސާއާ ގުޅިގެން ސޯޝަލް މީޑިއާގައި އަނިޔާ ލިބުނު މީހާ ކުށްވެރިކޮށް ފާޑުކިޔުން ވަނީ އިތުރުވެފައެވެ. ޖިންސީ އަނިޔާގެ ޒިންމާ އަނިޔާ ލިބޭ މީހާގެ ބޮލުގައި އެޅުވުމުގެ މި ނުރައްކާތެރި ސަގާފަތް ހުއްޓާލައި، ކުށް ކުރާ މީހުން ޒިންމާދާރުކުރުވުމަށް އިސްކަންދޭން ޖެހެއެވެ.

Newsletter

Get the latest news delivered straight to your inbox