މާޒިޔާގެ ކުރީގެ ކޯޗު ޖެސިކް ކާރު އެކްސިޑެންޓެއްގައި މަރުވެއްޖެ

Dec 8, 2022, 2:24 PM
މާޒިޔާގެ ކުރީގެ ކޯޗު ޖެސިކް ކާރު އެކްސިޑެންޓެއްގައި މަރުވެއްޖެ

މާޒިޔާ ސްޕޯޓްސް އެންޑް ރެކްރިއޭޝަނަަށް މިދިޔަ ސީޒަނުގައި އިރުޝާދުދިން ސާބިއާގެ ކޯޗު މިއޮޑްރަގް ޖެސިކް، މިއަދު ކާރު އެކްސިޑެންޓެއްގައި މަރުވެއްޖެ އެވެ.

މާޒިޔާ އަށް މިިދިޔަ ސީޒަނުގައި ދިވެހި ޕްރިމިއާ ލީގުގެ ޗެމްޕިއަންކަން، އެ ކްލަބްގެ ތާރީހުގައި ރެކޯޑް ކާމިޔާބީއަކާ އެކު ހޯދައިދިން ޖެސިކް މަރުވިއިރު، އުމުރަކީ 64 އަހަރެވެ. މާޒިޔާގެ ކޮންޓްރެކްޓް ފުރިހަމަކޮށް ޖެސިކް އެންމެ ފަހުން މަސައްކަތްކުރީ ސައުދީ ދެ ވަނަ ޑިވިޝަނުގައި އަލް ޝޯލާ ޓީމުގަ އެވެ. މިދިޔަ ޖުލައި މަހު އެ ޓީމާ ހަވާލުވެ، ސެޕްޓެމްބަރު 29ގެ ނިޔަލަށް އެ ޓީމަށް އިރުޝާދުދިންއިރު، އެ ޓީމާ އެކު ނުކުތީ ފަސް މެޗުގަ އެވެ.

ޖެރިކް މަރުވި ކާރު އެކްސިޑެންޓް ހިނގާފައިވަނީ ސާބިއާގެ ވިލެޖް ސަރަހައްދެއް ކަމަށްވާ ޖަރަކްގަ އެވެ.

މި އަހަރު ފެބްރުއަރީ ތިން ވަނަ ދުވަހު މާޒިޔާގެ ކޯޗުކަމާ ހަވާލުވި ޖެސިކް، ވަނީ އެ ޓީމުގައި މަސައްކަތްކުރި ކުރު މުއްދަތުގައި ވެސް ފާހަގަކޮށްލެވޭ މަސައްކަތެއް ކޮށްފަ އެވެ. ޓީމުގެ ކުޅުންތެރިންނާއި ކޯޗިން ސްޓާފުންނާ ގާތް ގުޅުމެއް ބަހައްޓައި، ޓީމާ ވަކިވުމަށް ފަހު ވެސް ކްލަބްގެ ކަންކަން ގާތުން ބަލަމުންދިޔަ އެވެ.

މާޒިޔާގެ އެސިސްޓަންޓް ކޯޗު އަހުމަދު ސުޒޭރު، އެ ޓީމަށް އެފްއޭ ކަޕް ޗެމްޕިއަންކަން ހޯދައިިދިނުމަށް ފަހު ވަނީ ޖެސިކްގެ އިތުރުން އޭނާގެ ފިޓްނަސް ކޯޗު، ގޯރާން ގުޒިޖާން އަށް ޝުކުރު އަދާކޮށްފަ އެވެ.

ޖެސިކް މަރުވި ހަބަރާ އެކު މާޒިޔާ އިން އެ ކްލަބްގެ ރަސްމީ ސޯޝަލް މީޑިއާގައި އާންމުކުރި ޕޯސްޓެއްގައި ބުނެފައިވަނީ މި އުނދަގޫ ވަގުތުގައި ޖެސިކްގެ އާއިލާ އާއި ރަށްޓެހިންނަށް ކްލަބްގެ ފަރާތުން ތައުޒިޔާގެ މެސެޖް ފޯރުކޮށްދޭން ބޭނުންވާ ކަމަށެވެ.

ޖެސިކް ހަވާލުވި ފަހުން މާޒިޔާ އިން މިދިޔަ ސީޒަނުގެ ދިވެހި ޕްރިމިއާ ލީގުގައި ކުޅުނު 19 މެޗުގެ ތެރެއިން ބަލިވީ އީގަލްސް އަތުން އެކަންޏެވެ. އެ މެޗުތަކުގައި މާޒިޔާ އިން 76 ގޯލު ޖެހިއިރު، ބައިކޮޅަށް ވަނީ ފަސް ގޯލެވެ. މިއީ މާޒިޔާ އިން ލީގު ސީޒަނެއް ނިންމާލިއިރު، ސްޓެޓިސްޓިކްސް އަށް ބަލާއިރު، އެންމެ ރެކޯޑް ރަނގަޅު ސީޒަނެވެ.

މާޒިޔާ އިން މިދިޔަ މެއި މަހު ޖެސިކްއާ އެކު، އިންޑިއާގެ ކޮލްކަތާގައި ކުރިއަށްދިޔަ އޭއެފްސީ ކަޕްގެ ދެކުނު އޭޝިއާގެ ގްރޫޕްގައި ވާދަކުރިއިރު، މާޒިޔާ އިން ވަނީ އޭއެފްސީ ކަޕްގައި އިންޑިއާގެ އައި ލީގުގެ ޗެމްޕިއަން، ގޯކުލަމް ކެރަލާ 1-0 އިން ބަލިކޮށްފަ އެވެ. އެކަމަކު، ބަންގްލަދޭޝްގެ ޗެމްޕިއަން ބަޝުންދަރާ ކިންގްސް އާއި އިންޑިއާގެ ސުޕަ ލީގުގެ އޭޓީކޭ މޯހަން ބަގާން އަތުން ވަނީ ބަލިވެފަ އެވެ.

ޖެސިކްގެ ކެރިއަރުގެ އުސްއަލިތައް

ޖެސިކް ކޯޗިން ކެރިއަރު ފެށީ 1997 ވަނަ އަހަރު ސާބިއާގެ ރެޑްނިކީ އިންނެވެ. އޭގެ ފަހުން ސާބިއާގެ އޯއެފްކޭ ބިއޮގްރަޑާއި ޕާޓީޒަން އަށް ކޯޗުކޮށްދީފައިވެ އެވެ. ދެން، ޓިއުނީޝިއާގެ ސީއެސް ސްފަޒިއޭންއާ ހަވާލުވެ، އެއް އަހަރު އެ ޓީމަށް އިރުޝާދުދިނެވެ. ތުރުކީގެ އަލްޓޭ އަށް ކުރު މުއްދަތެއްގައި ކޯޗުކޮށްދީ 2002-2004 އަށް ޖެސިކް ފެނުނީ ބަލްގޭރިއާގެ ސްލޯވިއާ ސޯފިއާ އިންނެވެ. ޖެހިގެން އައި އަހަރު އީރާންގެ ޕެގާ ގިލާން އަށް ކޯޗުކޮށްދިނުމަށް ފަހު ދެން ޖެސިކް ފެނުނީ ބަލްގޭރިއާގެ ޗެމްޕިއަން ސީއެސްކޭއޭ ސޯފިއާ އިންނެވެ.

މިދިޔަ 16 ވަރަކަށް އަހަރަށް ބަލާއިރު، ޖެސިކް ވަނީ އީރާނާއި ޔޫއޭއީ، މޮންޓެނެގްރޯ، ޗައިނާ، ލީބިޔާ، މިޔަންމާ އަދި ސައުދީ އަރަބިއްޔާގައި ކޯޗިންގެ މަސައްކަތްތަކެއް ކޮށްފަ އެވެ. ލީބިޔާގެ އަލް އަހްލީގައި އެންމެ ފަހުން ހުރި، ޖެސިކް އޭގެ ކުރިން ވަނީ އެ ގައުމުގެ އަލް ތަހަދީ އާއި އަލް އިއްތިހާދުގައި ވެސް ކޯޗެއްގެ ގޮތުގައި މަސައްކަތްކޮށްފަ އެވެ.

ކޯޗިންގައި ޖެސިކްގެ ކާމިޔާބީތަކަށް ބަލާއިރު، އީރާނުގެ ސްފަޒިއޭން އަށް 2000 ވަނަ އަހަރު އަރަބް ޗެމްޕިއަންސް ލީގު ކާމިޔާބު ކޮށްދިނެވެ. ސީއެސްކޭއޭ ސޯފިއާ އަށް ބަލްގޭރިއާ ލީގާއި ކަޕް 2005 އާއި 2006 ވަނަ އަހަރު ކާމިޔާބު ކޮށްދިނެވެ. އޭގެ ފަހުން ބަލްގޭރިއާގެ ލިޓެކްސް ލޮވެކަށް ބަލްގޭރިއާ ސުޕަ ކަޕާއި ބަލްގޭރިއާ ކަޕް ކާމިޔާބު ކޮށްދިނެވެ.

ލީބިޔާގެ އަލް-އިއްތިހާދާ ހަވާލުވެހުރިއިރު، ޖެސިކް ވަނީ އެ ޓީމަށް ލީބިޔަން ޕްރިމިއާ ލީގު 2009 އާއި 2010 ވަނަ އަހަރު ކާމިޔާބުކޮށްދިނުމުގެ އިތުރުން ލީބިޔަން ކަޕް 2009 ވަނަ އަހަރު އަދި ލީބިޔަން ސުޕަ ކަޕް 2009 އާއި 2010 ވަނަ އަހަރު ކާމިޔާބުކޮށްފަ އެވެ. މީގެ އިތުރުން މިޔަންމާގެ ޔަންގޮން ޔުނައިޓެޑަށް 2015 ވަނަ އަހަރު އެ ގައުމުގެ ލީގު ޗެމްޕިއަންކަން ހޯދައިދިނެވެ.

ކޯޗިން ކެރިއަރުގައި ޖެސިކްގެ އެންމެ ހާއްސަ އެއް މެޗަކީ 2005 ވަނަ އަހަރުގެ ޗެމްޕިއަންސް ލީގުގެ ކޮލިފައިންގައި ބަލްގޭރިއާގެ ސީއެސްކޭއޭ ސޯފިއާ ގޮވައިގެން ނުކުމެ ލިވަޕޫލް ދަނޑުގައި 1-0 އިން މޮޅުވުމެވެ. ސޯފިއާ ދަނޑުގައި ލިވަޕޫލް ފުރަތަމަ ލެގުގައި މޮޅުވެފައިވަނިކޮށް، ޖެސިކްގެ ކޯޗުކޮށްދީގެން ދެ ވަނަ ލެގުގައި ލިވަޕޫލްގެ އެންފީލްޑްގައި ސޯފިއާ ވަނީ މޮޅުވެފަ އެވެ.

ޖެސިކްގެ މަރުގެ ހަބަރު ސާބިއާގެ ފުޓްބޯޅައިން ސިފަކުރަނީ މިއީ އެ ގައުމުގެ ފުޓްބޯޅަ އަށް ލިބުނު ގެއްލުމެއްގެ ގޮތުގަ އެވެ.

ކުޅުމުގެ ކެރިއަރަށް ބަލާއިރު، ޖެހިލުންކުޑަ ޑިފެންޑަރެއްގެ ގޮތުގައި ފާހަގަވާ ޖެސިކް ވަނީ ޔޫގޯސްލާވިއާގެ 21 އަހަރުން ދަށުގެ ގައުމީ ޓީމާއި ޔޫގޯސްލާވިއާގެ ސީނިއާ ޓީމަށް ވެސް ކުޅެފަ އެވެ. މީގެ ކުރިން ސާބިއާގެ ކުޅުންތެރިން ކުޅެމުން އައީ ޔޫގޯސްލާވިއާ އަށެވެ.

ކްލަބް ކެރިއަރަށް ބަލާއިރު، ޖެސިކް އަކީ ސާބިއާ ފުޓްބޯޅައިގެ މަޝްހޫރު ކްލަބެއް ކަމަށްވާ ޕާޓިޒަންގެ ލެޖެންޑް އެކެވެ. ޖެސިކް ދެން ކުޅުނު ޓީމުތަކަކީ ތުރުކީގެ އަލްޓޭ އާއި ޓްރަބްޒޯންސްޕޯ އަށެވެ.

ކޮމެންޓް

ފަހުގެ ޚަބަރު

ޖަރުމަނުގެ ޒްވެރެވް އަށް ދުނިޔޭގެ ރޭންކިން އެއް ވަނަ ޔަގީންވެއްޖެ

ޝަންހާއީ މާސްޓާސްއިން ކާލޯސް އަލްކަރާޒް ބަލިވުމާ ގުޅިގެން، މި އަހަރުގެ ޓެނިސް ސީޒަން ނިމޭއިރު ދުނިޔޭގެ ރޭންކިން އެއްވަނަ ޖަރުމަނުގެ ޒްވެރެވަށް ވަނީ ކަށަވަރުވެފައި. މިއީ ޖަރުމަނުގެ ކުޅުންތެރިއަކު މި ޝަރަފު ހޯދާ ފުރަތަމަ ފަހަރު ކަމަށްވާއިރު، އޭނާ މި މަގާމަށް އަންނަ މަހު އަންނާނީ މުޅިން އަލަށް އެއް ވަނަ ހޯދާ އެންމެ ދޮށީ ކުޅުންތެރިޔާގެ ގޮތުގައި

ފުޓްސަލްގައި ރާއްޖޭން ޗައިނާ، ހޮންގް ކޮންގް އަދި ކޮރެއާއާ ކުޅެނީ

އަންނަ މަހު ޗައިނާގައި ބާއްވާ އިންޓަނޭޝަނަލް ފުޓްސަލް މުބާރާތެއްގައި ރާއްޖޭގެ ގައުމީ ޓީމުން ވާދަކުރާ ގޮތަށް ހަމަޖެހި، އެ މުބާރާތަށް ތައްޔާރުވުމުގެ ފަރިތަކުރުންތައް ފަށައިފި. މި މުބާރާތުގައި ރާއްޖޭގެ އިތުރުން ޗައިނާ، ހޮންގް ކޮންގް އަދި ދެކުނު ކޮރެއާ ވާދަކުރާއިރު، ރާއްޖޭގެ ފުރަތަމަ މެޗު އޮންނާނީ އަންނަ މަހުގެ ފަސް ވަނަ ދުވަހު

އޯޕަން ވޯޓާ ގައުމީ ޗެމްޕިއަންކަން ޝައިމް އާއި އަލްޔާ އަށް

ކުޑަގިރީގައި ބޭއްވި 17 ވަނަ ގައުމީ އޯޕަން ވޯޓާ މުބާރާތުގެ 5 ކިލޯމީޓަރުގެ ފިރިހެން ޗެމްޕިއަންކަން ޝައިމް ހުސެއިން އިބްރާހިމް އަދި އަންހެން ޗެމްޕިއަންކަން އަލްޔާ އަޝްރަފް ހޯދައިފި. މި މުބާރާތުގައި ތަފާތު އުމުރުފުރާތަކުންނާއި ކެޓަގަރީތަކުން ގިނަ ފެތުންތެރިންތަކެއް ވާދަކޮށް ވަނަތައް ހާސިލްކުރި، މިއީ ކުޑަގިރީގައި މި މުބާރާތް ބޭއްވި ހަތަރު ވަނަ ފަހަރު

ޓީސީ ބަލިކޮށް އީގަލްސް ދިވެހި ޕްރިމިއާ ލީގުގެ އެއް ވަނަ އަށް

ޓީސީ ސްޕޯޓްސް ކްލަބް 3-0 އިން ބަލިކޮށް، ކުޅުނު ތިން މެޗުން ވެސް މޮޅުވެގެން ކްލަބް އީގަލްސް އިން ދިވެހި ޕްރިމިއާ ލީގުގެ އެއްވަނައަށް ޖެހިލައިފި. އީގަލްސް 9 ޕޮއިންޓާއެކު ތާވަލުގެ ކުރީގައި އޮތްއިރު، ދެވަނައިގައި އޮތް ވިކްޓަރީ އާއި ތިން ވަނައިގައި އޮތް ނިއު ރޭޑިއަންޓަށް ލިބިފައިވަނީ 7 ޕޮއިންޓު

ޑޮކޫ މެޗު ބަދަލުކޮށްލައި ލިވަޕޫލް އަތުން ސިޓީ މޮޅުކޮށްދީފި

ޖެރެމީ ޑޮކޫގެ މޮޅު ކުޅުމާ އެކު ލިވަޕޫލް 3-0 އިން ބަލިކޮށް، މެންޗެސްޓާ ސިޓީން ތާވަލުގެ އެއްވަނައިގައި ތިން ޕޮއިންޓުގެ ލީޑެއް އަލުން ނަގައިފި. ލިވަޕޫލްގެ ގްރަވެންބާކަށް ރަތް ކާޑު ދެއްކި މި މެޗުގައި ސިޓީގެ ލަނޑުތައް ކާމިޔާބުކޮށްދިނީ ހާލަންޑް، ޑޮކޫ އަދި ރަޔާން ޗާކީ.

ދީނާ އާއި ޝާޒް، ރާއްޖޭގެ ޕޫލް ބިލިއާޑްގެ ތާރީހު ލިޔެފި

އިންޑިއާގައި ބޭއްވި ކޮމަންވެލްތު ކިއު ސްޕޯޓްސް ޗެމްޕިއަންޝިޕްގައި ރާއްޖޭގެ ހަސަން ޝާޒް މުހައްމަދު އާއި ދީނާ އަހުމަދު ކުއާޓާ ފައިނަލަށް ދަތުރުކޮށް، ރާއްޖޭގެ ބިލިއާޑް ތާރީހުގައި ބޮޑު ކާމިޔާބީއެއް ވަނީ ހޯދައިފައި.

ބާސެލޯނާ އިން ފޯމުގައި ކުރިއަށް، ރެއާލަށް މޮޅެއް

ސްޕެނިޝް ލީގުގައި ރޭ ކުޅުނު މެޗުތަކުން ބާސެލޯނާ އާއި ރެއާލް މެޑްރިޑް މޮޅުވިއިރު، ބާސެލޯނާ އޮތީ ކުޅުނު ހުރިހާ މެޗަކުން މޮޅުވެ ތާވަލުގެ އެއް ވަނައިގައި. ބާސެލޯނާ އިން ގެޓަފޭ އަތުން 3-0 އިން ކުރިހޯދިއިރު، ރެއާލް މެޑްރިޑް މޮޅުވީ ވިނީޝިއުސް އަށް ރަތް ކާޑު ދެއްކި މެޗުގައި ވިޔަރެއާލް އަތުން 1-0 އިން

Newsletter

Get the latest news delivered straight to your inbox