ވޮޝިންޓަން، އެމެރިކާ (ޑިސެމްބަރު 8) - އެމެރިކާގައި ޔަހޫދީންނާ ދެކޮޅު "ބަލިމަޑުކަމެއް" ފެތުރެމުންދާ ކަމަށް ބުން ޔަހޫދީ ލީޑަރުން ވައިޓް ހައުސްގައި ބޮޑު ބައްދަލުވުމެއް ބާއްވައިފި އެވެ.
އެ ބައްދަލުވުމުގައި އިސްކޮށް ހުންނެވި ޑަގްލަސް އެމްހޯފްއަކީ ނައިބު ރައީސް ކަމަލާ ހެރިސްގެ ފިރިކަލުންނެވެ. އޭނާއަކީ ޔަހޫދީ ދަރިކޮޅަށް ނިސްބަތްވާ މީހެކެވެ.
"އަހަރުމެންގެ މުޖުތަމައަށް އަނިޔާއާ ކުރިމަތިވޭ،" އެމެރިކާގައި ޔަހޫދީންނާ މެދު ނަފުރަތު އުފެދެމުންދާކަން ފާހަގަކުރައްވައި އެމްހޯފް ވިދާޅުވި އެވެ.
"އަޅުގަނޑުމެންގެ ގައުމަށް ކުރިމަތިވެފައި ވަނީ ނަފުރަތުގެ ބަލިމަޑުކަމެއް. ކުރިން މީހުން ތިބީ ނަފުރަތުގެ ހިޔާލުތައް ފޮރުވައިގެން. މިހާރު ބާރަށް އެ ހިޔާލު ފާޅު ކުރުމުގެ ބަދަލުގައި، އަޑު ހަރުކޮށް ހަޅޭއްލަވަން ފަށައިފި،" އޭނާ ވިދާޅުވި އެވެ.
"އަޅުގަނޑުމެން މަޑަކުން ނުތިބޭނަން. އަޅުގަނޑަަކީ ފަހުރުވެރި ޔަހޫދީއެއް. ޔަހޫދީއެއްގެ ގޮތުގައި ހާމަކޮށްއުޅެން އަޅުގަނޑު ފަހުރުވެރިވޭ. އަޅުގަނޑުމެން ބިރެއް ނުގަނޭ."
ތަހޫދީންގެ އެންޓި ޑިފެމޭޝަން ލީގް ޖަމިއްޔާގެ ތަފާސްހިސާބުން ދައްކާ ގޮތުގައި 2021 ވަނަ އަހަރު އެމެރިކާގައި ޔަހޫދީންނާ ދެކޮޅަށް 2717 ހާދިސާ ހިނގި އެވެ. އެއީ އޭގެ ކުރީ އަހަރާ އަޅާ ބަލާއިރު 34 ޕަސެންޓުގެ އިތުރުވުމެކެވެ. އެއީ އެ ޖަމިއްޔާއިން 1979 ވަނަ އަހަރު ތަފާސްހިސާބު އެއްކުރަން ފެށި ފަހުން އެންމެ ގިނަ މައްސަލަތައް ފާހަގަވި އަހަރެވެ.










