މަރާމާތަށް ބަންދުކުރާ ޓޫރިޒަމު ތަންތަނުގެ ކުލި ފަސްކޮށްދެނީ

އިންޓާ ރިސޯޓު ވޮލީބޯޅަ މުބާރާތުގައި ޓޫރިޒަމް މިނިސްޓަރު ޑރ. އަބްދުﷲ މައުސޫމް. -ފޮޓޯ: އަބްދުﷲ އިޔާން/އަދަދު

އިންޓާ ރިސޯޓު ވޮލީބޯޅަ މުބާރާތުގައި ޓޫރިޒަމް މިނިސްޓަރު ޑރ. އަބްދުﷲ މައުސޫމް. -ފޮޓޯ: އަބްދުﷲ އިޔާން/އަދަދު

ޓޫރިޒަމުގެ ބޭނުންތަކަށް ދޫކޮށްފައިވާ ތަންތަން، މަރާމާތަށާއި އާބާތުރަފިލުވުމަށް މުޅި ތަން ބަންދުކުރާނަމަ، އެ މުއްދަތުގައި ދައްކަންޖެހޭ ކުލި ފަސްކޮށްދެވޭ ގޮތަށް ޓޫރިޒަމް މިނިސްޓްރީން ގަވާއިދު އިސްލާހުކޮށްފި އެވެ.

ފަތުރުވެރިކަމުގެ ބޭނުންތަކަށް ކުއްޔަށް ދޫކޮށްފައިވާ ތަންތަނުގެ މުއްދަތު އިތުރުކުރުމާއި، ކުއްޔާއި ޖޫރިމަނާ މާފުކުރުމާ ގުޅޭ ގަވާއިދު ޓޫރިޒަމް މިނިސްޓްރީން އިސްލާހުކުރީ މިދިޔަ އަންގާރަ ދުވަހު އެވެ.

މި ގަވާއިދަކީ ތަރައްގީނުވެ ގިނަ ދުވަސްވެފައިވާ ރިސޯޓުތަކާއި ހޮޓާތަކާއި ގެސްޓްހައުސްތައް ތަރައްގީކުރާ އިންވެސްޓަރުންނަށް ލުއިތަކެއް ދިނުމުގެ ގޮތުން 2019 ވަނަ އަހަރުގެ ތެރޭގައި އެކުލަވާލެވުނު ގަވާއިދެކެވެ.

މިދިޔަ އަންގާރަ ދުވަހު މި ގަވާއިދަށް ގެނެވުނު އިސްލާހުގައި ބުނަނީ ޓޫރިޒަމްގެ ބޭނުމަށް ހިންގަމުންދާ ތަނެއްގެ ފެންމަތިކުރުމަށްޓަކައި މުޅި ތަން އެކީގައި ބަންދުކުރާނަމަ، ކުލި ފަސްކޮށްދިނުމުގެ އިހުތިޔާރު ޓޫރިޒަމް މިނިސްޓްރީއަށް ލިބޭ ކަމަށެވެ.

އެގޮތުން، ރީޑިވަލޮޕްމަންޓަށް ތަނެއް ބަންދުކުރާނަމަ، މިނިސްޓްރީއަށް އެކަން ލިޔުމުން އަންގައި ހުއްދަ ހޯދަންޖެހޭއިރު، އެ ހުއްދަ ދެވޭނީ ގިނަވެގެން 18 މަސް ދުވަހަށެވެ.

ނަމަވެސް، ރީޑިވަލޮޕްމަންޓުގެ މަސައްކަތަށް ހުށަހަޅާ ވާކު ޕްލޭނުގެ 50 ޕަސަންޓުގެ މަސައްކަތް ނިމިފައިވާނަމަ، އެ ހުއްދަ ގިނަވަގެން 12 މަސް ދުވަހަށް އިތުރުކޮށްދިނުމުގެ އިހުތިޔާރު ވެސް މިނިސްޓްރީއަށް ލިބެ އެވެ.

ރީޑިވަލޮޕްމަންޓަށް ހުއްދަދޭ މުއްދަތުގައި އެތަނަކަށް ދައްކަންޖެހޭ ކުއްޔާއި އޭގެ ކުރިން ނުދައްކާހުރި ޖޫރިމަނާއެއް، ރީޑިވަލޮޕްމަންޓުގެ ހުއްދަ ހަމަވާ ތާރީހުން ފެށިގެން ދެ އަހަރުގެ ދުވަހުގެ ތެރޭގައި ކޮންމެ ކުއާޓަރަކަށް ހަމަހަމައަށް ބަހާލައިގެން ދެއްކޭނެ ކަމަށް ގަވާއިދުގައި ވަނީ ބަޔާންކޮށްފަ އެވެ.

މިގޮތަށް ރީޑިވަލޮޕްމަންޓުގެ ހުއްދައަށް އެދެވޭނީ ކޮންމެ 10 އަހަރަކުން އެއް ފަހަރު ކަމަށް ވެސް ގަވައިދުގައި ބުނެފައިވެ އެވެ.

ކޮންސްޓްރަކްޝަން މުއްދަތުގައި ވެސް ލުއިތަކެއް

އޭގެ އިތުރުން، ފަތުރުވެރިކަމުގެ ބޭނުމަށް ތަންތަން ކުއްޔަށް ދިނުމާ ގުޅޭގޮތުން ވެފައިވާ އެއްބަސްވުމުގައި ދީފައިވާ މުއްދަތަށް ތަރައްގީކޮށް ނިމިފައިނުވާ ތަންތަނުގެ ކޮންސްޓްރަކްޝަން ޕީރިއަޑް އިތުރުކޮށްދިނުމުގެ އިހުތިޔާރު ޓޫރިޒަމް މިނިސްޓްރީއަށް ލިބޭ ގޮތަށް ގަވާއިދު ވަނީ އިސްލާހުކޮށްފަ އެވެ.

ނަމަވެސް، އިތުރުކޮށްދެވޭ ކޮންސްޓްރަކްޝަން ޕީރިއަޑުގައި ތަން އެއްކޮށް ތަރައްޤީކޮށް ނިންމައި ހިންގަން ފެށުން ނުވަތަ ފޭސްތަކަކަށް ބަހައިލައިގެން ތަރައްގީކުރަން ހުށަހަޅާ ނަމަ، މަދުވެގެން އެއް ފޭސް އިތުރުކޮށްދެވޭ މުއްދަތުގައި ނިންމައި ހިންގަން ފެށުމަށް އެއްބަސްވާންޖެހެ އެވެ.

އަދި، ސީއެސްއާރުގެ ގޮތުގައި ދައްކަންޖެހޭ ފައިސާ، ތަން ތަރައްގީކޮށް ނިމި ހިންގަން ފަށާ ތާރީހުން ފެށިގެން ތިން އަހަރުގެ ތެރޭގައި ކޮންމެ އަހަރެއްގެ ހަތަރު ކުއާޓަރަށް ހަމަހަމަޔަށް ބަހައިލައިގެން ފަތުރުވެރިކަމުގެ ސިނާއަތުގެ ޓްރަސްޓް ފަންޑުގެ އެކައުންޓަށް ޖަމާކުރަން ވެސް އެއްބަސްވާންޖެހެ އެވެ.

ކޮންސްޓްރަކްޝަން ޕީރިއަޑް އިތުރުކޮށްދެވޭ ތަންތަނަށް އަރައިފައިވާ ކުއްޔާއި ޖޫރިމަނާގެ އިތުރުން އާއި އިތުރުކޮށްދެވޭ ކޮންސްޓްރަކްޝަން ޕީރިއަޑުގައި ދައްކަންޖެހޭ ކުލި ދެއްކުން ފަސްކޮށްދޭންޖެހޭނެ ކަމަށް ގަވާއިދުގައި ވަނީ ބަޔާންކޮށްފަ އެވެ.

މިގޮތަށް ފަސްކޮށްދެވޭ ކުއްޔާއި ޖޫރިމަނާ ދެއްކުމަށް ދެ ގޮތެއް ގަވާއިދުގައި ބަޔާންކޮށްފައިވެ އެވެ.

މިގޮތުން، އޮޕަރޭޓިން ލައިސަންސް ދޭ ތާރީހުން ފެށިގެން ދެ އަހަރުގެ ގްރޭސް ޕީރިއަޑަކަށްފަހު، ކުއްޔާއި ޖޫރިމަނާ ދައްކަން ފަށައި، ފައިސާ ދައްކަން ފަށާ ތާރީހުން ފެށިގެން ފަސް އަހަރުގެ ތެރޭގައި، ކުއާޓަރުތަކަށް ހަމަހަމަޔަށް ބަހައިލައިގެން އިންޓަރެސްޓެއް ނެތި ދެއްކުމުގެ އިހުތިޔާރު ވަނީ ދީފަ އެވެ.

ދެވަނަ ގޮތަކީ، ރަށް ތަރައްގީކޮށް ނިމިގެން ހުޅުވާ ތާރީހުން ފެށިގެން ދެ އަހަރުގެ ގްރޭސް ޕީރިއަޑަކަށްފަހު، އަރައިފައިވާ ކުއްޔާއި ޖޫރިމަނާ ދައްކަން ފަށައި، ކުލީގެ އެއްބަސްވުމުގެ ބާކީ އޮންނަ މުއްދަތުގެ ތެރޭގައި އަހަރަކު ހަތަރު ކުއާޓަރަށް ހަމަހަމަޔަށް ބަހައިލައިގެން އަހަރަކު ތިން ޕަސަންޓު ސިމްޕަލް އިންޓަރެސްޓާ އެކު ކުއްޔާއި ޖޫރިމަނާ ދެއްކުމެވެ.

އަހަރީ އިންޓަރެސްޓް ހިސާބުކުރާނީ، ފަސްކޮށްދެވޭ ކުއްޔާއި ޖޫރިމަނާ ދައްކަން ފަށާ ދުވަހުން ފެށިގެން، ކޮންމެ މީލާދީ އަހަރެއްގެ ވެސް އެ ތާރީހުގައި ދައްކަން ބާކީހުރި ޕްރިންސިޕަލް އަދަދުގެ މައްޗަށް ކަމަށް ގަވައިދުގައި ބަޔާންކޮށްފައިވެ އެވެ.

ޓޫރިޒަމް މިނިސްޓްރީން ލަފާކުރާ ގޮތުުގައި ރިސޯޓުތައް ނުހެދި މަސައްކަތް އެއްކޮށް ހުއްޓިފައިވާ 70 ވަރަކަށް ރިސޯޓް ޕްރޮޖެކްޓް އެބައޮތެވެ. މިއީ ރާއްޖޭގައި މި ވަގުތު ރިސޯޓް ތަރައްގީކުރަން ދޫކޮށްފައިވާ 119 ރަށުގެ 58 ޕަސެންޓެވެ. މީގެ ތެރޭގައި އެއްވެސް މަސައްކަތެއް ނުހިނގާތާ 15 އަހަރަށް ވުރެ ގިނަ ދުވަސްވެފައިވާ ޕްރޮޖެކްޓުތައް ހިމެނެ އެވެ.

ހޮޓާތަކާއި ގެސްޓްހައުސް ތަރައްގީކުރުމުގެ މި މައްސަލަތައް މަދު ނަމަވެސް، ރާއްޖޭގައި ހޮޓާ ތަރައްގީކުރަން ދޫކޮށްފައިވާ ބައެއް ބިންތަކުގައި ހިންގަމުން ދިޔަ ބައެއް ޕްރޮޖެކްޓުތައް ވެސް ހުއްޓިފައި އެބަހުއްޓެވެ.

ކޮމެންޓް

ފަހުގެ ޚަބަރު

ގޮޅިތަކެއް އިމާރާތްކުރަން ޕޮލްކޯއާ ހަވާލުކުރުމުން ގެއްލުންތަކެއް

މާފުށީ ޖަލުގައި ގޮޅިތަކެއް އިމާރާތްކުރުމަށް ޕޮލްކޯއާ ހަވާލުކުރި މަޝްރޫއު، އެ ކުންފުނިން އެހެން ބަޔަކަށް ސަބް-ކޮންޓްރެކްޓް ކުރުމުގެ ސަބަބުން ދައުލަތަށް ބޮޑު މާލީ ގެއްލުމެއް ލިބިފައިވާކަން އޮޑިޓް ރިޕޯޓުން ހާމަވެއްޖެއެވެ. މީގެ އިތުރުން، ނުކުރާ މަސައްކަތްތަކަކަށް 2.9 މިލިއަން ރުފިޔާ ދައްކާފައިވާތީ، މި މައްސަލަ އޭސީސީއަށް ހުށަހެޅުމަށް އޮޑިޓް އޮފީހުން ވަނީ ލަފާދީފައެވެ.

ކުޅުދުއްފުށީގައި 'މަނަސްހަބް' ހުޅުވައިފި

ކުޅުދުއްފުށީ ސިޓީ ކައުންސިލާއި އޮސްޓްރޭލިއާ ހައިކޮމިޝަން ގުޅިގެން، ނަފްސާނީ ދުޅަހެޔޮކަމަށް ހޭލުންތެރިކަން އިތުރުކުރުމަށް "މަނަސްހަބް" ނަމުގައި ހާއްސަ މަރުކަޒެއް އެ ސިޓީގައި ހުޅުވައިފިއެވެ. މި މަރުކަޒުގެ މައިގަނޑު މަގުސަދަކީ ނަފްސާނީ ބަލިތަކަށް ހުރި ނުރަނގަޅު ތަސައްވަރުތައް ނައްތާލައި، އެހީތެރިކަން ބޭނުންވާ ފަރާތްތަކަށް ފަސޭހަކަމާއެކު ފަރުވާ ލިބޭނެ އިންތިޒާމު ހަމަޖައްސައިދިނުމެވެ.

ޔާމީނަށް އަބްދުއްރަހީމްގެ ހޫނު ރައްދެއް

ރަސްމާލެ މަޝްރޫއު ހުއްޓާލުމަށް ކުރީގެ ރައީސް ޔާމީން ގޮވައިލެއްވުމާ ގުޅިގެން، އެއީ ވެރިކަމުގެ ދަހިވެތިކަމުގައި ގައުމަށް ޣައްދާރުވުން ކަމަށް ވިދާޅުވެ މަޖިލީހުގެ ރައީސް އަބްދުއްރަހީމް ވަނީ ވަރަށް ބޮޑަށް ފާޑުވިދާޅުވެފައެވެ. އަދި ޔާމީންގެ ވެރިކަމުގައި ފ. އަތޮޅު މަޝްރޫއަށް އެމްޑީޕީން ހުރަސްއެޅި ގޮތަށް، މިއަދު ޔާމީން ވެސް އަމަލުކުރައްވަނީ ހަމަ އެފަދައިންކަން އަބްދުއްރަހީމް ފާހަގަކުރެއްވިއެވެ.

ހައުސިން ޔުނިޓް ނިމޭއިރު ލިބޭ މީހުން ކަނޑަނޭޅޭތީ ކަންބޮޑުވުން

ލ. ގަމުގައި ތަރައްގީކުރާ 100 ހައުސިން ޔުނިޓްގެ މަސައްކަތް ނިމުމަކާ ގާތްވެފައިވާއިރު، އެ ތަންތަން ލިބޭނެ ފަރާތްތައް ކަނޑައެޅުމުގެ އެއްވެސް މަސައްކަތެއް ކުރިއަށް ނުދާތީ ކައުންސިލުން ވަނީ ކަންބޮޑުވުން ފާޅުކޮށްފައި. ކައުންސިލުން އެދެނީ މިނިސްޓްރީން ނުވަތަ ކައުންސިލް މެދުވެރިކޮށް ނަމަވެސް، ވީހާވެސް އަވަހަށް އެ ތަންތަން ހަވާލުކުރުމުގެ މަރުހަލާ ފެށުމަށް.

ތިނަދޫ ކައުންސިލް ރައީސްގެ މަގާމަށް ކުރިމަތިލުމަށް ހުޅުވާލައިފި

ވ. ތިނަދޫ ކައުންސިލްގެ ރައީސް ޝުޖާއު އަލީ ޕާޓީ ބަދަލުކުރުމާ ގުޅިގެން އޭނާގެ ގޮނޑި ގެއްލިފައިވާތީ، އެ މަގާމަށް މީހަކު އިންތިޚާބު ކުރުމަށް ބާއްވާ ބައި-އިލެކްޝަނަށް ކުރިމަތިލުމުގެ ފުރުސަތު އިލެކްޝަންސް ކޮމިޝަނުން ހުޅުވާލައިފިއެވެ. އޮކްޓޯބަރު 26 އާ ހަމައަށް ކުރިމަތިލުމުގެ ފުރުސަތު އޮތް މި އިންތިޚާބު ބޭއްވުމަށް ހަމަޖެހިފައިވަނީ ނޮވެމްބަރު 28 ގައެވެ.

ރަސްމާލެ މަޝްރޫއު ހުއްޓާލަން ޔާމީން ގޮވައިލައްވައިފި

އެކްސްގައި ޔާމީން ކުރެއްވި ޕޯސްޓެއްގައި ވިދާޅުވީ އީގަލް ހިލްސް ކުންފުނިން ދަނީ، ރައްޔިތުންގެ ތާއީދާއި އިތުބާރު ގެއްލިފައި އޮތް ރާއްޖޭގެ ސަރުކާރުގެ ނާޖާއިޒު ފައިދާ ނަގަމުން ކަމަށް. ސަރުކާރުން ރަސްމާލެ ދޫކޮށްލީ ލޭންޑް އިކުއިޒިޝަން ފީއެއް އަދި ބިމު ކުުއްޔެއް ނުނަގާ ގޮތަށް.

އެމްޓީސީސީއަށް "މެގަ" ޑްރެޖަރު ގަންނަ އަގު ހާމަނުކުރި

އެމްޓީސީސީގެ "މަހާޖައްރާފު" އަށް ނުފޯރާ ފުންމިނުން ވެލިނެގުމަށްޓަކައި 75 މީޓަރު އަޑިން މަސައްކަތްކުރެވޭ އާ ޑްރެޖަރެއް ގަތުމުގެ ޕްރޮކިއުމަންޓް މަސައްކަތް އެ ކުންފުނިން ދަނީ ކުރަމުން. ނަމަވެސް، އެއީ ބޮޑު އެސެޓަކަށްވެފައި ޕްރޮސެސް ކުރިއަށްދާތީ އެ ޑްރެޖަރު ގަންނަ އަގު ހާމަކޮށްފައެއް ނުވޭ.

Newsletter

Get the latest news delivered straight to your inbox